ފިތުރަތުގެ އުސޫލުން އިއްޔެއަކީ ވެސް އިރު އޭގެ ވާޖިބު އަދާކުރުމަށް ފަހު ދުނިޔެއާ އަލްވަދާއުކީ ދުވަހެކެވެ. އިންސާނާގެ ދުނިޔަވީ ހަޔާތުގެ ބުރަ މަސައްކަތްތަކަށް ލުއިދިނުމުގެ ބޭނުމުގައި އިރު އޮއްސި ދިޔައީ ނުހަނު ކިޔަމަންތެރި ކަމާއެކުއެވެ. މާ ސިންގާ ކަނޑުގެ ސަތަހައަށް ބޮސްދިނުމަށް ފަހު ކަނޑަށް ގެނބި ހުސްވެ ދިޔައީއެވެ. ރީތި އެތައް ކުލަތަކަކުން އެތައް ބައެއްގެ ހިތްތަކަށް އުފާވެރިކަން ގެނެސްދީފައެވެ. އެއީ ގުދުރަތީ ގާނޫނެވެ. ކަން ހިނގާ ގޮތެވެ. ކޮންމެ ސައުވީސް ގަނޑި އިރެއްގައި މި އާދަ ތަކުރާރުވެއެވެ. ކޮންމެ ތަކުރާރުވުމަކީ ދުވަހެއްކަމުގައި ލިޔެވިދެއެވެ. ކޮންމެ ދުވަހެއް ހަމަވުމާއެކު އިންސާނާގެ ހަޔާތުގެ ކަލަންޑަރުން ސަފުހާއެއް ވަކިކޮށްލެވެއެވެ. އާއެނކެވެ. ހަޔާތުން ދުވަހެއް ފާއިތުވެ ދިޔައީއެވެ.
ކުރީގެ ހަލުވި ހިނގުމެއް މިހާރަކު ނެތެވެ. އަތްމަތި އަވަސްކޮށް، ކޮށް އުޅުނު މަސައްކަތްތަކެއް މިހާރަކު އެ އަވަސް މިނުގައި ކޮށް ނިންމައެއް ނުލެވެއެވެ. އަދި އަމުދުން ކުރާކަށް ނުވެސް ޖެހެއެވެ. ތެދަށް ހުރި ހަށިގަނޑަށް ވަނީ ލެނބުމެއް އައިސްފައެވެ. ތެދުވެ ހިނގައިގެންފި ނަމަ ކުރިމައްޗަށް ވުރެ ބޮޑަށް ފެންނަނީ އަމިއްލަ ފައިތިލައިގެ އިނގިލިތަކެވެ. ހިނގާއިރު ކުރިއަށާއި ފަހަތަށް ހަރަކާތްކުރި އަތުގެ އަންހެންވަންތަ ހަރަކާތް ވަނީ ހުއްޓިފައެވެ. ތިމާ އެ ހާލުގައި ވެސް ކޮޅަށް "އޮތުމަށް" އެހީތެރިވެދޭ ދަނޑިގަނޑު ހިފަހައްޓަނީ މި ދެންނެވި ހަރަކާތްތެރި ދެ އަތުންކުރެ އެއް އަތުންނެވެ. އެއީ މި ދެންނެވި ފިތުރަތު އުސޫލުން ކަނޑާ ހުސްކުރަމުން ދިޔަ ކަލަންޑަރުގެ ސަފުހާތައް ހުސްވުމާ ގާތްވެފައިވާ ޚިދުމަތްތެރި މަންމައެކެވެ. އުފާވެރި ޒަވާޖީ ހަޔާތަކުން ލިބުނު ހަމައެކަނި ފިރިހެން ދަރިއަށް ހޭހަންކޮށްދިން މަންމައެކެވެ. ކުލުނުވެރި ފިރުމުންތަކުން އޭނާގެ ދަރިފުޅަށް ފިރުމައިދިން އޯގާތެރި މަންމައެކެވެ.
މިއަދު މަންމަގެ ހަޔާތުގެ ފަހު ދުވަސްތައް ހޭދަކުރަމުން އެދަނީ، "އިސްރަށްވެހިންގެ މަރުކަޒު"ގައެވެ. ނިދުމާއި ކެއުމާއި ހަވީރު ފިންޏަށް ހިނގާލުމުގެ އިންތިޒާމު ކުރެވިފައިވާ މަރުކަޒުގައެވެ. މުސާރަވެރީންގެ ގޮތުގައި އަވަށްޓެރި ގައުމަކުން އެތެރެކޮށްފައިވާ ބަޔަކު އެ މަންމައަށް ޚިދުމަތްތައް ދެއެވެ. ފައިސާއިން ފޯރުކޮށްދޭ ހުރިހާ ޚިދުމަތްތަކެއް ގަޑިން ގަޑިއަށް ބަރާބަރަށް ލިބިދެއެވެ. މަންމަގެ އެއްވެސް ޝަކުވާއެއް ނެތެވެ. މި ފަދަ އެތައް މަންމައެއް މިތާ އެބަ ތިއްބެވެ. އުޅުމާއި ހިނގުމާއި ހަރަކާތްތަކުގައި މާ ބޮޑު ތަފާތެއް ނެތް އެތައް މަންމައެކެވެ. ތަފާތީ ނަމާއި ދެކެލާން އަންނަ މީހުންނެވެ.
ވިޔާފާރީގެ ބުރަ މަސްއޫލިއްޔަތުގައި އުޅެމުން ދިޔަ ޒުވާނާއަށް ފޯނު ކޯލެއް ލިބުނީ "އިސްރަށްވެހިންގެ މަރުކަޒު"ންނެވެ. އޭނާގެ މަންމަގެ ސިއްހީ ހާލު ވަރަށް ދަށް ކަމަށާއި ވީ އެންމެ އަވަހަކަށް އެ ތަނަށް އައިސްދިނުމަށް އެދުނީ އެ މަރުކަޒުގެ އިދާރީ މުއައްޒަފުން ވަރަށް އޯގާތެރިކަމާއެކުއެވެ. މަސައްކަތްތަކުން އަވަދިވެ، އެންމެ ޒާމާނީ ލޯންޗުގައި "އިސްރަށްވެހިންގެ މަރުކަޒު" ހުންނަ ރަށަށް ދަތުރު ފެށިއެވެ. ހެދުނު އައި ފޯނުކޯލަށް އިޖާބީ ވަގުތެއްކަމުގައި ވީ، އިރުއޮއްސުމާ ގާތްވެފައިވާ ވަގުތެކެވެ. އަރިއަރިމަތީ ދެ ފަރާތުން ހިނގަމުން އައި އެތައް ބަޔަކު ދިޔައީ މުއްސަނދި ސައުދާގަރަށް އޭނާގެ މަންމަ އޮތް ކޮޓަރިއަށް ދާ މަގު ދައްކައިދެމުންނެވެ.
މަންމަ އޮތް އެނދާ ކައިރިއަށް ހުއްޓި މަންމައަށް ގޮވާލިއެވެ. ލަސް ހަރަކާތަކުން ދަރިފުޅުގެ ކިބައިން މަންމަ އެދުނީ މަންމަގެ މަގަތުގައި އިށީނުމަށެވެ. އިށީނުމަށް ފަހު މަންމައަށް އަނެއްކާވެސް ގޮވައިލިއެވެ. އެއް އަރިއަށް އޮތް މަންމަގެ ގައިމަތީގައި މަޑުމަޑުން އޭނާ ފިރުމާލިއެވެ. ދެން ވާހަކަދެއްކީ މަންމައެވެ. ތުރުތުރުއަޅަމުން މަޑުމަޑުން މަންމަގެ ބަސްތައް އިއްވަމުން ދިޔައެވެ.
"ލޯބިވާ ދަރިފުޅާ! މަންމަ ދަރިފުޅުގެ ކިބައިން ވަރަށް ބޮޑު ކަމަކަށް އެދެން ބޭނުންވޭ. މިއަދު ދަރިފުޅުގެ ތަނަވަސްކަން ތިޔަ ހުރި މިންވަރުން މަންމަ މި އެދޭ ކަންތައް ކޮށްދިނުމަށް އެއްވެސް ދައްޗެއް ނުވާނެކަން ކަށަވަރު. މިއަދު ދަރިފުޅަށް ފައިސާއަކީ އެއްވެސް އެއްޗެއް ނޫން. މިހާރު ތިޔަ ކުރާ ވިޔާފާރިން ދަރިފުޅަށް އެ ވަރު ލިބޭ. ބައްޕަ ނިޔާވި ފަހުން ބައްޕަގެ ވިޔަފާރީގެ ހުރިހާ ކަމެއް ތިޔަ ބަލަހައްޓަނީ ދަރިފުޅު. އޭގެ އިތުރު ހައްގުވެރިއެއް ނެތް."
"މަންމާ! މަންމައަށް އަޅުގަނޑު ކޮށްދޭންވީ ކަމެއް ބުނެބަލަ! ލަސްނުކޮށް އެކަން ކޮށްދޭނަން."
"މި އިމާރާތުގެ ކުޑަދޮރުތަކުގައި ހުރި ދޮރުފޮތިތައް ހުރީ ވަރަށް ބާވެފައި. އާކުރަން ނެގި ފަހުން އަދި ދޮރުފޮއްޗެއް ނާޅުވައި. ރޭގަނޑުގެ އަނދިރިކަން އެނދުގައި އޮންނަ އިރު ލޮލަށް ފެނޭ. ގިނަ އެނދުތަކުގެ ގޮދަނޑިތައް ހުރީ ވަރަށް ގިނަ ދުވަސްވެފައި. މި އުމުރުގައި ހެނދުނު ފެންވަރަށް އުޅޭ އިރު ވަރަށް ފިނިވޭ. ހޫނު ފެނުން ފެންވަރައެއް ނުލެވޭ. ގިނަ ދުވަސްދުވަހު ދިވެހި ކެއުމެއް ކާލާކަށް ނުލިބޭ. ކައްކައި ހަދަނީ ބޭރު ބިދޭސީން. ކެއުމުގައި ދިވެހި ރަހަތައް ދުލަކަށް އިހުސާސެއް ނުވޭ. ބައެއް ފިރުމުންތަކުގައި އޯގާތެރިކަން ކުޑަ. އިންސާނީ އިހުސާސެއް ނެތް. ތަނުގައި މަސައްކަތްކުރާ ގިނަ ބައެއްގެ ކަންކަން ހުންނަނީ ހަމައެކަނި ވަޒީފާއެއް އަދާކޮށްލީމާ ނިމޭ ގޮތަށް. ތަނަށް ދޭންޖެހޭ އަހަމިއްޔަތެއް މަސްއޫލުވެރީންނަކަށް ނުވިސްނޭ. އެކަމަކާ ނޫޅެވޭ."
"ތިއިން އެއްވެސް ވާހަކައެއް މީގެ ކުރިން މަންމައެއް ނުބުނަމެއްނު. މަންމަ ބުނި ނަމަ ތިޔަ ހުރިހާ ކަމެއް ހަމަޖެއްސީމުސް. އެއްވެސް ކަމެއް މަންމައަށް ދަތިނުވާނެ ގޮތް ހަދައި ދިނީމުސް."
"މި އިން އެއްވެސް ކަމަކަށް މަންމަ ބޭނުމެއް ނުވޭ. މަންމައަށް މިކަންކަމަކީ ދަތިކަމަށް ނުވޭ. މަންމަ އެކަންކަމަށް ހޭނިއްޖެ. މަންމަގެ އުމުރު މި ނިމުނީ. މި ވަގުތަކީ މަންމަގެ އެންމެ ފަހު ވަގުތުކޮޅުކަން މަންމައަށް އެނގޭ"
"މީގެ ކުރީން ތިޔަ ވާހަކަނުދައްކާ މިއަދު ތިޔަ ބުނީ ކީއްވެ؟ ކިހައި ދެރަ!"
