އޮތީ ގައުމުގެ ގެދޮރާއި ސިކުނޑިތައް ބިނާ ކުރުން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ/ ރައްޔިތުންގެ މަޖިލިސް

ގައުމު ކުރިއަށް ގެންދެވުމުގައި އެންމެ މުހިއްމު ދެ ކަމަކީ ގައުމުގެ ބިންތަކާއި ސިކުނޑިތައް ބިނާ ކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު ރައީސްކަމުގެ ހުވާ ކުރެއްވީ އެ ކަމަށްޓަކައި މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތުގައި ސަރަހައްދުގެ ބޮޑެތި ގައުމުތަކާއި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

ހުވާ ކުރެއްވުމަށް ފަހު، ރައީސްގެ ހައިސިއްޔަތުން ފުރަތަމަ ފަހަރަށް ގައުމާ މުޚާތަބު ކުރައްވާ ރައީސް ވިދާޅުވީ، ގައުމީ ތަރައްގީގައި އިސްކަން ދޭނީ ދިވެހީން ބޭނުންވާ ގޮތަށް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އެގޮތުން، ރައްޔިތުން ބޭނުންވާ ގޮތް ހިމަނައިގެން 20 އަހަރުގެ މާސްޓާ ޕްލޭނެއް އެކުލަވައިލާ، އެ ޕްލޭނަށް ގާނޫނީ ބާރު ހޯދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ދައުލަތެއްގެ ސަލާމަތާއި ދުނިޔޭގައި އެ ބައެއްގެ އާރާއި ބާރާއި ގަދަރާއި އިހްތިރާމު ނެގެހެއްޓުމަށް މައިގަނޑު ދެ ބާވަތެއްގެ ބިނާ ކުރުމެއް ބިނާ ކުރޭ. އެއީ، އުމްރާނީ ބިނާ ކުރުމާއި އިންސާނީ ބިނާ ކުރުން،" ރައީސް ވިދާޅުވިއެވެ.

"ގެދޮރާއި ދިފާއީ ބުރުޒުތަކާއި މަގުތަކާއި ފާލަންތަކާއި އޮފީސްތައް ބިނާ ކުރުމާއި ހެޔޮ ވިސްނުންހުރި ސިކުނޑިތަކެއް ލިބިފައިވާ އަޚްލާގު ރަނގަޅު މުޖުތަމައެއް ބިނާ ކުރުން. އެހެންކަމުން އެއީ ގައުމުގެ ފަސްގަނޑު ބިނާ ކުރުމާއި ގައުމުގެ ސިކުނޑިތައް ބިނާ ކުރުން،"

https://sun.mv/184826

ރައީސް ވިދާޅުވީ މިއަދަކީ ޒަމާންތަކަކަށް ފަހު ދިވެހީން، ދިވެހީންގެ ރާއްޖެއަށް ދަތުރުކުރަން ރިޔާ ދޫކޮށްލި ދުވަސް ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ، ގައުމުގެ އާރާއި ބާރާއި މިނިވަންކަން ދެމެހެއްޓުމަށް އެންމެ މުހިއްމީ ގައުމުގެ ބިމާއި ސިކުނޑިތައް ބިނާ ކުރުން ކަމަށެވެ. ހުވަފެން ނުދައްކަވައި، އެ މަސައްކަތް ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ފެށުނު ރިޔާސީ ދައުރުގެ ސިޔާސަތަކަށް ވާނީ، މި ދެ ބާވަތުގެ ބިނާކުރުން ވަޒަން ހަމަކޮށް ކުރިއަށް ގެންދިޔުން. ޢިލްމާއި ހުނަރު. އަޚްލާޤާއި ދީން. އުޅުންތެރިކަމާއި މަސައްކަތްތެރިކަން. މިކަންކަން ދިވެހި ދަރީންގެ ކިބައިގައި އަށަގެންނެވުން. ހަމައެހެންމެ، ރާއްޖޭގެ ބިނާވެށްޓަށް އާދަޔާ ޚިލާފު އިންޤިލާބީ މުއްސަނދިކަމެއް ގެނައުން. އަޅުގަނޑު އެކުލަވައިލާ ސަރުކާރު ކުރިއަށްދާނީ، އިރާދަކުރެއްވިއްޔާ މި ދެ އަސާސުގެ މަތީގައި،" ރައީސް ވިދާޅުވިއެވެ.

