ބައެއް ކަހަލަ ކުރު އިބާރާތްކޮޅުތަކަކީ، އޭގެ ޒާތުގައި ހާދަހާވާ ބުރަދަނެއް ހުންނަ އެއްޗެކެވެ. އޭގެ މާނައިގައެވެ. ބުނާ ރާގުންނާއި ބުނާ ހާލަތުންނެވެ. ރައްދުވާ ފަރާތުގެ ގޮތުން ވެސް މެއެވެ. މިހެން މިކަން ވަނީ، ވަކި ބަހެއްގައެއް ނޫނެވެ. ހަމަ ކޮންމެ ބަހެއްގައި ވެސް ކަން އޮތީ އެ ގޮތަށެވެ. އެއީ އިހުސާސާއި ޖަޒުބާތަކީ ވަކި ބަހަކަށް ޚާއްސަ އެއްޗަކަށް ނުވާތީއެވެ.
ގިނަ ދިވެހީން އެންމެ ފަރިތަކަމަށް ގަބޫލުކުރާ އިނގިރޭސި ބަހުގެ މި ފަދަ ކުރު އިބާރާތްކޮޅެއް ޚިޔާލަށް ގެންނަމާތޯއެވެ؟ "އައި ލަވް ޔޫ" އޭ ބުނުމުން އިންސާނާގެ ހިތަށް ހާދަ އަސަރެއް ކުރެއެވެ. ދަރިއަކު މަޔަކާ މުޚާތަބުކޮށް ބުނުމުން މައިވަންތަކަމުގެ ލޯބި ހިތަށް ފޯރުކޮށްދެއެވެ. މި ލޯތްބަކީ ކިލަނބުކަމެއް ނެތް، މިލައެއް ނެތް ޝައްފާފު ލޯތްބެކެވެ. ލޭގެ ގުޅުމުގެ ލޯތްބެކެވެ. އެކަމަކު އެންމެ ތިން ލަފުޒެވެ. ކިހައި ވަރުގަދަ ނޫންތޯއެވެ؟
ހަމަ މިއިބާރާތް، ފިރިއަކު އޭނާގެ އަނބިމީހާއަށް މުޚާތަބުކުރުމުން އިހުސާސާއި ޖަޒުބާތުގެ އަސަރު ބަދަލުވެދެއެވެ. އިހުސާސާއި ޖަޒުބާތު މި ފަހަރު ބަދަލުވީ އަނބިމީހާއާއި ފިރިމީހާއާ ދެމެދުގައި އޮންނަން ޖެހޭ ލޯތްބަކަށެވެ. ތެދުވެރިކަމާ ވަފާތެރިކަމުގެ ލޯތްބަކަށެވެ. އިހުސާންތެރިކަމާއި އިޚުލާސްތެރިކަމުގެ ލޯތްބަކަށެވެ. އެ ލޯތްބަކަށް ޓަކައި އަމިއްލަ ފުރާނަ ގުރުބާންކޮށްފައިވާ ވަރުގަދަ ލޯތްބަކަށެވެ. ލައިލާއާއި މަޖުނޫނުގެ ވާހަކަ ހިތްޕުޅަށް ގެންނަވާށެވެ. އެ ވަރުން ފުދޭނެ ދެއްތޯއެވެ؟

އީދު ނަމާދަށް ފަހު ސަލާމް ކުރަނީ-- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލިޔާސް
އަޅުގަނޑުމެންގެ ދިވެހިބަހުގައި ވެސް މި ފަދަ އިބާރާތްތައް އެބަހުއްޓެވެ. އެއާ މެދު ފުންކޮށް ވިސްނައިލައި ވާހަކަދައްކައިލާން އެކަށީގެންވާ އިބާރާތްތައް އެބަހުއްޓެވެ. ބައެއް ފަހަރު ދެ ލަފުޒުން އުފެދޭ އިބާރާތްތަކެވެ. އަދި ބައެއް ފަހަރު ތިން ލަފުޒުން އުފެދޭ އިބާރާތްތަކެވެ. ކޮންމެ އިބާރާތަކުން ވެސް އުފެދެނީ އެ އިބާރާތުގައި ހިމެނޭ ދެތިން ލަފުޒުން ލޮލަށް ފެންނާން އޮންނަ މާނައަށް ވުރެ މާ ފުން، ފުޅާ މާނައެކެވެ. ހިތުގެ އެންމެ ފުނަށް އަސަރުކުރުވާ ފަދަ މާނަތަކެކެވެ. މިސާލެއް ހިތްޕުޅަށް ގެންނަމާ ހިންގަވާށެވެ. އިނގިރޭސިބަހުގެ މިސާލެއް ކަމުގައި އިސްވެ ފާހަގަކުރި "އައި ލަވް ޔޫ"ގެ ދިވެހި ތަރުޖަމާއެއް ކުރަމާތޯއެވެ؟ ލަފުޒުން ލަފުޒަށް ތަރުޖަމާ ކޮށްލީމާ އޮންނާން ވާނީ، "އަހަރެން ކަލޭ ދެކެ ލޯބިވަން" މި ފަދައިންނެވެ. އެހެންނަމަވެސް އާންމުކޮށް ދިވެހީން ކިޔައި އުޅެނީ "ވަރަށް ލޯބިވޭ" މިފަދައިންނެވެ. މި އިބާރާތް ހަމަ ހަގީގަތުގައި ވެސް ހާދަ ރީއްޗެވެ. އަންހެން ބޭފުޅުންގެ ފަރާތްޕުޅުން، ގިނަގިނައިން އަޑު އިވޭނެ ނަމައޭ ވެސް އަޅުގަނޑު ހިތަށް އަރައެވެ. އަޅެ، ތިޔަ ބޭފުޅުންނަށް އެހެނެއް ނުވޭ ތޯއެވެ؟
