މާލޭގެ މޭޔަރުކަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޕާޓީ ޕީއެންއެފުން ވާދަކުރައްވާނީ، ނެޝަނަލް ޓެންޑާ ބޯޑުގެ ކުރީގެ ޗެއާމަން އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަކުޅުންތެރިޔާ އިސްމާޢީލް ޒަރިޔަންދު ކަމަށް އެ ޕާޓީން މިރޭ ހާމަކޮށްފިއެވެ.
އާޓިފިޝަލް ބީޗުގައި ޕީއެންއެފުން "ރީސެޓް"ގެ ނަމުގައި ބާއްވަމުން އަންނަ ޖަލްސާގައި ޒަރިޔަންދު ވިދާޅުވީ މިއީ މުޅި މާލޭ ސަލާމަތްކުރުމަށް މުޅި މާލޭގެ އިދާރީ އިންތިޒާމުތައް ތަރުތީބުކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ. އަދި މި ކަމަށް ޓަކައި ހިތްވަރު ދެއްވީ ޔާމީން ކަން ފާހަގަކުރައްވައި އެ މަނިކުފާނަށް ޝުކުރު އަދާކުރައްވާ ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.
"އަޅުގަނޑަށް މި ހިތްވަރު ލިބުނީ ދޭތެރެ ދޭތެރެއިން އަޅުގަނޑު ހަބަރު ބަލައިލާ އުޅުމުގެ ތެރޭގައި އިވުނު ބަސްފުޅަކުން، މާލެ ސިޓީ ކައުންސިލުގެ ތެރޭގައި ޒަމާނުއްސުރެ ކޮރަޕްޝަންގެ ތުހުމަތު އޮތް ކަމަށާއި އެ ކައުންސިލުގެ އިދާރީ ހިންގުން ގާނޫނުގެ މަގަށް ގެނެސް ސާފުކޮށްގެން ނޫނީ އެ އިދާރާ ރަނގަޅު ނުވާނެ ކަމަށާއި ތިމަންނައަށް ފެންނަ ތަނުގައި ޒަރިޔަންދު ކަހަލަ މީހަކަށް ނޫނީ އެތަން ރީސެޓް ނުކުރެވޭނެ ކަމަށް ފެންނާތީ މި ފަހަރުގެ މި އިންތިހާބުގައި މާލެ ސިޓީގެ މޭޔަރަކަށް ޒަރިޔަންދު ވާދަކުރުން މުހިންމު ކަމަށް ރައީސް ޔާމީން ވިދާޅުވުން،" ޒަރިޔަންދު ވިދާޅުވިއެވެ.

މާލޭ މޭޔަރުކަމަށް ޕީއެންއެފްގެ ފަރާތުން ވާދަކުރައްވާ ޒަރިޔަންދު ޖަލްސާގައި ވާހަކަދައްކަަވަނީ -- ސަން ފޮޓޯ: މުޙައްމަދު އަފްވާން
ޒަރިޔަންދު ވިދާޅުވީ އޭނާ އަބަދުވެސް ދެމި ހުންނާނީ މާލޭ ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި ކަމަށެވެ. އަދި މި ކަމަށް ކުރިމަތިލަނީ ސިޔާސީ "ބޮޑުގޮނޑި"އަކަށް އަރަން ނޫން ކަމަށާއި، މާލެ ތަހުޒީބުކުރަން ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.
"އަޅުގަނޑު މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމުގެ މަސްއޫލިއްޔަތާ ހަވާލުވާން ކުރިމަތި މި ލީ މި މާލެއަށް ދިމާވެފައިވާ މައިގަނޑު މައްސަލަތަކާއި، މާލޭގެ ރައްޔިތުންނަށް ލިބެންޖެހޭ އިގްތިޞާދީ އިޖްތިމާއީ ކުރިއެރުމަށް ހުރި ގޮންޖެހުންތައް އެނގޭ މީހަކަށް ވާތީ މި މާލޭގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް ކަންކުރަންޖެހޭނޭ ގޮތުގެ ފަންނީ ހަމަތައް ދަންނަ އަދި ހައްލުކުރަން އެނގޭ މީހެއްކަން ކަށަވަރުވާތީ،" އޭނާ ވިދާޅުވިއެވެ.
ޒަރިޔަންދު ވިދާޅުވީ އޭނާ ވިސްނާނީ "މާލޭ މީހާ"ގެ ވިސްނުމުން ކަމަށެވެ.
ޒަރިޔަންދަކީ މާލީ ދާއިރާގައި މުހިންމު ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. ދައުލަތުގެ އެކި އިދާރާތަކުގައި 30 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވިއިރު އޭގެ ތެރެއިން ބޮޑުބައި ހޭދަކުރެއްވީ އޮޑިޓަރެއްގެ މަގާމުގައި އޮޑިޓާ ޖެނެރަލްގެ އޮފީހުގައެވެ. މީގެ އިތުރުން ފިނޭންސް މިނިސްޓްރީގައި ވެސް ޒަރިޔަންދު މަސައްކަތް ކުރެއްވިއެވެ.
މީގެ އިތުރުން ޒަރިޔަންދަކީ ފާހަގަކޮށްލެވޭ ފުޓުބޯޅަ ކުޅުންތެރިއެއް ވެސް މެއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެންމެ ވާދަވެރި އެއް ގޮނޑިއަށް ވާނީ މާލޭ މޭޔަރުކަމުގެ ގޮނޑިއެވެ. ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ވާދަކުރައްވަނީ ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތުގެ ވެރިޔާ މޭޖާ ޖެނެރަލް ރިޓަޔާޑް، މޫސާ އަލީ ޖަލީލެވެ.
އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެނޑީޑޭޓަކު ހޮވުމަށް ވާދަވެރި ޕްރައިމަރީއަކަށް ތައްޔާރުވަމުން އަންނައިރު އެ ޕްރައިމަރީގައި މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމާއި، މިހާރު މޭޔަރު އާދަމް އާޒިމް ވާދަކުރައްވައެވެ.