މިއަދު ކަނޑުމަގުން ބޯޓެއްގައި އައިސް ރާއްޖެ ހިފަން ބަޔަކު އުޅެފާނެ ކަމަކަށް ގަބޫލު ކުރާނެ މީހަކު ނޫޅޭނެއެވެ. އަދި އެގޮތަށް އަންނަ މަދު ބަޔަކާ ހަނގުރާމަކޮށް، މޮޅުވުމަކީ މިއަދު ދިވެހި ސިފައިންނަށް ވަރަށް ފަސޭހަ ކަމެކެވެ. ނަމަވެސް އެއަށް ވުރެ ފުޅާކޮށް މިއަދު ވިސްނަން ޖެހެއެވެ. ދިވެހީންގެ ޚާއިނުންތަކެއް ލަންކާގެ ޓައިގަރުންގެ ރަޙުމްކުޑަ ބައިގަނޑަކާ ގުޅިގެން 1988 ވަނަ އަހަރު ރާއްޖެއަށް ދިން އަނިޔާވެރި ހަމަލާގައި 19 ދިވެއްސެއް ޝަހީދު ކޮށްލިތާ މިއަދަށް 35 އަހަރުވީއިރު ގައުމީ ސަލާމަތާ މެދު އިތުރު ނަޒަރަކުން ދިވެހީން ވަނީ ވިސްނަން ޖެހިފައެވެ.
މިއަދު ގައުމުގެ ހާލަތާއި އެ ކަންކަމުގެ ހައްލުގެ ވާހަކަ ދައްކަން އެންމެ އެކަށީގެންވާ އެއް ބޭފުޅަކީ ގައުމީ ބަޠަލު، މޭޖަ ޖެނެރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލެވެ. އެއީ ތިނެއް ނޮވެމްބަރުގެ އުދުވާނީ ހަމަލާއިން ރާއްޖެ ސަލާމަތް ކުރުމަށް ގުރުބާންވި ހިތްވަރުގަދަ ބަތަލެކެވެ.
ތިނެއް ނޮވެމްބަރުގެ އުދުވާނީ ހަމަލާ ރާއްޖެއަށް ކުރިމަތިވިއިރު ސިފައިންގޭގައި ރާއްޖޭން ބޭރުން ތަމުރީނު ހަދައިގެން ތިއްބެވި މަދު ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކީ ޖަލީލެވެ. އޭރު އޭނާ ވަނީ ސިންގަޕޫރާއި އެމެރިކާއިން ހަނގުރާމައިގެ ޓްރެއިނިންތައް ހައްދަވާފައެވެ. އެ އިލްމުގެ ބޭނުންކޮށްގެން އެ ހަމަލާދިން ވަގުތު ބަނޑޭރި ކޮށި، އިންތިޒާމުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ މޭޖާ ޖެނެރަލް ޖަލީލެވެ.
ޖަލީލްގެ ފާހަގަކޮށްލެވޭ އަނެއް ކަމަކީ ދުޝްމަނުން ބަޑި ޖަހަޖަހައި ތިއްބައި ރަށު ތެރެ ޕެޓްރޯލް ކުރުމަށް ބަނޑޭރި ކޮށިން ނުކުމެ ދެއްކި ހިތްވަރެވެ. ހަމަލާއެއްގައި ޒަޚަމްވެ ހުރި ހާލު ޖަލީލުގެ މޭސްތިރިކަމުގެ ދަށުން ދުޝްމަނުންގެ ބަޑިތައް ކުރިމަތިން ދުވެފައި ނުކުތީ ފުއްކަފަ ދޮންތުއްތު އާއި އަހުމަދު ނަސީމްގެ އިތުރުން އާދަމް ނަސީރު(ޝޭޑީ) އަދި ހުސެން މަނިކާއި އަބްދުﷲ މުފީދާއި އިބްރާހިމް ޝަރީފާއި މުހައްމަދު ހަސަނެވެ. ހަމައެއާ އެކު ހިތްވަރުގަދަ އެ ގުރޫޕުގައި މުހައްމަދު އިބްރާހިމް އާއި މުހައްމަދު އަލީ ހިމެނެއެވެ.
