އެހާރާއި މިހާރުގެ ކައިވެނީގެ ވައްޓަފާޅި

ދިވެހި ލިބާހާއި ފައްޓަރުބައި

ދުވަސްވީ މީހުންގެ ވާހަކަތަކުން އެނގޭގޮތުގައި އިހުގައި ދިވެހީންގެ ކައިވެނީގެ ވައްޓަފާޅި މިހާރުގެ ކައިވެނީގެ ތައްޔާރީތަކާ ވަރަށް ތަފާތެވެ.

ޢުމުރުން މިހާރު 80 އަހަރަށްދާ އުތުރުގެ އަތޮޅެއްގެ އިސް ރަށްވެއްސެއްގެ ކައިވެނީގެ ތައްޔާރީތަކާ ގުޅޭގޮތުން އޭނާ ހިއްސާކުރި މަޢުލޫމާތު ކޮޅެއް ހިއްސާކޮށްލައިނަމެވެ. އޭރުގެ ކައިވެނިތަކުގެ ތެރޭގައި ވެސް މިހާރުގެ ކައިވެނިތަކެކޭ އެއްފަދައިން މައިންބަފައިން މެދުވެރިނުކޮށް ކައިވެނި ވެވޭ ދެ ފަރާތުގެ ރުހުމާއި ލޯތްބާ އެއްގޮތަށް ކުރެވޭ ކައިވެންޏާއި، މައިން ބަފައިން ކަނޑައަޅާ ވަކި މީހަކާ ކުރެވޭ ކައިވެނި ހިމެނެއެވެ.

ޢާއްމުގޮތެއްގައި މައިންބަފައިން މެދުވެރިވެގެން މީހަކު ކަނޑައަޅަނީ އަންހެން ކުއްޖާގެ އާއިލާގެ ފަރާތުންނެވެ. މިގޮތުން ފިރިހެން މީހާއަކީ، އާމްދަނީއެއް ހޯދުމަށް މަސައްކަތެއް ކުރާ މީހަކަށް ވޭތޯ ބަލައެވެ. މީގެ ތެރޭގައި ޢާއްމުކޮށް ކުރާ މަސައްކަތްތަކުގެ ތެރެއިން މަސްވެރިކަން ކުރާ ކެޔޮޅުންނާއި، ރާވެރިން އެއީ އެންމެ ކަމުދާ މީހުން ކަމުގައި ވެއެވެ. މީގެ ތެރެއިން ވެސް ކަތީބު ގޯތި ދޯނިން މަހަށްދާ މީހުންނާއި އެ ގޯތި ރުކުން ރާއަރާ މީހުންނަކީ ޚާއްޞަ މީހުންނެވެ.

ކައިވެނީގެ ވާހަކަ އަންހެން ކުއްޖާގެ ޢާއިލާގެ ފަރާތުން ހުށަހެޅުމުން ފިރިހެން މީހާ ރުހޭ ކަމުގައި ވަނީނަމަ ނުވަތަ ކައިވެނި ވެވޭ ދެ މީހުން ކައިވެނިކުރަން ކަނޑައަޅާ ހިސާބުން ކައިވެނީގެ ތައްޔާރީތަކަށް ފަށައެވެ.

ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ފިރިހެންމީހާ، އަންހެން ކުއްޖާގެ ގެޔަށް ޒިޔާރަތް ކުރުން ހިމެނެއެވެ. މި ދުވަހު، އަންހެން ކުއްޖާގެ އަތުން ބޯކިބަލެއް އެޅުމާއި ޚާއްޞަ ސައިކުރަޔެއް ކެއްކުން އެއީ ފާހަގަކޮށްލެވޭ ކަމެކެވެ. މި ބޯކިބަލާއި ސައި ފުރަތަމަ ވެސް ފިރިހެންމީހާއަށް ވެދުންކުރެވެއެވެ. މި ސައިގައި ގޭގެ އެހެން މީހުންނާއި ދެ ފަރާތުގެ ޚާއްސަ ރަހުމަތްތެރިއެއް ބައިވެރިވެއެވެ. ދެ މީހުންގެ ގުޅުމުގެ ފެށުމުގެ މުހިއްމު ހިސާބަކީ ބޯކިބަލާއި ސައި ކުރައިގެ ރަހައެވެ. ރަހަ ކަމުނުދާނަމަ އެކަން ވެސް ހިއްސާކުރާކަމަށް ވެއެވެ. ނަމަވެސް ރަހަ ކަމުނުދިއުމުގެ ސަބަބުން ލޯބިވާ ދެ މީހުން ނަމަ ގުޅުމަކަށް އަންނަ މާ ބޮޑު ބަދަލެއް ނޯވެއެވެ. ރަހަ ރަނގަޅުވެއްޖެނަމަ ލޯބި އިތުރުވާ ކަމަށް މަޢުލޫމާތު ދިން މީހާގެ ތަޖުރިބާއިން ހާމަވެއެވެ.

