ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން އެމްޑީޕީގެ އެންމެ ބޮޑު އެއް ބާނީ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެންމެ ފުރަތަމަ އެމްޑީޕީން ހިފައިލީ އެ މަނިކުފާނު އެމްޑީޕީ ދޫކުރެއްވި ވަގުތެވެ. އެކަމަކު، އެ ފަހަރު 56 މެންބަރުންގެ މެޖޯރިޓީ ގޮސް، ބެދުނީ ހަމަ ފައްކާ މަޅިއަކަށެވެ.
އެމްޑީޕީއަށް އެންމެ ފުރަތަމަ ސޮއިކުރެއްވި ބޭފުޅުންގެ ލިސްޓުގެ ތަންކޮޅެއް ފަހަތުގައި ނަޝީދުގެ ނަން އޮތަސް، އެ މަނިކުފާނަކީ އެމްޑީޕީގެ ބާނީއެކެވެ. ދިވެހި ސިޔާސީ ތާރީޚުގައި އެމްޑީޕީގެ ކާމިޔާބީ ލިޔާއިރު، އެއާ ވިދިގެން ނަޝީދުގެ ނަން ނުލިޔާނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. އެ ޕާޓީގެ އާންމު މެންބަރުންގެ "އަންނި" އަކީ އެމްޑީޕީއަށް ދުރުނުވެވޭނެ ހަނދާންތަކެވެ. އެއީ، އެ ޕާޓީގެ ރަން ޒަމާނުގައި އެ މީހުން އެންމެ ލޯބިވީ ލީޑަރެވެ. އެ ލޯބީގެ ތެރެއިން ނަޝީދަށް އެމްޑީޕީ ވަރަށް ރަނގަޅަށް އެނގެއެވެ. މި ފެންނަނީ އެ ކަމެވެ.
އެކިއެކި ގޮތްގޮތުން ނަޝީދު ކުރެއްވި ކަންކަމުން ހިތްހަމަނުޖެހިގެން އެ މަނިކުފާނު މަޖިލީހުގެ ރިޔާސަތުން ވަކިކުރަން އެމްޑީޕީން ފުރަތަމަ ސޮއި ހަމަ ކުރީ ފަސް މަސް ކުރިންނެވެ.
އެކަމަކު، އެ މައްސަލަ ދިގުދައްމައި، އެއް ފަހަރާ ހުށަހެޅި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރުގެ މައްސަލައާ ގުޅުވައި މުޅި މަޖިލީސް ހުއްޓުވައިލީއެވެ. އެ އަރައިރުން ދިގު ދައްމާފައި، ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި އާ ޕާޓީން ކެންޑިޑޭޓެއް ނެރެ، ފެށީ ރިޔާސީ ރޭހުގެ ކެމްޕޭނެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ދިޔައިރު، އެމްޑީޕީ އޮތީ ބަލިވެފައެވެ. ނަތީޖާ އަނބުރާލަން އެ ޕާޓީން "އިތުބާރު ނެތް ކަމަށް" ނިންމި ނަޝީދު ބޭނުންވީއެވެ. ދޫ ދެމުން، ގޮތްދޫ ކުރަމުން ގޮސް، އެމްޑީޕީން ނަޝީދަށް އިތުބާރު ވެސް ދިނެވެ. އަދި، އެ މަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ނަގާފައި ދެވަނަ ބުރުގެ ތާއީދަށް އެދުނެވެ. އެކަމަކު، އެންމެ ފަހު ވަގުތު ވެސް ޑިމޮކްރެޓްސްއިން ބުނީ "އިބޫ ނޫން ގޮތެއް،" ކަމަށެވެ.
