މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދި ދެވަނަ ފަހަރެވެ. މަޖިލީހުގެ ސާފު، މެޖޯރިޓީ އޮތް އެމްޑީޕީއަށް އެ މަނިކުފާނާ މެދު އިތުބާރު ނެތިގެން ރިޔާސަތުން ނަޝީދު ވަކިކުރަން އުޅޭތާ ހައެއްކަ މަސް ވީއެވެ. އެކަމަކު، މަޖިލީހުގެ ގަވާއިދުން ކޮންމެ ވެސް ތަންކޮޅެއްގެ ބޭނުން ކުރައްވައިގެން އެ މަނިކުފާނުގެ މައްސަލައިގައި ވޯޓަކާ ހިސާބަށް ދެވޭ ވަރެއް ނުވެއެވެ.
އެމްޑީޕީން ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވަނީ 49 މެންބަރުންގެ ސޮޔާ އެކުގައެވެ. އެ ޕާޓީގެ 56 މެންބަރުން ތިއްބަވާއިރު، ނަޝީދު މަގާމުން ވަކިކުރަން ބޭނުންވާ އަދަދު މާ ސާފުކޮށް ހަމަވެެއެވެ. އެއީ، 43 ވޯޓެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީން ފުރަތަމަ ހުށަހެޅީ މީގެ ފަސް މަސް ކުރީންނެވެ. އެ ފަހަރު ހުށަހެޅީ މަޖިލީހުގެ 56 މެންބަރުންގެ ސޮޔާ އެކުގައެވެ. އެކަމަކު، އެ ފަހަރު ވެސް ނައިބު ރައީސް އީވާ އަބްދުﷲއާ ދެ ބޭފުޅުންގެ މައްސަލަ އެއް ފަހަރައި އެޖެންޑާ ކުރީ ކަމަށް ބުނެ މަޖިލީސް ހުއްޓުވައިލީއެވެ.
މަޖިލީހުގެ މުހިއްމު އެތައް މަސައްކަތެއް ހުއްޓި، ދައުލަތުގެ ބާރެއްގައި ތަޅު އަޅުވައިގެން އެތައް ދުވަހަކު ބާއްވާފައި އޮއްވައި، ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ނަޝީދުގެ ދަ ޑިމޮކްރެޓްސްއަށް ލިބުނު ހަތް އިންސައްތަ ވޯޓުގެ ބޭނުމުގައި އެއޮތް ބޮޑު އެމްޑީޕީން ކުޑަކަކޫ ޖަހައި ގޮތްދޫ ކުރީއެވެ. ނަޝީދާއި އީވާގެ މައްސަލަ އަލުން ނެގީއެވެ. އެކަމަކު، އެ ވަރަށް ދޫ ދިނުމުން ވެސް ނަޝީދު އެމްޑީޕީއަށް ތާއީދެއް ނުކުރިއެވެ. އެހެންވެ، އަލުން އަނެއްކާ ވެސް އެމްޑީޕީން ނުކުތީ ނަޝީދު ކޮންމެހެން ބޭރު ކުރަން ޖެހޭ ކަމަށް ނިންމައިގެންނެވެ.
އެމްޑީޕީން ނިންމީ، ނަޝީދު ވަކިކޮށްފައި ނޫނީ މަޖިލީހުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދާށެވެ. އިންތިޚާބީ ރައީސްގެ ހުވައާއި އާ ސަރުކާރުގެ ކެބިނެޓަށް ވެސް ރުހުން ނުދޭނެ ކަމަށް އެމްޑީޕީން އޮތީ ނިންމައިފައެވެ.
ޒާތީ ހަނގުރާމައެއްގައި މަޖިލިސް މަރުތަޅަކަށް
މިއަދަށް އޮތީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ކޮށްފައެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، ރިޔާސަތުގެ އިތުބާރު ނެތް ކަމަށް ހުށަހަޅައިފި ނަމަ، މަޖިލީހުގެ އިތުރު އެއްވެސް މަސައްކަތެއް ކުރިއަށް ގެންދެވޭނީ އެ މައްސަލައާ މެދު ގޮތެއް ނިންމުމަށް ފަހުގައެވެ.
