ނަންބަރުތައް ދައްކަވަމުން ޔާމީން: "ގައުމު މި ދަނީ ބޯކޮޅު ވަތަށް"

"ރީސެޓް"ގެ ނަމުގައި އޮތް ޖަލްސާގައި ޔާމީން ވާހަކަފުޅުދައްކަވަނީ. އިގްތިޞާދީ ގޮތުން ވަރަށް ގިނަ ކަންބޮޑުވުންތަކެއް ޔާމީން ފާޅުކުރެއްވި -- ސަން ފޮޓޯ: މުޙައްމަދު އަފްވާން

ކޮރަޕްޝަނާ ގުޅުންހުރި ހިސާބުތަކާއި، އިގްތިޞާދީ ނަންބަރުތައް ހިއްސާކުރައްވައި، މިއަދު ރާއްޖޭގެ އިގްތިޞާދު މިސްރާބު ޖަހައިފައި އޮތީ "ބޯކޮޅު ވަތަށް" ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިރޭ ވިދާޅުވެއްޖެއެވެ.

އާޓިފިޝަލް ބީޗުގައި "ރީސެޓް"ގެ ނަމުގައި އޮތް ޖަލްސާގައި ޔާމީން ވަނީ، މިދިޔަ އެމްޑީޕީގެ ސަރުކާރުގައި އަޑިއަޅައިފައިވާ ރާއްޖޭގެ އިގްތިޞާދު ކޮޅަށްޖެހިކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ތަކުރާރުކޮށް އެކި ޖަލްސާތަކުގައި ވިދާޅުވަމުން އަންނަކަން ފާހަގަކުރައްވައި އެކަމަށް ހިސާބުއަކުރުން ރައްދު ދެއްވައިފައެވެ.

ޔާމީން ވިދާޅުވީ އިގްތިޞާދު އޮތީ ކޮޅަށް ނޫން ކަމަށެވެ.

"އިގްތިޞާދެއް ނޫން ކޮޅަށް ހުރީ، ހަގީގަތުގައި އިގްތިޞާދު އޮތީ ބޯވަތަށް،" ޔާމީން ވިދާޅުވިއެވެ.

އެންމެ ފުރަތަމަ ޔާމީން އަލިއަޅުއްވައިލެއްވީ ކޮރަޕްޝަންގެ މައްޗަށެވެ. އެގޮތުން ޔާމީން ވިދާޅުވީ ކޮންމެ ވެރިއަކު ވެސް ކޮރަޕްޝަނާ ދެކޮޅު ކަމަށް ވިދާޅުވާ ވާހަކަ ކަމަށެވެ. އެކަމަކު މިދިޔަ އެމްޑީޕީ ސަރުކާރުގެ ތެރޭ 2020 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ކޮރަޕްޝަން އިންޑެކްސް ވަރަށް ބޮޑަށް ދަށްވަމުން އައިކަމަށް ހިސާބުތައް ދައްކަވަމުން ޔާމީން ވަނީ ވިދާޅުވެފައެވެ.

"ރީސެޓް"ގެ ނަމުގައި އޮތް ޖަލްސާގައި ޔާމީން ވާހަކަފުޅުދައްކަވަނީ. އިގްތިޞާދީ ގޮތުން ވަރަށް ގިނަ ކަންބޮޑުވުންތަކެއް ޔާމީން ފާޅުކުރެއްވި -- ފޮޓޯ: ޕީއެންއެފް

ނަމަވެސް އެ މަނިކުފާނުގެ ވެރިކަމުގައި ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ އޮތީ 40 ވަނައިގައި ކަމަށާއި އެއީ ފަޚުރުވެރިވާން ޖެހޭ ކަމެއްކަމަށް ޔާމީން ވިދާޅުވިއެވެ.

"އަދި އޭގެ ތެރެއިން އެއް އަހަރު 31 ވަނައިގައި ރާއްޖެ ރޭންކްވެގެން ދިޔަ. މިއީ އޯއީސީޑީގެ ގައުމުތަކާއި އަދިވެސް އެއްވަނަ ދުނިޔޭގެ ގައުމުތަކާއި މި ހުރިހާ ގައުމުތައް ހިމެނޭގޮތަށް. އެންމެ މަތީގައި އުޅޭނީ، އެންމެ މަތީގައި ރޭންކިންގެ އެއްވަނައިގައި އުޅޭނީ އެންމެ ކޮރަޕްޝަން ފްރީ ގައުމު،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ މިހާރު ރާއްޖެ އޮތީ ކޮރަޕްޝަން އިންޑެކްސްގައި 96ވަނައިގައި ކަމަށެވެ.

މިއީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުވާން ވެސް އެޅޭނެ ހުރަހެއް ކަމަށާއި، އިންވެސްޓަރުން ވެސް ރާއްޖެއަށް ނުލިބޭނެ ސަބަބެއް ކަމަށް ޔާމީން ވިދާޅުވިއެވެ.

