ނަޝީދުގެ ދައުރެއް ހަމަނުކުރެވުނު ސިޔާސީ ހަޔާތް

އޭޕްރީލް 11، 2021: ލޯކަލް ކައުންސިލް އިންތިހާބު ނަތީޖާއާއި ގުޅިގެން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ނޫސްވެރިނަނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި ސިޔާސީ މައިދާނުގައި މުހައްމަދު ނަޝީދަކީ ކާމިޔާބު ބޭފުޅެކެވެ. އެންމެ ގަދަރުވެރި، އެންމެ މަތިވެރި މަގާމުތަކުން އިސްތިއުފާ ދެއްވެނީ ވެސް އެ މަގާމުތަކަށް ވަޑައިގެންނެވުނީމައެވެ. އެއީ، އެ މަނިކުފާނުގެ ވިސްނުންފުޅުގެ ތޫނު ކަމާއި ސިޔާސީ ގޮތުން ކޮންމެ ފަދަ ދުރު މިނަކަށް ވެސް ހިންގަވާން ކެރިވަޑައިގަތުމުގެ ނަތީޖާއެވެ.

ނަޝީދު އެންމެ ފުރަތަމަ އާންމުންގެ ތެރޭ މަޝްހޫރުވީ، ނޫސްވެރިއެއްގެ ގޮތުގައެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޒައާމަތުގައި އެ ސަރުކާރުގެ ނުކަސިޔާރު ހަމަތަކާ ދެކޮޅަށް ތެދުވެ، މަޑުމަޑުން ނަޝީދު ވެންނެވީ ސިޔާސީ މައިދާނަށެވެ.

މައުމޫންގެ ވެރިކަމާ ދެކޮޅަށް ލިޔުއްވި ލިޔުންތަކުން، ނަޝީދު އެތައް ދުވަހެއް ޖަލުގެ ތޭރިތަކުގެ ތެރޭގައި ހޭދަ ކުރެއްވިއެވެ.

ނޫސްވެރިކަމުގެ ތެރެއިން އުފަންކުރި ކާމިޔާބު ސިޔާސީ ހަޔާތުގެ ފެށުމަކީ އެ މަނިކުފާނު 1999 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާލޭގެ ގޮނޑިއެއް ކާމިޔާބު ކުރެއްވި ހިސާބެވެ. އެއީ، އެ މަނިކުފާނު ރަސްމީކޮށް ސިޔާސީ މައިދާނުގައި ފައި ހިތްޕާލި ހިސާބެވެ. ކާމިޔާބު އަދި ހިތްދަތި ތަޖުރިބާތަކެއް އެކުލެވިގެން ސިޔާސީ ހަޔާތުގެ ފެށުމޭ ބުނެވިދާނެއެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީ އުފައްދަން ފުރަތަމަ ހުށައެޅުއްވީ އެ މަނިކުފާނު މާލޭގެ މެންބަރަކަށް ހުންނަވައެވެ. އެކަމަކު، 42 މީހުންގެ ސޮޔާ އެކު އެމްޑީޕީ އުފެއްދުމަށް އޭރު ހުށަހެޅުއްވި ހުށަހެޅުން މަޖިލިހުގައި ނެގި ވޯޓުގައި ފާހެއްނުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭގެ ފަހުން ޖަލުގައި ހޭދަ ކުރެއްވި ދިގު މުއްދަތާއި ކުރެއްވި އެތައް ހިތްދަތިކަމެއްގެ ތެރެއިން އެމްޑީޕީ ރަސްމީކޮށް އުފަންކުރީ 2005 ވަނަ އަހަރު، އޭރު އުފެދުނު ސިޔާސީ އިންގިލާބުތަކުގެ ތެރެއިންނެވެ. ނަޝީދަށް ކުރިމަތިވީ އަނިޔާއާއި ވޭނުގެ ނަތީޖާއަކީ ރައްޔިތުން އެ މަނިކުފާނާއި އެމްޑީޕީއަށް އޮއްސައިލި 'ހިތާއި ހިތުގެ ގުޅުމެ'ވެ. ލޯތްބެވެ.

