މުޖުތަމަޢުގެ އަމާންކަން ބޭނުންނުވާނީ ކާކުހެއްޔެވެ. ކުދިކުދި ރަށްތަކެއްގެ މައްޗަށް އެކުލެވޭ ދިވެހި މުޖުތަމަޢުގެ އަމާންކަމަށް ބަދަލުތަކެއް އައިސްފައިވާކަމަށް ޤަބޫލުކުރެވޭ ހެއްޔެވެ؟ ވެރިކަން ކުރާ ރަށަކީ ގިނަ ވަސީލަތްތަކެއް އެއްތަނެއްގައި ޤާއިމްވެފައިވާ ތަނެއްކަމުން އެތަނުގައި ދިރިއުޅޭ އާބާދީގެ ނިސްބަތްވެސް އިތުރުވުމާއެކު އެހެން ސަރަހައްދު ތަކަށް ވުރެ ހަލަބޮލިކަންވެސް އިތުރުވާނެއެވެ.
ޒަމާނުއްސުރެ ދިވެހިން ޤަބޫލުކުރާގޮތުގައި ރަށްފުށުގެ މާހައުލަކީ ހަމަހިމޭންކަމާއި، ހިތްގައިމު ޤުދުރަތީ ރީތި މަންޒަރުތަކާއި، އަމާންކަމާއި އަދި މުޖުތަމަޢުގެ އެކުވެރިކަން އެކުލެވޭ ހިތްގައިމު މާހައުލެކެވެ. އެހެންނަމަވެސް މިއަދު ކޮންމެ ރަށަކީ މިދެންނެވި ފަދަ އަމާން މާހަޢުލެއް އެކުލެވޭ ރަށަކަށް ނުވެދާނެއެވެ. ކުރީގެ ފަށުވި ދިރިއުޅުމާއި، ހަމަހިމޭންކަން މިހާރު ހުރިހައި ރަށަކުން ނުފެނިދާނެއެވެ. ސަބަބަކީ ދިރިއުޅުމުގެ ޙާލަތާއި ވައްޓަފާޅިއަށް އައިސްފައިވާ ބޮޑެތި ބަދަލުތަކާއި ދުނިޔެއަށް އަންނަ ތަރައްޤީގެ އޮއިވަރެވެ.
ކޮންމެ ރަށެއްގައިވެސް އެރަށެއްގެ އާބާދީއަށް އެކަށޭނަ މިންވަރަށް އަސާސީ ޚިދުމަތްތައް ވަނީ ޤާއިމްކުރެވިފައެވެ. މީގެތެރޭގައި ރަށްރަށުގެ އަމަން އަމާންކަން ބެލެހެއްޓުމަށްޓަކައި ޕޮލިސް ސްޓޭޝަންތަކާއި ކައުންސިލްތައް އަދި އިންސާފު ޤާއިމްކޮށްދިނުމަށް މެޖިސްޓްރޭޓް ކޯޓުތަކާއި ގެވެށި އަނިޔާގެ މައްސަލަތަކަށް ހައްލު ހޯދައިދޭ އިދާރާތަކާއި އެހެނިހެން އެހީދޭ ޖަމިއްޔާތައްވެސް ޤާއިމް ކުރެވިފައި ވެއެވެ. ޚިދުމަތް ފޯރުކޮށްދިނުމުގައި މި މުޢައްސަސާތަކުގައި ހަރަކާތްތެރިވަނީ ކަމަށް ޤާބިލް ތަމްރީނުތައް ޙާޞިލްކޮށްފައިވާ ފަރާތްތަކެވެ. ވަޒީފާއަށް ޝަރުތު ހަމަވެގެން ވަޒީފާ ދީފައިވާ ފަރާތްކެވެ. ޚިދުމަތްތައް މިން ކުރުމެއްނެތި ކޮންމެ ފަރާތަކަށްވެސް މަހަކަށް ކަނޑައެޅިފައިވާ މުސާރަ ލިބެމުން ދެއެވެ. މި އިދާރާތަކުން ރައްޔިތުންނަށް އެކަށީގެންވާ ޚިދުމަތްތަކެއް ފޯރޮކޮށްދެވޭ ހެއްޔެވެ؟
ރާއްޖޭގެ ކޮންމެ ރަށެއްގައި ޤާއިމްވެފައި މެޖިސްޓްރޭޓް ކޯޓުތަކުގައި، މައްސަލަތައް ކުޑައަޑިވާތަނެއް ނުފެނެއެވެ. ޕޮލިސް ސްޓޭޝަން ތަކުގައި ތަޙުޤީޤީ މަރުޙަލާގައިވާ މައްސަލަތަކުގެ އަދަދު އަހަރެއް އަހަރަކަށް މަދުވާކަމެއް ފާހަގައެއް ނުކުރެވެއެވެ. ރަށު ކައުންސިލްތަކާއި އަތޮޅުކައުންސިލްތަކުގެ ޚިދުމަތުގެ ފެންވަރަކަށް އެކަށީގެންވާ ބަދަލެއް ނުގެނެވެއެވެ. އެތަށް ސަބަބުތަކާހުރެ ކުށް ކުރުމާއި ކުށް ތަކުރާރު ވުމަކީ ހުރިހައި މުޖުތަމަޢަކުން މިއަދު ފެންނަ ހިތާމަވެރި މަންޒަރެކެވެ. މިކަންކަމުގައި ޒިންމާ ނަގަންޖެހޭނީ ކޮންބަޔެއް ހެއްޔެވެ؟
މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވުމާއި، ވައްކަމާއި ފޭރުން އަދި ބަދުއަޚްލާޤީ މައްސަލަތަކާއި ގެވެށި އަނިޔާ ފަދަ މައްސަލަތަކަކީ މުޖުތަމަޢުން އެކަހެރިކޮށް ނުލެވިފައިވާ ހިތްދަތި ޙަޤީގަތެކެވެ. މިދެންނެވި މައްސަލަތަކަކީ ހަމައެކަނި އާބާދީ ބޮޑެތި ރަށްރަށުގައި ހިނގާ މައްސަލަތަކެއް ނޫނެވެ. ކުދި ރަށްރަށުގައިވެސް ތަކުރާރުވަމުން އަންނަ މައްސަލަތަކެވެ. ހައްލެއް ނެތީ ހެއްޔެވެ؟
ރަށްރަށުގައި ޤާއިމް ކުރެވިފައިވާ ޕޮލިސް ސްޓޭޝަން ތަކުގެ ދައުރަކީ ކޮބައިތޯ ކިޔަވާ ކުއްޖަކާ އަޅުގަނޑު ސުވާލެއް ކޮށްލީމެވެ. ޖަވާބުގައި އެދަރިވަރު ބުނީ، އެންމެ ބޮޑެތި ކުށްވެރިން ގޮވައިގެން ކޮފީތަކަށް އެރުމާއި، ސްޓޭޝަންތެރޭ ބާބެކިއުހަދައިގެން ސަކަރާތްޖެހުމާއި ރަށުތެރޭގައި ސައިކަލު ބުރުޖެހުމަކީ އެމީހުންގެ ޒިންމާ ކަމުގައެވެ. ކިޔަވާ ކުއްޖެއްގެ ހައިސިއްޔަތުންވެސް ދަރިވަރެއްގެ އިޙްތިރާމް މިފަދަ މުއައްސަސާ ތަކަށް ނުލިބެންވީ ސަބަބެއް އޮތުމަކީ ހިތާމަވެރިކަމެއްނޫންތޯއެވެ. ފެންނަ ބައެއް ކަހަލަ މަންޒަރު ތަކުގެ ސަބަބުން އިޙްތިރާމް ކުޑަވުމަކީ ވެދާނެ ކަންކަމެވެ.
ވަޞީލަތްތައް ޤާއިމްވެފައިވާ ރަށްރަށުގައި، ޚިދުމަތް ފޯރުކޮށްދިނުމަށް ނަގާ ވަގުތު ދިގުވުމަކީ ހަމަ އެކަނި މުޢައްޞަޞާ ތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ޒިއްމާއެއްވެސް ނޫނެވެ. އެކަމުގައި ފަރުދީ ޒިއްމާވެސް އެކުލެވިގެންވެއެވެ. ޚިދުމަތެއް ހޯދުމަށް ކަން ކުރާނެ އުސޫލުތަކެއް ކަނޑައެޅިފައި ވީނަމަވެސް، އުޞޫލު ތަކާ އެއްގޮތަށް ޢަމަލު ނުކުރެވުމަކީ ޚިދުމަތް ލިބުމަށް ހޭދަވާ ވަގުތު ދިގުވާނެކަމެކެވެ.
ޤަވައިދު ތަކާއި، އުސޫލުތަކަށް ހޭލުންތެރި ވުމަކީ ކޮންމެ ރައްޔިތެއްގެވެސް ފަރުދީ ޒިއްމާއެއް ކަމުގައި ދެކެމާ ހިނގާށެވެ. ކޮންމެ އިދާރާއަކުންވެސް ފޯރުކޮށްދެނީ ވަކި ކަހަލަ ޚިދުމަތްތަކެއް ކަމަށް ވާއިރު، އެ އިދާރާއަކުން ފޯރުކޮށްދޭ ޚިދުމަތްތައް ވަނީ ޢާއްމުކުރެވިފައެވެ. މަޢުލޫމާތު ހޯދައި ކަންކަމަށް ހޭލުންތެރިވާން ދަސްކުރަމާ ހިނގާށެވެ. މިދެންނެވި ހޭލުންތެރިކަން ނެތުމުގެ ސަބަބުން، ބޭނުންވާ ވަގުތަކަށް ޚިދުމަތެއް ނުލިބޭ ކޮންމެ ހިނދެއްގައި ތަނުގެ އަމަން އަމާންކަން ނަގައިލުމާއި، ޚިދުމަތްފޯރުކޮށްދޭ ފަރާތްތަކަށް ފާޑުކިޔައި ހަޖޫ ޖެހުމަކީވެސް އަޅުގަނޑުމެންގެ މުޖުތަމަޢުގައި ޢާއްމު ވެފައިވާ ކަންކަމެވެ.
އަމާން މުޖުތަމަޢަކަށް އެންމެ މުހިއްމު އެއްކަމަކީ ހޭލުންތެރިކަމެވެ. ރާއްޖޭގައި އެކި ކަންކޮޅުތަކުގައި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައްވެސް ހުއްޓުމެއް ނެތި ހިންގަމުންދެއެވެ. ކުށްކުރާ ފަރާތްތައް ރިޕޯރޓް ކޮށްގެން ހައްލެއް ލިބިދާނެހެއްޔެވެ؟ ކަމާގުޅުންހުރި މުއައްސަސާތަކުގެ ތެރޭގައި ސިއްރު ނުހިފެހެއްޓުމުގެ ސަބަބުން ކުށެއް ރިޕޯޓުކުރުމަށް ފަސްޖެހޭ އެތައް ބައިވަރު ފަރާތްތަކެއް ކުދި ކުދި ރަށްރަށުގައި ދިރިއުޅެމުން އެބަދެއެވެ. މިއީވެސް މުޖުތަމަޢުގެ އަމާންކަމާއި ހަމަޖެހުމަށް އޮތް ބޮޑު ހުރަހެއްނޫންތޯއެވެ؟