ފަރި މި ކުރަނީ ތިންވަނަ އިސްތިއުފާ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު: އެ މަނިކުފާނު ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުންނާއި އެމްޑީޕީގެ ރައީސްކަމުން ވެސް އިސްތިއުފާ ދެއްވާފައި -- ސަން ގްރެފިކްސް/ އިބްރާހިމް ފަހީމް

ރާއްޖޭގައި ސިޔާސީ ގޮތުން އެންމެ ތަފާތުކޮށް ވިސްނަވާ އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ބިޔަ ބޮޑު އެމްޑީޕީގެ ފޮނި ކާމިޔާބީގައި ނަޝީދުގެ ދުރު ވިސްނުންފުޅާއި ސިޔާސީ ތޫނުފިލިކަން ހިއްސާނުވެޔޭ ބުނުން ވާނީ ބޭއިންސާފަކަށެވެ.

އެ މަނިކުފާނަކީ މި ފަހުގެ ތާރީޚެއްގައި ރާއްޖެ ދުށް އެންމެ ސިޔާސީ ގޮތުން ތޫނުފިލި އެއް ޝަހްސިއްޔަތޭ ބުނުމަކީ ދޮގެއް ނޫނެވެ. އެކަމަކު، މިހާރު މަޖިލީހުގައި ހިނގާ ކަންކަމާއި ސިޔާސީ ގޮތުން އެ މަނިކުފާނުގެ މިސްރާބު އެ ހުރީ މުޅީން އެހެން ގޮތަކަށެވެ. ކަނޑައެޅިގެން ސާފުކޮށް، އިތުބާރު ނެތަސް މަސައްކަތް ކުރައްވާތީ ފެންނަނީ މަގާމުގައި ބަގުޑި ބައްދާށެވެ.

ސިޔާސީ ގޮތުން ކުރިއަށް ވަޑައިގަތުމަށް ނަޝީދު އަބަދު ވެސް ފަހަތަށް ޖެހިވަޑައިގަންނަވައެވެ. ބަލިވާނެކަން އެނގޭ ހަނގުރާމައެއް އެ މަނިކުފާނު ނުކުރައްވައެވެ. ފަހަތަށް ޖެހިވަޑައިގަންވައި، ސިޔާސީ އޮއެވަރު އަނބުރާލަން މަސައްކަތް ކުރައްވަނީއެވެ.

އެ މަނިކުފާނުގެ ވެރިކަން ވެއްޓި، އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގައި ދައުވާ ކުރުމުން ވެސް ފަހަތަށް ޖެހިވަޑައިގެން ހައިޖާނެއް އުފެއްދެވީއެވެ. ދައުވާ ކުރުމުން، އިންޑިއާ ހައިކޮމިޝަނަށް ވަޑައިގަތުމުން ދެ ގައުމުގެ ޚާރިޖީ ގުޅުން ދުވަހަކު ގޯސްނުވާ މިންވަރަށް ގޯސްވިއެވެ. އެކަމަކު، ސިޔާސީ މަގުސަދުގައި އެ މަނިކުފާނު އެ ކަން ވެސް ކުރެއްވިއެވެ.

އޭގެ ފަހަށް ބަލާނަމަ، އެމްޑީޕީން އެންމެ ފަހުން ބޭއްވި ކޮންގްރެސްގައި ނަޝީދު ގެންދެވީ އެކިއެކި ގޮތްގޮތުން އެކިއެކި ބަސްފުޅުތަކުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް އިންޒާރު ކުރައްވަމުންނެވެ. ބަރުލަމާނީ ނިޒާމެއް ގެންނަން އެ މަނިކުފާނު ހުށަހެޅުއްވި ގަރާރަށް ތާއީދު ހޯދަން ނަޝީދު އެކި ގޮތްގޮތުން މަސައްކަތް ކުރައްވައި، ހައިޖާންތައް އުފެއްދެވުމަށް ފަހު، އެ ހަނގުރާމައިން ކާމިޔާބު ނުވާނެކަން ސާފުވުމުން ފަހަތަށް ޖެހިވަޑައިގަތީއެވެ. ގަރާރު ވެސް ނެންގެވީއެވެ.

މާޒީ ކުރަހައިދޭ މަންޒަރު

ރާއްޖޭގައި ބޭއްވި އެންމެ ފުރަތަމަ ޑިމޮކްރަޓިކް ރިޔާސީ އިންތިޚާބު 2008 ވަނަ އަހަރު ކާމިޔާބު ކުރެއްވީ ނަޝީދެވެ. އޭރު އުފެދުނު އެމްޑީޕީގެ ފުރަތަމަ ސަރުކާރު ދެމިއޮތީ ތިން އަހަރާ ބަޔަށެވެ.

ނަޝީދު ކުރައްވަމުން ގެންދެވި އެކިއެކި ކަންކަމާ ހިތްހަމަނުޖެހުންތައް ބޮޑުވެ، ހާއްސަކޮށް އެ މަނިކުފާނު ވެރިކަމަށް ގެންނަން ކޯލިޝަން ހެއްދެވި ލީޑަރުންގެ މެދުގައި ނުތަނަވަސްކަން ބޮޑުވެ، ހަމަނުޖެހުންތައް ބޮޑުވީއެވެ. އެ ފަހަރުގެ ހަމަނުޖެހުންތަކުގެ ތެރެއިން 2012 ވަނަ އަހަރުގެ ފެބްރުއަރީ ހަތެއްގައި ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވީއެވެ. އެއީ، އެ މަނިކުފާނުގެ ސިޔާސީ ހަޔާތުގެ އަލަތު އިސްތިއުފާއެވެ.

https://sun.mv/183830

އޭގެ ފަހުން، އެ މަނިކުފާނުގެ އެންމެ ބޮޑު ސިޔާސީ ބުރަދަނަކަށްވީ އެމްޑީޕީ އަތުން ބީވެދާނެހެން ހީވެ، ރައީސް ޞާލިޙާ ދެ ބޭފުޅުންގެ މެދުގައި އުފެދުނު އަރައިރުން ހައްލުނުވެ، ނަޝީދު އަމިއްލަފުޅަށް އެމްޑީޕީގެ ރައީސްކަމުން ވަކިވީއެވެ.

ހިޔާލުތަފާތުވުންތައް ބޭނުން ކުރައްވައިގެން ނަޝީދު ގެންދެވީ އެކިއެކި ގޮތްގޮތުން އެމްޑީޕީއާ ސަރުކާރަށް ޖެއްސުން ކުރައްވަމުންނެވެ. އެ މަނިކުފާނަށް ވަފާތެރި މެންބަރުން ލައްވައި، އިސްތިއުފާގެ ސިޓީކޮޅުތައް ލިޔުއްވާފައި ދަ ޑިމޮކްރެޓްސް އުފެއްދީ ވެސް ސީދާ އެ މަނިކުފާނުގެ އިރުޝާދުގެ ދަށުންނެވެ. އެ މިންވަރަށް ހައިޖާން އުފެއްދެވި ނަމަވެސް ނަޝީދު ޕާޓީގެ ރައީސްކަމުން ވަކިކުރަން ރައީސް ޞާލިޙް ބޭނުންފުޅެއް ނުވިއެވެ. އެހެންވެ، އެންމެ ފަހުން ނަޝީދު އަމިއްލަފުޅަށް އެ މަގާމުން އިސްތިއުފާ ދެއްވީއެވެ. އެއީ، އެ މަނިކުފާނުގެ ދެވަނަ އިސްތިއުފާއެވެ.

