މަޖިލިސް މެންބަރުންގެ ސުލޫކީ ގަވާއިދެއް އެކުލަވައިލަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސުލޫކީ މިންގަނޑާ ގުޅޭ ގަވާއިދު އެކުލަވައިލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މަޖިލީހުގެ އާ ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން އަސްލަމް ވިދާޅުވީ، މަޖިލީހުގެ ނިޒާމު ނުގެއްލި، ގާނޫނު އަސާސީން މަތިކޮށްފައިވާ ގާނޫނު ހެދުން ފަދަ ޒިންމާތައް އަދާކުރެވޭނެ މަގުފަހި ކޮށްދިނުމަކީ މަޖިލީހުގެ ރައީސްގެ ޒިންމާއެއް ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހަކީ ކޮންމެ ދުވަހަކު ސިޔާސީ ކަންތައްތަކެއް ހިންގާ ތަނެއް ނޫން ކަމަށާއި މަޖިލީހުގެ ހައިބަތާއި ކަރާމާތް ހިފަހައްްޓަން މެންބަރުންގެ ސުލޫކީ ގަވައިދެއް ހަދަން މަސައްކަތް ކުރައްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ހަމައެއާއެކު މަޖިލީހުގެ ނިޒާމު ނުގެއްލި މަސައްކަތްތައް ކުރިއަށް ގެންދެވޭނެ މަގުފަހި ކޮށްދިނުމަށްޓަކައި ބައެއް ފިޔަވަޅުތައް އަޅަން ނިންމަވާފައިވާ ކަމަށް އަސްލަމް އިއުލާނުކުރެއްވިއެވެ.

އެގޮތުން އަޅުއްވާ އެއް ފިޔަވަޅަކީ މަޖިލީހުގެ ސުލޫކީ ގަވާއިދެއް ކަމަށާއި އެ ގަވާއިދު އެކުލަވައިލާ ތަޅުމުން ފާސްކުރަން މަސައްކަތް ކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މީގެ ކުރީގެ މަޖިލިސްތަކުގައި އޭގެ މަސައްކަތްތަކެއް ވަނީ ކުރެވިފައި، އެހެން ނަމަވެސް މި 19 ވަނަ މަޖިލީހުގައި އޭގެ މަސައްކަތްތަކެއް ކުރެވިފައި ނެތީމާ، ގާނޫނުއަސާސީގައި ބަޔާންކުރާ މި ދެންނެވި މެންބަރުން ތަބާވާންޖެހޭ ސުލޫކީ ގަވާއިދުގެ މަސައްކަތް އަޅުގަނޑުކޮށް މެންބަރުންގެ އެއްބާރުލުމާ އެކު އެ ގަވާއިދު ފާސްކުރެވޭތޯ މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ދެވަނަ ފިޔަވަޅަކީ މަޖިލީހަށް ހާޒިރުކުރާ ވަޒީރުންނާއި މަޖިލީހުގެ އެހެނިހެން ބޭފުޅުންނަށް ސަލާމަތާއި ރައްކާތެރިކަން ދިނުމެވެ. މަޖިލީހުގެ އިދާރީ ބޭފުޅުން އެ އިންތިޒާމު ހަމަޖައްސަވަން އަސްލަމް އެދިވަޑައިގަތެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު--- ފޮޓޯ/ މަޖިލިސް

އެގޮތަށް އަމުރުކުރެއްވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި ސަޕްލިމަންޓްރީ ބަޖެޓު ހުށަހެޅުއްވުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ މަޖިލީހަށް ވަޑައިގެންނެވުމުން ހިނގި ހަމަނުޖެހުންތަކަށް ފަހުއެވެ.

އިއްޔެ އެ ހަމަނުޖެހުންތައް ހިނގީ މިނިސްޓަރު މަޖިލީހަށް ހާޒިރުވެވަޑައިގެން އިންނެވީ މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުމަށް ފަހު ކަމަށް ޑިމޮކްރެޓުން ތުހުމަތު ކުރުމާ ގުޅިގެންނެވެ.

އަދި، މީގެ ކުރިން ބަޖެޓު ހުށަހެޅަން އަމީރު ވަޑައިނުގެންނެވީ ޣައިރު ގާނޫނީ ލަފައެއްގެ މަތީން ކަމަށް ސުޕްރިމް ކޯޓުގެ ހުކުމުން ވެސް އެނގިގެންދާ ކަމަށް ބުނެ ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެންބަރުން ވަނީ ބަޖެޓު ހުށަހެޅުމަށް ހުރަސް އަޅަން މަސައްކަތް ކޮށްފައެވެ.

comment ކޮމެންޓް