"އިޤްތިޞާދަށް އަވަސް ފަރުވާއެއް ބޭނުންވޭ"

ރައީސް މުއިއްޒު ވިދާޅުވީ، ދިވެހި އިޤްތިޞާދުގެ އެންމެ އުސް ތަނބަކީ ފަތުރުވެރިކަން ކަމަށެވެ. އެހެންވެ، އެ މަނިކުފާނުގެ ޒައާމަތުގައި ފަތުރުވެރިކަމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ގައުމާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ: އިންފިނިޓް މޫވްމަންޓްސް/ މުހައްމަދު ޝާތިއު އަބްދުﷲ

"ފަރުދީ ފެންވަރުގައްޔާއި، އާއިލީ ފެންވަރުގައްޔާއި އަދި ޤައުމީ ފެންވަރުގައި ފަތުރުވެރިކަމުގެ ނަފާ، ދިވެހި ޤައުމަށް ލިބެނީ ވަރަށްވެސް ތަނަވަސް ގޮތެއްގައި. އެހެންކަމުން، އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް ބޮޑު އިސްކަމެއް ދޭނަން. އެ ދާއިރާގެ މަސައްކަތްތައް އިތުރަށް ފުޅާކުރާނަން. ފަތުރުވެރިކަމާ ގުޅުންހުރި ޒަމާނީ އާ ގޮތްތައް ތަޢާރުފުކުރާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

އެ މަނިކުފާނު ވަނީ މިއަދު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދަރަނި ޖުމުލަ 119 ބިލިއަން ރުފިޔާއަށް އަރާފައިވާކަން ފާހަގަ ކުރައްވައިފައެވެ. އެހެންވެ، އިޤްތިޞާދަށް އަވަސް ކުއްލި ފަރުވާއެއް ބޭނުންވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭގޮތުގައި ރާއްޖެއަށް ދެމެހެއްޓެނިވި ޢަދުލުވެރި ތަރައްޤީގެ ނިޒާމެއް ބޭނުންވޭ. އަޅުގަނޑުމެން މި ފަށާ އާ ސަރުކާރުން ތަރައްޤީގެ ހަރަކާތްތައް ކުރިއަށް ގެންދާނީ މި ވިސްނުމުގެ ތެރެއިން. އެއީ ސަރަހައްދީ ތަރައްޤީ ނުވަތަ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ތަރައްޤީއާއި ރަށްވެހިކަމުގެ މަންފާ ބެހެވިގެންދާ ގޮތަށް އެކަށައެޅޭ ޒަމާނީ މަފުހޫމެއް،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، މި ސަރުކާރު ވެގެންދާނީ ބިނާ ކުރާ ސަރުކާރަކަށް ކަމަށެވެ.

ރައީސް ދެއްވީ އަނިޔާވެރި ނުވެ، ބޭއިންސާފުނުވެ، ރައްޔިތުންގެ އަޑުއަހައި ރައްޔިތުންގެ ހާލު ބަލާނެ ސަރުކާރެއްގެ ޔަގީން ކަމެވެ.

"އަޅުގަނޑުމެން ވާނީ، ބިނާކުރާ ބަޔަކަށް. އަޅުގަނޑުމެންގެ ސަރުކާރުގައި، ދިވެހީންގެ ގެދޮރާއި ދިވެހީންގެ ސިކުނޑިތައް ބިނާކުރާނެ! ހުވަފެނެއް ނުދައްކާނެ! ނިކަން ރަޙުމާއި، ކުލުނާއި އަގަލު ހުންނާނެ! އަނިޔާވެރިއެއް ނުވާނެ! ރައްޔިތުންގެ އަޑުއެހުމުގައި، ރައްޔިތުންގެ ހާލުބަލައި، ކަންކަން ހައްލުކޮށްދިނުމުގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އިޚުލާޞްތެރިކަމާއެކު ދެމިތިބޭނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް