ބަޖެޓު ހުސްކޮށްލައިފި، މުސާރަ ވެސް ދެވޭނީ ގައުމަކުން ދިނިއްޔާ: ނަޝީދު

ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު -- ފޮޓޯ/ މަޖިލިސް

ބޭރު ގައުމަކުން އިންތިހާއަށް ފައިސާ ނުދީފިނަމަ، މި އަހަރު ނިމޭއިރު ތިބެންޖެހޭނީ މުސާރަ ވެސް ނުދައްކާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާގައި ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރުމަށް މެންބަރުން ތަޅުމުގައި ބަހުސްކުރިއިރު، ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެންބަރުން ވަނީ ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅާފައި ވަނީ އިތުބާރު ނެތް ވަޒީރަކާއި ސަރުކާރަކުން ކަމަށް ބުނެ ނިޒާމީ މައްސަލައެއް ނަގާފައެވެ. އަދި، މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓަކީ ހޭދަކޮށް ނިމިފައި އޮތް ބަޖެޓެއް ކަމަށް ތަކުރާރުކޮށް ވަނީ އަޑުއުފުލައިފައެވެ.

ނަމަވެސް އަސްލަމް ވަނީ އެ ނިޒާމީ މައްސަލަ ބަލައިނުގަނެ ބަހުސްގެ ވަގުތަށް ތަންދީފައެވެ.

އެއާއެކު ނަޝީދު ވިދާޅުވީ، ރައީސުލްޖުމްޙޫރިއްޔާއާ ކެބިނެޓުގެ ވަޒީރުން ބޭނުންވާ ކަންކަމަށް ދައުލަތުގެ ފައިސާ ޚަރަދުކުރުން ނޯންނަ ކަމަށެވެ. އަދި، މި ސަރުކާރަށް މި ފަސް އަހަރުތެރޭ ޚަރަދެއް ނުބެލެހެއްޓުނު ކަމަށް އެ މަނިކުފާނު ތުހުމަތުކުރެއްވިއެވެ.

"ރައީސް ޞާލިޙުގެ ސަރުކާރަށް ކޭޝް ފްލޯ ހިފަހައްޓާން ނޭނގޭ. ކެއޮ ކޭވަރު މާ ބޮޑަށް އެނގެނީ މިހާރު. އެއީ ބިތު ފަންގި ނެގޭތީ،" ނަޝީދު ވިދާޅުވިއެވެ.

"ބަޖެޓު އެކީ ހުސްކޮށްލާފައި އޮތްކަން އެބަ އެނގޭ. މިއީ ރައްޔިތުންގެ ފައިސާ. މި ޚަރަދުކުރަން ޖެހޭނީ އަމާނާތްތެރިކަމާ އެކު. ބޭރު ގައުމަކުން އިންތިހާއަށް ފައިސާ ނުދީފިނަމަ، ޑިސެމްބަރު މަސް ނިމޭއިރު އަޅުގަނޑުމެން ތިބޭނީ މުސާރަ ނުދައްކާ،"

ނަޝީދު ވިދާޅުވީ، މި ސަރުކާރުން މިހާރު މި ޖައްސާ 'ދަތުރަކީ' ގައުމު ބަނގުރޫޓުވުމުގެ ދަތުރު ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަވަހަށް މި ސަރުކާރުން ސަލާމަތްވީ ކަމީ އަޅުގަނޑު އެކަމަށް ޝުކުރުވެރިވާ ކަމެއް،" ނަޝީދު ވިދާޅުވިއެވެ.

މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް --- ފޮޓޯ/ މަޖިލިސް

ޑިމޮކްރެޓްސްއަށް ނިސްބަތްވާ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެންބަރު އަލި އާޒިމް ވިދާޅުވީ، މަޖިލީހަށް ހުށަހަޅާފަ އޮތް ސަޕްލިމެންޓްރީ ބަޖެޓަކީ ހޭދަކޮށް ނިމިފައި އޮތް ބަޖެޓެއް ކަމަށެވެ. އަދި، މި ސަރުކާރުން ރައްޔިތުންގެ ފައިސާއިން ވައްކަންކުރަން އުޅެނީ ކަމަށް ތުހުމަތުކުރެއްވިއެވެ.

"30 ސެޕްޓެމްބަރުގައި ނޫނެކޭ ބުނީމާ މިތާ އިދާރީ މެންބަރުންނަށް ބިރު ދައްކައިގެން ކޮންމެ ދުވަހަކު އެބަ ޖަލްސާ ބާއްވާ. މި މަޖިލީހުން މި އަހަރަށް ބަޖެޓު ފާސްކޮށްދިނީ. އަނެއްކާ ވެރިކަން ނިމެން ދެ ދުވަހަށް ވީމަ އަނެއްކާ ހަ ބިލިއަން ރުފިޔާ. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ރައްޔިތުންގެ ފައިސާއެއް ޚަރަދެއް ނުކުރައްވާނެ،"

އާޒިމް ވިދާޅުވީ، ރިޔާސަތުގައި އިންނެވި މަޖިލީހުގެ އާ ރައީސް މުޙައްމަދު އަސްލަމް ރިޔާސަތައް ވަޑައިގެން ގޮނޑިކޮޅުގައި އެ އިންނެވީ 'ގަދަކަމުން' ކަމަށެވެ. އެހެން ނޫން ނަމަ ރައްޔިތުންގެ ފައިސާއެއް 'ނުކާނެ' ކަމަށާއި އަންނަ ކޮންމެ ސަރުކާރަކުން ކަން ކުރަނީ އެފަދައިން ކަމަށް ވިދާޅުވިއެވެ.

"މިތަނަށް ހަ ބިލިއަން ގެނެސް ފާސްކުރަން ޖެހޭނެ ސަބަބެއް ދައްކަވާ. އެއް މަސް ދުވަސް ތެރޭ އެ ޚަރަދުކުރާނެ ގޮތެއް ދައްކަވާ. ކިހިނެއްތޯ އެ ޚަރަދުކުރަނީ؟ އަހަރު ނިމެން ބާކީ އެއް މަސް ދުވަހަށް ވީމަ އަޅުގަނޑުމެން ހަ ބިލިއަން ދޭންވީ؟،" އަލީ އާޒިމް ވިދާޅުވިއެވެ.

އެއާއެކު އެމްޑީޕީގެ މެންބަރުން ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ. އެމްޑީޕީގެ މެންބަރުން ވަނީ ބަހުސްގެ ވަގުތުގައި ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރުން އަވަސްކޮށްދިނުމަށް އެދިފައެވެ.

comment ކޮމެންޓް