އެ ހިތްވަރުގަދަ 10 ސިފައިން ފުލުސް އޮފީހުގެ ގޭޓުން ދުޝްމަނުންގެ ކުރިމައްޗަށް ނުކުތެވެ. އެއާއެކު ދުޝްމަނުން ބަޑީގެ ވަޒަންތަކުން ހަމަލާ ދޭންފެށި އެވެ. ދިވެހި ސިފައިން ރައްދުގައި ހަމަލާދޭން ފެށި އެވެ. ދުޝްމަނުންނަށް މަޖުބޫރިވީ ފަހަތަށް ޖެހުމަށެވެ. އެ ހަމަލާތަކުގައި ދިވެހި ހިތްވަރުގަދަ ތިން ސިފައިން ޝަހީދުވިއެވެ. އެއީ، މުހައްމަދު ހަސަނާއި އާދަމް ނަސީރު (ޝޭޑީ) އާއި މުހައްމަދު އިބްރާހިމް (މެކާނޯ) އެވެ.
އެ ހާދިސާގެ ތަޖުރިބާ އާއި އަޝްކަރީ ދާއިރާގައި ހޯއްދެވި މަތީ ތައުލީމާއި ތަމްރީންގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު ފުރުއްވުމާއި ޑިފެންސް މިނިސްޓަރުކަން ކުރެއްވުމުގެ ތަޖުރިބާގައި ޖަލީލް މިއަދު މި ކިޔައިދެއްވަނީ ރާއްޖެ މިނިވަންކަން މަތީ އޮވެވޭނެ ގޮތެވެ. އަދި، މިނިވަންކަމަށް އޮތް ނުރައްކަލެވެ.
ޑުރަގު ޓްރެފިކިންގެ ހަބަކަށް ރާއްޖެ
ހަމައެކަނި ތަފާސްހިސާބުތަކަށް ބެލި ނަމަވެސް މި ބޮޑު މަންޒަރު އެބަ ފެނެއެވެ. މިދިޔަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް، އެހާތަނަށް ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި 1.6 ޓަނުގެ މަސްތުވާތަކެތި ރާއްޖެއިން އަތުލައި، ކުރިން އަތުލައިފައިވާ މަސްތުވާތަކެއްޗާ އެކު ޖުމްލަ 1.9 ޓަނުގެ މަސްތުވާތަކެތި ވަނީ ނައްތާލައިފައެވެ. މިހާ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗަކީ ރާއްޖެފަދަ ފަސްލައްކަ ހަމަނުވާ އާބާދީއަކަށް ވިއްކޭނެ ވަރަށް ވުރެން މާ އިތުރު އަދަދެކެވެ.
ރާއްޖޭގައި ބައެއް މީހުން ނުހައްގު މުއްސަނދިކަން ހޯދައިފާ މިންވަރަށް ބަލާއިރު އެކަމުގެ ފަހަތުގައި ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކަމަށް ބެލެވޭނެ ފުރުސަތު ވެސް އެބައޮތެވެ. ކުރި ބުރަ މަސައްކަތެއް ނެތި ކުއްލިއަކަށް ހޯދާ ތަނަވަސްކަންމަތީ އާދަޔާ ހިލާފު މަތީ ދިރިއުޅުމެއް އުޅެމުންދާ އެތައް ބަޔަކު ރާއްޖޭގައި އެބަ އުޅެއެވެ. މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ހައްޔަރު ކުރާ ގިނަ ބޮޑުންނަކީ ކުރާ މަސައްކަތެއް ފެންނަން ނެތި، އަގުބޮޑު ކާރުތަކާއި، ލަގްޒަރީ އެޕާޓްމަންޓްތަކުގައި އުޅެމުން އަންނަ މީހުންނެވެ.
ޖަލީލް ވިދާޅުވި ގޮތުގައި މަސްތުވާތަކެތި އެއް ގައުމުން އަނެއް ގައުމަށް ފޮނުވާ ހަބަކަށް ރާއްޖެ ހެދުމުން ދިވެހީންނާ ދޭތެރެއާއި ގައުމާ ދޭތެރޭ މީހުން ދެކޭގޮތް ބަދަލުވެގެން ދާނެ ކަމަށެވެ. އޭގެ ސަބަބުން ދިވެހީން ރާއްޖޭން ބޭރަށް ދަތުރު ކުރުމުގައި ވެސް ދަތިތަކާ ކުރިމަތި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އޭރުން ދިވެހީން ބޭރަށް ދަތުރު ކުރާއިރު ދިވެހީންގެ އެއްޗެހި ސްކްރީންކޮށް ހަދަން ފަށާނެ ވަރަށް ބޮޑަށް. އެ ގައުމުތަކަށް މަސްތުވާތަކެތި ފޯރުކޮށްދެނީ ރާއްޖޭން ކަމަށްވާ ނަމަ މި ގައުމާ މެދު އެ ގައުމުތަކުން ހިތްހަމައެއް ނުޖެހޭނެ،" ޖަލީލް ވިދާޅުވިއެވެ.
