ކޮންމެ ބަހެއްގައި ވެސް ލަފުޒުތައް އަތުރައިލެވޭ ގޮތުން، ތިމާ ދޭހަކޮށްދޭން ބޭނުންވި މާނަ ނޫން އެހެން މާނައެއް އަނެކާއަށް އެ ޖުމުލައަކުން ދޭހަވާ ގޮތް ވުމަކީ ވެދާނެކަމެކެވެ. މީގެ އިތުރުން ބައެއް ފަހަރަށް، ތިމާ ބޭނުންކުރާ ޖުމުލައިގައި ހިމެނޭ "ކަން" ބޭނުންކުރެވޭ ހާލަތުގެ ގޮތުން ނުވަތަ ކަމުގެ ލަފުޒަށް ގެނެވޭ ކުޑަކުޑަ ބަދަލަކުން ވެސް، ތިމާ ވިސްނައިދޭން ބޭނުންވި މާނަ ނޫން މުޅީން އެހެން މާނައެއް އަނެކާއަށް މޭރުންވާ ގޮތްވުމަކީ ވެދާނެކަމެކެވެ. މި ދެންނެވި ގޮތް މެދުވެރި ވަނީ ހަމައެކަނި ކަމަކަށް ނޫނެވެ. ނަމަށް ވެސް ހިނގާނީ ހަމަ މިދެންނެވި ހުކުމެވެ.
މިހާރަކަށް އައިސް ލިޔުންތެރީންގެ ލިޔުންތަކުންނާއި އެންގުންތެރީންގެ އެންގުންތަކުންނާއި ޚަބަރުފަތުރާ ވަސީލަތްތަކުގެ ޚަބަރުތަކުން މި ދެންނެވި ކަންކަން ފެންނަ މިންވަރު ވަރަށް ގިނައެވެ. ތިމާ ބޭނުންވި މާނަ ނޫން އެހެން މާނައެއް ކިޔުންތެރީން ނުވަތަ އަޑު އެހުންތެރީންނަށް ވިސްނޭ ގޮތަށް ލިޔެވެނީއެވެ. ދެން އެ ލިޔެވުނު ގޮތް އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ވިސްނައިދޭން އެތައް މަސައްކަތެއް ކުރާން ޖެހެއެވެ. އެންމެ ފަހުން ދެކޮޅުޖެހޭ ގޮތެއް ނުވީމާ، ދެން މި ބުނަނީ އެއީ އޮޅިގެން ބުނެވުނު ނުވަތަ ލިޔެވުނު ގޮތެއް ކަމަށެވެ. އޭގެ ރަނގަޅުގޮތަކީ މި އޮތީޔޯލައެވެ.
އިސްވެ ދެންނެވި ކަންކަން އިތުރަށް ދެނެގަތުމަށް އޭގެ ބައެއް މިސާލުތަކަށް ފުންކޮށް ވިސްނައިލަމާތޯއެވެ؟
1. ޖުމުލައިގައި ލަފުޒުތައް އަތުރައިލެވޭ ގޮތުން މާނަ ފުރޮޅޭ މިސާލު:
ހ. މި ރަށުގައި ބޭއްވި ވޮލީ މުބާރާތުގައި އަހުމަދު ވެސް ބައިވެރި ވިއެވެ.
ށ. މި ރަށުގައި ބޭއްވި ވޮލީ މުބާރާތުގައި ވެސް އަހުމަދު ބައިވެރި ވިއެވެ.
މި ދެ ޖުމުލަ ވިދާޅުވުމުން ފާހަގަކުރެއްވޭނީ "ވެސް" ބޭނުންކުރެވިފައި ވަނީ ދެ ޖުމުލައިގެ ދެ ހިސާބެއްގައި ކަމެވެ. އެހެން އެއްވެސް ތަފާތެއް ނެތެވެ. ލަފުޒުތައް ވެސް ހަމަ އެއް ގޮތް ދެއްތޯއެވެ؟ އެހެނަސް ދެ ޖުމުލައިން ދޭހަކޮށްދޭ މާނަ ވަރަށް ތަފާތެވެ. ފަހަރެއްގައި ޖުމުލައާމެދު ފުންކޮށް ވިސްނައިވަޑައިނުގަންނަވާ ނަމަ އެއް މާނައެއް ކަމަށް ހީފުޅުވެދާނެއެވެ.
ފުރަތަމަ ޖުމުލައިގައި ލިޔުންތެރިޔާ ބުނެދޭން ބޭނުންވެގެން އުޅެނީ، އެ ރަށުގައި އުޅޭ އަޙުމަދު ކިޔާ މީހަކު ވޮލީ މުބާރާތުގައި ބައިވެރިވި ވާހަކައެވެ. އެއީ ވޮލީމުބާރާތުގައި އެތައް ބަޔަކު ބައިވެރިވީ އިރު، އެ މުބާރާތުގައި އަޙުމަދު ބައިވެރިވިތޯ ނުވަތަ ނޫންތޯ ދެނެގަތުމަށް ކުރެވޭ ސުވާލަށް ދީފައިވާ ޖަވާބެކެވެ. އެ ޖަވާބުން އަޙުމަދު ނޫނަށް އެހެން މީހުން ވެސް ބައިވެރިވިކަން އަންގައިދެއެވެ. އެކަން ކޮށްދެނީ "ވެސް" މި އަކުރުންނެވެ.
ދެވަނަ ޖުމުލައިގައި ލިޔުންތެރިޔާ ބުނެދޭން ބޭނުންވެގެން އުޅެނީ، އެ ރަށުގައި އެތައް މުބާރާތެއް ބާއްވައިފިކަމާއި އަދި އެ މުބާރާތްތަކުގެ ތެރެއިން ވޮލީ މުބާރާތުގައި ވެސް އަޙުމަދު ބައިވެރިވިކަމެވެ. އަދި އެ ނޫން އެހެން ބައެއް މުބާރާތްތަކުގައި ވެސް އޭނާ ބައިވެރިވެފައިވާ ކަން ނުސީދާކޮށް ދެނެގަނެވެއެވެ. އެއީ "ވެސް" ގެނެވިފައިވަނީ، ވޮލީ މުބާރާތް ނޫން އެހެން މުބާރާތްތަކެއް ވެސް އެ ރަށުގައި ބޭއްވިކަން އަންގައިދިނުމަށާއި އަދި މި މުބާރާތް ނޫން އެހެން މުބާރާތްތަކުގައި ވެސް އަޙުމަދު ބައިވެރިވެފައިވާ ކަން އަންގައި ދިނުމަށެވެ.
މި ދެއްކި ވާހަކައިން ހާސިލުވި ނަތީޖާއަކީ ޖުމުލައެއްގައި ލަފުޒެއް ބޭނުންކުރާ ތަނުގެ ސަބަބުން މާނައަށް ބަދަލު އަތުވެދާނެކަމެވެ. ކުރީން ވެސް ދެންނެވި ފަދައިން ތިމާ ދޭހަކޮށްދޭން ބޭނުންވި މާނަ ނޫން އެހެން މާނައެއް އަނެކާއަށް ދޭހަވެދާނެކަމެވެ. މި ފަދަ އެހެން އިބާރާތްތަކެއް ހިތްޕުޅަށް ގެނެސް އަމިއްލަފުޅަށް ތަމްރީނެއް ހައްދަވައިލައްވަމާތޯއެވެ؟
2. ޖުމުލައިގައި ކަމަށް ގެނެވޭ ކުޑަކުޑަ ބަދަލަކުން މާނަ ފުރޮޅޭ މިސާލު:
ހ. އަހަރުމެން އެ ތަނަށް ދިޔައިރު އެ ފިހާރަ ހުރީ ހުޅުވައިފައެވެ.
ށ. އަހަރުމެން އެ ތަނަށް ދިޔައިރު އެ ފިހާރަ ހުރީ ހުޅުވިފައެވެ.
މި ދެ ޖުމުލައިން ފާހަގަކުރެއްވޭނީ ވަރަށް ކުޑަކުޑަ ތަފާތެކެވެ. އެއީ ކަމުގެ ލަފުޒުގެ ވާވުގައި ޖަހައިފައިވާ ފިއްޔެވެ. ފުރަތަމަ ޖުމުލައިގެ ކަމުގެ ވާވުގައި ޖަހައިފައި ވަނީ، އައިބައިފިއްޔެވެ. އަދި ދެ ވަނަ ޖުމުލައިގެ ވާވުގައި ޖަހައިފައި ވަނީ އިބިފިއްޔެވެ. އެހެނަސް ދެ ޖުމުލައިގެ މާނަ ވަރަށް ތަފާތު ދެއްތޯއެވެ؟
ފުރަތަމަ ޖުމުލައިން ދޭހަވަނީ، އެ ފިހާރައިގެ ވެރީން އެ ފިހާރަ ހުޅުވައިފައި ހުރިކަމެވެ. އެކަން ކުރީ އެ މީހުން ގަސްދުގައެވެ. އޮޅިގެނެއް ނޫނެވެ. އެނގިގެންނެވެ. އެކަމަކު ދެވަނަ ޖުމުލައަށް ވިސްނައިލަމާތޯއެވެ؟ އެ ޖުމުލައިން ކުރެވޭ މާނަ ތަފާތު ދެއްތޯއެވެ؟ އެއީ ދެވަނަ ޖުމްލައިގެ މާނައަށް ފުންކޮށް ވިސްނަވައިފި ނަމަ، ފިހާރަ ހުޅުވީ ގަސްދުގައި ނޫންކަން ދޭހަވެއެވެ. ފަހަރެއްގައި ވައިރޯޅިއަކާ ހެދި ވެސް ހުޅުވިދާނެއެވެ. ނޫނީ ތަޅު ނުލައި ހުރީމާ އަމިއްލައަށް ހުޅުވުނީ ކަމަށް ވެސް ވެދާނެއެވެ. ކޮންމެއަކަސް ފިހާރަ ހުރީ ހުޅުވިފައެވެ.
ވަރަށް ގިނަ ފިހާރަތަކުގައި ބޭރަށް ފެންނަ ގޮތަށް ހުންނަ ބޯޑެއްގައި "ހުޅުވައިފައި" ނުވަތަ "ހުޅުވިފައި" ލިޔެފައި ހުންނަތަން ފެނިވަޑައިގަންނަވާނެއެވެ. އެއީ ފިހާރަ ހުރީ ހުޅުވައިފައި ކަން އަންގައިދިނުމަށެވެ. އެކަމަކު، މި ދެ ގޮތުން ކުރެ، އެންމެ ރަނގަޅީ ކޮން ގޮތެއް ކަން އިސްވެ ދެއްކި ވާހަކައިގެ އަލީން އަމިއްލަފުޅަށް އިންސާފުކުރެއްވޭނެ ކަމުގައި ދެކެމެވެ. "ހުޅުވައިފައި" ލިޔެފައި ވާނަމަ، އެ ފިހާރަ އެހެރީ އެ މީހުން ގަސްދުގައި ހުޅުވައިފައެވެ. އެކަމަކު، "ހުޅުވިފައި" ލިޔެފައި ވާނަމަ، އެއީ ވައިރޯޅިއަކާ ދޮރު ހުޅުވިފައި ހުރި ފިހާރައެކެވެ. ނޭނގިގެން ހުޅުވިފައިވާ ކަމުގެ މާނަ ކުރެއްވޭތޯއެވެ؟
މި ދެއްކި ވާހަކައިގެ ހާސިލަކީ، ކަމުގެ ފިއްޔަކަށް ގެނެވުނު ބަދަލެއްގެ ސަބަބުން އިބާރާތުގެ މުޅި މާނަ ފުރޮޅިގެން ދިޔަކަމެވެ. އަދި ކަން ކުރެވުނު ގޮތަށް ވެސް ބަދަލު އަންނަ ކަމެވެ. މިއީ އޮޅިގެން ކުރެވުނަސް، ކުރަން އެންމެ ރަނގަޅު ކަންކަމެއް ނޫން ދެއްތޯއެވެ؟ އެހެންވީމާ، މި ފަދަ އޮޅުންތަކުން ސަލާމަތްވަމާތޯއެވެ؟