އިމާމުންނަކީ ވެސް އެ މީހުންނަށް ކިޔަވައިދީ އެ ބައިމީހުންގެ އިލްމީ ފެންވަރު މަތިކުރާން ޖެހޭބައެކެވެ. މި ދެންނެވި ހަމައިގެ މަތީން، ފެށުނު މާތް މަސައްކަތެއްގެ ތެރެއިން ދިމާވި ކަމެއްކަމަށް "ބުނެއުޅޭ" ވާހަކައެއް މި ފަހަރުގެ ކޮލަމުގައި ހިއްސާކޮށްލާ ހިތްވީއެވެ. ކޮލަމަކަށް ފެތޭ ގޮތަށް އަމިއްލަ ބަދަލުތަކާއެކުއެވެ. މާލޭގެ މިސްކިތްތަކުގައާއި ރަށްރަށުގެ މިސްކިތްތަކުގައި އިމާމުވެ ނާމާދުކުރެއްވުމަށް ތިއްބެވި މުދިމުންނަށް ހިންގުނު ކޯހެއްގައި ދިމާވި ކަމެއްގެ ވާހަކައެވެ. މި ދެންނެވި ކޯހަކީ، މުދިމުންގެ އިލްމީ ފެންވަރު މަތިކުރެއްވުމަށް ހިންގުނު ކޯހެކެވެ. ނުވަތަ މި ފަދަ ކޯސްތަކުގެ އެންމެ އާންމު ނަމުން ނަމަ "މުދިމުން ތާޒާކުރާ ކޯސް"އެވެ. ކޯސް ހިންގަވައިދެއްވީ އަރަބި ބަހުން ތައުލީމު ދޭ މުއައްސަސާއަކުންނެވެ. އެ ތަނުގެ ރަސްމީ ތައުލީމުގެ ކިލާސްތައް ކުރިއަށް ގެންދަނީ ޢަރަބިބަހުން ކަމުގައި ވީ ނަމަވެސް ދިވެހި އިމާމުންގެ ކޯހުގައި ކިޔަވައިދެއްވީ ދިވެހިބަހުންނެވެ.
ކޯސް ފެށިގެން ކުރިއަށް ދިޔައީ ހަލުވިކަމާއެކުއެވެ. ކަނޑައަޅައިފައި އޮންނަ ދުވަހަށް ކޯސް ނިންމާންޖެހޭތީއެވެ. ރަށްރަށުން ވަޑައިގެން ތިއްބެވި އިމާމުންނަށް މާލޭގައި ތިއްބެވުމަކީ ފަސޭހަކަމެއް ކަމުގައި ނުވާތީއެވެ. އެހެންވީމާ ކޯސް ފަރުމާކޮށްފައި އޮތީވެސް ވީހާ ކުރުކޮށް، އެކަމަކު އިލްމީ ފިލާވަޅުތަކެއް ހިމެނޭ ގޮތަށެވެ. ކޯހުގެ ބައިވެރީންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ޅަ އުމުރު ފާއިތުވެ، ޒުވާން އުމުރަށް ވެސް އަލްވަދާޢުކިޔައިފައިވާ ހަރު ބޭފުޅުންނެވެ. ނުވަތަ މެދު އުމުރުގެ ބޭފުޅުންނެވެ.
މެދު އުމުރު ވިއަސް، ދޮށީ އުމުރު ވިއަސް، ކިލާހަށް ކިޔަވާވިދާޅުވާން ވަދެވަޑައިގަތުމާއެކު އިމާމުން ދަރިވަރުންނަށް ބަދަލުވެއެވެ. އިސްކޫލެއްގެ ކިލާހެއްގައި ދަރިވަރުން ކުރާ ހުރިހާ ސަމާސާއެއް ވެސް އޮވެއެވެ. އެކަކު އަނެކަކަށް ވުރެ މަތީން މާކުސް ހޯދުމުގެ ވާދަވެރިކަން ވެސް އޮވެއެވެ. ސިއްރުން ކިޔެވުމާއި، މުދައްރިސުންގެ ހާޒިރުގައި އެންމެ ބަސްއަހައިގެން އިނުން ފަދަ ކަންތައްތައް ކުރުމަކީ އިމާމުންގެ ތަބީއަތާއި ފިތުރަތުގައި ވެސް ހުންނާނެ ސިފައެއް ދެއްތޯއެވެ؟ ކަންވަމުން ދިޔައީ ވެސް އެހެންނެވެ. މި ވާދަވެރިކަން އިންތިހާއަށް އޮތެވެ. އަދި އަމުދުން ކިލާހުން އެއް ވަނަ ހޯދުމަކީ ކޯހުގެ ބައެއް އިމާމުން ވަރަށް ބޭނުންފުޅުވި ކަމެކެވެ.
ކޯސް ނިމިއްޖެއެވެ. ވަނަތައް ލިބުނީ ކިލާހުގެ ގިނަ ބަޔަކަށް ހީވެފައިވާ ގޮތަށެވެ. އެއްވަނަ ލިބުނީ، އެންމެ ރީތިކޮށް ގުރުއާން ކިޔެވުމާއި އިމްތިހާނުތަކުން އެންމެ މަތީން މާކުސްލިބިފައިވާ ދަރިވަރަށެވެ. މާފުކުރައްވާށެވެ. ދަރިވަރެއް ނޫނެވެ. އިމާމަށެވެ. އިނާމުދީ ސެޓުފިކެޓުތައް ބަހާ ނިމިއްޖެއެވެ. ޖަލްސާއަށް ފަހު އޮތް ސައިގަޑި ވެސް ނިމިއްޖެއެވެ. އޭރު ވެސް ދިޔައީ އެއް އިމާމަކު އަނެއް އިމާމަކަށް ތަހުނިޔާވިދާޅުވެ އުފާ ފާޅުކުރައްވަމުންނެވެ. އެއް އިމާމަކު އަނެއް އިމާމަކާ ސަލާންގަލާންކުރަމުންނެވެ.
ކޯހުން އެއްވަނައަށް ދިޔަ އިމާމަށް ތަހުނިޔާ ވިދާޅުވާން ވަޑައިގެން ހުއްޓިވަޑައިގެންނެވި އިމާމެކެވެ. އަމިއްލަ ސެޓުފިކެޓު ދައްކަވައިލައްވައިފައި، އެއްވަނައަށް ދިޔަ އިމާމުގެ ސެޓުފިކެޓު ދައްކަވައިއިލެއްވުމަށް އެދިވަޑައިގަތެވެ. ސެޓުފިކެޓުތައް ހުރީ ޢަރަބިބަހުންނެވެ. އެއްވަނައަށް އައި އިމާމު ތަންކޮޅެއް ރަނގަޅަށް ލޯ ހުޅުއްވައިލައްވަވައިފައި ސެޓުފިކެޓަށް ބައްލަވައިލައްވައިފިއެވެ. އަމިއްލަ ސެޓިފިކެޓާއި ކައިރީގައި ހުންނެވި އިމާމުގެ ސެޓުފިކެޓަށް އަނެއްކާ ވެސް ބައްލަވައިލައްވައިފިއެވެ. ފަހަރަކު ސެޓުފިކެޓަކަށް ދެތިން ފަހަރު ބައްލަވައިލެއްވުމަށް ފަހު، ސެޓުފިކެޓު އަނެއް އިމާމުގެ އަތްޕުޅަށް ދެއްވައިފިއެވެ. އޭރު އެއްވަނަ ލިބިވަޑައިގެންނެވި އިމާމުގެ މޫނުފުޅުމަތި ހުރީ ކަމަކު ދާކަހަލަ ގޮތަކަށް ނޫނެވެ. އިރުވައި މޫސުމެއްގައި އިރުމަތި ފަރާތުން ނަގައިފައި ހުރި ކަޅު ވިލާގަނޑަކަށް ދުލެއް ނުކުރެއެވެ. ހަމަ ދެންމެދެންމެ ގުގުރައިގަންފާނެ ހެން ވެސް ހީވެއެވެ.
ބާރު ހިންގެވުމެއްގައި ގޮސް ވެދެވަޑައިގެންނެވީ "މުދީރު"ގެ ކޮޓަރިކޮޅަށެވެ. ވެވަޑައިގެން ހުންނެވި ކޯފާއެއްގެ ބޮޑުކަމުން، މުޚާތަބު ކުރެއްވުނީ ވެސް އެންމެ ރަނގަޅަކަށް ނޫނެވެ.
"ނިކަން ދެކެބަލަ! ހާދަ ގޯހޭ މިތަނުން ކަންތައް ކުރާ ގޮތް. އެއްވަނަ މަށަށް ދީފައި، ހުރިހާ ރީތި ނަމެއް ކިލާހުގެ އެހެން އިމާމަކަށް. މިހެން ހަދާކަށް ނުވާނެއެއްނު؟"
"ކިހިނެއްތޯ ވީ؟ އަނެއްކާ އަޅުގަނޑުމެންނަށް ކީއްތޯ ކުރެވުނީ؟"
ކީއްތޯ ނުވަނީ؟ ކިލާހުގެ އެންމެ ދަށުން މާކުސް ލިބުނު އިމާމަށް ހުރިހާ މޮޅެއް"
"ކޮން ކަހަލަ މޮޅެއްތޯ؟" ތިޔަ ވެގެން އުޅޭ ގޮތެއް ވިދާޅުވެދެއްވުމަށް މި ގޮޑީގައި އިށީނދެވަޑައިގަންނަވާ. ހަމަޖެހިވަޑައިގެން ސާފުކޮށް ވިދާޅުވެދެއްވާ!"
ދެން ގޮޑީގައި އިށީންނެވުމަށް ފަހު ސެޓުފިކެޓު ނަންގަވާ މުދީރުގެ މޭޒުކޮޅު މަތީ ބޭއްވެވިއެވެ. އަދި ހިތްހަމަޖެހިވަޑައިނުގަން ސަބަބު ސާފުކޮށްދެއްވަން ފެއްޓެވިއެވެ.
"އަޅުގަނޑުގެ ސެޓުފިކެޓު ކީއްވެތޯ މަގުބޫލު ސެޓުފިކެޓަކަށް ނުވާންވީ؟ ކިލާހުން އެންމެ ދަށަށް ދިޔަ އިމާމުގެ ސެޓުފިކެޓު އެކަނި މަގުބޫލުވެފައި އަޅުގަނޑުގެ ސެޓުފިކެޓު މަގުބޫލު ނުވާންވީ ސަބަބު ނުވިސްނިގެން މި އުޅެނީ. އެއް ގޮތަކަށް ވެސް މިހެން ވެގެން ނުވާނެ ނޫންތޯ؟"
"ތިޔަ ސެޓުފިކެޓު ވެސް މަގުބޫލުވާންވާނެ! ތިޔައިގައި އޮތީ ކީކޭތަ؟"
"މީގައި އޮތީ ކޮންމެވެސް މުމްތާޒެއްގެ ވާހަކަ. އަޅުގަނޑުމެންގެ ރަށުގައި އުޅޭ ވަރަށް ވިޔާނުދާ މީހަކަށް ކިޔާނީ "މުމްތާޒު". އޭނާގެ ނަން ޖަހައިފައި އޮތީ! އެ އިމާމުގެ ސެޓުފިކެޓުގައި އޮތީ "މަގުބޫލު" ޖަހައިފައި. އެހެންވީމާ އަޅުގަނޑުގެ ސެޓުފިކެޓުން މި "މުމްތާޒު"ގެ ނަން ފުހެލަދެއްވައިފައި މީގައި "މަގުބޫލު" ޖައްސަވައިދެއްވާ! އެހެންނޫނީ އަނެއްކާ ރަށަށް ދާ އިރަށް އެ މުމްތާޒު މި ސެޓުފިކެޓު މިއީ އޭނާގެ އެއްޗެއް ކަމަށް ބުނެ ދައުވާ ވެސް ކޮށްފާނެ! އާނ އެހެންނު ވާނީ، މުޅި ސެޓުފިކެޓު ވެސް ލިޔެފައި މި އޮތީ އަރަބިބަހުން ވިއްޔަ. އޭނާއަށް އެނގޭނީ އޭނާގެ ނަން ލިޔެފައި އޮތް ތަންކޮޅު އެކަންޏެއް ނޫންތޯ؟ އަޅުގަނޑަށް އެނގޭ ވަރަކަށް އޭނާއަކަށް ނޭނގޭނެއެއް ނޫންތޯ؟ އަވަހަށް ބަދަލުކޮށްދެއްވާ!"
މުދީރު ކުޑަކޮށް ހިނިފުޅުވަޑުވައިފައި އިމާމަށް އޮޅުންފިލުވައިދެއްވިއެވެ. "އެންމެ މަތީން ފާސްވީމާ އެ މީހަކަށް ލިބޭ ސެޓުފިކެޓުގައި ޢަރަބިބަހުން ލިޔާނީ، "މުމްތާޒު" އެއީ އާދަޔާ ޚިލާފަށް މޮޅުވީމާ ބުނެ އުޅޭ ގޮތް. ދެން އޮންނާނީ "ޖައްޔިދު ޖިއްދަން" އެއީ "ވަރަށް ރަނގަޅު! އަދި "ޖައްޔިދު" އެއީ "ރަނގަޅު" ދެން ކިރިޔަކިރިޔާ ފާސްވީމާ ސެޓުފިކެޓުގައި ލިޔާނީ "މަގުބޫލު" މިހާރު އެނގިއްޖެ ދޯ؟"
"އެހެންތޯ؟ އެހެންވިޔަސް މި ސެޓުފިކެޓު ވެސް މަގުބޫލުވާންވާނެ ނޫން ތޯ؟" ބޯކަހަމުން ތެދުވެގެން ދިޔައީ ވެސް އެހެން ކިޔަމުންނެވެ.