ޖަލީލް ވިދާޅުވާ ގޮތުގައި ރާއްޖެ މިނިވަންކަން މަތީ އޮތުމަށްޓަކައި މި ގައުމުގައި ކުރަމުން އަންނަ އަދި ގައުމު ބޭނުންކޮށްގެން ކުރަމުން އަންނަ މަސްތުވާތަކެތީ ވިޔަފާރި ހުއްޓުމަކަށް ގެންނަން ޖެހެއެވެ.
ޚާރިޖީ ސިޔާސަތު ހަމަހަމަ ކުރޭ
ޖަލީލް ވިދާޅުވި ގޮތުގައި ނޮވެމްބަރު ތިނެއްގެ ހަމަލާގެ ރަނގަޅު ދިރާސާއެއް ހަދައިފިނަމަ އެންމެ ބޮޑަށް ފާހަގަ ވާނެ އެއް ކަމަކީ އަވައްޓެރި ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަން ޖެހޭ ރަނގަޅު ގުޅުން ނެތުމެވެ. އެއީ އަވައްޓެރި ލަންކާއިން ބަޔަކު ކަނޑުމަގުން ރާއްޖެ ހިފަން އައިއިރު އެ ގައުމުން ރާއްޖެއަށް އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައި ނެތުމެވެ.
"އެ ގައުމުން ކުރީބައިގައި މައުލޫމާތު ފޯރުކޮށްދެވުން ނަމަ އަޅުގަނޑުމެން ގައުމަށް އަރައި 19 މީހުން ޝަހީދެއް ނުކޮށްލެވުނީސް،" ޖަލީލް ވިދާޅުވިއެވެ.
އޭނާގެ ނަޒަރުގައި މިފަދަ ހާދިސާތަކުން ގައުމު ސަލާމަތް ކުރުމަށްޓަކައި އެހެން ގައުމުތަކާ އޮންނަ ގުޅުން ވަރަށް ރަނގަޅުވާން ޖެހެއެވެ. އެއް ގައުމުން އަނެއް ގައުމަށް މައުލޫމާތު ހިއްސާ ކުރުމުގައި ވަރަށް ރަނގަޅު ގުޅުމެއް އޮންނަން ޖެހެއެވެ.
ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ނިމުމާ ހަމައަށް ރާއްޖެއަކީ ވަރަށް ހަމަހަމަ ޚާރިޖީ ސިޔާސަތެއް ގެންގުޅުނު ގައުމެކެވެ. ނަމަވެސް ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމާ ހަމައިން މުޅި އެ އުސޫލު ފުނޑުފުނޑުވެގެންދިޔައެވެ. ހަމަހަމަ ޚާރިޖީ ސިޔާސަތު ދޫކުރައްވައި ނަޝީދުގެ ސަރުކާރުން މާ ބޮޑަށް އަވައްޓެރި އިންޑިއާއަށް ބަރޯސާވިއެވެ. އަދި، އޭރު ވެސް އަދި މިހާރު ވެސް ނަޝީދަކީ "ޕްރޯ އިންޑިއާ" އަދި ޗައިނާއާ ވަރަށް ދެކޮޅު ސިޔާސީ ލީޑަރެކެވެ. އޭގެ ފަހުން ވެރިކަމަށް ވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސިޔާސަތަކީ ނަޝީދާ މުޅިން އަނެއްކޮޅު ސިޔާސަތެކެވެ. ޗައިނާއާ މާ ބޮޑަށް ގާތްވެ، ޔާމީން އިންޑިއާއާ އެކު އޮންނަ ގުޅުން މި ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. މިހާރު ނިމެމުން މިދާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ގެންގުޅުއްވީ އިންޑިއާއަށް ވަރަށް ބޮޑަށް ބަރޯސާވި ޚާރިޖީ ސިޔާސަތެކެވެ.
ޖަލީލްގެ ނަޒަރުގައި ރާއްޖެ ފަދަ ގައުމަކަށް އެންމެ ރަނގަޅު ސިޔާސަތަކީ މައުމޫން އިރު އޮތްފަދަ ޚާރިޖީ ސިޔާސަތެކެވެ. ވަކި ގައުމަކަށް ބަރޯސާ ނުވެ، އަދި ވަކި ގައުމަކާ ޖެހި ނުގަންނަ ސިޔާސަތެކެވެ. ރާއްޖޭގެ މިނިވަންކަމަށް ވެސް ނުރައްކާވާނެ ހިސާބަކީ ވަކި ގައުމަކާ ޖެހިގަތުން ކަމަށް ޖަލީލް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ގައުމަކާ ޖެހިގަނެފި ނަމަ އެ މީހުންނަށް ކުރެވޭނެ ކަންކަމަށް ބަލާއިރު އަޅުގަނޑުމެން ކަންބޮޑުވެ، ބިރުގަންނަ ކަންކަން އެ ގައުމުތަކަށް ކުރެވޭނެ. ބަޑި ހިފައިގެން ނޭރިޔަސް އެތައް ކަމެއް ކުރެވޭނެ. ރާއްޖެ އޮންނަންވީ މައުމޫންގެ ނޮންއެލައިން ފޮރިން ޕޮލިސީގައި. އެއީ އެއްވެސް ގައުމަކާ އެހާ ބޮޑަށް ގާތެއް ނުވާނެ. އެއްވެސް ގައުމަކާ އެހާ ބޮޑަށް ދުރެއް ވެސް ނުވާނެ،" ޖަލީލް ވިދާޅުވިއެވެ.
ރާއްޖޭގެ އިގްތިސާދު ބިނާވެގެން ވަނީ ފަތުރުވެރިކަމާއި މަސްވެރި ކަމަށް ވާއިރު އެހެން ގައުމުތަކާ ރަނގަޅު ގުޅުމެއް ނުބާއްވައި އެ ދެ ދާއިރާއިން ވެސް އާމްދަނީ ހޯދުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ޖަލީލް ވިދާޅުވިއެވެ.
ހަމައެއް ލަމައެއް ނެތި ބިދޭސީން
ޖަލީލްގެ ނަޒަރުގައި ގައުމީ ސަލާމަތަށް އޮތް އަނެއް ނުރައްކަލަކީ ކޮންޓްރޯލް ނުވާވަރަށް މި ގައުމުގައި ބިދޭސީން ތިބުމެވެ. އެއް ލައްކައަށް ވުރެ ގިނަ ބިދޭސީން ރާއްޖޭގައި އުޅެމުން އަންނަ ކަމަށް ބުނެވޭއިރު އެ މީހުންގެ ކަންކަން ރަނގަޅަށް ނުބެލެހެއްޓި އޮތްއޮތުމަކީ ގައުމުގެ މިނިވަން ކަމަށް ބޮޑު ނުރައްކަލެއް ކުރިމަތި ވެދާނެ ކަމެއް ކަމަށް ޖަލީލް ގަބޫލު ކުރައްވައެވެ.
"މި މީހުންގެ ތެރޭގައި މިސާލަކަށް ހައިޖާނެއް އުފެދުނީ. އުފެދުނީމައި އިންޑިއާ ނުވަތަ ބަންގްލަދޭސް ވެއްޖެ އެކަން ހައްލު ކުރަން އަންނަން. ތަޅާފޮޅުމަކަށް ގޮސްފިއްޔާ އެ މީހުންގެ ސަރުކާރުން އަންނަން ޖެހޭނެ ދެއްތޯ އެ މީހުން ހިމާޔަތް ކުރަން. އަންނައިރު އެ މީހުންގެ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު އަނެއްކާ މައްސަލަތަކެއް އުފެދުނީ،" ޖަލީލް ވިދާޅުވިއެވެ.
ހަމައެހެންމެ ބިދޭސީންނާއި ދިވެހީން ކައިވެނި ކުރުމުން ލިބޭ ކުދިންނަށް ރަށްވެހިކަން ދިނުމުންނާއި ބިދޭސީންނަށް ރަށްވެހިކަން ދިނުމުން ނަސްލުގެ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް ޖަލީލް ވިދާޅުވިއެވެ. އެކަމުގެ ހައްލެއްގެ ގޮތުގައި ޖަލީލް މިސާލަކަށް ދެއްކެވީ ކުވެއިތެވެ. ކުވެއިތުގެ ރަށްވެހިކަން ލިބެނީ ހަމައެކަނި ކުވެއިތުގެ ދެ މީހުން ކައިވެނިކޮށްގެން ލިބޭ ކުދިންނަށް އެކަނި ކަމަށް ވުމުންނެވެ.