އެ ލޯބިން އެމްޑީޕީގައި ދާދި މިދާކަށް ދުވަހާ ޖެހެންދެން ރަސްކަން ކުރެއްވީ ނަޝީދެވެ. އެ ރަސްކަމުގެ ތެރެއިން 2008 ވަނަ އަހަރު ފުރަތަމަ ޑިމޮކްރެޓިކް އިންތިޚާބު ކާމިޔާބު ކުރައްވައިގެން ވެރިކަމަށް ވަޑައިގެންނެވި ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ޑިމޮކްރެޓިކް ރައީސުލްޖުމްހޫރިއްޔާއަކީ ނަޝީދެވެ. އިއްޔެ އިސްތިއުފާ ދެއްވަމުން ނަޝީދު ވިދާޅުވި ފަދައިން ގިނަ ދިވެހީން އެ މަނިކުފާނު ދަންނަނީ މަޖިލީހުގެ ރައީސްގެ ގޮތުގައެއް ނޫނެވެ. އެއީ، ކުރީގެ ރައީސެވެ. އެމްޑީޕީގެ ކުރީގެ ރައީސެވެ. ދިވެހީން އެ މަނިކުފާނު ދަތީ އެހެނެވެ.

މާލޭ މެންބަރުކަން ގެއްލުން

ނަޝީދުގެ އެންމެ ފުރަތަމަ ސިޔާސީ މަގާމު ކަމަށްވާ، 1999 ވަނަ އަހަރު ކާމިޔާބު ކުރެއްވި މަޖިލީހުގެ މާލޭ މެންބަރުކަމުގައި އެ މަނިކުފާނަށް ހުންނެވުނީ މަދު ދުވަސްކޮޅެއްގައެވެ. އެ ފަހަރު ވެސް ދައުރު ހަމަނުވަނީސް ގޮނޑި ގެއްލުނީއެވެ.

މާލޭ މެންބަރުކަމުގައި ހުންނަވަނިކޮށް ވެލާނާއިން ގެއިން ވައްކަން ކޮށްގެން ކަމަށް ބުނެ، ޖަލަށްލާން ހުކުމް ކުރިއެވެ. އަށެއް ނޮވެމްބަރު 2001 ގައި ސަރުކާރުގެ މުދަލުން ވައްކަން ކުރުމުގެ ކުށް ސާބިތުވެ، ނަޝީދުގެ ގޮނޑި ގެއްލުނީއެވެ.

އެކަމަކު، ނަޝީދުގެ މެންބަރުކަން ގެއްލުނު ހިސާބަކީ ނަޝީދުގެ ސިޔާސީ ހަޔާތުގެ އަލި ފަނޑުވި ހިސާބެއް ނޫނެވެ. އެއީ، އަދި ހަމަ ފެށުމެކެވެ.

ވެރިކަމުން އިސްތިއުފާ ދެއްވުން

މައުމޫން ޒަމާނު ނަޝީދަށް ކުރިމަތިކުރުވި އެތައް އަނިޔާއެއްގެ ފޮނި މީރު ކަމަކީ އެމްޑީޕީގެ ރަސްކަން އެތައް އަހަރަކު ކުރެއްވުމެވެ. އެމްޑީޕީގައި ނަޝީދަށް އޮތް ލޯބީގެ ތެރެއިން ރާއްޖޭގައި ބޭއްވި އެންމެ ފުރަތަމަ ޑިމޮކްރެޓިކް އިންތިޚާބުގައި 2008 ވަނަ އަހަރު ނަޝީދު ވާދަކުރެއްވީ ނުހަނު ލޯބިންނެވެ.

އެ ފަހަރުގެ ފުރަތަމަ ބުރުގައި ނަޝީދަށް މައުމޫން ބަލި ނުކުރެވުނު ނަމަވެސް ދެވަނަ ބުރުގައި މުޅި ގައުމު އެއްކޮށް އެރީ އެ މަނިކުފާނުގެ ފަހަތްޕުޅަށެވެ. ޖުމްހޫރީ ޕާޓީއާއި އަދާލަތާ އެކު އިއްތިހާދުވެގެން އުފެދުނު ނަޝީދުގެ ސަރުކާރު ވެގެންދިޔައީ ރާއްޖޭގައި އަލަށް އުފެދުނު ޑިމޮކްރެޓިކް ސަރުކާރަށެވެ. ކުރިން އޮތް އިހުގެ ވިރާސީ ނިޒާމު ބަދަލުކޮށްލުމުގެ އެންމެ އިސް މޭސްތެރިއަކަށް ވެލެއްވީ އެ މަނިކުފާނެވެ.

ރައީސް ނަޝީދު ވެރިކަމުގައި ހުންނެވިއިރުގެ ފޮޓޯއެއް --

އެކަމަކު، ވެރިކަމަށް ވަޑައިންނެވި ގޮތް ހަނދާން ނައްތައިލާ، ކޯލިޝަން ރޫޅައިލީ އެންމެ 21 ދުވަސް ތެރޭގައެވެ. އެއީ، ނަޝީދުގެ ވެރިިކަން އެ މަނިކުފާނުގެ ސިޔާސީ ހަޔާތުގެ އަލަތު އިސްތިއުފާއިން ނިމުމުގެ ފެށުމެވެ.

ހަތެއް ފެބްރުއަރީ 2012 އަކީ ކޯލިޝަން ރޫޅިގެން ދެން އުފެދުނު ސިޔާސީ ގަޑުބަޑުގެ ތެރެއިން ނަޝީދު ހެއްދެވި އެތައް ގޯހެއްގެ ނަތީޖާއެވެ. އަބްދުﷲ ގާޒީ ހައްޔަރު ކުރުމާއި ދިވެހީންގެ އެއާޕޯޓު އިންޑިއާ ކުންފުންޏަކަށް ދިނުމާއި ސިޔާސީ އެތައް ގޯހެއް ތަކުރާރުކޮށް ހެއްދެވިއެވެ. އެ ސަރުކާރާ މެދު އެ ސަރުކާރު ގެންނަން ބުރަ މަސައްކަތް ކުރި މީހުން ނުރުހުންވެ، ނަފުރަތުގެ ހުޅުކޮޅު ރޯވާން ފެށިއެވެ.

ސިލްސިލާކޮށް ހިންގަމުން ގެންދިޔަ ސިޔާސީ އެއްވުންތައް ފަޅައިގެން ދިޔައީ ހަތެއް ފެބްރުއަރީ 2012 ގައެވެ. އާންމުން އެއްވެ ހިންގަމުން ދިޔަ މުޒާހަރާއަށް ފުލުހުންނާއި ސިފައިންގެ ބައެއް ވެސް ގުޅި އެއްބާރުލުން ދޭން ފެށި ހިސާބުން ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވީއެވެ. އެއީ، ނަޝީދު ކާމިޔާބު އަދި ހިތްދަތި ސިޔާސީ ހަޔާތުގެ އަލަތު އިސްތިއުފާއެވެ.

ރަސްކަން ކުރި އެމްޑީޕީން ވެސް އިސްތިއުފާ

ދިވެހީން ނަޝީދު ދަތީ އެމްޑީޕީގެ ލީޑަރުގެ ގޮތުގައެވެ. އެ މީހުންގެ ހިތުގައި އަންނިއާ މެދު އޮތީ އާދައިގެ ލޯތްބެއް ނޫނެވެ. 'ހިތާއި ހިތުގެ ގުޅުމެ'ކެވެ.

ދެ ދަރިކަނބަލުން އުފަންވީރު ވެސް ނަޝީދު އޮންނެވީ ޖަލުގައެވެ. މައުމޫން އިރު، އެ ތަހަންމަލު ކުރި އަނިޔާގެ ފޮނި މީރުކަމަކީ އެމްޑީޕީއެވެ. އެ ޕާޓީގައި 2005 ވަނަ އަހަރުން ފެށިގެން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ މި ވެރިކަން ފެށެންދެން ރަސްކަން ކުރައްވަމުން ގެންދެވީ ނަޝީދެވެ. އެ މަނިކުފާނާ ޗެލެންޖުކޮށްލި ކޮންމެ މީހަކަށް ކުރިމަތިވީ އެއް މަގެކެވެ.

ރައީސް މުޙައްމަދު ނަޝީދު --

އެމްޑީޕީގައި ނަޝީދު ހޯދާފައި އޮތް ލޯތްބަށް ބަދަލު އަންނަން ފެށީ 2018 ވަނަ އަހަރުގެ ނޮވެމްބަރު 17 ގައި ރައީސް ޞާލިޙް ވެރިކަމާ ހަވާލުވެލެއްވި ހިސާބުންނެވެ. ނަޝީދަށް ހިތަކަށް ލިބިފައި އޮތް އެމްޑީޕީ ބަދަލުވީ ރައީސް ޞާލިޙްގެ ބާރު ހިނގާ ޕާޓީއަކަށެވެ.

އެ ފޯރީގައި ކުޑައިރުގެ ދެ އެކުވެރިން ފުރަތަމަ ސީދަލަށް ދެކޮޅަށް ނުކުންނެވީ އެ ޕާޓީގެ ޗެއާޕާސަންކަމުގެ އިންތިޚާބުގައި ދެ ބޭފުޅުންގެ އަރިސް ދެ ބޭފުޅުން ނެރުއްވައިގެންނެވެ. އެ ފަހަރު ޗެއާޕާސަންގެ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި ރައީސް ޞާލިޙް ލޮބީ ކުރެއްވި ކެންޑިޑޭޓު އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ.

ފަހުން ސީދާ ޕްރައިމަރީގައި ރައީސާ ދެކޮޅަށް ނުކުންނެވުމުން ވެސް ނާކާމިޔާބުވީއެވެ. ބަލި ގަބޫލުނުކުރައްވާ ޕާޓީ ލިބޭތޯ ލައްކަ ގޯސް ހެއްދެވިއެވެ.

އެއަށް ފަހު އެކިއެކި ގޮތްގޮތަށް ރައީސަށް އިންޒާރުކޮށް، ބަރުލަމާނީ ނިޒާމެއް ގެންނަން މަރުފަލި ޖައްސަވާފައި އެންމެ ފަހުން އަލުން އެމްޑީޕީ ނުލިބޭނެކަން ޔަގީންވުމުން އެމްޑީޕީގެ ރައީސްކަމުގައި ހުންނަވާފައި އަމިއްލަފުޅަށް އިސްތިއުފާ ދެއްވީއެވެ. އެއީ، އެ މަނިކުފާނުގެ ދެވަނަ އިސްތިއުފާއެވެ.

މަޖިލީސް ރައީސްކަމުން ވެސް އިސްތިއުފާ

އެމްޑީޕީގެ ރައީސްކަމުގައި ހުންނެވި ނަޝީދު މަޖިލީހުގެ ރައީސްކަމަށް ވަޑައިގަތީ ވެސް ސިޔާސީ 'ކަންތައްގަނޑެއް' ހިންގައިލައިފައެވެ.

ޕާޓީން ދެ ބޭފުޅެއްގެ ނަން ހުށަހަޅާފައި މުޅި ޕީޖީ ބައްދަލުވުން ހޫނުކޮށް ކައްކައިލިއެވެ. އެއަށް ފަހު، މުޅި އެ މަޖިލީސް ހިނިތުމުން ފުރައިލީ ނަޝީދު އެ މަގާމަށް ދުރުވާނެކަން އިއުލާނު ކުރެއްވުމުންނެވެ. އޭރު މުޅި އެމްޑީޕީން އޮތީ ނަޝީދުގެ ފަހަތްޕުޅުގައެވެ.

އެކަމަކު، އޭގެ ފަހުން އެމްޑީޕީގެ އޮޑިން ފުންމައިލާ އަލަށް ޑިމޮކްރެޓްސް ކިޔާ ސިޔާސީ ޕާޓީއެއް ހައްދަވައިގެން ސިޔާސީ ހަރަކާތް ހިންގަވަން ފެއްޓެވުމުން އެމްޑީޕީން ނުކުތީ ނަޝީދު މަގާމުން ދުރު ކުރާށެވެ. ފުރަތަމަ 56 މެންބަރުންގެ ސޮޔާ އެކު ހުށަހެޅި ނަޝީދުގެ މައްސަލަ ހުއްޓުވައިލީ މަޖިލީސް ގަވާއިދުގެ މާއްދާތަކެއް ނަންގަވައިގެންނެވެ.

https://sun.mv/183852

އޭރު ކަންދިމާ ކުރި ގޮތުން ކުރިމަތިވި ރިޔާސީ އިންތިޚާބުގެ އޮއެވަރާ ހެދި އެމްޑީޕީއަށް ނަޝީދު މުހިއްމުވެ، އެ މަނިކުފާނުގެ އިތުބާރުގެ މައްސަލަ އަނބުރާ ނެގިއެވެ. އެކަމަކު، ނަޝީދު ދޫ ނުދެއްވުމުން އަލުން އެމްޑީޕީން އަނެއްކާ އެ މަނިކުފާނު ވަކިކުރަން ހުށަހެޅިއެވެ.

ދެވަނަ ފަހަރަށް ހުށަހެޅި މައްސަލަ ވެސް ގަވާއިދުގައި ނެތް ހާލަތެއް އުފަންކޮށްފައި ހުއްޓުވައިލީއެވެ. އެކަމަކު، ސުޕްރީމް ކޯޓާ ހަމައިން އެ މައްސަލައަށް ފަރުވާ ލިބި މަޖިލީސް ހިނގައިގަނެ، އިތުރު ގޮތެއް ނެތި ކޮޅުމަތި ބެދުމުން ނަޝީދު އަނެއްކާ ވެސް އަމިއްލަފުޅަށް އިސްތިއުފާ ދެއްވީއެވެ. އެއީ، އެ މަނިކުފާނުގެ ކާމިޔާބު ސިޔާސީ ހަޔާތުގެ ތިންވަނަ އިސްތިއުފާއެވެ.

comment ކޮމެންޓް