ރަހުމަތްތެރިއަކާ ދިމާވެގެން ދެކެވުނު ވާހަކައެއްގެ ތެރެއިން، ސަރުކާރު ބަދަލުވަނީނޫންހޭ!، ކޮންކަހަލަ އުއްމީދުތަކެއްތޯއޭ އައު ސަރުކާރާމެދު އޮތީ ކޮށްލެވުނު ސުވާލަށް ދެއްވި ޖަވާބަކީ ''5 އަހަރުދުވަހުގެ ވެރިކަން ނިމުމަކަށް އައީ، ދެން އަނެއްކާވެސް އޮންނާނީ މުއައްސަސާތައް ދޮވެ ސާފުކޮށް ގުއި ފިލުވުމާއި އައު ބަޔަކު ގުއިރޯނުގައި ޖެއްސުން'' ކަމަށެވެ.
ގުއިރޯނުގައި ޖެހުމަކީ ފެންނަ މަންޒަރެއްގެ ސަބަބުން ހަޤީގަތެއް ކަމަށް ހީކުރެވި އެކަމެއްގެ ތެރެއަށް ވަދެވޭ ވަދެވުމަށް ބައެއް ރަށްރަށުގައި ބޭނުންކުރާ ޖުމްލައެކެވެ. ވަރަށް ފުން މާނަޔެއް ދޭހަވި މި ޖަވާބުން އަޅުގަނޑުގެ ހިތަށް ވަރަށް ގިނަ ސުވާލުތަކެއް އަރައި ފައިބައިގެން ދިޔައެވެ.
ހަޤީގަތުގައިވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ހިންގަމުން ގެންދާ ގޮތާ ދޭތެރޭގައި ރައްޔިތުން ހިތްހަމަ ނުޖެހެނީ ބާއެވެ؟ ރައްޔިތުން ބަލައިގަންނަ ފެންވަރުގެ ޚިދުމަތްތަކެއް ބޭނުންވާ މިންވަރަށް ފޯރުކޮށް ނުދެވެނީ ބާއެވެ؟ ނޫނީ އެއްވެސް ސަރުކާރެއް އުފަލުން ބަލައިގަންނާނެފަދަ އުއްމީދެއް ރައްޔިތުންގެ ނެތީބާއެވެ؟
ސަބަބުތައް ބައިވަރެވެ. ރަހުމަތްތެރިޔާގެ ވާހަކައިން ދޭހަވީ ތަޢުލީމީ ފަރާތްތަކަށް ފުރުސަތުތައް އަދިވެސް ރާއްޖޭގައި މަދުކަމެވެ.
''ތަޢުލީމީ ޒުވާނުންނެއް ނޫން ބޭނުންވަނީ. ޢިލްމާއި ޙިލްމު ލިބިފައިވާ ހަރުދަނާ ޤާބިލް ފަރާތްތަކެއް ބޭނުންވަނީ ޚިދުމަތް ފޯރުކޮށްދިނުމުގެ ދާއިރާ ތަކަށް. ތަޢުލީމު ޙާޞިލްކުރުމުގެ ފުރުސަތު އެކި މީހުނަށް ލިބެނީ އެކި ޢުމުރުގައި. އެހެންވީމަ ތަޢުލީމީ ދަތުރު ނިމޭއިރު ހުރިހައި އެންމެން ޒުވާނުންގެ ގޮތުގައި ދެމިތިބޭނެތޯ؟''. އެ އެކުވެރިޔާ ބުންޏެވެ.
ތެދެކެވެ. ތަޢުލީމީ ޒުވާނުން ނޫނަސް ތަޢުލީމީ އެކި ޢުމުރުގެ ފަރާތްތައް ރާއްޖޭގައި ބައިވަރެވެ.
ދެވަނަޔަށް ފާހަގަވި ކަމަކީ އެކި ދާއިރާތަކުގެ ހުނަރު ލިބިފައިވާ ފަރާތްކަށް އިންވެސްޓްކޮށްދޭނޭ ފަރާތްތައް މަދުކަމާއި އެ ފަރާތްތަކުގެ މަސައްކަތްތައް ކުރިއެރުވޭނެ އިންތިޒާމްތައް ހަމަޖައްސައި ދިނުމުގައި ސަރުކާރުތަކުގެ އެއްބާރުލުން ކުޑަކަމެވެ.
ތަފާތު އެކި އެކި ބުރަދަނުގައި ދޫކުރާ ލުއި އަދި ބަރު ލޯނުތައްވެސް ބައިވަރެވެ. އެހެންނަމަވެސް މިފަދަ ފުރުސަތުތައްވެސް ޙާސިލް ކުރުމަށް ހުޅުވިފައިވާ މަގުތައް ހަންޏެވެ.