އެމްޑީޕީން ދެއްކީ ބިރު؟
މަޖިލީހުގެ 56 މެންބަރުން ތިއްބަވައި އެމްޑީޕީން ނަޝީދު ވަކިނުކުރެވިގެން، ތެޅިގެންފައި އިއްޔެ ކުއްލިއަކަށް ބޭއްވި ޕާލިމަންޓްރީ ގްރޫޕުގެ ބައްދަލުވުމެއްގައި އެމްޑީޕީން ނިންމީ ނަޝީދު ވަކިކުރަން ތްރީލައިން ވިޕެއް ނެރެ، އެ މަނިކުފާނު ވަކިކޮށްފައި ނޫނިއްޔާ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރިޔަ ވެސް ނުދޭށެވެ. އަދި، ހުވާ ކުރިޔަސް ވެސް، ސަރުކާރު ބަލައިނުގަނެ، ކެބިނެޓަށް ވެސް ރުހުން ނުދީ މުޅި ގައުމު ހުއްޓުވައިލާނެ ކަމަށް ބުނެ އެމްޑީޕީން ދެއްކީ ބިރެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމުގެ ޖަލްސާއެއް އެޖެންޑާކޮށްފައި، އެ މައްސަލަ ކުރިއަށް ނުގެންގޮސް އިތުރު މަސައްކަތެއް ނުކުރެވޭނެއެވެ. އެއީ، މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނީ އިތުބާރު އޮތް ރިޔާސަތަކަށެވެ. އެކަމަކު، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސެވެ. ކަން ދިމާ ކުރި ގޮތުން، އެއީ ނަޝީދުގެ ދެބެއިންގެ ދެ ދަރި ކޮއްކޯފުޅު އީވާ އަބްދުﷲއެވެ.
މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް ތުހުމަތު ކުރައްވައި ގޮތުގައި އާދިއްތަ ދުވަހުގެ ޖަލްސާއަށް އީވާ ވަޑައެއް ނުގަންނަވާނެއެވެ.
"ޖަލްސާ ބޭއްވުމަށް މި އޮތީ ނޯޓިސް ދީފައި، ޖަލްސާ ބާއްވަން ޖެހޭނެ. އެ ޖަލްސާ އޮންނަ ދުވަހު، އެ ޖަލްސާއަށް މައްސަލަ ހުށަހެޅުމަށް ފަހު، މަޖިލިސް އެއްވެސް ކަމެއް ކުރެވިގެން ނުވާނެ. އަޅުގަނޑުމެން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މަސައްކަތެއް ނުކުރާން ޕާލިމަންޓްރީ ގްރޫޕުން މިހާރު އެ ވަނީ ނިންމާފައި،" އޭނާ އިއްޔެ ވިދާޅުވިއެވެ.
ވިދިގެން ވިދާޅުވީ، ނަޝީދު ވަކި ނުވެއްޖެ ނަމަ، މުއިއްޒުގެ ހުވާ ވެސް ބަލައިނުގަންނާނެ ކަމަށެވެ. ކެބިނެޓަށް ރުހުން ނުދީ، އާ ސަރުކާރު ހުއްޓުވައިލާނެ ކަމަށެވެ. އެ ބޭފުޅުން ގަބޫލުފުޅު ކުރައްވަނީ އެއީ، މަޖިލީހުގެ ގަވާއިދުގައި އެކަން އޮތް ގޮތް ކަމަށެވެ.
ނަޝީދާއި އެމްޑީޕީގެ ޒާތީ ކަމެއް؟
އިއްޔެ އެމްޑީޕީން އެ ކުއްލި ނިންމުންތައް ނިންމުމުގެ ކުރީގައި އޭޑީކޭގައި އޮތް ހަފުލާއެއްގައި ނަޝީދު ވަނީ ނުސީދާ ގޮތެއްގައި އެމްޑީޕީއަށް ހަޖޫ ޖައްސަވައިފައެވެ. އެ މަނިކުފާނު ވިދާޅުވީ، އެއް ހަފުތާގައި އިތުބާރު އޮވެފައި، އަނެއް ހަފުތާގައި ނޯންނަ ކަމަށާއި އަންނަ ހަފުތާގައި ވާނެ ގޮތެއް އަދި ނޭނގޭ ކަމަށެވެ.
