ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާއި އިދިކޮޅު މައި ޕާޓީ ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ދަފްތަރުގައި ތިބި މެންބަރުންގެ އަދަދު މަދުވިއިރު އެހެން ސިޔާސީ ޕާޓީތަކަށް މެންބަރުން އިތުރުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ދަފުތަރުގައި މި ވަގުތު 10 ސިޔާސީ ޕާޓީއެއް އޮތް އިރު، އީސީއިން މިއަދު ވަނީ ޕާޓީތަކުގެ ދަފްތަރުގައި ތިބި މެމްބަރުންގެ އަދަދު ހާމަކޮށްފައެވެ.
ދަފްތަރުން އެނގޭ ގޮތުގައި ސިޔާސީ ޕާޓީތަކުގައި ޖުމުލަ 1،61،417 (އެއްލައްކަ ފަސްދޮޅަސް އެއްހާސް ހަތަރުސަތޭކަ ސަތާރަ) މެންބަރުން އެބަ ތިއްބެވެ.
މިހާރު ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މެންބަރުން ތިބި އަދަދު:
- އެމްޑީޕީ: 57،660 މެންބަރުން
- އަދާލަތު ޕާޓީ: 9،786 މެންބަރުން
- ޖުމްހޫރީ ޕާޓީ: 22،607 މެންބަރުން
- ޕީޕީއެމް: 38،704 މެންބަރުން
- އެމްޑީއޭ: 10،386 މެންބަރުން
- އެމްޓީޑީ: 3،016 މެންބަރުން
- ޕީއެންސީ: 3،159 މެންބަރުން
- އެމްއާރްއެމް: 2،981 މެންބަރުން
- އެމްއެންޕީ: 9،838 މެންބަރުން
- ދަ ޑިމޮކްރެޓްސް: 3،280 މެންބަރުން
މީގެ ކުރިން ޖޫން މަހު އީސީން އާންމުކުރި ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ބަލާއިރު އެމްޑީޕީގައި ތިބީ 58،035 މެންބަރުންނެވެ. އެހެންކަމުން އެ ޕާޓީން 375 މެންބަރުން މިވަނީ މަދުވެފައެވެ. އެމްޑީޕީން މެންބަރުން މަދުވި ނަމަވެސް އެ ޕާޓީ އަދިވެސް އޮތީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައެވެ.
ޖޫން މަހާ ހަމައަށް ޕީޕީއެމްގައި 38،831 މެންބަރުން ތިބި އިރު އެ ޕާޓީން ވަނީ 127 މެންބަރުން މަދުވެފައެވެ. ތިންވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ ޖޭޕީގައި ކުރިން 22،705 މެންބަރުން ތިބިއިރު އެ ޕާޓީން 98 މެންބަރުން ވަނީ މަދުވެފައެވެ.
އެހެން ޕާޓީތަކަށް ވަނީ މެންބަރުން އިތުރުވެފައެވެ. އެގޮތުން އެ ޕާޓީތަކަށް މެންބަރުން އިތުރުވެފައި ވަނީ:
- އަދާލަތު ޕާޓީ: 191 މެންބަރުން
- އެމްޑީއޭ: 159 މެންބަރުން
- އެމްޓީޑީ: ދެ މެންބަރުން
- ޕީއެންސީ: 20 މެންބަރުން
- އެމްއާރްއެމް: 89 މެންބަރުން
- އެމްއެންޕީ: 109 މެންބަރުން
މި ސިޔާސީ ޕާޓީތަކުގެ ތެރެއިން 3،000 މެންބަރުން ހަމަނުވާ ހަމައެކަނި ޕާޓީއަކީ އެމްއާރްއެމްއެވެ. އަލަށް އުފެދުނު ޑިމޮކްރެޓްސްގައި ވެސް މިހާތަނަށް 3،000 ވުރެ ގިނަ މެންބަރުން އެބަތިއްބެވެ.
