ޕާޓީ 'ހިންގަން' ޕީއެންސީން ވަކި އޮފީހެއް ހަދައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ގިނަ ދުވަސްތަކެއް ޖަލުގައި ހޭދަ ކުރެއްވުމަށް ފަހު މިއަދު ގެކޮޅަށް ވަޑައިގަތުން -- ސަން ފޮޓޯ/ މުހައްމަދު މާހިލް

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް 10،000 މެންބަރުން ހަމަކުރުމުގެ މަސައްކަތް ކުރަން، އެ ޕާޓީން ވަކި އޮފީހެއް ހަދައިފިއެވެ.

މިވީހާތަނަށް ޕީއެންސީ ހިންގަމުން އައީ ޕީޕީއެމާ އެކު އެއް އޮފީހެއްގައި އެއް ލީޑާޝިޕެއްގެ ދަށުންނެވެ.

ޕީއެންސީގެ ހަޒާންދާރު އިބްރާހިމް ނާއިފް މިއަދު "ސަން"އަށް ވިދާޅުވީ، މިހާރު ޕީއެންސީގެ އޮފީހެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދުވަސްވަރު ކާނިވަލުގައި 'ދިވެހީންގެ ޖަގަހަ' ނަމުގައި ހެދި ޖަގަހައެވެ.

އެ ތަނުގައި ކުރިއަށް ދަނީ އެ ޕާޓީއަށް 10،000 މެންބަރުން ހަމަ ކުރުމުގެ މަސައްކަތެވެ. ޕީއެންސީން ވަކި އޮފީހެއް ހެދި ސީދާ ސަބަބެއް ނާއިފް ވިދާޅެއް ނުވެއެވެ.

"ކުރިން ދެން އެހާ އެކްޓިވްކޮށް ހިންގި ޕާޓީއެއް ނޫންތާ ޕީއެންސީއަކީ،" އޭނާ ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވީ ޕީއެންސީގެ ޓިކެޓުގައެވެ. ކުރިން ޕީޕީއެމްގައި ހުންނަވާފައި އެ މަނިކުފާނު ޕީއެންސީއަށް ބަދަލުވެވަޑައިގަތީ ޓިކެޓު ހޯއްދަވަން ޕްރައިމަރީގައި ވާދަ ކުރުމަށެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހުގައި ރައީސް މުއިއްޒު ވަނީ ޕީއެންސީގެ ރައީސަކަށް ވެވަޑައިގެންފައެވެ. އަދި، އެ ޕާޓީއަށް 10،000 މެންބަރުން ހަމަކޮށްދެއްވަން އެ މަނިކުފާނު ވަނީ މެންބަރުން ކިބައިން އެދިވަޑައިގެންފައެވެ. އެ ޕާޓީން މިހާރު އެންމެ ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަމުން ގެންދަނީ މެންބަރުން އިތުރު ކުރުމަށެވެ.

ޕީއެންސީއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، އެ މަނިކުފާނުގެ އެއްބަފައި ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހު ޔާމީނަށް ޕީޕީއެމް ގެއްލިދާނެ ކަމުގެ ބިރު ހީވެގެން އުފެއްދި ޕާޓީއެކެވެ.

ނިމުނު ރިޔާސީ އިންތިޚާބުގައި ޔާމީނަށް ވާދަ ނުކުރެވޭނެކަމަށް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރުމުން، އެ ޕާޓީގެ ލީޑާޝިޕުން ނިންމީ ޕީއެންސީގެ ޓިކެޓުގައި ބޭފުޅަކު ވާދަކުރާށެވެ.

comment ކޮމެންޓް