މިއީ ބޭނުމެއް ނެތް އަލިފެއް ހެއްޔެވެ؟

ޑރ. އަޝްރަފްގެ ބަސް-- ސަން ގްރެފިކްސް

ދުނިޔޭގެ ވަރަށް ގިނަ ބަސްބަހުގައި، އެ ބަހެއްގެ އަޑުތައް ރަމްޒުކޮށްދޭ ނިޝާންތަކެއް ހުރެއެވެ. އިނގިރޭސި ބަހުގައި އިނގިރޭސި އަކުރެވެ. ނުވަތަ ލެޓިން އަކުރެވެ. އުރުދޫ ބަހުގައި ޢަރަބި އަކުރުތަކެވެ. އެހެނަސް ޢަރަބީގައި ނުހުންނަ އަޑުތަކަށް އިތުރު އަކުރުތަކެއް ބޭނުންކުރެއެވެ. އެ އަކުރުތަކަކީ މައިގަނޑު ގޮތެއްގައި ފާރިސީ ބަހުގައި ވެސް ބޭނުންކުރާ އަކުރުތަކެވެ. ޗަވިޔަންޏާއި ޑަވިޔަންޏާއި ޓަވިޔަންޏާއި ޕަވިޔަނި ފަދަ އަޑުތަކަކީ ޢަރަބި އަޑުތަކެއް ނޫނެވެ. އެހެންވީމާ، އުރުދޫބަހުގެ އަކުރުތަކުގައި މި އަޑުތަކަށް އަކުރު ހަދައިފައި ހުރެއެވެ. ދިވެހިބަހުގައި ވެސް ވަރަށް ގިނަ އަޑުތަކާއި އެ އަޑުތައް ރަމްޒުކޮށްދޭ އަކުރުތައް އެބަހުއްޓެވެ. އަދި އެ އަކުރުތަކުން ލިޔާއިރު ލިޔަނީ ކޮންމެ އަކުރަކުން ބޭނުމެއް އަދާކުރާގޮތަށެވެ. ބޭނުމެއް ނެތް އަކުރެއް ލިޔުމުގެ ބޭނުމެއް ނެތްތާއެވެ. މިއުޅެނީ އެ ފަދަ އަކުރެއްގެ ވާހަކަދައްކައިލާށެވެ.

މިއަދު ކިޔުންތެރީންނާ ހިއްސާކޮށްލުމަށް މަސައްކަތްކުރެވޭތޯ މި ބަލަނީ އަލިފެއްގެ ވާހަކައެވެ. އަލިފު އޮތުން މުހިންމުވާ އަލިފަކާއި އަލިފު ލިޔުން މުހިންމު ނޫން އަލިފެއްގެ ވާހަކައެވެ. މި ކޮލަމް ޚާއްސަ މި ކުރަނީ، މުހިންމު ނޫން އަލިފަށެވެ. މުހިންމު ނޫން އެ އަލިފު، ސަރުކާރުގެ ބައެއް ލިޔުންތަކާއި އެހެނިހެން ލިޔުންތަކުން މިހާރަކަށް އައިސް މި އަލިފު ވަރަށް ގިނައިން ފެނެއެވެ. އެންމެ ބޮޑަށް ދެރަވަނީ ސަރުކާރުގެ ވުޒާރާތަކާއި ސަރުކާރުގެ ކުންފުނިތަކާއި މިނިވަން މުއައްސަސާތަކުގެ ލިޔުންތަކުގެ ތެރެއަށް ވެސް މި އަލިފު ވަދެފައިވާތީއެވެ. މުޅި ދިވެހި ދައުލަތަށް އަލިފު ވަދެފައިވާތީއެވެ. ތަންކޮޅެއް ހާސަރު ދިގުވެއްޖެދޯއެވެ. ހާސަރު ކުރުކޮށްލައިފައި ސީދާ މިސާލަށް ދަމާ ހިނގާށެވެ. ދެނެގަންނަން ފަސޭހަވާނެއެވެ.

ތިރީގައި މިވާ ތާވަލުގައި ހިމެނޭ ދެ ކޮލަމުގައި ހުރި ޖުމުލަތަކާމެދު ވިސްނައިލަމާ ހިނގާށެވެ.

