ކޮމިޓީން 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ފާސްކޮށްފި

ބަޖެޓު ކޮމިޓީގައި މާލީ ވަޒީރު: ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރަން ވަނީ ނިންމާފައި -- ސަން ފޮޓޯ/ އަމަން ލަތީފް

ސަރުކާރުގެ ފަރާތުން މި އަހަރަށް ލަފާކޮށް ހުށަހެޅި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރަން ރައްޔިތުންގެ މަޖިލީހުގައި ބަޖެޓު ދިރާސާކުރަން ހޮއްވެވި ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މިއީ މިދިޔަ އަހަރު، މި އަހަރަށް މަޖިލީހުން ފާސްކުރި ޖުމުލަ 49.8 ބިލިއަން ރުފިޔާގެ އިތުރަށް ހުށަހަޅާ ބަޖެޓެކެވެ. އެހެންވެ، މި އަހަރުގެ ބަޖެޓު 55 ބިލިއަން ރުފިޔާއަށް އަރާނެއެވެ.

ސަޕްލިމެންޓަރީ ބަޖެޓު ދިރާސާކުރަން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ސަރުކާރުން ހުށަހެޅިގޮތަށް ބަޖެޓު ފާސްކޮށްދެއްވަން ހުށަހެޅުއްވީ މާމިގިނލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމެވެ. އޭނާ ވަނީ ސަރުކާރުން ހުށަހަޅާފައި އޮތް ގޮތަށް 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރަން ހުށަހަޅުއްވައިފައެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާއާއި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވަނީ އެ ހުށަހެޅުމަށް ތާއީދުކުރައްވާފައެވެ.

ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރަން ކޮމިޓީގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެން އެއް މެންބަރަކު ފިޔަވާ އެހެން ހުރިހާ މެންބަރުން ވަނީ ބަޖެޓު ފާސްކުރަން ވޯޓުދެއްވައިފައެވެ. ވަކި ގޮތަކަށް ވޯޓު ދޭން ބޭނުންނުވާ ކަމަށް ވޯޓުދެއްވީ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލެވެ.

https://sun.mv/198299

ސަޕްލިމެންޓަރީ ބަޖެޓެއް މަޖިލީހަށް ހުށަހަޅަން ސަރުކާރުން ނިންމީ މި އަހަރަށް ކަނޑައެޅި ބަޖެޓު ހުސްވެގެންނެއް ނޫނެވެ. އެ ގޮތުން، މިދިޔަ މަހުގެ ނިޔަލަށް ބަޖެޓުން ޖުމުލަ ޚަރަދުވެފައިވަނީ 37.4 ބިލިއަން ރުފިޔާ ކަމަށް މާލީ ވުޒާރާއިން ބުންޏެވެ. އެއީ، ބަޖެޓުގެ 76 އިންސައްތައެވެ.

ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ނިންމީ މި އަހަރުގެ ބަޖެޓުގައި އަންދާޒާކޮށްފައިވާ މިންވަރަށްވުރެ އިތުރަށް ބައެއް ދާއިރާތަކުން ޚަރަދުކުރަން ޖެހުމުން ކަމަށް މާލީ ވުޒާރާއިން ބުންޏެވެ.

މާލީ ވަޒީރު މަޖިލީހަށް ހުށަހެޅުއްވީ ޖުމުލަ 5,119,508,129 ރުފިޔާގެ ބަޖެޓެކެވެ. އެހެންވެ، މި ބަޖެޓާ އެކު ޖުމުލަ މި އަހަރުގެ ބަޖެޓު 55 ބިލިއަން ރުފިޔާއަށް އަރާނެއެވެ.

މި ބަޖެޓުގައި ރިކަރަންޓު ޚަރަދުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އެއީ:

  • މުސާރައަށް 24.4 މިލިއަން ރުފިޔާ
  • މެޑިކަލް ސަޕްލައިއަށް 200 މިލިއަން ރުފިޔާ
  • ސަބްސިޑީއަށް އެއް ބިލިއަން ރުފިޔާ
  • ބޭސް ފަރުވާގެ އެހީއަށް 262.6 މިލިއަން ރުފިޔާ

ބަޖެޓުގައި ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އެއީ:

  • ބިން ހިއްކުމާއި އިމާރާތްކުރުން އަދި އިންފްރާސްޓްރަކްޗާއަށް 2 ބިލިއަން ރުފިޔާ
  • ކެޕިޓަލް ކޮންޓްރިބިއުޝަންގެ ގޮތުގައި 441 މިލިއަން ރުފިޔާ
  • ކޮންޓިންޖެންސީގެ ގޮތުގައި 650 މިލިއަން ރުފިޔާ
  • ސްޓޫޑެންޓް ލޯނު ދޫކުރަން 458.4 މިލިއަން ރުފިޔާ

ސަޕްލިމެންޓަރީ ބަޖެޓާ އެކު މި އަހަރުގެ ބަޖެޓު ޑެފިސިޓު 18 ބިލިއަން ރުފިޔާއަށް އަރާނެއެވެ. އެއީ، އުފެއްދުންތެރިކަމުގެ ނިސްބަތުން 16 އިންސައްތައެވެ.

އެހެންވެ، އަހަރު ނިމޭއިރު ދަރަނި ހުންނާނީ އުފެއްދުންތެރިކަމުގެ ނިސްބަތުން 118 އިންސައްތައިގައި ކަމަށް ވަނީ ލަފާކޮށްފައެވެ.

https://sun.mv/198458

މި ސަޕްލިމެންޓަރީ ބަޖެޓުގައިވަނީ ޖުމުލަ އާމްދަނީއާއި ހިލޭ އެހީއަށް އިތުރަށް 640 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައެވެ. އެއީ، ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީން އިތުރު 61 މިލިއަން އަދި އެހެނިހެން އާމްދަނީގެ ގޮތުގައި 379 މިލިއަނާއި ހިލޭ އެހީގެ ގޮތުގައި 199 މިލިއަން ރުފިޔާއެވެ.

މި އަހަރަށް ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓަކީ ކުރިން އަންދާޒާކުރި ވަރަށް ވުރެ ވަރަށް ބޮޑަށް ކުޑަ އަދަދެކެވެ. ކުރިން އަންދާޒާކޮށްފައި އޮތީ މި އަހަރަށް 10 ބިލިއަނެއްހާ ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަންޖެހޭނެ ކަމަށެވެ.

ރާއްޖެއަށް މާލީ ގޮންޖެހުންތައް ބޮޑުވެ، ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރޭޓިން ވެސް ދަށްކުރިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ކަމާ ގުޅިގެން ޚަރަދު ކުރުމުގެ ގިނަ ފިޔަވަޅުތަކެއް އިއުލާނުކުރައްވާފައެވެ. އެ ގޮތުން، އެ މަނިކުފާނު މުސާރައިން 50 އިންސައްތަ ނުނަންގަވަން ވެސް ވަނީ ނިންމަވައިފައެވެ.

comment ކޮމެންޓް