ރައީސް ޔާމީން ސިޔާސީ ޕޯޑިއަމަށް: އަދިވެސް ކަރެކްޝަނުން ދެނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު

ރޭ ޕީޕީއެމުން ބޭއްވި ޖަގަހަ ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް --

އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން، ސިޔާސީ މަސައްކަތް ރަސްމީކޮށް ފައްޓަވާފައިވާއިރު، އެއްބަސްވުމާ ހިލާފުވާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ކަރެކްޝަންސްއިން އަނެއްކާ ވެސް ދީފިއެވެ.

ޑރ. މުޙައްމަދު މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްފަހު އެމަނިކުފާން އެދިވަޑައިގަތުމުގެ މަތިން ގޭބަންދަށް ބަދަލު ކުރި ރައީސް ޔާމީނަށް ކަސްރަތު ކުރުންފަދަ ހާއްސަ ކަންކަމަށް ގެއިން ބޭރަށް ނުކުތުމުގެ ހުއްދަ ކަރެކްޝަންސްއިން ދެއްވީ މިދިޔަ ހުކުރު ދުވަހުއެވެ.

https://sun.mv/183918

އެއާއެކު ޔާމީން ވަނީ ރަސްމީކޮށް ސިޔާސީ މަސައްކަތްތައް ފައްޓަވާފައެވެ. އެގޮތުން ރޭ ވެސް ވަނީ ޕީޕީއެމް އޮފީހުގައި އޮތް ޖަލްސާއެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ވެސް ދައްކަވާފައެވެ.

ދިވެހި ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން ހުކުމް ތަންފީޒު ކުރަމުން އަންނަ ގައިދީނަށް ސިޔާސީ ކަންކަމުގައި ބައިވެެރިއެއް ނުވެވޭނެއެވެ. އެހެންކަމުން ޔާމީން ގާނޫނަށް ތަބާނުވާ ކަމަށް ބުނެ އަންނަނީ ފާޑުކިޔަމުންނެވެ.

މިކަމާ ގުޅޭގޮތުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލާ "ސަން" އިން ސުވާލު ކުރުމުން މިއަދު ވެސް ވިދާޅުވީ ޔާމީނާއެކު ވެފައިވާ އެއްބަސްވުމާ ހިލާފަށް އަމަލު ކުރާނަމަ ފިޔަވަޅު އެޅުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ.

ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ޔާމީން އެއްބަސްވުމާ ހިލާފުވިކަމަށް ނިންމި ކަމެއް އަދި ފިޔަވަޅު އަޅަން ނިންމި ކަމެއް ކަރެކްޝަންސްއަކުން ނުބުނެއެވެ.

ޔާމީން ރަސްމީކޮށް ސިޔާސީ މަސައްކަތްތައް ކުރައްވަމުން ގެންދަވާއިރު އެމަނިކުފާން އަރިހުގައި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން އުޅުއްވާތަނެއް ނުފެނެއެވެ. ލީޑާޝިޕްގެ ބޭފުޅުން އުޅުއްވަނީ އިންތިޚާބީ ރައީސް ޑރ. މުއިއްޒާއެކުއެވެ.

ޔާމީނާއެކު އުޅުއްވަނީ ވެރިކަމުގެ ދުވަސްވަރު އެމަނިކުފާނާ ދެބަސްވުން އުފެދި ދުރަށް ވަޑައިގަތުމަށް ފަހު އޭރުގެ އިދިކޮޅާއެކު މަސައްކަތް ކުރެއްވުމަށްފަހު އަނެއްކާ ޔާމީންގެ އަރިހަށް ވަޑައިގެންނެވި ކުރީގެ ނައިބު ރައީސް މުޙައްމަދު ޖަމީލް އަޙްމަދެވެ.

ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނާ ސިޔާސީ ގޮތުން ދެކޮޅު ގިނަ ބޭފުޅުންތަކެއް ޖަލަށްލިއިރު އެ ބޭފުޅުން ބަންދުގައި ތިބެ ސިޔާސީ މަސައްކަތެއް ކޮށްފިނަމަ ބޮޑެތި އަދަބުތައް ދެއްވިއެވެ. އެގޮތުން މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޭބަންދުގައި ހުންނަވައި ރާއްޖެ ޓީވީއަށް އިންޓަވިއޫއެއް ދެއްވުމުން އެންމެ ނުރައްކާ ކުށްވެރިން ބައިތިއްބާ ޖަލު ގޮޅީގައި ބަންދު ކުރިއެވެ.

comment ކޮމެންޓް