ދެން އޮތީ ތަފާތު އިބާރާތެކެވެ. އެ އިބާރާތުގެ މާނަ ފުޅާކަމުން ގޮސް ލޮލުކޮޅަށް އޮބާލާހާ ދުރަށް އޮތީ ފުޅާވެފައެވެ. ހަމަ ދިވެހިބަހުގެ އިބާރާތެކެވެ. "ހިތް ހެޔޮ ކުރާތި!" މި އިބާރާތެވެ. މިހާރު އަޑު އިވޭލެއް ތަންކޮޅެއް މަދެވެ. އެހެނަސް އަޅުގަނޑުމެން ކުޑަ އިރު ވަރަށް ގިނައިން އަޑު އިވުނު އިބާރާތެކެވެ. އެއީ މީގެ ތިރީސް ސާޅީސް އަހަރު ކުރީންނެވެ. އަޅުގަނޑުމެން ރަށްފުށުގައި އުޅުނު އިރު ވަރަށް ގިނައިން އަޑު އިވެއެވެ. އެއް ބަޔަކު އަނެއް ބަޔަކާ ބައްދަލުވެ، ވަކިވާ ވަގުތުގައި ދިވެހީން އޭރު ކިޔައި އުޅުނީ، މި އިބާރާތެވެ. ވަދާއުގެ ސަލާމަށް ފަހު ބުނެލާނީ، "ހިތް ހެޔޮކުރާތި!" އެވެ. ސަލާންކޮށްލަން ޖޯޑުކޮށްލާ ދެ އަތްތިލަ ވަކިކޮށްލުމާ އެކު، ދެ މީހުން ވެސް، ސަލާންކުރި އަތްތިލަ އަމިއްލަ މޭގައި ޖައްސައިލުމަށް ފަހު ހަމަ އެ އަތްތިލަ ނިތްކުރީގައި ވެސް ޖައްސައިލާނެއެވެ. އެ ވަގުތު ބުނާނީ، "ހިތް ހެޔޮކުރާތި!" އެވެ. ހަމަ ހަރުއަޑުން ބުނާނެއެވެ.
މި އިބާރާތުގައި ފޮރުވިފައި މާނާއާ މެދު ވިސްނައިލަމާތޯއެވެ؟ ވަކިވާ ދެމީހުގެ ތެރެއިން އެއްވެސް މީހެއްގެ ހިތުގައި ގޯސް ކަމެއް ނެތެވެ. އަހުރެންގެ ހިތް ކަލާއަށް ސާފެވެ. ކަލާގެ ހިތް އަހުރެންނަށް ވެސް ސާފެވެ. ތިބާއަށް ކުށެއް ކުރެވުނަސް އެކަން ވެސް މާފުކޮށްފީމުއެވެ. އަދި އަހުރެންނަށް ވެސް ކުށެއް ކުރެވިފައިވާ ނަމަ އެކަމަށް ވެސް މާފުކޮށްދޭށެވެ. ކުރިއަށް އޮތް ތަނުގައި އަހުރެންނާ މެދު ނުބައި ވިސްނުމެއް ނުގެންގުޅެއްޗެވެ. އަހުރެން ވެސް ނުބައި ވިސްނުމެއް ނުގެންގުޅެމެވެ. އަދި ނުގެންގުޅޭނަމެވެ. މަކަރުވެރިކަމާއި ހީލަތްތެރިކަމެއް ނެތް ދެ ހިތް ވަކިވާކަމުގެ އިހުސާސް ދެ މީހުންނަށް ވެސް ކުރެވެއެވެ. ގާތް ދެ ރަހުމަތްތެރީން، ވަގުތީ ގޮތުން ވަކިވާކަމުގެ ޖަޒުބާތެއް ހިތުގައި އުފެދެއެވެ. ތިޔަ ބޭފުޅުންނަށް މި ފަދަ މާނަތަކެއް ދޭހަކުރެއްވޭތޯއެވެ؟ އިހުސާސެއް ނުވަތަ ޖަޒުބާތެއް ވޭތޯއެވެ. ހަމަގައިމު ވެސް، އެ ފަދަ އެތައް މާނަތަކެއް އަޅުގަނޑަށް ދޭހަވެއެވެ. ކިހައި ރީތި ތޯއެވެ؟
ކުރިއަށް އޮތް ތަނުގައި ދެމީހުން ވަކިވާއިރު މި އިބާރާތް ބޭނުންކުރަމާތޯއެވެ؟ އިނގިރޭސިބަހުގެ އިނގިރޭސީންނަށް "ގުޑު ބައި" އާއި "ޓާޓާ" ބާއްވަމާތޯއެވެ؟ އަދި އުރުދޫބަހުގެ އަހުލުވެރީންނަށް "ޚުދާ ހާފިޒު" އާއި "ﷲ ހާފިޒު" ވެސް ބާއްވަމާ ތޯއެވެ؟ ދިވެހީން، ދިވެހި ގޮތުގައި ވަކިވަމާތޯއެވެ. ތިޔަ އެންމެ ބޭފުޅުން ހިތް ހެޔޮކުރެއްވުމަށް އެދެމުން އަޅުގަނޑުގެ މި ލިޔުން ވެސް ނިންމާލަމެވެ. އާދޭހެވެ. "ހިތް ހެޔޮ ކުރައްވާތި!"