މިއަށް ފަހު ދެ މީހުންގެ ގުޅުން ފެށި، ގެދޮރުގެ ތަނަވަސްކަން ހޯދުމަށް މަސައްކަތް ފަށައެވެ. އިހުގައި، ބިން އޮންނަ ރަށްރަށުގައި ކައިވެންޏަކަށް މީހަކު ތައްޔާރުވެއްޖެނަމަ ދިރިއުޅޭނެ ގޯއްޗެއް އެޅުމަށްޓަކައި އިން ވަކިކޮށްދީ އެ މީހަކު ބޭނުން ސަރަހައްދަކުން ބިން މިލްކުކުރެވޭ ކަމަށް ވެއެވެ. ކައިވެނި ކުރެވެނީ ދިރިއުޅޭނެ ގޯތި ތައްޔާރުކޮށް ނިމުމުންނެވެ.

މަޢުލޫމާތު ހިއްސާކުރި މީހާ، ކައިވެނިކޮށްގެން ދިރިއުޅުމަށްޓަކައި އެޅި ގޯތި ސިފަކޮށްދިނެވެ. ގޯތީގެ ބޮޑުމިން ބުނަން ނޭނގޭ ކަމަށާއި، ދެމަފިރިންނާއި ދަރިން ލިބިއްޖެނަމަ ހަމަޖެހިގެން އުޅެވޭނެ ވަރުގެ ތަނަވަސް ގޯއްޗެއް ކަމަށް ބުންޏެވެ.

ގޯތި އެޅުމަށް ކައިރި ފަޅުރަށަކަށް ގޮސް ފުރަތަމަ މަރުޙަލާއެއްގެ ގޮތުން ރުއްރުކުން ފަން ކަނޑައިގެން ގެނެސް ފަންގިނުވިނުމުގެ މަސައްކަތް ކުރިއަށް ގެންދެއެވެ. ފަނުގެ އިތުރުން ތަފާތު ލަކުޑިއާއި ބަނބުކެޔޮމުޑި ބޭނުން ކުރެވެއެވެ. ގޯތި ތެރޭގައި ހިމެނެނީ ފެންޑާއަކާއި، މެދުގެއަކާއި އެތެރެގެއަކާއި އަދި ގިފިއްޔެކެވެ. ބަދިގެ ހުންނާނީ ގޯތީގެ ކުރިމަތީގައި ވަކިންނެވެ. މިގޮތުން ފެންޑާ ތެރޭގައި ފަތްޖެހި އެނދަކާއި، ކޮންމެ ވެސް އެއް ކަނެއްގައި ފެންހަދެއް ބަހައްޓާފައި ހުރެއެވެ. ފެން އަޅާފައި ހުންނަނީ ބޮޑު ރުނބަޔަކަށެވެ. މި ރުނބާގެ މަތީގައި ޖަހައިފައި އޮންނަނީ ލަކުޑިން ހަދާފައިވާ މަތިގަނޑެވެ. ފެންބޯން ގެންގުޅޭ ލޯވަށި ނުވަތަ ތަށި އޮންނާނީ މި މަތިގަނޑުމަތީގައެވެ. ފެންޑާއާއި މެދުގެތެރެ ވަކިވެފައި އިންނާނީ އުސްކޮށް ހަދާފައިވާ އޮޅިގަނޑަކުންނެވެ. އޮޅިގަނޑު ހުރަސްކޮށް ވަދެވޭނީ މެދުގެ ތެރެޔަށެވެ. މެދުގެ ތެރޭގައި ހިމެނެނީ ދެ މީހަކަށް އިށީދެލެވޭވަރުގެ އުނދޯއްޔަކާއި ބޮޑުއަށްޓަކާއި ކުޑައަށްޓެކެވެ. ކުޑައަށި ބޭނުން ކުރަނީ ޢާއްމުގޮތެއްގައި ކެއުމަށެވެ. ގޭތެރޭގެ އެންމެ އުތުރު ކަނުގައި ބަހައްޓާފައި ހުންނާނީ ލަކުޑިން ހަދާފައިވާ ބޮޑު ފޮއްޓެކެވެ. މިފޮއްޓަކީ ގޭގައި ކާން ބޭނުންކުރާ އެންމެހައި ކާޑުގެ ބާވަތްތަކާއި އެހެނިހެން ހިކި ކާތަކެތި ރައްކާކޮށްފައި ބަހައްޓާ ކާޑުފޮއްޓެވެ.

