ގަރާރެއް ނޫން ކަމަށް ބުނެ ޑިމޮކްރެޓުން ނެގި ނިޒާމީ މައްސަލައާއެކު މަޖިލިސް ހޫނުވެއްޖެ

މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީން ގަރާރެއް ނޫން ކަމަށް ބުނެ ނެގި ނިޒާމީ މައްސަލައާއެކު، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރުގެ މަސައްކަތް އެޖެންޑާކުރި ޖަލްސާ ހޫނުވެއްޖެއެވެ.

މިއަދުގެ ހެނދުނު ނުވައެއް ޖެހިއިރު ފެށި މަޖިލީހުގެ ޖަލްސާއަށް މަޖިލީހުގެ ނައިބު ރައީސް އަދި ނަޝީދުގެ ކޮއްކޯފުޅު އީވާ އަބްދުﷲ ހާޒިރުވެވަޑައިނުގެންނެވުމުން ޖަލްސާގެ ރިޔާސަތުގައި އިންނެވީ ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވެވެވަޑައިގަންނަވާ ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފެވެ.

ޖަލްސާ ފެށުމާއެކު، ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ މައިނޯރިޓީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ މަޖިލީހަށް ހުށަހެޅި ގަރާރަކީ ގަވާއިދާ ޚިލާފަށް އޮތް ގަރާރެއް ކަމަށެވެ. އެހެންވެ، ނަޝީދުގެ އިތުބާރުނެތް ކަމުގެ ގަރާރުގެ މަސައްކަތް ކުރިއަށްގެންދިޔަ ނުދޭނެ ކަމަށް އާޒިމް ތަކުރާރުކޮށް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، މިއަދުގެ ޖަލްސާއަށް ހުށަހެޅިފައިވާ އޮތީ ހައްސާސް މައްސަލައެއް ކަމަށެވެ.

"އެއީ ބިލެއްތޯ، މައްސަލައެއްތޯ، ގަރާރެއްތޯ، ކުއްލި މައްސަލައެއްތޯ އެކަން އެނގުނީމަ ކުރިއަށް ދެވޭނީ،" އާޒިމް ވިދާޅުވިއެވެ.

އެއާއަކު އަފީފް ވިދާޅުވީ، އެއީ ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރެއް ކަމަށެވެ.

އެހެންނަމަވެސް ޑިމޮކްރެޓުން ދަނީ އެ ގަރާރު ހުށަހަޅާފައި ވަނީ ގަވާއިދާ އެއްގޮތަށް ނޫން ކަމަށް ބުނެ، ޖަލްސާއަށް ހުރަސްއަޅަމުންނެވެ.

އާޒިމް ވިދާޅުވީ މަޖިލީހުގެ ގަވާއިދެއް ނުހުއްޓުވޭނެ ކަމަށާއި ގަރާރެއް އޮންނަން ވާނީ ގަރާރެއްގެ ސިފައިގައި ކަމަށެވެ. އެހެންކަމުން އެ ގަރާރު އިސްލާހު ކުރުމަށް ފަހު ހުށަހެޅުމަށް އާޒިމް ގޮވައިލެއްވިއެވެ.

ޑިމޮކްރެޓްސްއަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން ނަމަ ކޮންމެ މެންބަރަކަށް ވެސް ގަރާރެއް ހުށަހެޅިދާނެ ކަމަށެވެ. ނަމަވެސް މިއަދު ހުށަހަޅާފައި އޮތީ ގަވާއިދާ މުޅިން ޚިލާފު ގަރާރެއް ކަމަށާއި އެ މައްސަލަ މަޖިލީހުގެ ތަޅުމުން ބަލައިގަނެވޭނެ އެއް ގޮތް ވެސް ނޯންނާނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

"މި ގަރާރެއް ބަލައެއްވެސް ނުގަނެވޭނެ، މި ފްލޯއަށް ހުށަހެޅިގެން ވެސް ނުވާނެ،" އިލްޔާސް ވިދާޅުވިއެވެ.

އެއާއަކު އަފީފް ވިދާޅުވީ އެ މައްސަލައަކީ ރިޔާސަތުން އެޖެންޑާ ކޮށްފައިވާ މައްސަލައެއް ނޫން ކަމަށެވެ.