ރާއްޖޭގެ އިގްތިސާދަށް ބިދޭސީން މުހިންމުއިރު ޖަލީލްގެ ކަންބޮޑުވުމަކީ ރަނގަޅު އުސޫލެއްގެ ތެރެއިން އެ މީހުން ނުބެލެހެއްޓޭތީއެވެ. އެހެން ގައުމުތަކާ ހިލާފަށް ރާއްޖޭގައި ވިސާ ވެސް ނުނަގައި ގަވާއިދާ ހިލާފަށް އުޅެ، ގަވާއިދާ ހިލާފު އަމަލުތައް ހިންގަން މިހާ ފަސޭހަ ފުރުސަތެއް އޮތުމަކީ ޖަލީލްގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
ތަރުބިއްޔަތު ކުރުމަށް ބަދަލުތަކެއް ބޭނުން
ޖަހަޖަހާ އޮތް ބަޑީގެ ކުރިމައްޗަށް ނުކުމެ ހަނގުރާމަ ކުރަން އިސް ނަގަން ކެރޭނީ ގައުމީ ލޯބި އިންތިހާއަށް އޮތަތީއެވެ. ކޮންމެ ފަދަ ގުރުބާނީއެއް ގައުމާއި ދީނުގެ ހައްގުގައި ވާން އެ ކެރިވަޑައިގަތީ ލިބިވަޑައިގެންފައިވާ ރަނގަޅު ތަރުބިއްޔަތެއްގެ ސަބަބުންނެވެ.
ޖަލީލްގެ ނަޒަރުގައި އޭނާ ބޮޑުވެގެން އައިއިރު ލިބުނު ތަރުބިއްޔަތާއި މިހާރުގެ ތަރުބިއްޔަތާ ވަރަށް ބޮޑު ތަފާތެއް ހުރެއެވެ. އޭނާގެ މައިންބަފައިން ކުޑައިރުއްސުރެ ވެސް ކިޔައިދެއްވީ ބޮޑެތި މީހުންނަށް ކަމޭހިތުމަށާއި ވެރިންނަށް އިހުތިރާމު ކުރުމަށް ކަމަށާއި އެހެންވެ ބޮޑު ވެގެން އައީ އެ އާދަތަކުގެ ތެރޭގައެވެ. މިހާރު އެ އާދަތައް މުޖުތަމައުއިން ނުފެންނަކަން ހިތާމައާއެކު ޖަލީލް ފާހަގަ ކުރެއްވިއެވެ.
"މިހާރު އެންމެން މި ވަނީ ހަމަހަމަ ވެފައި. އެންމެން ހަމަހަމަވީމައި ވެރިއެއް ނުހުންނާނެތާ،" ޖަލީލް ވިދާޅުވިއެވެ.
ހަމައެހެންމެ ގައުމު މާ ބޮޑަށް ހުޅުވައިލުމުގެ ސަބަބުން ގައުމުގެ ސަގާފަތް އުވި ދިއުމަކީ ވެސް ގައުމީ ލޯބި މީހުންގެ ހިތްތަކުގައި ކުޑަވި ސަބަބެއް ކަމަށް ޖަލީލް ގަބޫލުކުރައްވައެވެ.
އެހެންކަމުން ގައުމު ދެކެ ލޯބިވާ، އަދި ގައުމަށްޓަކައި ގުރުބާން ވާނެ ޖީލެއް އުފެއްދުމަށްޓަކައި ކުދިން ތަރުބިއްޔަތު ކުރުމުން ފެށިގެން މުޖުތަމައުގެ ގިނަ ކަންތައްތަކަކަށް ބަދަލު އަންނަން ޖެހޭ ކަމަށް ޖަލީލް ގަބޫލު ކުރައްވައެވެ. އޭރުން އޭނާ ފަދަ އެތައް ދިވެހީންނެއް އުފެދޭނެ ކަމުގެ ޔަގީންކަން އެބައޮތެވެ.
ކަނޑު ބޯޓެއްގައި ބަޔަކު ރާއްޖެ ހިފަން އަތުވެދާނެ ކަމަށް ތައްޔާރުވެ ތިބުމަށް ވުރެން ދިވެހީން މިއަދު ތައްޔާރުވާންވީ ދިވެހިވަންތަކަން ނެތި ދިއުމުން ގެއްލިދާނެ މިނިވަން ކަމަށެވެ. ސިޔާސަތުތައް ކަނޑައަޅަންވީ މިނިވަންކަމަށް ބުރޫނާރާ ގޮތަށެވެ. އެކަން ވާނީ ސިޔާސީ ޖަޒުބާތާއި އަމިއްލަ އެދުން އިސްނުކޮށް ގައުމު އިސްކޮށްގެންނެވެ. ދިވެހިންގެ ހިތްތަކުގައި ގައުމީ ލޯބި އާލާކޮށްގެންނެވެ. މިގޮތަށް ގޮސް ކުރަން ޖެހޭ އެތައް ކަމެއް އެބައޮތެވެ. ގައުމީ ބަތަލް، ޖަލީލްގެ މި އިލްތިމާސްތަކަށް ފުންކޮށް ވިސްނައި، ރޭވުންތެރި ފިޔަވަޅުތަކެއް އަޅަން އެބަޖެހެއެވެ.