އިލެކްޝަނަށް ސައްހަ ނޫން ފޯމުތައް ހުށަހަޅާ އޮޅުވާލައިގެން ޕާޓީތަކަށް މީހުން ވައްދާ މައްސަލަ ވަނީ މި ފަހުން ވެސް ވަރަށް ބޮޑަށް އިތުރުވެފައެވެ. އެއާއެކު މީދިޔަ އަހަރު އީސީން ވަނީ އެކަންކަން ހުއްޓުވުމަށް ފިޔަވަޅުތަކެއް ވެސް އަޅައިފައެވެ.
އެގޮތުން އެކޮމިޝަނުން ވަނީ ތިން ފޯމަކަށް ބަދަލު ގެނެސްފައެވެ. ބަދަލު ގެނެސްފައިވާ ފޯމުތަކަކީ އަލަށް އުފެއްދުމަށް އެދި ހުށަހަޅާ ޕާޓީގެ މެމްބަރުކަމަށް ވުމަށް އެދޭ ފޯމާއި، މެމްބަރުކަމަށް ވުމަށް އެދޭ ފޯމު އަދި ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ޝަކުވާ ހުށަހަޅާ ފޯމެވެ. ކުރިއާ ޚިލާފަށް މި ފޯމުތަކުގެ ސައްޙަކަން ކަށަވަރުކުރުމަށް ހެކިންގެ ފިންގާ ޕްރިންޓް ޖަހަން ޖެހެއެވެ. އަދި ފޯމުގައި ޕާޓީއަށް ވަންނަ މީހާގެ ފޮޓޯއާއި، ސޮއިކުރާ މީހާގެ މަންމަގެ މައުލޫމާތުވެސް ހިމަނަންޖެހެއެވެ.
މިކަމާ ގުޅިގެން އީސީގެ ނައިބުރައީސް އިސްމާއިލް ހަބީބް 'ސަން'އަށް ވިދާޅުވީ ފޯމުތަކަށް ގެނައި ބަދަލާއެކު މިހާތަނަށް އެ މައްސަލަ ވަރަށް ބޮޑަށް ހައްލުކުރެވިގެން ދިޔަ ކަމަށެވެ.
"ކުރިއާ ޚިލާފަށް ފޭކް ފޯމްތައް އައުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފަ ވަނީ. ދެން އީސީގެ ވަރަށް ބޮޑު އެދުމެއް އެއީ ކޮންމެ ބޭފުޅަކު ވެސް ވީހާވެސް އަވަހަށް ބަލާ ޗެކް ކުރުމަށް. އެއް މަސް ދުވަހުގެ މުއްދަތެއް މިއޮތީ ބަލައި ޗެކް ކުރުމަށް ހުޅުވާލައިފަ،" ހަބީބް ވިދާޅުވިއެވެ.
ހަބީބް ވިދާޅުވީ އީސީގެ ބޭނުމަކީ ވީހާވެސް ބޮޑަށް މި ލިސްޓު ސައްހަކުރުން ކަމަށެވެ.
ލިސްޓުގައި ނަން އޮތްތޯ ޗެކްކުރެއްވުމަށް (ޕީ.ޕީ.އާރް/ ހުސްތަންކޮޅެއް/ އައިޑީކާޑު ނަންބަރު ޖައްސަވައި 1414) އަށް މެސެޖު ކުރުމުން ޗެކްކޮށް ލެއްވޭނެއެވެ.
ޝަކުވާ ހުށަހެޅުއްވުމަށް ބޭނުންވާ ފޯމު އެ ކޮމިޝަނުގެ ވެބްސައިޓުން އަދި ކޮމިޝަނުގެ އިދާރާގެ ކައުންޓަރުން ލިބިގެންދާނެ ކަމަށް އީސީން ބުންޏެވެ. އަދި މިކަމަށް ހުށަހަޅާ ޝަކުވާ ބަލައިގަންނާނީ ނޮވެމްބަރު މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ 3:00 އާ ހަމައަށް ކަމަށް ވެސް އީސީން ވަނީ ބުނެފައެވެ.