"ކޮރަޕްޝަން އިންޑެކްސް މިވަރުގައި އޮވެގެން ކޮން ރޭންކިންއެއްތޯ ލިބޭނީ. މޫޑީޒް ރޭންކިންއެއް ނުލިބޭނެ ކޮރަޕްޝަން އިންޑެކްސް މިވަރުގައި އުޅެންޏާ. ކޮރަޕްޝަން މިވަރުގައި އުޅެންޏާ ދުނިޔޭގެ އެއްވެސް ބަޔަކު ނާންނާނެ މިތާ އިންވެސްޓުކުރާކަށް،" ޔާމީން ވިދާޅުވިއެވެ.

އެއާއެކު ސަރުކާރަށް ފާޑު ވިދާޅުވަމުން ޔާމީން ވިދާޅުވީ ކަމެއް ކުރާނަމަ ހިސާބުތަކުން އެކަމެއް ދައްކަން ވާނެ ކަމަށެވެ. ނަމަވެސް އެ ކަމެއް ނުދެއްކޭ ކަމަށާއި، މިއީ މޫނުމަތި އެކަނި ސާފުކޮށްގެން ބޭރަށް "ޝާހީ" ކަމަށް ދައްކައިގެން ހިންގާ ސަރުކާރެއް ކަމަށް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުތައް ހުރި މިންވަރަށް އަލިއަޅުއްވައިލައްވަމުން ޔާމީން ވިދާޅުވީ 2018 އާ ހަމައަށް އައިރު ދެ ޕަސެންޓާ ހަމައަށް ވެސް އިންފްލޭޝަން ނާރާ ކަމަށެވެ.

"އޭގެ މާނައަކީ ތަކެތީގެ އަގުބޮޑުވާ މިންވަރު، ނިސްބަތުން ތަކެތީގެ އަގުބޮޑުވާ މިންވަރުން ދެ ޕަސެންޓަށް ވެސް ނާރައޭ،" މިއަދު އިންފްލޭޝަން ހުރީ 22 ޕަސެންޓުގައި ކަން ފާހަަގަކުރައްވައި ޔާމީން ވިދާޅުވިއެވެ.

މިހާ ހިސާބަށް ދިއުމުން ޑޮލަރު ރޭޓަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް އައިސްފައިވާކަމަށް ޔާމީން ވިދާޅުވިއެވެ. އެގޮތުން 21 ރުފިޔާއަށް ޑޮލަރެއް ގަންނަން ލިބެން ހުރުމަކީ، ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ވިދާޅުވިއެވެ. އަދި މި ކަންކަމަށް ބަލާއިރު، ރާއްޖެއަށް ދަރަނި ދޭނެ ބަޔަކު ވެސް ނުވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

"ރީސެޓް"ގެ ނަމުގައި އޮތް ޖަލްސާގައި ޔާމީން ވާހަކަފުޅުދައްކަވަމުން ހަވާލާދެއްވި ޗާޓެއް-- ފޮޓޯ: ޕީއެންއެފް

އެހެންކަމުން ދެން ސަރުކާރަށް މަޖުބޫރުވަނީ ރާއްޖޭން ދަރަނި ނަގަން ކަމަށާއި، އެހެން ބަލައިނަމަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ސަރުކާރަށް ބޮޑު ދަރަންޏެއް މިއަދު ދީފައިވާ ކަމަށެވެ. އޭގެ ސަބަބުން އަމިއްލަ އެއްވެސް ވިޔަފާރިއަކަށް އެ ބޭންކުން ލޯނު ދޭން ފައިސާއެއް ނޯންނާނެކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ނަތީޖާއަކަށް ވާނީ އެ ކުންފުނިތަކުގެ މަސައްކަތް ދަށްވެ އިގްތިޞާދު ހީނަރުވުން ކަމަށް ވިދާޅުވިއެވެ.

އެއާއެކު ޔާމީން ވިދާޅުވީ އެ މަނިކުފާނު ބޭނުންފުޅުވަނީ މި ވާހަކަފުޅުތަކާއެކު މާލީ ދާއިރާގެ އިލްމީ ބޭފުޅުންނަށް ޗެލެންޖުކުރައްވަން ކަމަށެވެ.

ދުނިޔެ ތަރައްގީވަމުން އަންނައިރު، ދިވެހީންގެ ދިރިއުޅުމުގެ ހާލަތުވެސް ވާންވާނީ ރަނގަޅު ކަމަށާއި އެހެން ނުވާނަމަ އެކަމާ ސުވާލު އުފައްދަން ޖެހޭ ކަމަށް ޔާމީން ވިދާޅުވިއެވެ.

comment ކޮމެންޓް