"[ވިންސްޓަން] ޗާޗިލް ވިދާޅުވިހެން، ސިޔާސީ ކަންކަމުގައި ހަފުތާއަކީ ވަރަށް ގިނަ ދުވަސް،" އިތުބާރުގެ މައްސަލައާ ގުޅިގެން އެ މަނިކުފާނު އިއްޔެ ވިދާޅުވިއެވެ.
އޭގެ ފަހުން، އެމްޑީޕީން ނިންމި ނުކިއްސަރު ނިންމުންތަކަށް ފަހު، ފެނުނީ ޒާތީ ކަމެކެވެ. އިންތިޚާބީ ރައީސް ހުވާ ކުރައްވާ ޖަލްސާގެ ރިޔާސަތުގައި ނަޝީދު އިންނަވަން އެ ބޭފުޅުންނަށް އެއްގޮތަކަށް ހިތެއް ނުރުހުނެވެ.
މަޖިލީހުގައި ހުރެ އިއްޔެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ހުވާ ކުރުމުގެ ޖަލްސާއަކީ ވަރަށް ބޮޑު ހަފުލާއެއް ކަމަށެވެ. އެހެންވެ، އެ ވަރުގެ ހަފުލާއެއްގެ ރިޔާސަތުގައި އިންނަވަން ވާނީ ވެސް މަޖިލީހުގެ އިތުބާރު އޮތް ބޭފުޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"މަޖިލީހުގެ އިތުބާރު ނެތް ރައީސެއް ވޯޓެއް ނުނަގައި ހުންނަވައިގެން އެ ވަރުގެ ބޮޑު ފަންކްޝަންއެއް މަޖިލީހުގެ ނަމުގައި ކުރިއަށް ގެންދިއުމުގެ ޖާގައެއް އަޅުގަނޑުމެންނަކަށް ނުދެވޭނެ،" އޭނާ ވިދާޅުވިއެވެ.
މައްސަލަ ވަރަށް ސާފެވެ. މިއީ، އެމްޑީޕީއާއި ނަޝީދާ ދެމެދު އޮތް ޒާތީ އަރައިރުމެކެވެ. ކަން ދިމާކުރި ގޮތުން، މި ފަހަރު އިންތިޚާބީ ރައީސްގެ ހުވާ ކުރެއްވުން މިއޮތީ އަރައިރުމުގެ މެދުގައެވެ.

ޑިސެމްބަރު 15، 2019: އެމްޑީޕީގެ އޭރުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ---- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް
ނަން ނުޖަހާ ގޮތަށް ވާހަކަދެއްކި ޕީއެންސީގެ މެންބަރަކު ވިދާޅުވީ، މިއީ ޒާތީ ކަމެއް ކަމަށެވެ. އެމްޑީޕީގެ މިހާރުގެ ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ ދެ ބޭފުޅުންގެ ޒާތީ އަރައިރުމެކެވެ. މުއިއްޒު ހުވާ ކުރައްވާއިރު، އެ ޖަލްސާގައި ނަޝީދު އިންނަވާނެތީއެވެ.
"ބޮޑު ޒާތީ ކަމެއް، އެ ނޫނިއްޔާ ދެން ކޮން ކަމެއް؟" އެ މެންބަރު ވިދާޅުވިއެވެ.
ވާނީ ކިހިނެއް؟
އެމްޑީޕީގެ ނަޒަރުގައި ވާންވީ ގޮތް ވަރަށް ސާފެވެ. އާދިއްތަ ދުވަހަށް ނަޝީދުގެ މައްސަލަ އޮތީ އެޖެންޑާ ކޮށްފައެވެ. އެހެންވީމާ، ބާރަށް އެ މައްސަލަ ކުރިއަށް ގެންގޮސް ވޯޓަށް އަހައި ނިންމާލަން ވީއެވެ.