އިތުބާރުގެ މައްސަލަ ހުށަހެޅި މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ މެންބަރުން ތުހުމަތުކުރީ މައްސަލައަށް އަފީފް ހުރަސް އަޅުއްވާ ކަމަށެވެ. އެގޮތުން އެ ޕާޓީއަށް ނިސްބަތްވާ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ)، އަފީފްއަށް އިޝާރާތްކުރައްވާ ވިދާޅުވީ އެއީ އެ މައްސަލައިގަ މަސްލަހަތު އޮތް ބޭފުޅެއް ކަމަށެވެ. އެހެންކަމުން ރިޔާސަތުގައި އިންނަވާ އެ މައްސަލަ ކުރިއަށް ނުގެންދެވުމަށް މަސައްކަތްކުރައްވަނީ ކަމަށް ތުހުމަތުކުރެއްވިއެވެ.

އިހަވަންދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝިފާއު ވިދާޅުވީ، އެ މައްސަލައަކީ ކުރިއަށް ގެންދާން ބޭނުންވާނަމަ ކުރިއަށް ގެންދެވެން އޮތް މައްސަލައެއް ކަމަށެވެ. އަދި ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް ވެސް ވިދާޅުވީ، މި މައްސަލައަކީ މި މަޖިލީހުން ފާސްކޮށްފައިވާ ގަވާއިދެއްގެ ދަށުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.

"އެހެންވީމަ އައްސަވަންވީނުންތޯ ކޯޓަށް؟ މަނިކުފާނަށް (އަފީފަށް) އެކަމާ މެދު ގޮތެއް ނުނިންމެންޏާ، އޭރުން މިކަން ނިމުނީނުންތޯ،" ނާޝިޒް ވިދާޅުވިއެވެ.

އެމްޑީޕީގެ މެންބަރުން ތަކުރާރުކޮށް ވަނީ، މަޖިލީހުގެ ރިޔާސަތުން އެޖެންޑާ ކުރި މައްސަލައެއް ނޫން ކަމަށް ވަންޏާ ވެސް ރިޔާސަތުން އެކަމަށް ގޮތެއް ނިންމައިދޭން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

މިއަދުގެ ޖަލްސާ ފެއްޓުމާއެކު ބައެއް މެންބަރުން ދުންމާރި ފުމެން ފެއްޓެވި އަޑު އިވިފައިވެއެވެ.

މިދިޔަ ހަފުތާގެ އާދިއްތަ ދުވަހަށާއި އޭގެ ކުރީ ހަފުތާގައި ވެސް ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހުގައި އެޖެންޑާ ކުރިއެވެ. ނަމަވެސް އީވާ ސަލާން ވިދާޅުވާތީ އެ ދުވަސްތަކުގައި މަޖިލިސް ކުރިއަށް ނުގެންދެވެއެވެ.

މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ސަލާން ފޮނުއްވައި އީވާ ވިދާޅުވީ އެމްޑީޕީން މަޖިލީހުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. އެހެންވެ، އެ މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމް ކުރަންދެން، ނަޝީދުގެ މައްސަލަ ތާވަލުނުކުރަން މަޖިލިސް އިދާރާއިން ނިންމިއެވެ.

އިތުބާރުގެ ގަރާރުގެ މަސައްކަތް ހުއްޓުވާ ކަމަށް ބުނެ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު އެ ކޯޓުން އިއްވި ހުކުމުގައި ވަނީ، ގަރާރުގެ މަސައްކަތް މަޖިލީހުގެ އިދާރާއިން ހުއްޓުވާފައި ވަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށެވެ.

އެ ހުކުމާ ގުޅިގެން ނަޝީދު ވަނީ، ގަރާރުގެ މަސައްކަތަށް ހުރަސް އަޅާނެ ކަމުގެ އިޝާރާތެއް މީގެ ކުރިން ދެއްވާފައެވެ. އެގޮތުން ސުޕްރީމް ކޯޓުގައި މައްސަލަ އޮތުމުން ގަރާރުގެ މަސައްކަތް ފަސް ދުވަހަށް ހުއްޓުވިއްޖެ ކަމަށާއި، އިންތިޚާބީ ރައީސް ހުވާ ކުރައްވަން ދެން ވެސް ހިފެހެއްޓޭނެ ކަމަށް އެ މަނިކުފާނު ވަނީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި ވިދާޅުވެފައެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ދެވަނަ ފަހަރަށް މަޖިލީހަށް ހުށަހަޅާފައިވަނީ 49 މެންބަރުންގެ ތާއީދާ އެކުއެވެ. ނަޝީދު މަގާމުން ވަކިކުރަން ބޭނުން ވަނީ 43 މެންބަރުންގެ ވޯޓެވެ.

comment ކޮމެންޓް