މިހާރު އެ މަނިކުފާނަކީ މަޖިލީހުގެ ރައީސެވެ. އެކަމަކު، އެއީ އެމްޑީޕީގެ ރައީސް ކަމުގައި ހުންނެވުމުން އޭރު ލިބިވަޑައިގެން މަގާމެކެވެ. އެހެންވެ، އެމްޑީޕީން އިސްތިއުފާ ދެއްވި ހިސާބުން އެ ޕާޓީގެ އިތުބާރު ނަޝީދަށް ގެއްލި ނިމިއްޖެއެވެ.

އެ އަރައިރުމުގައި ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 56 މެންބަރުންގެ ސޮޔާ އެކު ފުރަތަމަ ހުށަހެޅީ މީގެ ފަސް މަސް ކުރީންނެވެ. އެކަމަކު، އެ ފަހަރު މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲއާ ދެ ބޭފުޅުންގެ އިތުބާރުގެ މައްސަލަ އެއް ފަހަރައި ވެއްދުމުން ކަމަށް ވިދާޅުވި މަޖިލީސް ހުއްޓުވައިލީއެވެ.

https://sun.mv/183694

އެއަށް ފަހު، ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ނަޝީދުގެ ޑިމޮކްރެޓްސްއަށް ލިބުނު ހަތް އިންސައްތަ ވޯޓު މުހިއްމު ވެގެން އެ މައްސަލަ އަނބުރާ ގެންދިއައީއެވެ. އެކަމަކު، އިންތިޚާބަށް ފަހު އަނެއްކާ ވެސް އެމްޑީޕީން ނަޝީދު ވަކިކުރަން އަލުން ހުށަހެޅިއެވެ.

ނަޝީދު ވަކިކުރަން ދެވަނަ ފަހަރަށް ހުށަހެޅިއިރު، އެ މައްސަލަ އެންމެ ފުރަތަމަ އެޖެންޑާ ކުރީ އިއްޔެއަށެވެ. އެކަމަކު، ކޮއްކޯފުޅު އީވާ އާލާސްކަންފުޅާ އުޅުއްވާތީ އެ ޖަލްސާ ނުބޭއްވުނެވެ. އެންމެ ފަހުން، އަނެއްކައި މިއަދަށް ވެސް އެޖެންޑާ ކުރީއެވެ. އެކަމަކު، އީވާ އާލާސްކަންފުޅާ އުޅުއްވާތީ، މިއަދު ވެސް އެ ޖަލްސާއެއް ނުބޭއްވުނެވެ.

އެމްޑީޕީން މިހާރު އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ. އެ ޕާޓީން އެދުނީ، ނަޝީދު ވަކިކުރުމާ މެދު ގޮތެއް ނުނިންމާ މަޖިލީހުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ. އެ ހުށަހެޅުމާ އެއްގޮތަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި ނަމަ، ނަޝީދު ވަކިކުރުމުގެ ގަރާރާ މެދު ގޮތެއް ނުނިންމާ އިންތިޚާބީ ރައީސް ހުވާ ކުރެއްވުމުގެ ކަންކަން ވެސް ކުރިއަކަށް ނުގެންދެވޭނެއެވެ.

ޑިމޮކްރެޓްސްއިން ބޭނުން ވަނީ އެގޮތެވެ. އެ ޕާޓީގެ ޕީޖީ ލީޑަރު އަލީ އާޒިމް މީގެ ކުރިން ވިދާޅުވީ، ނަޝީދުގެ މައްސަލަ ކުރިއަށް ގެންދިޔަ ނުދޭނެ ކަމަށެވެ. ވަރަށް ސާފުކޮށް ވިދާޅުވީ، ކޮންމެ ގޮތެއް ހައްދަވައިގެން ނަމަވެސް އެ މައްސަލަ ހުއްޓުވައިލާނެ ކަމަށެވެ. އެކަމަކު، އެ މައްސަލައާ އެކު މުޅި މަޖިލީސް ހުއްޓޭނެއެވެ. އެއީ، މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ރިޔާސަތުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައި އޮއްވައި، އިތުރު މަސައްކަތެއް ކުރެވޭނީ އެ ގަރާރާ މެދު ގޮތެއް ކަނޑައެޅުމަށް ފަހުގައެވެ.

