ވޯޓު ނެގުނަ ނުދިނުމަށްޓަކައި އަފީފު ކުރެއްވީ ދަށު ދަރަޖައިގެ އަމަލެއް: ފައްޔާޒް

އެމްޑީޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އަދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް -- ފޮޓޯ/ އަވަސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލައިގެ ވޯޓު ނެގުނަ ނުދިނުމަށްޓަކައި، މަޖިލީހުގެ ރިޔާސަތު މިއަދު ބެލެހެއްޓެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ކުރެއްވީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް ކުރެއްވި ޓްވީޓެއްގައި ވަނީ، މިހާރު މަޖިލީހުގައި ހިނގަނީ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު މަޖިލީސް ހިންގެވި އިރު، ހިންގި ވަރަށް ވުރެ ލަދުވެތި އަމަލުތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ މިއަދަކީ ޑިމަކްރަސީގައި ކަޅު ދުވަހެއް ކަމަށެވެ. އަދި ފައްޔާޒު ވަނީ އިތުބާރުގެ ވޯޓާ ކުރިމަތިލާން ނަޝީދަށް ގޮވާލައްވާފައެވެ.

މިއަދުގެ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީ ދަ ޑިމޮކްރެޓްސް ވަނީ، މަޖިލީހުގެ ރައީސް ވަކިކުރަން ހުށަހަޅާފައި ވަނީ ގަރާރެއް ނޫންކަމަށް ބުނެ ނިޒާމީ މައްސަލައެއް ހުށަހަޅާފައެވެ.

ޖަލްސާ ފެށުމާއެކު، ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ މައިނޯރިޓީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ މަޖިލީހަށް ހުށަހެޅި ގަރާރަކީ ގަވާއިދާ ޚިލާފަށް އޮތް ގަރާރެއް ކަމަށެވެ. އެހެންވެ، ނަޝީދުގެ އިތުބާރުނެތް ކަމުގެ ގަރާރުގެ މަސައްކަތް ކުރިއަށްގެންދިޔަ ނުދޭނެ ކަމަށް އާޒިމް ތަކުރާރުކޮށް ވިދާޅުވިއެވެ.

https://sun.mv/184527

އެ ނުކުތާ ބަލައިގަނެ އަފީފް މިއަދުގެ މަޖިލިސް ނިންމައިލެއްވީ، އެ ގަރާރު އަލުން ހުށަހެޅުމަށް އެންގުމަށް ފަހުއެވެ.

ނަމަވެސް މަޖިލީހުގެ އިދާރާއިން ވަނީ މިއަދު 11:30އަށް އަނެއްކާވެސް ގަރާރުގެ މައްސަލަ އެޖެންދާކޮށްފައެވެ.

comment ކޮމެންޓް