ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުއްޓުވާ ކަމަށް ބުނެ، އެމްޑީޕީން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފިއެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލަ ކުރިއަށް ދާއިރު މަޖިލީހުގެ ރިޔާސަތުގައި އިންނަވަންވާނީ މަޖިލީހުގެ ނައިބު ރައީސެވެ. މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތެއްގައި ދެން އަމަލު ކުރާނެ ގޮތެއް މަޖިލީހުގެ ގަވާއިދަކު ލިޔެފައެއް ނުވެއެވެ.
ނަމަވެސް، މަޖިލީހުގެ ގަވާއިދުގައި ވަނީ އޭގެ ތެރެއިން ގަވާއިދެއްގައި ނެތް ކަމެއް ދިމާވެއްޖެނަމަ ދެން އަމަލު ކުރާނީ ރިޔާސީ ނިޒާމް އޮންނަ ގައުމުތަކުގައި އަމަލު ކުރާ އުސޫލަކުން ކަމަށް ބުނެފައެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ކޮށް، މެމްބަރުންނަށް ނޯޓިސް ވެސް ދީފައިވަނިކޮށް ރައީސް ނަޝީދުގެ ކޮއްކޯފުޅު، އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ މިއަދުގެ ޖަލްސާއަށް ސަލާމް ވިދާޅުވެފައެވެ. އެއާއެކު މަޖިލީހުގެ އަމީންއާއްމު ނިންމެވީ މާދަމާގެ ޖަލްސާއަށް ވަޑައިގަންނަވަން އީވާއަށް ދެންނެވުމަށްފަހު މާދަމާއަށް ޖަލްސާ ފަސް ކުރުމަށެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ބައެއް މެމްބަރުން "ސަން" އަށް ވިދާޅުވީ ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް ހުރަސްއަޅާތީ އެ މައްސަލަ މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.
"ދެން ހައްލު ހޯދެވޭނެ ކަމަށް ބެލެވެނީ ކޯޓުން،" އެމްޑީޕީގެ މެމްބަރަކު ވިދާޅުވިއެވެ.
އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދު ވަކިކުރަން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ހުށަހަޅާފައިވާ މައްސަލަ ފާސްކުރަން، ތްރީލައިން ވިޕެއް ވެސް އެ ޕާޓީން ވަނީ ނެރެފައެވެ.
ދެވަނަ ފަހަރަށް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައިވަނީ އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާ އެކުގައެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރެވެނީ 43 މެމްބަރުން ވޯޓް ދިނުމުންނެވެ. އެހެންކަމުން އެމްޑީޕީން އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ ވެސް ނަޝީދު ވަކިކުރެވޭ ވަރަށް ސޮއި ހަމަކޮށްގެންނެވެ.