އެހެންވެ، އެހާ ހިސާބުން އާ ސަރުކާރު އުފަންކުރަން، މަރުތަޅަށް ހައްލެއް ހޯދަން މަޖުބޫރު ވާނެއެވެ.

ފަރިކުރަނީ އިސްތިއުފާއަށް؟

މަޖިލީހުގެ މެޖޯރިޓީ މެންބަރުންނަށް ނަޝީދާ މެދު އިތުބާރު ނެތީ ކިތަންމެ ދުވަހެކެވެ. އެމްޑީޕީން ނަޝީދު ވަކިކުރަން މަސައްކަތް ކުރަނީ ވެސް ކިތަންމެ ދުވަހެކެވެ. އެހާ ސާފުކޮށް، އިތުބާރާއި ތާއީދު ނެތި މަޖިލީހުގެ ރިޔާސަތުގައި ނީންދެވޭނެކަން އެންމެ ސާފުކޮށް އެނގިވަޑައިގަންނަވާނީ ނަޝީދަށެވެ. އަދި، އެ ވަރުގެ މަޖޯރިޓީއަކުން ވަކިކުރަން ހުށަހެޅީމާ ދެން މަގާމުގައި ނީންދެވޭނެކަން ވެސް އެންމެ ރީއްޗަށް ސާފުވެލައްވާނީ އެ މަނިކުފާނަށެވެ.

އެކަމަކު، އެ މައްސަލަ ފުރަތަމަ ހުށަހެޅުމުން ވެސް މަޖިލީސް ހުއްޓުވައިލީއެވެ. އަދި، މިހާރު އަނެއްކާ ވެސް މިސްރާބު އެ ހުރީ މަރުތަޅަކަށެވެ.

އޭޕްރީލް 11، 2021: ލޯކަލް ކައުންސިލް އިންތިހާބު ނަތީޖާއާއި ގުޅިގެން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ނޫސްވެރިނަނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިޔާސީ މަޝްރަހު ދިރާސާ ކުރައްވާ ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި، މި ވަގުތު މަޖިލީސް ހުއްޓުވައިލާ ވޯޓާ ހަމައަށް ނުދިއުމުގެ ފަހަތުގައި އޮތީ ނަޝީދުގެ ސިޔާސީ މަގުސަދެވެ. އެމްޑީޕީ މެންބަރުންގެ އިތުބާރު ނެތި، މަގާމުގައި ނުހުންނެވޭނެކަން ސާފުވާނެއެވެ. އެހެންވެ، މިހާރު ކުޅުއްވާ ޑްރާމާއަކީ އިތުބާރު ނެތިގެން ވަކިކުރުމުގެ ލަދުން ސަލާމަތްވާން ކުޅުއްވާ ޑްރާމާއެއް ކަމަށް ވެދާނެއެވެ.

"މުޅި މަޖިލީސް ހުއްޓުވާލާފައި، އާ ސަރުކާރާއި ހުވާ ކުރުމާ ޖެހުނީމާ ދެން އިސްތިއުފާ ދެއްވީމާ މުޅި އެތި އެނބުރުނީ. އޭރަށް ނަޝީދު ވާނީ ހީރޯއަކަށް. އިތުބާރު ނެތިގެން ވަކިކުރި ކަމުގެ ލަދުން ސަލާމަތްވީ،" މަޝްރަހު ދިރާސާ ކުރައްވާ ބޭފުޅަކު ވިދާޅުވިއެވެ.

މިސްރާބު ހުރި ގޮތަށް ބަލާއިރު، އެއީ ވެދާނެ ކަމެކެވެ. މިހާރު އެ ފަރިކުރަނީ ނަޝީދުގެ ސިޔާސީ ހަޔާތުގެ ތިންވަނަ އިސްތިއުފާއަށް ކަމަށް ވުން ގާތެވެ.

comment ކޮމެންޓް