ރިޔާސަތާ ހަވާލުވެ އަސްލަމް ދެއްވީ އިންސާފުވެރިވާނެކަމުގެ ޔަގީންކަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އަސްލަމް އިންތިޚާބުވުމުން، ނަޝީދު މަރުހަބާ ދަންނަވަނީ -- ފޮޓޯ/ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު ޝަފީގު

ނަވާވަރަވަނަ ރައްޔިތުންގެ މަޖިލީހުގެ ބާކީ މުއްދަތުގައި މަޖިލިސް ކުރިއަށް ގެންދަވާނީ އިންސާފުވެރިކަމާ އެކު މެންބަރުންގެ ހައްގުތައް ހިމާޔަތްކުރެއްވުމަށް ކަމުގެ ޔަގީންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް މިރޭ ދެއްވައިފިއެވެ.

އިންތިޚާބުވެވަޑައިގަތުުމަށް ފަހު ރިޔާސަތާ ހަވާލުވެވަޑައިގެން މެންބަރުންނާ ވާހަކަފުޅުދައްކަވަމުން އަސްލަމް ވިދާޅުވީ އޭނާ މަގާމުގެ މަސްއޫލިއްޔަތު އަދައިކުރައްވެމުގައި ހުރިހާ މެންބަރުންގެ އެއްބާރުލުމާއި، ހުރިހާ ސިޔާސީ ޕާޓީއެއްގެ އެއްބާލުން ބޭނުންވެވަޑައިގަންނަވާނެ ކަމަށެވެ.

"އަޅުގަނޑު މި މަގާމުގެ ޒިންމާތައް އަދައިކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނާއި ދިވެހި ރައްޔިތުންގެ މަސްލަހަތާއި ހައްގުތައް ހިމާޔަތްކުރުމުގައި ދެމިހުންނާނެކަމުގެ ޔަގީންކަން ތި އެންމެހާ ބޭފުޅުންނަށް އަރުވަން،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ 19ވަނަ މަޖިލީހުގެ ބާކީ މުއްދަތު އުފެއްދުންތެރިކޮށް ކުރިއަށް ގެންދިއުމަށް ޓަކައި އެ މަނިކުފާނުގެ ގާބިލްކަން ތަންދޭ އެންމެ މަތީ މިންވަރަކުން މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް --

އެ މަސައްކަތް ކުރެއްވުމުގައި މަޖިލިސް ގަވައިދާއި، ގާނޫނު އަސާސީއާ ޚިލާފުނުވާހެން ކުރިއަށް ގެންދިއުމުގައި ވެސް ދެމިހުންނަވާނެ ކަމަށް ވިދާޅުވިއެވެ.

އެއާއެކު އަސްލަމް ވަނީ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު، އެ މަގާމުގައި ހުންނަވައުގެން މަޖިލީހަށް ކޮށްދެއްވި ޚިދުމަތަށް ޝުކުރު އަދައިކުރައްވައިފައެވެ.

https://sun.mv/184626

"އަޅުގަނޑަށް އިތުބާރު ކުރައްވައި ތިޔަ ދެއްވި ވޯޓަށް ވަރަށް ތަނަވަސް އަޣުލަބވިއްޔަތަކުން ހޮއްވަވައިދެއްވިކަމަށް ޓަކައި ރައްޔިތުންގެ މަޖިލީހުގެ އެންމެހައި މެމްބަރުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދައިކުރަން،" އަސްލަމް ވިދާޅުވިއެވެ.

އެންމެ ފުރަތަމަ 19 ވަނަ މަޖިލީހުގެ ރައީސަކަށް ގެންނަން ނަޝީދު ބޭނުންފުޅުވީ އަސްލަމެވެ. އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ބޭނުންފުޅުވީ ހަސަން އަފީފް ގެންނާށެވެ. ފަހުން ދެބަސްވުން ބޮޑުވުމުން ނަޝީދު މަޖިލީހުގެ ރައީސް ކަމަށް ވެވަޑައިގަތީއެވެ.

މި ފަހަރު އަސްލަމް މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުވީ، ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ.

މަޖިލީހުގެ ރައީސްކަމުގައި ހުންނެވި ނަޝީދު މިއަދު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވުމުން ރައީސްކަމަށް މެންބަރަކު އިންތިޚާބު ކުރަން މިރޭ 10:00 އަށް ޖަލްސާއެއް އެޖެންޑާކުރިއެވެ.

އެ ޖަލްސާގައި އެމްޑީޕީގެ ފަރާތުން އެ މަގާމަށް ހުށަހެޅުއްވީ އަސްލަމްގެ ނަމެވެ. އަދި، މައިނޯރިޓީ ޕާޓީ ޑިމޮކްރެޓްސްއިން ވަނީ އެ ޕާޓީގެ ޕީޖީ ލީޑަރު އަލީ އާޒިމްގެ ނަން ވެސް ހުށަހަޅައިފައެވެ.

ދެ ބޭފުޅުންގެ ތެރެއިން ބޭފުޅަކު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބު ކުރަން މިރޭ ނެގި ސިއްރު ވޯޓުގައި 77 މެންބަރުން ބައިވެރިވިއެވެ. ވޯޓުގައި އާޒިމަށް ލިބިވަޑައިގަތީ 23 ވޯޓެވެ. އަސްލަމަށް 53 ވޯޓު ލިބިވަޑައިގަތެވެ.

comment ކޮމެންޓް