ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން، އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ހުށަހަޅާފައިވާ މައްސަލަ ފާސްކުރަން، ތްރީލައިން ވިޕެއް ނެރެން އެ ޕާޓީގެ ޕީޖީ ގްރޫޕުގެ އިއްތިފާގުން ނިންމައިފިއެވެ.
އެމްޑީޕީން ދެވަނަ ފަހަރަށް ހުށަހެޅި ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އޮތީ އާދިއްތަ ދުވަހަށް އެޖެންޑާ ކޮށްފައެވެ.
އެ މައްސަލައާ ގުޅޭ ގޮތުން، އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ތްރީލައިން ވިޕެއް ނެރެން ފާސްކޮށްފައެވެ. އެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުން ވަނީ މަޖިލީހުގެ އެއްވެސް މަސައްކަތެއް ދެން ކުރެވޭނީ ނަޝީދު ވަކި ކުރުމުގެ މައްސަލައަށް ގޮތެއް ނިންމުމަށް ފަހުގައި ކަމަށް ނިންމައިފައެވެ.
އެމްޑީޕީން ވަނީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އާދިއްތަ ދުވަހު ކުރިއަށް ދާއިރު، އެ ޕާޓީގެ ސަޕޯޓަރުން މަޖިލީހަށް ހާޒިރުވެ، ޖަލްސާ ބަލަން އެދިފައެވެ.
ދެވަނަ ފަހަރަށް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައިވަނީ އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާ އެކުގައެވެ. އެ މައްސަލަ އާދިއްތަ ދުވަހަށް އެޖެންޑާ ކޮށްފައިވާއިރު، މިއަދު އޭޑީކޭގައި އޮތް ރަސްމިއްޔާތެއްގައި ނަޝީދު ވަނީ ނުސީދާ ގޮތެއްގައި އެމްޑީޕީގެ މަޖިލީސް މެންބަރުންނަށް ފާޑު ވިދާޅުވެފައެވެ.
"އެއް އިރު އިތުބާރު އޮތިއްޔާ އަނެއް އިރު ނޯންނަ،" ކަމަށް ވިދާޅުވެ، އެ މަނިކުފާނު ވަނީ އެމްޑީޕީން ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައަށް ހަޖޫ ޖައްސަވައިފައެވެ.
އެންމެ ފުރަތަމަ އެމްޑީޕީން ނަޝީދު ވަކިވުމާ އެކު އެ މަނިކުފާނާއި މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެމްޑީޕީން ހުށަހެޅިއެވެ. އެކަމަކު، އެ ފަހަރު ދެ މައްސަލަ އެއްފަހަރައި ހުށަހެޅުމުން މުޅި މަޖިލީސް ހުއްޓުނީއެވެ. އެހެންވެ، ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭ ނަޝީދުގެ ސަޕޯޓަރުންގެ ރުހުން ހޯދަން އެމްޑީޕީން ވަނީ އެ މައްސަލަ އަނބުރާ ގެނެސްފައެވެ.
އެކަމަކު، ދެވަނަ ބުރުގައި ވެސް ނަޝީދުގެ ދަ ޑިމޮކްރެޓްސްއިން އެމްޑީޕީއަށް ތާއީދު ނުކުރުމުން، އަނެއްކާ ވެސް އެމްޑީޕީން ވަނީ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފައެވެ.
މަޖިލީހުގައި މިހާރު އެމްޑީޕީގެ 56 މެންބަރުން ތިއްބަވައެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ފާސްކުރަން ބޭނުންވަނީ 43 މެންބަރުންގެ ވޯޓެވެ.