ސިޔާސީ މަސްރަޙުގެ މޫސުން ލަފާކުރެވޭތަ؟

މާލެ ސިޓީ

ޙާލަތާއި ވަގުތަކީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ބަދަލުވެދާނެ ކަމެކެވެ. ރާއްޖޭގެ ސިޔާސީ މަސްރަޙަށް ވަރަށް އަވަސް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ މަންޒަރު ބަލަން ނިންޖާއި އަރާމު ދޫކޮށް އެތައް ރައްޔިތުން ތަކެއް އެބަތިއްބެވެ.

ތިރީސް އަހަރުގެ ވެރިކަމެއް ޖައްވަށް، ހަވާއަށް، ފަޒާއަށް އަރައިގެން ގޮސް ވެރިކަމުގެ ތަރި އޮއްސުމާއި އެކު، ޑިމޮކްރަސީގެ މުޅިން އައު ޞަފްޙާ އަކާއި އެކު އަނެއް ދިވެހިރާއްޖެއަށް ދިވެހިން ގޮވައިގެން ކުރި ދަތުރު، ދައުރުގެ މެދުތެރެއިން ނިންމަވާލެއްވީ ރާއްޖޭގެ ޑިމޮކްރެސީގެ ހުނަރުވެރި ސިޔާސީ ބޭފުޅެކެވެ. އެއަށްފަހު އަނެއްކާވެސް ސިޔާސީ މައިދާނުގައި ނުފޫޒުގަދަ، އިޤްތިޞާދީ މާހިރަކާއި އެކު އިޤްތިޞާދީ ތަރައްޤީއާއި، ޒުވާނުންނަށް ހުރި ގިނަ ފުރުޞަތުތަކުގެ ހުވަފެން ދެކެމުން ފުރިހަމަ ރިޔާސީ ދަޢުރަކަށް ރައްޔިތުން ފުރުސަތުދިނެވެ. އެ ދައުރުގެ ނިމުމާއިއެކު ދިވެހީންގެ މިސްރާބު ބަދަލުކޮށްލައި ދިވެހިން ދިޔައީ ޖަޒީރާ ރާއްޖެއަކަށެވެ.

އެ ރާއްޖޭގައި އަނެއް ފަސް އަހަރު ހޭދަކުރުމަށްފަހު މިއަދު، ދިވެހިންގެ ރާއްޖެއަށް ބަނދަރުކޮށްލީ ސިޔާސީ ދެބޭފުޅެއްގެ ދޭތެރޭގައި ނަމެއްލިޔެފައި އިންނަ ހުސް ގޮނޑިއަކާއި ރިޔާސީ ކެންޑިޑޭޓުންގެ ދޭތެރޭ މެދުގައި އިން ބޮޑު ފޮޓޯގަނޑެއްގެވެސް އެހީގައެވެ. ވަރަށް ތަފާތު މަންޒަރެކެވެ. ދިވެހީންގެ ރާއްޖޭގައި ރައީސުލްޖުމްޙޫރިއްޔާ ދެއްވި ފުރަތަމަ ރިޔާސީ ޚިޠާބުގައިވެސް ފެނިގެން ދިޔައީ ދިވެހި ރައްޔިތުންގެ އިތުރުން ދިވެހި ދިދަޔާވެސް މުޚާތަބު ކުރެއްވި އެހައިމެ ތަފާތު މަންޒަރެކެވެ. މިތަފާތު، ހެޔޮ ވެރިކަމެއްގެ ސިފައިގައި ފެންނާނެ ނަމަ ކިތަންމެހައިވެސް ރަނގަޅެވެ.

ރާއްޖޭގެ ވެރިކަމާ ޙަވާލުވެލައްވާ ކޮންމެ ވެރިޔަކީވެސް ހުނަރުވެރި ޝަޚުޞިއްޔަތެއްކަން ރާއްޖޭގެ ރައްޔިތުންނަށް ހާމަވެގެން ހިނގައްޖެއެވެ. ކޮންމެ ބޭފުޅެއްގެ ތަފާތު އުކުޅުތަކާއި ވެރިކަމުގެ ނިޒާމަށް އަންނަމުންދާ ހީނުކުރާ ބަދަލުތައް މިކަމަށް ހެކިދެއެވެ. ކޮންމެ ވެރިކަމެއްގެވެސް މައިގަނޑު މަޤުސަދަކީ ޤަޢުމުގެ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމެވެ. ޚިދުމަތްތަކަށް އެކަށިގެންވާ ބަދަލުތަކެއް ގެނެސްދީ ރައްޔިތުންގެ މެދުގައި އަދުލު އިންސާފާއި ހަމަ ހަމަކަން ޤާއިމްކޮށްދީ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކޮށްދިނުމެވެ. މިކަންކަން ޙާސިލް ނުވާނަމަ ރައްޔިތުން މާޔޫސްވެ، ވެރިކަމާއި ދޭތެރޭ އިތުބާރު ކުޑަވާތަން ފެންނަން ފަށާނެއެވެ.

ރާއްޖޭގެ ސިޔާސީ މޫސުމަށް އައި ބޮޑެތި ބަދަލުތަކަށް ބަލާއިރު، އެންމެ ބޮޑެތި ސިޔާސީ ޕާޓީތައް ދެކަފި ވެގެން ހިނގައްޖެއެވެ. އެހެންނަމަވެސް ރައްޔިތުންގެ ޙައްޤުތަކަށް އުނިކަމެއް ނައިސް އިންސާފުގެ މަގުން ވެރިކަން ހިނގާނަމަ މިކަމުގައި އެއްވެސް މައްސަލައެއް ކުރިމަތި ވެދާނެކަމަކަށް އެއްވެސް ރައްޔިތަކު ނުދެކޭނެއެވެ. ޢާއިލީ ވެރިކަމާއި، މަޤާމްގެ ނުފޫޒުން އެއްކިބާވެ ޤައުމު ހަމަ މަގަށް އަޅުވައިލެވޭނެ ފަދަ ވެރިޔަކަށް ރައްޔިތުން ބޭނުންވެފައި ވަނީ ނިހާޔަތަށެވެ. މިއުއްމީދު ޙާޞިލްވާނީ ކޮން ދުވަހަކުން ބާއެވެ؟

ރައްޔިތުންގެ މި މަޤުޞަދު ޙާސިލް ކުރެވޭނީ ސިޔާސީ ފަރާތްތަކުގެވެސް އެއްބާރުލުމާ އެކުގައި ކަން ޔަޤީނެވެ. އިދިކޮޅު ފަރާތްތަކުން ސަރުކާރު ޖަވާބުދާރީ ކުރުވުމާއި، ވެރިކަން ކުރާ ފަރާތުން ދެފުށްފެންނަ ސިޔާތުތައް ކަނޑައަޅައިގެން މިއޮޑި މިސްރާބަށް ގެންދިއުމަކީ ދިވެހިންގެ އުއްމީދެވެ. ފެންނަ މަންޒަރުތަކަށް ބަލައި ގޮތްކިޔަން އަދި ވަރަށް އަވަހެވެ.

ޤައުމެއް ބިނާކުރުމުގައި އެންމެ ބޮޑު އެއްބާރުލުމެއް ބޭނުންވާނީ ރައްޔިތުންގެ ކިބައިންކަން ކަށަވަރެވެ. މިއަދު ދިވެހިރާއްޖޭގެ ރައްޔިތުންނަކީ، ޚިޔާލުފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން ލިބިފައިވާ ބަޔެކެވެ. މި މިނިވަންކަމުގެ ބޭނުން ރައްޔިތުން ހިފަމުންދާ މަންޒަރު ވެރިން ދެކޭނެއެވެ. ރައްޔިތުންގެ އިޙްސާސްތަކަށް އިޙްތިރާމް ކުރުމަކީ ވެރިކަން ދެމެހެއްޓުމަށް ލިބޭނެ ވަރަށްބޮޑު ބާރެއްކަން ކަށަވަރެވެ. ކޯލިޝަން ސަރުކާރެއްގައި، ޕާޓިތަކަށް ބައި އަޅަމުން ކުރާ ވެރިކަމަކާއި ގިނިކަންޔާ ނުކުމެ ކުރާ ވެރިކަމަކާވެސް ހާސް ތަފާތެވެ. މިއަދު ދިވެހިންގެ ރާއްޖޭގައި ބައި އަޅަންޖެހޭ ސިޔާސީ ޕާޓިއެއް އޮތްކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.

އެހެންކަމުން ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައާއި ސިޔާދަތުތައް ދެމެހެއްޓުމުގައި ވެރިންނަށްވެސް ނިމިދިޔަ ސަރުކާރަށްވުރެ ފަސޭހަވެފައި ގޮތްނިންމުމުގައި ފަސޭހަވާނެކަމަށް ޤަބޫލު ކުރެވެއެވެ. ޚިދުމަތްތަކުގެ ފެންވަރަށް ބޮޑެތި ބަދަލުތަކެއް އައިސް، މުޖުތަމަޢުގެ ދުޅަހެޔޮކަން ހުރިހައި ގޮތަކުންވެސް ރަނގަޅުވާނެކަމަށް އުއްމީދުކުރެވެއެވެ. ކުށްވެރިންނަށް ޙައްޤު އަދަބު ދިނުމާއި، ނުހައްޤުން އަނިޔާލިބޭ ފަރާތްތަކަށް މަޢާފް ލިބުމަކީ މި ސަރުކާރާދޭތެރޭ ކުރެވޭ ބޮޑު އުއްމީދެކެވެ. ސިޔާސީ މަސްރަޙުގެ ހަލަބޮލިކަމުގެ ސަބަބުން ރައްޔިތުންގެ ސިކުނޑިވެސް މިހާރު މި ވަނީ ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ.

ދުރާއި ގާތުން ސިޔާސީ މޫސުމް ކުރިޔަށް ލަފާކުރާގޮތް ދިވެހި ރައްޔިތުން ހާމަކުރަމުންދަނީ، ވެރިކަމުގެ އިންތިޒާމުތައް ހަމަ މަގަށް އެޅުވުމުގައި އެއްބާރުލުން ދިނުމުގެ ގޮތުން ކަމާ މެދަކު ޝައްކު ކުރާނޭ ޖާގައެއް ނެތެވެ.

ގުޅޭ ޓެގު
comment ކޮމެންޓް