ރައީސް ޞާލިޙް ވެރިކަން ނިންމަވަނީ މީގެ ކުރީ ސަރުކާރަކުން ޚަޒާނާއަށް ނުކުރާހާ ދަތިކޮށްފައި: ނަޝީދު

ސެޕްޓެމްބަރު 24، 2023: ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް މުޙައްމަދު ނަޝީދު ރައީސް އޮފީހުގައި ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެ މަނިކުފާނުގެ ފަސް އަހަރުގެ ވެރިކަމުގެ ދައުރު މިއަދު ނިންމަވައިލައްވަނީ މީގެ ކުރިން ސަރުކާރަކުން ދިވެހި ޚަޒާނާއަށް ދަތި ނުކުރާހާ މިންވަރަށް ދަތިކުރައްވައިފައިކަމަށް ކުރީގެ ރައީސް، އަދި މިހާރު މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ މިއަދު ދިވެހި ޚަޒާނާ އޮތީ އިންތިހާއަށް ދަތި ހާލަތެއްގައިކަމަށެވެ. އަދި ދިވެހިން ތިބީ ވަރަށް ނާޒުކު ފައްތަރެއްގައިކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެއާއެކު ރައީސް ނަޝީދު ވިދާޅުވީ މިއަދު ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތުން ސަރުކާރާ ހަވާލުވެވަޑައިގެން ޑރ. މުޙައްމަދު މުއިއްޒުއަށް ބަޖެޓަށް ބޭނުންވާ އެހީ ހޯދުން ވެސް ވާނީ އުނދަގޫކަމަކަށް ކަމަށެވެ. އަދި އަންނަ މަހަކީ އުނދަގޫ މަހަކަށް ވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ތިބީ ވަރަށް ނާޒުކު ފައްތަރެއްގައި. ޑރ. މުއިއްޒުއަށް ވެސް އަވަހަށް ބަޖެޓު ސަޕޯޓު ހޯދަން ދަތިވާނެ. ޑިސެމްބަރު ވާނީ އުނދަގޫ މަހަކަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ނިމިދިޔަ ހަފުތާގެ ތެރޭގައި މަޖިލިސް ރައީސްކަމުން އިސްތިއުފާ ދެއްވި ނަޝީދުވަނީ ރާއްޖޭގެ މާލީ ޙާލަތާ ގުޅޭގޮތުން ކުރިން ވެސް ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އެ މަނިކުފާނު އޭރުވަނީ ބޭރު ގައުމަކުން އިންތިހާއަށް ފައިސާ ނުދީފިނަމަ، މި އަހަރު ނިމޭއިރު ތިބެންޖެހޭނީ މުސާރަ ވެސް ނުދީކަމަށް ވިދާޅުވެފައެވެ. އަދި މި ސަރުކާރަށް މި ފަސް އަހަރު ތެރޭ ޚަރަދެއް ނުބެލެހެއްޓުނު ކަމަށް އެ މަނިކުފާނު ތުހުމަތުކުރެއްވިއެވެ.

ކޮވިޑާއެކު އިގްތިޞާދަށް އައި ހީނަރުކަން ފޫބައްދަން މި ސަރުކާރުން ވަނީ އެކިފަހަރު މަތިން ބޮޑެތި އަދަދުތަކުން ދިވެހި ރުފިޔާ ޗާޕުކޮށްފައެވެ. އަދި ހަމައެއާއެކު ގިނަ އަދަދެއްގެ ލޯނު ބޮޑެތި އިންޓަރެސްޓް ރޭޓުތަކުގައި ނަގައިފައިވާކަމުގެ ތުހުމަތު ސަރުކާރުގެ ވާދަވެރިން ވަނީ ކޮށްފައިވެއެވެ.

އެމްޑީޕީގެ މި ނިމޭ ސަރުކާރަކީ އެ މަނިކުފާނުގެ ވެސް ބައިވެރިވުމާއެކު ގެނައި ސަރުކާރެކެވެ. ނަމަވެސް ވެރިކަމުގެ ބާރުތަކާމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި ޕާޓީގައި ހުރެގެން ވެސް ރައީސް ނަޝީދު ގެންދެވީ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ލިބިވަޑައިގަތް ނާކާމިޔާބާއެކު އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާ ދެއްވައި އެ ޕާޓީން ވެސް އެ މަނިކުފާނު މި އަހަރު ވަކިވެވަޑައިގަތީއެވެ.

މީގެ ކުރިން 2012ވަނަ އަހަރު އެ މަނިކުފާނު ރާއްޖޭގެ ރައީސްކަމުން އިސްތިއުފާ ދެއްވިއިރު ވެސް ރާއްޖޭގެ އިގްތިޞާދީ ހާލަތު އޮތީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އެގޮތުން ޑޮލަރުގެ އަގު އުފުލުމާއި، އިންފްލޭޝަން މަތިވުމާއި އެ ނޫން ވެސް ކަންކަމުގައި ރައްޔިތުން ތިބީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ.

comment ކޮމެންޓް