ރިޔާސަތުން ބޭރުކޮށްލިޔަސް، ނަޝީދުގެ މައްސަލަ މާދަމައަށް އެޖެންޑާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދު ރިޔާސަތުން ބޭރުކޮށްލި ނަމަވެސް، މާދަމާގެ ޖަލްސާއަށް ވެސް އެ ގަރާރު އެޖެންޑާކޮށްފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ނިސްބަތްވާ ޑިމޮކްރެޓުން ވަނީ އެމްޑީޕީން ހުށަހަޅާފައި އޮތް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ގަރާރަކަށް ނުވާ ކަމަށް ބުނެ ބޭރުކޮށްލައިފައެވެ. މިއަދު ދެ ޖަލްސާ ބޭއްވިއިރު ހެނދުނުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ.

ޑިމޮކްރެޓުންގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވަނީ ނިޒާމީ ނުކުތާ ނަންގަވައި ނަޝީދު ވަކިކުރަން ހުށަހަޅާފައިވަނީ މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތަށް ނޫން ކަމަށް ވިދާޅުވެފައެވެ. އެހެންވެ، ރިޔާސަތުގައި އިންނެވި ޑިމޮކްރެޓުންގެ މެންބަރު އަފީފު ވަނީ އެ ގަރާރު ބޭރުކޮށްލައިފައެވެ. އަދި، އެ ގަރާރު އަލުން ހުށަހަޅަން އެންގިއެވެ.

އެކަމަކު، އަފީފުގެ ނިންމުން މަޖިލީހުގެ އަމީންއާންމު ގަބޫލެއް ނުކުރައްވައެވެ. އެހެންވެ، 11:30 އަށް ވެސް މަޖިލީހުގެ ޖަލްސާއެއް އެޖެންޑާކޮށް، ނަޝީދުގެ މައްސަލަ އެޖެންޑާ ކުރިއެވެ.

އެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲއެވެ. އެ ކަމަނާ އަކީ ނަޝީދުގެ ދެބެއިންގެ ދެދަރި ކޮއްކޯފުޅެވެ. އީވާ ވެސް ވަނީ ހެނދުނުގެ ޖަލްސާގައި ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރު ބޭރުކޮށްލާފައިވާ ކަމަށް ބުނެ، ޖަލްސާ ނިންމަވައިލައްވައިފައެވެ.

މަޖިލީހުގެ އިދާރާއިން ވަނީ މާދަމާގެ 11:00 އަށް ޖަލްސާއެއް ތާވަލުކޮށް، ނަޝީދު ވަކިކުރުމުގެ މައްސަލަ އެޖެންޑާ ކޮށްފައެވެ. އިތުރު ކަމެއް އެ ޖަލްސާއަށް އެޖެންޑާކޮށްފައެއް ނުވެއެވެ.

އެކަމަކު، މާދަމާ ހެނދުނު 9:00 ގައި އޮތް ޖަލްސާއަށް އޮތީ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުމާއި ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުން އެޖެންޑާކޮށްފައެވެ.

މަޖިލީހުގެ އިމްތިޔާޒާއި ބެހޭ ކޮމިޓީން ވަނީ މިއަދު ނަޝީދުގެ މައްސަލަ ބޭރުކޮށްލައި، އީވާއާއި އަފީފް މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ނިންމައިފައެވެ. އަދި، ނަޝީދުގެ މައްސަލައިގައި ޑިމޮކްރެޓުންގެ މެންބަރުންގެ މަސްލަހަތު ހިމެނޭތީ، އެ މައްސަލައިގެ ރިޔާސަތު އެ ޕާޓީގެ މެންބަރުންނަށް ނުބެލެހެއްޓޭ ގޮތަށް ލަފާ ދޭން ވެސް ކޮމިޓީގެ އިއްތިފާގުން މިއަދު ވަނީ ފާސްކޮށްފައެވެ.

މާދަމާގެ ޖަލްސާއަށް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކޮށްފައިވާއިރު، އެ މައްސަލަ ބޭރުކޮށްލި ކަމަށް ނިންމައި މާދަމައަށް ބަޖެޓުގެ މަސައްކަތް އެޖެންޑާކޮށްދޭން އެދި ނަޝީދު ވަނީ އަމީންއާމަށް ސިޓީފުޅެއް ފޮނުއްވައިފައެވެ.

އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވައި ހުށަހެޅި ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އީވާ ސަލާން ވިދާޅާތީ ހުއްޓިފައި އޮތުމުން އެމްޑީޕީން ސުޕްރީމް ކޯޓަށް ވެސް ދިޔައެވެ. ސުޕްރީމް ކޯޓުން ހުކުމް ކުރީ، އިތުބާރުގެ މައްސަލައިގައި ވެސް އެހެން މެންބަރުންނަށް ރިޔާސަތު ބެލެހެއްޓޭނެކަން ގަވާއިދުން ސާފުވާ ކަމަށެވެ.

މިއަދު އަމަލުކުރި ގޮތާ މެދު ހިތްހަމަނުޖެހި އެމްޑީޕީން ވަނީ ނައިބު ރައީސްކަމުން އީވާ ވަކިކުރަން ވެސް ސޮއި ހަމަކޮށްފައެވެ.

comment ކޮމެންޓް