އެހެންވެ، އެމްޑީޕީން ގަބޫލުކުރަނީ އެ ގަވާއިދުގެ ދަށުން، އާ ސަރުކާރަށް ރުހުން ދިނުމާއި ހުވާގެ ކަންކަން ވެސް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި އޮއްވައި އެ މަނިކުފާނުގެ ކޮއްކޯފުޅު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމް ވިދާޅުވުމުން، މިއަދުގެ ޖަލްސާ ނުބޭއްވުނެވެ. މިއަދުގެ ޖަލްސާ ނުބޭއްވޭނެކަން އިއުލާނު ކުރަމުން އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވީ، މިއަދު އީވާ ނެތުމުން ޖަލްސާ ބޭއްވެން ނެތް ކަމަށެވެ. އެހެންވެ، މާދަމާގެ ޖަލްސާއަށް އެ މައްސަލަ އަނެއްކާ ވެސް އެޖެންޑާ ކުރާނެ ކަމަށް ނިއުޝާ ވިދާޅުވިއެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، ރިޔާސަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއްގައި ރިޔާސަތު ބަލަހައްޓަން ވާނީ ނައިބު ރައީސެވެ. ނައިބު ރައީސް ނެތް ހާލަތެއްގައި އަމަލު ކުރާނެ ސާފު ގޮތެއް ނެތް، ނަމަވެސް އެ ހާލަތުގައި އަމަލު ކުރެވިދާނެ އެތައް ގޮތެއް އެ ގަވާއިދުގައި އޮވެއެވެ.
އެހެންވެ، އެމްޑީޕީން ވަނީ ނަޝީދު މަޖިލީސް ހުއްޓުވައިލާ ކަމަށް ބުނެ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައެވެ.
ނަން ނުޖަހާ ގޮތަށް ވާހަކަދެއްކެވި ޑިމޮކްރެޓްސްގެ މެންބަރެއް ވިދާޅުވީ، ނަޝީދު ވަކިކުރިޔަ ނުދޭނެ ކަމަށެވެ. އެ މައްސަލަ ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އެ ބޭފުޅުން ވަރަށް ސާފުކޮށް ވިދާޅުވެއެވެ. އެހެންވެ، މި ފަހަރު ވެސް އިތުބާރުގެ މައްސަލައާ ގުޅިގެން މަޖިލީހުގެ މިސްރާބު ހުރީ މަރުތަޅަކާ ދިމާލަށެވެ.
ކުރީ ފަހަރު ގޮތަށް މަޖިލީސް ހުއްޓުވާލައިގެން ވެސް ރިޔާސަތު ދިފާއު ކުރާނެ ކަމަށް އެމްޑީޕީން ގަބޫލުކުރެއެވެ. އެ ފަހަރާ މިހާރުގެ ތަފާތަކީ މެދަށް އާ ރައީސް ހުވާ ކުރައްވައި ޖަލްސާ ވަންނާތީއެވެ. އެއީ، ގާނޫނުން ލާޒިމުކުރާ ޖަލްސާއެކެވެ.
އެމްޑީޕީން ވެސް ޖެހީ ހުވާ ކުރާ ޖަލްސާގެ މަޅިއެވެ. ނަޝީދު ވެސް ޖައްސަވަނީ އެ މަޅިއެވެ.
އެމްޑީޕީން ދެކެނީ ހުވާ ކުރުމަށް ހުރަސް ނާޅައި، އާ ސަރުކާރަށް ޖާގަ ދޭން ނަޝީދުގެ މައްސަލަ ކުރިއަށް ގެންދިޔަ ދޭނެ ކަމަށެވެ. އެކަމަކު، ޑިމޮކްރެޓުން ވެސް ޖަހާ ހިސާބަކީ އެއީއެވެ. މައްސަލައާއި މަޖިލީސް ހުއްޓުވައިލުމުން، ހުވާ ކުރިޔަ ދޭން އެމްޑީޕީން އަނެއްކާ ވެސް ފަހަތަށް ފިޔަވަޅެއް އަޅާނެ ކަމަށެވެ. ދެ ބައި މީހުން ވެސް އެ ތިބީ، މަޖިލީސް ހުއްޓުވައިލާނެ ކަމަށް ބުނެ މަޅި ޖަހައިގެންނެވެ.
ސާފުކޮށް އިތުބާރު ނެތް، މަރުތަޅަކީ އިއްތިފާގެއް؟
މިއަދު ވޯތެއް ނެގި ނަމަވެސް، ވަގުތުން ނަޝީދު ވަކި ކުރެވޭ ވަރަށް އެމްޑީޕީގެ މެންބަރުން އެބަ ތިއްބެވިއެވެ. އެހެންވެ، ކޮއްކޯފުޅުގެ ކުއްލި އާލާސްކަންފުޅަކީ އިއްތިފާގެއް ނޫންކަން، ޑިމޮކްރެޓްސްގެ މެންބަރުން ދައްކަވާ ވާހަކައިން ވަރަށް ސާފެވެ.