އެކަމަކު، މައްސަލަ ރައްދުވާ ޑިމޮކްރެޓުންގެ ނަޒަރުގައި އެމްޑީޕީން ޖަހަނީ މަޅިއެކެވެ. އެ މީހުން އިއްޔެ ނެރުނު ބަޔާނެއްގައި ތުހުމަތު ކުރީ އެމްޑީޕީން ރާވައިގެން މުއިއްޒު ހުވާ ކުރައްވާ ޖަލްސާ ހުއްޓުވާލައި، އާ ސަރުކާރަށް ޖެއްސުން ކުރަން އުޅޭ ކަމަށެވެ. އެއީ، ވެސް ވެދާނެ ގޮތެކެވެ.
ޑިމޮކްރެޓުން ތުހުމަތު ކުރީ އެއީ ރައީސް ޞާލިޙް އަޑީގައި ހުންނަވައިގެން، މަޖިލީސް ބޭނުން ކޮށްގެން އާ ސަރުކާރު ހުއްޓުވައިލަން ޖަހާ މަޅިއެއް ކަމަށެވެ.
"މުއިއްޒު ހުވާ ވެސް ކުރައްވާނެ. ނަޝީދު ވެސް ޖަލްސާގައި އިންނަވާނެ. ވޯޓެއް ވެސް ނުނަގާނެ. ބަލަން ހުރޭ،" ނަން ނުޖަހާ ގޮތަށް ވާހަކަދެއްކި ނަޝީދާ ވަރަށް އަރިސް ބޭފުޅެއް ވިދާޅުވިއެވެ.
ކުރީ ފަހަރު ގޮތަށް މަޖިލީސް ހުއްޓުވާލައިގެން ވެސް ރިޔާސަތު ދިފާއު ކުރާނެ ކަމަށް އެ ބޭފުޅުން ގަބޫލުކުރެއެވެ. އެ ފަހަރާ މިހާރުގެ ތަފާތަކީ މެދަށް އާ ރައީސް ހުވާ ކުރައްވައި ޖަލްސާ ވަންނާތީއެވެ. އެއީ، ގާނޫނުން ލާޒިމުކުރާ ޖަލްސާއެކެވެ.
އެމްޑީޕީން ވެސް ޖެހީ ހުވާ ކުރާ ޖަލްސާގެ މަޅިއެވެ. ނަޝީދު ވެސް ޖައްސަވަނީ އެގެން އެ މަޅިއެވެ.
އެމްޑީޕީން ދެކެނީ ހުވާ ކުރުމަށް ހުރަސް ނާޅައި، އާ ސަރުކާރަށް ޖާގަ ދޭން ނަޝީދުގެ މައްސަލަ ކުރިއަށް ގެންދިޔަ ދޭނެ ކަމަށެވެ. އެކަމަކު، ޑިމޮކްރެޓުން ވެސް ޖަހާ ހިސާބަކީ އެއީއެވެ. މައްސަލައާއި މަޖިލީސް ހުއްޓުވައިލުމުން، ހުވާ ކުރިޔަ ދޭން އެމްޑީޕީން އަނެއްކާ ވެސް ފަހަތަށް ފިޔަވަޅެއް އަޅާނެ ކަމަށެވެ. ދެ ބައި މީހުން ވެސް އެ ތިބީ، މަޖިލީސް ހުއްޓުވައިލާނެ ކަމަށް ބުނެ މަޅި ޖަހައިގެންނެވެ.
އެނގެނީ އެންމެ ކަމެކެވެ. ކޮންމެ ވެސް އެކަކު ފަހަތަށް ޖެހެން މަޖުބޫރު ވާނެއެވެ. އެއީ، ނަޝީދު ވިޔަސް އެމްޑީޕީ ވިޔަސް ވަރިހަމަތާއެވެ. ރައްޔިތުން އިންތިޚާބު ކުރި، އާ ރައީސުލްޖުމްހޫރިއްޔާ، ނޮބެމްބަރު 17ގައި ހުވާ ކުރިޔަ ދޭން ވާނެއެވެ.