ރާއްޖޭގައި މަސައްކަތްތެރިކަމުގެ ދާއިރާގައި ފޮޓޯގްރާފަރުންނާއި، އިވެންޓް ޕްލޭނަރުންނާއި، ވެބް ޑިޒައިނަރުންނާއި، ޞިއްޙީ ދާއިރާގެ އެކި ރޮނގުތަކުން ތަޢުލީމު ޙާސިލްކޮށްފައިވާ ފަރާތްތަކާއި، ފައިނޭންސްދާއިރާއިން ތަޢުލީމުޙާސިލްކޮށްފައިވާ ފަރާތްތަކާއި ކިޔަވައި ދިނުމުގެ ދާއިރާގެ އުއްމީދީ އެތައް ބައިވަރު ފަރާތްތަކެއް ވަޒީފާގެ އިންތިޒާރުގައި އެބަތިއްބެވެ. ނަމަވެސް އެދެވޭ މިންވަރަށް މިފަދަ ފަރާތްތަކަށް ފުރުސަތު ހުޅުވިފައި ނުވާކަން ފާހަގަކުރެވެއެވެ.
ބިޑް ކޮމިޓީއެއްގެ ތެރެއިން މަސައްކަތެއް ޙާސިލް ކުރާނަމަ ސިޔާސީ ނުފޫޒެވެ. އިންޓަވިއު ޕެނަލަކުން ފުރޭނިގެން ދާނަމަ ސިޔާސީ ނުފޫޒެވެ. މިފަދަ ބޭއިންސާފުން ހިންގާ ކަންކަން މޮނިޓާ ކުރެވޭނެ ރަނގަޅު އިންތިޒާމެއް ހަމަޖެހިފައިވާ ތަނެއް އަދިވެސް ނުފެނެއެވެ. މިފަދަ ކޮންމެ ޙާލަތަކާ ގުޅޭގޮތުން ތަކުރާރުކޮށް ކަމާ ގުޅުންހުރި މުޢައްސަސާތަކަށް ހުށަހެޅޭ ޝަކުވާގެ މިންވަރަކީ މީގެ ހެތްކެއް ނޫންތޯއެވެ؟.
ފަސް އަހަރުގެ ދައުރެއް ނިމޭއިރު، އިސް މަޤާމުތައް ފުރާނެ ފަރާތްތަކުގެ ލިސްޓު އޮންނާނީ ތައްގަނޑުޖެހި ނިމިފައެވެ. ކެމްޕެއިންގައި އެންމެ އަޑުގަދަ މީހުންނަށް ދޭނެ މަޤާމުތަކާއި، އެންމެ ގިނަ ފައިސާ ޚަރަދުކުރި މީހުންނަށް ދޭނެ މަޤާމުތަކާއި، އެންމެ މީރުކޮށް ޖަގަހަޔަށް ސައި ގެންގޮސްދިން މީހުންނަށް ލިބޭނެ މަޤާމުތަކާއި އެންމެ މޮޅަށް ރަމަލުޖެހި މީހުންނަށް ދޭނެ މަޤާމުތަކާއި މިހެންގޮސް ނަން ހުސްކޮށް މާޤާމުތައް އެތުރިފައިވާތަން ފެންނަމުން ދާނެއެވެ.
މަޖިލީހުގެ ގޮނޑިތައް ދޮންވެ ފައްކާވަމުން އަންނަ މި ދަނޑިވަޅުގައި، ތަޢުލީމީ ޤާބިލް މީހުންގެ ބޭނުންހިފައި އެފަދަ ފަރާތްތައް އިސް ސަފަށް ނެރުން ކީއްތޯއެވެ؟ ކޮންމެ ޕާޓީއެއްގެ ކުލަ ޖެހުނުކަމުގައި ވިޔަސް ޒިއްމާދާރުކަމާ އެކު ރައްޔިތުންނަށް ޚިދުމަތްކޮށްދޭނެ ފަރާތްތަކެއް ދިވެހި ޤައުމަށް މިއަދު މިވަނީ ބޭނުންވެފައެވެ. ޒުވާނެއް މެދު ޢުމުރެއް ދޮށީ ޢުމުރެއް ތަފާތު ކުރުމެއްނެތި ހަމަހަމަ ފުރުސަތުތަކެއް ހުޅުވައިލުން ކީއްތޯއެވެ؟
ސިޔާސީ ނުފޫޒުން ވަޒީފާގެ މާހަޢުލު އެއްކިބާވާނެ ކަމުގެ އުއްމީދުގައި ތިބި ފަރާތްތަކަށް އުއްމީދީ އަޑުތަކެއް ގައިމުވެސް އިވެމުން އެބަދެއެވެ. ޤާބިލް ތަޢުލީމީ ފަރާތްތަކަށް ފުރުސަތު ތަކެއް ހުޅުވޭނެ ކަމުގެ އުއްމީދީ އިޙްސާސްތަކެއް އެބަ ލިއްބައިދެއެވެ. ހަޤީގަތަކަށް ވާނެނަމަ ވަރަށް ވެސް އުފާވެރިއެވެ. އުއްމީދަކީ އަޅުގަނޑުމެންގެ ތެރެއިން އެއްވެސް ބޭފުޅަކު ގުއިރޯނެއްގައި ނުޖެހި ސަލާމަތްވުމެވެ.