ދެ ކޮލަމުގައި ހުރި ޖުމުލަތަކަށް ފުންކޮށް ވިސްނައިލާށެވެ. ފުރަތަމަ ކޮލަމުގައި އޮތް ޖުމުލައިގެ "މިކަމާއިމެދު" މި ލަފުޒުގައި، އަލިފެއް އެބަ އޮތް ނޫން ހެއްޔެވެ؟ އަދި ދެވަނަ ކޮލަމުގައި އޮތް ޖުމުލައިގެ "މިކަމާމެދު" މި ލަފުޒުގައި އެ އަލިފު ނެތްކަން ފާހަގަ ކުރެވޭ ނޫންހެއްޔެވެ؟ ކޮންމެ ޖުމުލައެއް ގައި ހުރި މި ފަދަ ލަފުޒުތައް ކަމުގައިވާ، އިދާރާއާއިއެކު، ކުދީންނާއިހަމައަށް، ކަރުދާހަކާއިއެކު، އެހެންކަމާއިއެކު، ކުށްވެރީންނާއިމެދު، ރައްޔިތުންނާއި ގުޅުންހުރި، މިނިވަންކަމާއި ގުޅިގެން، ރަސްމިއްޔާތާއި ގުޅިގެން، ތިޔަ އިދާރާއާއިއެކު ފަދަ ލަފުޒުތަކުގައި ލިޔެފައިވާ އަލިފުން އަދާކުރާ އެއްވެސް ދައުރެއް އޮތްކަމަކަށް އަޅުގަނޑަކަށް ނުވިސްނެއެވެ. އެ އަލިފުން މާނައަށް އެއްވެސް ބަދަލެއް އަންނަ ތަނެއް ވެސް ނުފެނެއެވެ. އަޅުގަނޑު މި ދެއްކި ވާހަކަ ތެދުތޯ ބަލައިލުމަށް އަދި އެއްފަހަރު، އެއްވަނަ ކޮލަމުގައި ލިޔެފައިވާ ޖުމުލަތައް އަޑުހަރުކޮށް ކިޔައިލާށެވެ. ކިޔުމުގައި އައިބުކަމެއް އިހުސާސްވާނެއެވެ. އެ އަލިފަށް އަޑު ފާޅުކޮށްފައި އަޑުހަރުކޮށް ކިޔައިލީމާ ވަރަށް އައިބުވާނެއެވެ. ކިޔުމުގައި އެއްގޮތަކަށް ވެސް ފާޅުކުރެވޭ އަޑެއް ނޫންކަން ވެސް އިހުސާސްވާނެއެވެ. ހަމަ ހަގީގަތުގައި ވެސް ބޮލަށާއި ކަންފަތަށް ތުރާވާ އަލިފެއްކަމުގައި ފާހަގަވާނެއެވެ. ބޭނުމެއް ނެތް އަލިފެއްކަން ގަބޫލުކުރެވޭނެއެވެ.

މީހަކު ހައިރާނެއް ނުވާނެހެއްޔެވެ؟ އަޝްރަފު ބުނާގޮތުން ވިއްޔާ މި އަލިފު ލިޔުނަސް އަދި އަލިފު ނުލިޔުނަސް، އެ ޖުމުލައިގެ މާނައަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ބޭނުމެއް ވެސް ނެތެވެ. އެހެނެއްކަމަކު ބޭނުމެއް ނެތް އަލިފެއް، ދައުލަތުގެ މުއައްސަސާތަކުގެ ލިޔުމުގައި ވެސް ވަކި ހިއްޕައިލައިފިއެވެ. ނޫސްވެރިންގެ ޚަބަރުތަކުގައި ވެސް ހަމަ އެއްކަލަ އަލިފު ހެވިދިލިފައި އެބައޮތެވެ. ފޮތްލިޔުންތެރީންގެ ފޮތްތަކުގައި ވެސް ހަމަ މި ދެންނެވި އަލިފު ހާމައަށް ބޮޑުކޮށް ފާޅުވާން އެބަހުއްޓެވެ. އެހެންވީމާ މިއީ ކިހައިދެރަކަމެއް ހެއްޔެވެ؟

ދެން ކިޔުންތެރީން އަޅުގަނޑާ ސުވާލެއް ކުރިމަތިކުރާނެކަން ކަށަވަރެވެ. އެ ސުވާލަކީ، ދިވެހިން ލިޔާ ލިޔުންތަކަށް މި އަލިފު ވަދެގެން މި އުޅެނީ ކީއްވެބާވައެވެ؟ ކިޔުންތެރީން ކޮށްލަން ހަމަ ރަނގަޅު ސުވާލެއް ދޯއެވެ؟ މި ސުވާލުގެ ޖަވާބު ތަފުސީލު ކުރާނީ ދެން ލިޔާކޮލަމުގައެވެ. އެއީ، މި ކޮލަމުގައި އޮޅުންފިލުވައިދެވޭތޯ މަސައްކަތް މި ކުރީ ބޭނުމެއް ނެތް އަލިފެއްގެ ވާހަކައެވެ. ދެން ލިޔާ ކޮލަމުގައި ލިޔާނީ ވަރަށް ބޭނުން ބޮޑު އަލިފެއްގެ ވާހަކައެވެ. އެ އަލިފުގެ ސަބަބުން މާނައަށް ވެސް ބަދަލު އަންނަ އަލިފެއްގެ ވާހަކައެވެ. އަދި ދިވެހިބަހުގެ ހަމަތަކާއި އުސޫލުތަކުގައި ވެސް ހިމެނޭ އަލިފެއްގެ ވާހަކައެވެ. މި ވަގުތު ހަމައެކަނި ކޮށްދޭންވީ ކަމަކީ، މި ބޭކާރު އަލިފު ނުލިޔެ ދޫކޮށްލުމެވެ. ތިމާގެ އަގުހުރި ވަގުތު ބޭކާރު އަލިފަކަށް ޓަކައި ހޭދަނުކުރުމެވެ. އެކަމަށް އެއްބަސް ނޫން ހެއްޔެވެ؟ ތިޔާވީއެވެ.

comment ކޮމެންޓް