މަޖިލީހުގެ ރައީސަކަށް އަސްލަމް އިންތިޚާބުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް --

ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަދި މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް، މިރޭ އިންތިޚާބުކޮށްފިއެވެ.

މަޖިލީހުގެ ރައީސްކަމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އެހެންވެ، މަޖިލީހުން ވަނީ މަޖިލީހުގެ ރައީސްކަމަށް މެންބަރަކު އިންތިޚާބު ކުރަން މިރޭ 10:00 އަށް ޖަލްސާއެއް އެޖެންޑާކޮށްފައެވެ.

އެ ޖަލްސާގައި އެމްޑީޕީގެ ފަރާތުން އެ މަގާމަށް ހުށަހެޅުއްވީ އަސްލަމްގެ ނަމެވެ. އަދި، މައިނޯރިޓީ ޕާޓީ ޑިމޮކްރެޓްސްއިން ވަނީ އެ ޕާޓީގެ ޕީޖީ ލީޑަރު އަލީ އާޒިމްގެ ނަން ވެސް ހުށަހަޅައިފައެވެ.

ދެ ބޭފުޅުންގެ ތެރެއިން ބޭފުޅަކު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބު ކުރަން މިރޭ ނެގި ސިއްރު ވޯޓު ކާމިޔާބު ކުރެއްވީ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮތް އެމްޑީޕީގެ އަސްލަމެވެ.

އެ ވޯޓުގައި 77 މެންބަރުން ބައިވެރިވިއެވެ. ވޯޓުގައި އާޒިމަށް ލިބިވަޑައިގަތީ 23 ވޯޓެވެ. އަސްލަމަށް 53 ވޯޓު ލިބިވަޑައިގަތެވެ.

މަޖިލީހުގެ ރައީސްކަމުގައި ކުރިން ހުންނެވި ނަޝީދު މިއަދު އިސްތިއުފާ ދެއްވީ އެ މަނިކުފާނު ވަކިކުރުމުގެ ގަރާރު އެޖެންޑާކޮށް، ކުރިއަށް ގެންދަން ޖަލްސާއެއް ތާވަލުކޮށްފައި އޮއްވައެވެ. ގިނަ ދުވަސްތަކެއް ވަންދެން އެ މައްސަލަ ކުރިއަށް ނުގެންދެވި އޮވެފައި އެ މައްސަލަ ހިނގައިގަތީ އެމްޑީޕީން ސުޕްރީމް ކޯޓާ ހަމައަށް ދިއުމުންނެވެ.

ސުޕްރީމް ކޯޓުން ހުކުމް ކުރީ ނަޝީދުގެ މައްސަލަ ހުއްޓުވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.

ނަޝީދުގެ މައްސަލައިގެ ރިޔާސަތުގައި އިންނަވަން މަޖިލީހުގެ ނައިބު ރައީސް އަދި ނަޝީދުގެ ދެބެއިންގެ ދެދަރި ކޮއްކޯފުޅު އީވާ އަބްދުﷲ ގެންދެވީ ދެކޮޅު ހައްދަވަމުންނެވެ. ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ ސަލާމުގައި ވެސް ހުންނެވިއެވެ. އެހެންވެ، އީވާ ނޫން ބޭފުޅަކަށް އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ޑިމޮކްރެޓުން ދިޔައީ ބުނަމުންނެވެ.

އެކަމަކު، ސުޕްރީމް ކޯޓުގެ ހުކުމުން އެ މައްސަލަ ސާފުވެ، ނަޝީދުގެ މައްސަލަ ކުރިއަށް ގެންދެވޭ ގޮތްވުމުން، ނަޝީދު މިއަދު އިސްތިއުފާ ދެއްވީއެވެ.

އިސްތިއުފާއަށް ފަހު މަޖިލީހުން ވަނީ މިރޭ ޖަލްސާއެއް ބާއްވައި، އަސްލަމް މަޖިލީހުގެ ރައީސަކަށް އިންތިޚާބުކޮށްފައެވެ.

comment ކޮމެންޓް