ކުރީ ފަހަރު އިތުބާރުގެ މައްސަލަ ހުށަހެޅުމުން ކުރިމަތިވީ، ކޮމިޓީތައް އެކުލަވައިނުލެވުމުގެ މައްސަލައެވެ. އަދި، އީވާއާއި ދެ ބޭފުޅުންގެ އިތުބާރުގެ މައްސަލަ އެއް ފަހަރާ ހުށަހެޅުމުން ކަމަށް ބުނެ ރިޔާސަތާ މެދު ގޮތެއް ނުނިމި ވެސް އެތައް ދުވަހެއް ދިޔައެވެ. މި ފަހަރު، ކުރިމަތިވީ އީވާގެ އާލާސްކަންފުޅެވެ. އެހެންވެ، މިއީ އިއްތިފާގު ނޫންކަން ވަރަށް ސާފެވެ.
މަޖިލީހުގެ ގަވާއިދު އެއް ފަރާތުގައި ބާއްވާފައި، ނަޝީދު އެ އެއްޗެއްގެ ބައްޕާފުޅު ކަމަށް ދައުވާ ކުރާ ޑިމޮކްރަސީގެ ހަމައަކީ ވެސް، ސާފު މެޖޯރިޓީން އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުން ދެން އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމެވެ. އެމްޑީޕީން މީގެ ކުރިން، ބުނި ގޮތަށް ހަގީގަތުގައި މިހާރު އެންމެ ރަނގަޅު ގޮތަކީ ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމެވެ. ޑިމޮކްރަސީގެ ހަމައަކަށް ވާނީ އެއީއެވެ. އެކަމަކު، ތާއީދު ނެތުމުން މަރުތަޅު އެޅުވުމަކީ ނަޝީދު އަލަށް ކުރައްވައި ކަމެއް ނޫނެވެ.
ފުރަތަމަ ވެރިކަމަށް ވަޑައިގެން، އޭރުގެ ޑީއާރުޕީން އެ މަނިކުފާނުގެ ކެބިނެޓަށް ރުހުން ނުދިނުމުން މުޅި ކެބިނެޓު އެއް ފަހަރާ އިސްތިއުފާ ދޭން އަންގައި، ސަރުކާރުގައި ވެސް މަރުތަޅެއް އެޅުއްވިއެވެ. އަދި، އެ ފަހުން ދާއިމީ ސުޕްރީމް ކޯޓު އެކުލަވައިނުލެވޭ ކަމަށް ވިދާޅުވެ، ފުލުހުން ފޮނުވައިގެން ބޮޑު ތަޅު ވެސް އެޅުވިއެވެ. އޭގެ ފަހުން، މި އަހަރުގެ ކުރީކޮޅު ހުށަހެޅި އިތުބާރުގެ މައްސަލައާ އެކު މަޖިލީހުގައި މަރުތަޅެއް އެޅުވިއެވެ. މި ފަހަރު މި ހިނގާ ކަންކަމުން އަނެއްކާ ވެސް މިސްރާބު ހުރީ ސާފުކޮށް އިތުބާރު ނެތަސް، މަގާމުގެ ބޭނުމުގައި އިތުރު މަރުތަޅަކާ ދިމާލަށެވެ.
އެކަމަކު، ވަށައިގެން ކަން ހިނގާ މަގާއި ފެންނާން ހުރި ސިޔާސީ ހަގީގަތާއި އަދި އަމުދުން ނަޝީދުގެ މާޒީއަށް ބަލާއިރު ރިޔާސަތުން އެ މަނިކުފާނު އިސްތިއުފާ ދެއްވުން ވެސް އެއީ ދުރު ކަމެއް ނޫނެވެ. މަޖިލީހުގައި އެޅޭ މަރުތަޅު ނައްތައިލެވޭނެ އެންމެ ފަހި ފޯމިއުލާ އަކީ އެއީއެވެ. ޑިމޮކްރަސީގެ ރީތި ސާފު އުސޫލަކީ ވެސް އެއީއެވެ.
މިހާރު ހިނގަނީ ސާފުކޮށް އިތުބާރު ނެތި، މަގާމުގައި ބަގުޑި ބައްދަން ކުރައްވާ މަސައްކަތެއް ކަމަށް އެމްޑީޕީން ގަބޫލުކުރެއެވެ.