އެތެރެ ގޭގައި ވެސް ހުންނާނީ މެދުގެ ތެރެޔެކޭ އެއްގޮތަށް އުސްކޮށް އޮޅިގަނޑެއް ލައިފައެވެ. މި ތަނުގައި ހުންނާނީ އުތުރު އެނދަކާއި ދެކުނު އެނދެކެވެ. މިއިން ކޮންމެ އެނދެއް ވެސް ހުންނާނީ ފަރުދާއެއް ދަމައި ނިވައި ކޮށްފައެވެ. ދެމަފިރިން ނިދާނީ ދެކުނުއެނދުގައި ކަމަށާއި، އުތުރު އެނދުގައި ނިދާނީ ފުރާފުރިހަމަވަމުން އަންނަ އަންހެން ކުދިން ކަމުގައި ވެއެވެ. ކުޑަކުދިންނާއި ފިރިހެން ކުދިން ނިދާނީ މެދުގެ ތެރޭގައި ހުންނަ ބޮޑުއަށީގައެވެ. ނިދާ އެނދުގައި އަޅާފައި ހުންނަނީ ކަށިކެޔޮފަތުން ވިޔެފައި ހުންނަ ސާންތިއެވެ. ތަނަވަސް މީހުންގެ ގޯތީގައި ސާންތިމަތީގައި ގޮދަޑިއެއް އޮވެއެވެ. މާ ގިނަ އަންނައުނުތަކެއް ނުގެންގުޅޭތީ، އެއްޗެހި ދޮވެ ފަތްޖެހުމަށް ފަހު އަޅަނީ ފޮއްޓަކަށް ކަމަށް ވެއެވެ. މިއީ ދަގަނޑު ފޮއްޓެއް ކަމުގައާއި މި ފޮށި ހުންނާނީ ބޮޑުއަށީގެ އެންމެ އުތުރު ކަނުގައި ކަމުގައި ބުންޏެވެ. މީގެ އިތުރުން ޢާއްމުކޮށް ލާންގެންގުޅޭ އަންނައުނުތައް ބަހައްޓަނީ އެތެރެގޭގެ ތެރޭގައި އެލުވައިފައި އިންނަ އޮނެއްގައި އަޅުވާލައިފައެވެ. ގޭތެރޭގެ ދޮރެއްގެ ގޮތުގައި އިންނަނީ ސުތުލި ގޯނިން ހަދާފައިވާ ފަރުދާއެކެވެ. ރޭގަނޑު ފަރުދާ ވައްޓައިލުމަށްފަހު ދުވާލުވުމުން އޮޅައިލާފައި ރޯނުކޮޅަކުން އައްސާލަނީއެވެ.

ގިފިލިތެރޭގައި ޢާއްމުގޮތެއްގައި ފެންވަރާ ވަޅުގެ އިތުރުން, ގޭތެރޭގައި ހިފައިގެންގުޅޭ ތަކެތި ދޮވެ ބަންޑުން ޖެހުމަށް ބޯކެޔޮމުޑި ބޭނުންކޮށްގެން އަޅާފައިވާ އައްޓެއް ހުރެއެވެ. މީގެ އިތުރުން، އަންނައުނު ހިއްކަން އެޅުމަށް ދަމާފައިވާ ރޯނެއް ވެސް ހުރެއެވެ. ގިފިލީގެ ދޮރު ހަދާފައި ހުންނަނީ ލަކުޑި ބޭނުންކޮށްގެން ފްރޭމެއް ތައްޔާރުކުރުމަށް ފަހު ފްރޭމްގަނޑުގެ މަތީގައި ސަތަރި ޖަހައިގެންނެވެ. ބަދިގެ ވެސް އަޅާފައި ހުންނަނީ ފަނާއި ލަކުޑި ބޭނުންކޮށްގެންނެވެ. މަސް ހިއްކުމަށް ދުމައްޓަކާއި ކެއްކުމަށް، އަޅިން އަދާފައިވާ ދެ އުނދުން ހުރެއެވެ. ބަދިގޭ ދޮރެއްގެ ގޮތުގައި ބޭނުންކުރަނީ ޓިނުގަނޑެކެވެ. ގެޔާއި ބަދިގޭގެ ފުރާޅުގައި ވެސް ހުންނާނީ ފަނެވެ.

ގޯތީގެ ތައްޔާރީތައް ނިމުމުން ކައިވެނި ކުރެވެއެވެ. ކައިވެނީގެ ހަފުލާއަކީ އަލަށް އަޅާފައިވާ ގޯތީގެ ބޮޑުއަށިމަތީގައި ތައްޔާރުކޮށްލާ ސަޔެއް ކަމުގައި ބުންޏެވެ. މި ހަފުލާ ތެރޭގައި އަންހެން ކުއްޖާއަށް ތިންގަނޑެތި ދިނުމާއި ހަދިޔާ ދިނުން އޮންނަކަމަށް ވެއެވެ. މިގޮތުން ދެނީ ތިން ލިބާހާއި ތިން ކަނޑިއްކާ ތަނަވަސްކަން ހުރިނަމަ ފައްޓަރުބަޔެކެވެ. ކައިވެނީގެ ސައި ތައްޔާރުކޮށްފައި ހުންނަނީ ދޮލަނގެއްގެ ތެރޭގައެވެ. ދޮލަނގު ތެރޭގައި ސައި ކުރަޔަކާއި، ސައިބޯނެ ތަށި އަދި ދެ ވައްތަރުގެ ބޯކިބާ އަޅާފައިވާ ދެ ތަށި ބަހައްޓާފައި ހުރެއެވެ.

މަޢުލޫމާތު ހިއްސާކުރި މީހާއަކީ ސަކަ މިޒާޖެއްގެ މީހެކެވެ. އަދި، ކޮންމެ ވެސް ވަރަކަށް އިނގިރޭސި ބަސް ވެސް އެނގޭ މީހެކެވެ. ކައިވެނީގެ ފަހުގައި ހަނީމޫން ދަތުރެއް އޮވޭތޯ ސުވާލުކޮށްލީމެވެ. ބުނީ، "ނޯ ހަނީމޫން އޮންލީ ފުލްމޫން" ކަމުގައެވެ.

އޭރުގެ ކައިވެނީގެ ޙަފުލާތަކުގައި އެހެން ޤައުމުތަކުގެ ޘަޤާފީ ކުލަ އެއްވެސް ވަރަކަށް ނުހުންނަ ކަމަށާއި، ދިވެހީންގެ އާދަކާދަޔާ ގުޅޭ އުސޫލުތައް ދަމަހައްޓާކަމަށް ބުންޏެވެ. ނަމަވެސް މިހާރުގެ ގިނަ ކައިވެނިތަކުގައި ފެންނަނީ ދިވެހީންގެ ޘަޤާފަތާ ގުޅުމެއް ނުހުންނަ މަންޒަރުތައް ކަމަށާއި މީގެ އެއް ސަބަބަކީ ދިވެހީން ދުނިޔޭގެ ކަންކޮޅުތަކުގެ ވައްޓަފާޅިއަށް ފަރިތަވެފައިވާ މިންވަރާއި، ތަނަވަސްކަން ކަމުގައި ވެދާނެ ކަމަށް ދެކޭ ކަމަށާއި މި ޒަމާނުގައި ކައިވެނީގެ ޙަފުލާއެއްގެ ޚަރަދު ހައްޖު ދަތުރަކަށް ވުރެ ދިހަގުނަ އަގުބޮޑު ކަމަށް ވެސް ބުންޏެވެ.

comment ކޮމެންޓް