ސިއްހަތު ތަން ނުދޭތީ، މާދަމާ ބަޖެޓު ހުށަހަޅަން ނުދެވޭނެކަމަށް އަމީރު އަންގައިފި

ނޮވެމްބަރ 17، 2020: މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދާ އާ ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހާޒިރުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިއްހަތު ތަން ނުދޭތީ، މާދަމާ ހެނދުނަށް ތާވަލުކޮށްފައި އޮތް ބަޖެޓު ހުށަހެޅުމުގެ ޖަލްސާއަށް ހާޒިރުނުވެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަންގައިފިއެވެ.

މާދަމައަށް އޮތީ މަޖިލީހުގެ ދެ ޖަލްސާއެއް ތާވަލުކޮށްފައެވެ. ހެނދުނަށް އޮތީ، ސަޕްލިމަންޓްރީ ބަޖެޓާއި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުމެވެ.

އަމީރު ސޮއިކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި ވަނީ، ސިއްހީ ހާލަތު ތަން ނުދިނުމުގެ ސަބަބުން މާދަމާ 9:00 ގައި އޮންނަ ބަޖެޓު ހުށަހެޅުމުގެ ޖަލްސާއަށް ހާޒިރުނުވެވޭނެ ކަމަށެވެ. އަމީރު ވަނީ އެކަން "ސަން"އަށް ކަށަވަރު ކޮށްދެއްވައިފައެވެ.

މާދަމައަށް ބަޖެޓުގެ ކަންކަން ތާވަލުކުރީ ނަޝީދުގެ އެދިލެއްވުމަކަށެވެ.

ކުރިން ވެސް ބަޖެޓު ހުށަހަޅަން ޖަލްސާއަކަށް އެޖެންޑާ ކުރިއެވެ. އެކަމަކު، އެ ދުވަހު ބަންޑާރަނައިބުގެ ލަފާފުޅުގެ މަތިން، ނަޝީދުގެ މައްސަލަ ކޮޅެއްގައި ނުޖެހޭތީ އަމީރު ނިންމެވީ މަޖިލީހަށް ނުދާށެވެ.

މާލިއްޔަތު ގާނޫނު ބުނާ ގޮތުން ކޮންމެ އަހަރެއްގެ ނޮވެމްބަރު އެކެއްގެ ކުރިން ފިނޭންސް މިނިސްޓަރު އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅަން ޖެހޭނެއެވެ.

މާދަމާ 11:00 އަށް ވެސް މަޖިލީހުގެ ޖަލްސާއެއް ތާވަލުކޮށްފައި އޮތްއިރު، އެ ޖަލްސާގައި އޮތީ އެމްޑީޕީން ހުށަހަޅާފައި އޮތް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެވެ.

އެ މައްސަލަ މިއަދު ވެސް އެޖެންޑާ ކުރިއެވެ. އެކަމަކު، މިއަދު ހެނދުނު ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވަނީ އެމްޑީޕީން ހުށަހަޅާފައިވާ ނަޝީދު ވަކިކުރުމުގެ ގަރާރުގައި ބައެއް ކަންކަން ފުރިހަމަނުވާ ކަމަށް ކަނޑައަޅައި ގަރާރު ބޭރުކޮށްލައިފައެވެ. އަދި، އެ ގަރާރު އަލުން ހުށަހަޅަން ވެސް އޭނާ އެދުނެވެ.

އެކަމަކު، އެ ގަރާރު ބޭރުކޮށްލީ ގަވާއިދާ ހިލާފަށް ކަމަށް އަމީންއާންމު ނިންމަވައި، 11:30 އަށް އިތުރު ޖަލްސާއެއް ތާވަލު ކުރިއެވެ.

އެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲއެވެ. އޭނާ ވަނީ ހެނދުނުގެ ޖަލްސާގައި އެ ގަރާރު ބޭރުކޮށްލާފައިވާ ކަމަށް ވިދާޅުވެ، އެ ޖަލްސާ ނިންމަވައިލައްވައިފައެވެ.

އެހެންވެ، އެމްޑީޕީ މެންބަރުން ވަނީ މަޖިލީހުގެ އިމްތިޔާޒާ ބެހޭ ކޮމިޓީ ބާއްވައި, އީވާއާއި އަފީފް މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ކަނޑައަޅައިފައެވެ. އަދި، މާދަމާ އޮންނަ ޖަލްސާގެ ރިޔާސަތު ނަޝީދު ނިސްބަތްވާ ޑިމޮކްރެޓްސްގެ މެންބަރަކަށް ނުބެލެހެއްޓޭނެ ކަމަށް ލަފާ ދޭން ވެސް އެ ކޮމިޓީގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

ނަޝީދުގެ މައްސަލަ ގިނަ ދުވަސްތަކެއް ވަންދެން އީވާ ސަލާމުގައި ހުންނެވުމުގެ ސަބަބުން ކުރިއަށް ނުގެންދެވިގެން އެމްޑީޕީން ސުޕްރީމް ކޯޓަށް ވެސް ދިޔައެވެ.

އެ ކޯޓުން ހުކުމް ކުރީ، މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ހާލަތެއް ނެތް ކަމަށެވެ. އެހެންވެ، މިއަދަށް އެ މައްސަލަ ތާވަލު ކުރި ނަމަވެސް މިއަދު ވެސް ގަރާރު ގަވާއިދާ ހިލާފަށް ބޭރުކޮށްލުމުގެ ސަބަބުން ކުރިއަކަށް ނުގެންދެވުނެވެ.

comment ކޮމެންޓް