ޔާމީން، މުއިއްޒަށް: އިންޑިއާ ސިފައިން ބޭރު ނުކުރާނަމަ މަގުމައްޗަށް ނުކުންނާނަން

މިރޭ ޕީޕީއެމުން ބޭއްވި ޖަގަހަ ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް --

އިންތިޚާބީ ސަރުކާރުން އިންޑިއާ ސިފައިން ފޮނުވައިނުލާ ނަމަ، "އިންޑިއާ އިން" ޓީޝާޓުގައި ޖައްސަވައިގެން މަގުމައްޗަށް ނުކުންނަވާނެ ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން 11 އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ ބަންދަށް ސަރުކާރުން ބޮޑެތި ލުއިތަކެއް ދީފައިވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އެ މަނިކުފާނު ތާއީދު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އިންތިޚާބު ކާމިޔާބު ކުރެއްވުމުންނެވެ.

ލުޔާ އެކު މިރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަގަހަ ޖަލްސާއެއްގައި ޔާމީން ވިދާޅުވީ، އިންތިޚާބީ ރައީސްގެ ސަރުކާރަށް "ފާސް މާކްސް" ދެވޭނީ ރާއްޖޭގައި ގާއިމްވި ތިބޭ އިންޑިއާގެ ސިފައިން އަނބުރާ އެ ގައުމަށް ފޮނުވާލައި، އިމުގެ މައްސަލައިގައި ރާއްޖޭގެ ކަނޑުން ގެއްލުނު ކަމަށް ބުނާ ބައި ވެސް އަނބުރާ ދިވެހީންނަށް ހޯދައިދިނުމުން ކަމަށެވެ.

"މި ދެ މައްސަލަ ހައްލު ވެއްޖެ ކަމަށްވަންޏާ އަޅުގަނޑަށް ފުދޭ. އެ ވަރުން އަޅުގަނޑު ދަންނަވާނަން ދިވެހި ރައްޔިތުން، ޕީޕީއެމް/ޕީއެންސީގެ މިހާރު ހޮވިފައި އޮތް ވެރިކަމަށް، ޑރ. މުއިއްޒުގެ ސަރުކާރަށް ފާސް މާކްސް ދޭށޭ. އެ ވަރުން ފާސް މާކްސް ދޭނީ އިނގޭތޯ،" ޔާމީން ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އިންތިޚާބުގައި ރައްޔިތުން ވޯޓު ދެއްވީ މި ސަރުކާރުން ހެދި ގޯސްތައް ރަނގަޅު ކުރަން ކަމަށެވެ. އެގޮތުން، ޕީޕީއެމުން ވިއްކާލި ކަމަށް ތުހުމަތު ކުރާ ކަނޑުގެ ބަޔާއި ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ފޮނުވާލުން އެއީ ރައްޔިތުން ބޭނުންވި ކަންކަން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވާހަކަފުޅު ދައްކަވަނީ --

"މިހާރު ހޮވިފައި މިހިރަ އަޅުގަނޑުމެންގެ ރައީސް އެންމެ ފުރަތަމަ ކުރައްވަން ޖެހޭ މަސައްކަތަކީ މި ދެންނެވި ދެ މަސައްކަތް. އަދި، ރައްޔިތުންނަށް ދޭތެރެ ދޭތެރެއިން އެބަ އިއުލާނު ކޮށްލަން ޖެހޭ ކުރައްވާ މަސައްކަތުގެ ސްޓޭޓަސްއަކީ ކިހާ ވަރެއްކަން. ކިހާ ވަރެއްގެ ޕްރޮގްރެސްއެއް އޮތްކަން،" ޔާމީން ވިދާޅުވިއެވެ.

"އެހެން ނޫނިއްޔާ ދެން އަޅުގަނޑު ޖެހޭނީ އަނެއްކާ ޓީޝާޓުގައި 'އިންޑިއާ އިން' ޖަހައިގެން ނުކުންނަން. އެހެންވީމާ އެ ވަރުގެ ދުއްތުރުލެއް އަޅުގަނޑު މިހާ މަސައްކަތް ކުރީމާ އަޅުގަނޑަށް އެ ވަރުގެ ދުއްތުރަލެއް ޖެހިގެން ނުވާނެ ދެއްތޯ. އެކަމަކު، އަޅުގަނޑު މިހާރު ޓީޝާޓު ވެސް ހަދާނަން 'އިންޑިއާ އިން'،"

އެ މަނިކުފާނު ވިދާޅުވީ، އެންމެ އަޑުއައްސަވާ ހިތްވަނީ އިންޑިއާ ސިފައިން ބޭރުކުރުމުގެ ވާހަކައާއި ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދުމުގެ މަސައްކަތުގެ ވާހަކަތައް ކަމަށެވެ. އެކަމަކު، އިންތިޚާބީ ރައީސް އެހެން ކަންކަން އިއުލާނު ކުރައްވާ ފޯރީގައި އެ ވާހަކަތައް ނުދައްކަވާ ކަމަށް ވިދާޅުވެ، ޔާމީން ވަނީ ނުސީދާ ގޮތެއްގައި ބަހުގެ ހަމަލާއެއް ރައްދު ކުރައްވައިފައެވެ.

މީގެ އިތުރުން، މިރޭގެ ޖަލްސާގައި އެ މަނިކުފާނު ވަނީ އެ މަނިކުފާނު ތަންފީޒު ކުރައްވަމުން ގެންދަވާ ހުކުމަށް ވެސް ފާޑު ވިދާޅުވެފައެވެ.

https://sun.mv/183861

ޔާމީން ވިދާޅުވީ، އެއީ ގޯސް ހުކުމެއް ކަމަށާއި އެއީ ކަނޑައެޅިގެން ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވައިގެން ކޮށްފައިވާ ހުކުމެއް ކަމަށެވެ.

"އަޅުގަނޑު ހަމަ ޝުކުރުވެރިވަން އަޅުގަނޑު ރަށު ބަންދަށް ދޫކުރީތީ ވެސް. އެކަމަކު، އެޔާ އެކީ ވެސް ހަމަ ގޯސްކޮށް ކޮށްފައި ހުރި ކަންތައްތަކުގެ ވާހަކަ ދައްކަން ވާނެ ދެއްތޯ؟،" ސަމާސާ ރާގަކަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބޭ މައްސަލައިގައި އެންމެ ވަރުގަދައަށް "އިންޑިއާ އައުޓް" މަސައްކަތް ކުރެއްވީ ޔާމީނެވެ. އެ މަނިކުފާނު ވަނީ އިންޑިއާ އައުޓް ޖެއްސެވި ޓީޝާޓު ތުރުކުރައްވައިގެން އެ ކެމްޕޭންގެ އިހްތިޖާޖުތައް އެކިއެކި ރަށްރަށުގައި ކުރައްވައިފައެވެ.

އިންތިޚާބީ ރައީސް މުއިއްޒު ވެސް ވަނީ އިންޑިއާ ސިފައިންނަށް ރާއްޖޭގައި ނުތިބެވޭނެ ކަމަށާއި އެ އެންމެން އަނބުރާ ފޮނުވައިލައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އެ މަނިކުފާނު ވަނީ ޑިޕްލޮމަސީގެ ހަމަތަކުގެ ތެރެއިން އިންޑިއާ ސޮފައިން ފޮނުއްވައިލައްވާނެ ކަމަށް އެތައް ފަހަރެއްގެ މަތިން ވިދާޅުވެފައެވެ.

comment ކޮމެންޓް