"ދެރަ ނުވޭ. މިއިން އެއްވެސް ކަމެއް މިހާރަކަށް ބޭނުމެއް ނުވޭ. މިއިން އެއްވެސް ކަމަކުން މަންމައަކަށް ދައްޗެއް ނުވޭ. ތިޔައީ މަންމަ ވަރަށް ލޯބިން ބަލާ ބޮޑުކުރި ދަރިއެއް. ބައްޕަގެ ތަނަވަސްކަންމަތީ ދަރިފުޅު ބޮޑުވީ އެއްވެސް ކަމަކަށް ޝަކުވާ ކޮށްލާނެ ފުރުސަތެއް ނުދީ. ބޭނުންވި ކޮންމެ އެއްޗެއް ހޯދައިދިނިން. މަންމަގެ މި ދެ އަތުން ދަރިފުޅު ގައިގައި ފިރުމައިދިނީ ފައިސާއަކަށް ނޫން. މަންމަގެ ނޭވާއަކީ ތިޔައީ ކަމުގައިވާތީ! މަންމަގެ ހިތުގެ ވިންދަނީ ތިޔައީ ކަމުގައި ވާތީ. އެއްވެސް ކަމަކަށް ދަތިވެއްޖެ ނަމަ މަންމަގެ ލޮލަށް ނިދިފިޔައެއް ނުޖެހޭ. މިއީ މަންމަގެ ކަންކަން ހުރި ގޮތް. އެހެންވީމާ މިހާ ލޯބިން ބޮޑުކުރި ދަރިއަކަށް ދެރައެއް ލިބޭކަށް ބޭނުމެއް ނޫން. މާދަމާ ދަރިފުޅުގެ އުމުރުން ދުވަސްވެ، އިސްރަށްވެއްސަކަށް ވީމާ، ދަރިފުޅުގެ ދަރީން ގެނެސް ދަރިފުޅު ހަވާލުކުރާނީ މިތަނާ. އެ ދުވަހު މަންމަ ބޭނުމެއް ނޫން ދަރިފުޅަށް މިއިން އެއްވެސްކަމެއްގެ ދައްޗެއް ފޯރާކަށް. އެ ދުވަސް އަންނަންވާ އިރަށް މިތަނުގެ ކަންކަން ނިޒާމީ އުސޫލުގެ ތެރެއިން ބަރާބަރަށް ހިނގާނެ ގޮތެއް ހަދައިދިނުން މަންމަގެ އެދުމަކީ. މިތާގައި މަންމަ ކެތްކުރި ގޮތަށް ދަރިފުޅަށް އެ ދުވަހު ކެތްނުވާނެތީ އެ ހިތްދަތި އިހުސާސް ހިތަށް ކުރެވޭތީ ދަރިފުޅުގެ ކިބައިން މަންމަ މިކަންކަމަށް މި އެދެނީ. މަންމަ އެދެނީ ވީ ...... އެންމެ .... ދަރިފުޅަށް ...... ދަރިފުޅަށް ..."
ތަން ހިމޭން ވެއްޖެއެވެ. އަޑެއް ނެތެވެ. ހިލަމެއް ނެތެވެ. އެނދު ވަށައިގެން ތިބި މީހުން ވެސް ހަރަކާތް ހުއްޓުނުކަހަލައެވެ. އަޑެއް އިވި ހަރަކާތެއް އައީ އޭގެ ކުޑައިރުކޮޅެއް ފަހުންނެވެ.
އުޖާލާކަން ފަނޑުވެ ކަނު އަނދިރިކަމުގެ ތެރެއަށް ދުނިޔެ ވަދެއްޖެއެވެ. އިރު އޭގެ ވާޖިބު އަދާކުރުމަށް ފަހު އަޅުގަނޑުމެންނާ މިއަދަށް ވަކިވެއްޖެއެވެ. އާއެނކެވެ. ކަލަންޑަރުން އިތުރު ސަފުހާއެއް ވަކިވީއެވެ. އެހެނަސް "މި" ކަލަންޑަރުން ދެން އިތުރަށް ވަކިކޮށްލާނެ ސަފުހާއެއް ނެތެވެ. ކަލަންޑަރުގެ ސަފުޙާތައް ހުސްވީއެވެ. އެކީއެކަށް ހުސްވީއެވެ. އިތުރު ހަމަ އެންމެ ސަފުހާއެއް ވެސް ނެތީއެވެ.