އަޅުގަނޑު ޖަލަށްލުމަކީ މި ސަރުކާރުން ހަދާނެ އެންމެ ބޮޑު ގޯސް: ޔާމީން

ރީސެޓް ޖަލްސާގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން -- ފޮޓޯ: ޕީއެންއެފް

ގާނޫނާއި ހަމަތަކުގެ މަތީން، އެ މަނިކުފާނުގެ ޖަލަށް ލެވޭނެ އެއްވެސް ގޮތެއް ނޯންނާނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިރޭ ވިދާޅުވެއްޖެއެވެ.

ރީސެޓްގެ ނަމުގައި މިރޭ އޮތް ޖަލްސާގައި، ކުރިއަށް އޮންނަ ރިޔާސީ އިންތިޚާބެއްގައި އެމަނިކުފާނު ވާދަކުރަން ހުރަހެއް ކުރިމަތިވެދާނެތޯ ވަނީ ސުވާލުކޮށްފައެވެ. އެ ސުވާލުކުރުމުން ޔާމީން ވިދާޅުވީ، އެ މަނިކުފާނަށް ޖަލު ހުކުމެއް އަންނާނެ ގޮތެއް އެއީ ނެތް ގޮތެއް ކަމަށެވެ. އަދި މިސަރުކާރުން އެކަން ކޮށްފިނަމަ އެއީ ހަދާނެ އެންމެ ބޮޑު ގޯސް ކަމަށެވެ.

"އެހެންކަމުން މި ސަރުކާރުން ވެސް އަޅުގަނޑު ޖަލަށް ލަންޏާ ޖަލަށް ލައްވަވާ. އެއީ އެބޭފުޅުން ހައްދަވާނެ އެންމެ ބޮޑު ގޯސް،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ހީފުޅުކުރެއްވީ، އެމަނިކުފާނު ޖަލުގައި ބައިންދައިގެން ބާއްވާ ރިޔާސީ އިންތިޚާބެއް ޞާލިހަށް ކާމިޔާބުކުރެއްވޭނެ ކަމަށެވެ. ނަމަވެސް ތަގުދީރުގައި ﷲގެ ނިންމެވުން މާ ވަރުގަދަ ކަމަށް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑު ނިކުމެ ތިބޭފުޅުންގެ ކުރިމަތީގައި އައިސް މިހުންނަނީ ސަމާސާއަކަށްތޯ. އަޅުގަނޑު ނިކުމެ ސިޔާސީ މަސައްކަތް މި ކުރަނީ، ރައްޔިތުންގެ ހައްގުގައި މަސައްކަތް މިކުރަނީ އަޅުގަނޑު ޖަލަށް ލާފާނެތީ ބިރުންތޯ. އެހެންވެއްޖެޔާ އެ މީހުން ބިރުގަންނަން އެއުޅެނީ ނުބައި މީހެއް. އަޅުގަނޑު ބިރުގަންނަވަން އުޅޭނެ ކަމެއް ނެތް،" ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުއިއްޒަށް، އެ މަނިކުފާނަށް ރާއްޖޭގައި ތާއީދު ނެތް މިންވަރު އެނގިވަޑައިގަންނަވާނެ ކަމަށާއި، އެހެންކަމުން މިހާރު އޮތް ތާއީދު ވެސް، އެ މަނިކުފާނުގެ "ގައިގައި އަތްލައިފިނަމަ ގެއްލޭނެ"ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ޝަރުއީ ހަމަތަކުގެ މަތީން އިންސާފުވެރި ޝަރީއަތަކުން އެ މަނިކުފާނު ޖަލަށް ވެއްދޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. މީގެ ކުރިން ވެސް ވެރިކަމުގެ ދަހިވެތިކަމުގައި ޞާލިހު ސަރުކާރުގައި އެ މަނިކުފާނާ ދެކޮޅަށް ޝަރީއަތްތަކެއް ކޮށްފިކަމަށާއި ނަމަވެސް ނުކުތް ނަތީޖާ ބެއްލެވުމަށް ޔާމީން އެދިވަޑައިގަތެވެ.

"އިރާދަކުރެއްވިއްޔާ ގާނޫނީ ޝަރުއީ ހަމަތަކުގެ މަތީން އަޅުގަނޑު ގައިގައި އަތެއް ނުލެވޭނެ،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، އެ މަނިކުފާނަކީ އެމަނިކުފާނު ކުރައްވާ ކަންކަމުގެ ޒިންމާ ނަންގަވާނެ ބޭފުޅެއް ކަމަށެވެ. އަދި އެ ކަންކަމުން ފިލައިގެން އެއްވެސް ތަނަކަށް ވަޑައިނުގަންނަވާނެކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް