އިއްޔެގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ މެންބަރަކު ކަނޑައެއް ނާޅުއްވައެވެ. މިއަދުގެ ޖަލްސާއަށް ކޮމިޓީތައް އެކުލަވައިލުން އެޖެންޑާ ކުރީ ހައިޖާނެއް އުފައްދާށެވެ. އަރިސް މެންބަރުން ތަޅުމުގައި ހޭލަމޭލަވެ ކުރެއްވީ އެ މަސައްކަތެވެ.
މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން އިންނެވީ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. އެއީ، މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ އަރިސް މެންބަރެކެވެ. އަފީފަށް ހުރަސް އަޅަން ތަޅުމުގައި އަޑުގަދަ ކުރައްވަމުން، ފުލުފުލުގައި ނިޒާމީ މައްސަލަ ނަންގަވަމުން ގެންދެވީ، ނަޝީދަށް ވަފާތެރި މެންބަރުންނެވެ. ޖައްސަވާ ޗަރުކޭސް ވަރަށް ސާފެވެ.
މަޖިލީސް ކުރިއަށް ގެންދިޔަ ނުދީ، އަވަގުރާނަ ގޮވައި، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ވަގަށް ގޮވާ، ނިޒާމު ގެއްލުވައިލަމުން ގެންދެވިއިރު، ރިޔާސަތަށް ލިބިގެންވާ ބާރު ބޭނުން ކުރައްވާކަށް އަފީފް ނޫޅުއްވައެވެ. ނުގޮތަކަށް ގެންދެވީ އެއްބާރުލުން ދެއްވަމުންނެވެ. ކުރިއަށް ގެންދިއުމުގެ ނިޔަތެއް ރިޔާސަތުގައި ނެތެވެ.
ހައިޖާނުގެ ތެރެއިން އަފީފަށް އައީ ފޯން ކޯލެކެވެ. "އާދެ، ނިންމާލަނީ، މި ނިންމާލަނީ،" ފޯނަށް ޖަވާބު ދެއްވަމުން ހަސަން އަފީފު ވިދާޅުވި އަޑު، ނިއްވައިނުލެވި ހުރި މައިކުން އިވުނެވެ.
ހުރަސް އަޅުއްވަނީ ގަސްތުގައި
އެ މަނިކުފާނާއި އެ މަނިކުފާނުގެ ދެބެއިންގެ ދެ ދަރި ކޮއްކޯފުޅު އީވާ އަބްދުﷲ މަޖިލީހުގެ ރިޔާސަތުން ވަކިކުރަން، ފުރިހަމަ އަގުލަބިއްޔަތާ އެކު ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކޮންމެ ގޮތަކަށް ނަޝީދު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
ކޮމިޓީތައް އެކުލަވައިލުމުގައި އިދިކޮޅު މެންބަރުންނަށް އެއްބަސްވުމަކަށް ނާދެވެއެވެ. އެހެންވެ، އީވާ މައްސަލައިގެ އިންތިޒާމުތައް ވެސް ކަނޑަނޭޅެއެވެ. އެކަމަކު، ގަވާއިދުގައި ވާގޮތަށް ނޯޓިސް ހަމަވުމުން އަމީންއާންމު ވަނީ އިއްޔެގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާ ކޮށްފައެވެ. އަދި، އެ މައްސަލައިގެ އިންތިޒާމުތައް ތަޅުމަށް ހަމަޖެއްސޭނެ ކަމަށް ބަޔާންކޮށް، މަޖިލީސް ކުރިއަށް ގެންދެވޭނެ އެންމެހައި ގޮތްތައް ބަޔާންކޮށް ނަޝީދަށް ސިޓީފުޅެއް ފޮނުއްވިއެވެ.
އެކަމަކު، އެ މަނިކުފާނަށް އޮންނަ ބާރުގެ ބޭނުން ކުރައްވައި، އިއްޔެގެ މަޖިލިސް ހުއްޓުވައިލެއްވީއެވެ. ރިޔާސަތު ބަލަހައްޓާނެ މެންބަރަކު ކަނޑަނާޅުއްވާ، ގަސްތުގައި މަސައްކަތް ހުއްޓުވާލީ ކޮއްކޯފުޅުގެ ދިފާއުގައެވެ. އަމީންއާންމު ސޮއިކުރައްވާ ނަޝީދަށް ފޮނުއްވި ސިޓީން އެކަން ވަރަށް ބޮޑަށް ސާފެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ކޮމިޓީތައް އެކުލަވާލަން ޕާޓީތަކުގެ މެދުގައި އެއްބަސް ނުވެވުނަސް، ތަޅުމަށް ގެނެސްގެން އެ ބަދަލުތައް ފާސްކުރެވޭނެ ކަމަށް އެ ސިޓީގައި އޮތެވެ. އީވާ ވަކިކުރުމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަން ނަޝީދު އުޒުރިވެރިވެ ވަޑައިގަންނަވާ ނަމަ އެ މަސްއޫލިއްޔަތު، މަޖިލީހުގެ ގަވާއިދުގައިވާ ގޮތަށް އެހެން މެންބަރަކާ ހަވާލުކުރެއްވުން ވެސް ނިއުޝާ ހުށަހެޅުއްވިއެވެ. އަދި، އީވާގެ މައްސަލައިގެ ބަހުސް ކުރިއަށް ގެންދާނެ ގޮތަކާ މެދު މަޖިލީހުން ގޮތެއް ކަނޑައެޅުމަށްޓަކައި އާންމު ޖަލްސާއަކަށް އެކަން އެޖެންޑާ ކުރުމެވެ.
އެހެންވެ، ނަޝީދު ގަސްތުގައި މަޖިލިސް ހުއްޓުވައިލީކަން ސާފުވެއެވެ. މިއަދުގެ ޖަލްސާއަށް ކޮމިޓީތަކުގެ މައްސަލަ އެޖެންޑާ ކުރީ ވެސް މަޖިލީސް ހުއްޓުވައިލާށެވެ.
އެ މަނިކުފާނަށް މަތިކުރާ "މިނިވަން މެންބަރުންގެ ހައްގު ހިމާޔަތް ކުރުމުގެ" ޒިންމާ އަދާނުކުރައްވާ، އެ ބޭފުޅުންކުރެ ހޭ ވެސް އައްސަވައިނުލައްވާ ތަޅުމަށް އެކަން ހުށަހަޅުއްވަން އެޖެންޑާ ކުރެއްވީ، އަރިސް މެންބަރުން ލައްވައި މަޖިލީސް ހުއްޓުވައިލާށެވެ. އެ ކަން އެ މެންބަރުން ސާބިތު ކަމާ އެކު ކުރައްވައި ވެސް ފިއެވެ.
މަޖިލީހުގެ ގަވާއިދުގެ 54 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ޖަލްސާއެއްގެ އެޖެންޑާގައި ހިމަނާ ކަންކަން ސާފުކޮށް އެނގޭނެ މިންވަރަށް އަދި އެކަން ކަން ކުރުމަށް އެދޭ ތަރުތީބު ވެސް އެޖެންޑާގައި އޮންނަން ވާނެ ކަމަށެވެ.
މަޖިލިސް ފެށުމާ އެކު އެ މައްސަލަ ނަންގަވައި ނަޝީދުގެ އަރިސް، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ތަކުރާރުކޮށް ނިޒާމީ މައްސަލަ ނަންގަވައި، ހުރަސް އަޅުއްވައިފައެވެ. އޭނާއާ އެކު ސަރުކާރާ ދެކޮޅު މެންބަރުން ވަނީ އެ މައްސަލަ އެޖެންޑާއިން ނުނަގައި މަޖިލިސް ނުގެންދެވޭނެ ކަމަށް ބުނެ، އަޑުގަދަކޮށް ނިޒާމު ގެއްލުވާލައިފައެވެ.
"އެހެންވީމާ އެޖެންޑާއިން އެ މާއްދާ ނުނަގައި ދެން މަޖިލިސް ކުރިއަށް ގެންދެވޭނެ ގޮތެއް ނެތޭ. ސާފު ނޫން ވީމައޭ. މި ގަވާއިދުގައި އެބަ ބުނޭ ސާފުކޮށް އޮންނަން ޖެހޭނޭ،" އަލީ އާޒިމް ވިދާޅުވިއެވެ.
މުޅި ތަޅުމުގައި ހޭލަމޭލަވެ، އަޑުގަދަ ކުރައްވަމުން ގެންދެވީ ނަޝީދުގެ އަރިސް މެންބަރުންނެވެ. ތަކުރާރުކޮށް ނިޒާމީ މައްސަލަ ނަންގަވައިގެން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ވަގަށް ގޮވައި، މަޖިލިސް ހުއްޓުވާލީއެވެ. އެހެން މެންބަރަކު ވާހަކަދެއްކެވުމުގެ ފުރުސަތެއް ވެސް ނުދެއްވައެވެ. ކުއްލި މައްސަލަ ހުށަހެޅުމުގެ ފުރުސަތު ވެސް ނުދެއްވައެވެ.

މުޅި ނިޒާމު ގެއްލުވައިލިއިރު، ރިޔާސަތުން އެ މެންބަރުންނަށް އިންޒާރެއް އަދި ނަސޭހަތެއް ވެސް ނުދެއްވައެވެ. ދެއްވީ އެއްބާރުލުމެވެ. ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން ވެސް ވަނީ ނިޒާމީ މައްސަލަ ނަގައި އެކަން ސަމާލު ކަމަށް ގެނެސްފައެވެ.
"އިއްޒަތްތެރި ރައީސް މިއަދު ރިޔާސަތުގައި ތި އިންނެވީ، މަޖިލީހުގެ ރިޔާސަތުގެ އާރާއި ބާރާއި އިހްތިޔާރާ އެކުގައި ތޯއޭ؟ އެހެންކަމަންވަންޏާ އެ ބާރުތައް ބޭނުން ނުކުރައްވަނީ ކީއްވެތޯއޭ،" އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ނިޒާމީ މައްސަލައެއް ނަންގަވައި ވިދާޅުވިއެވެ.
މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވި ގޮތުގައި ޖަލްސާ ކުރިއަށް ގެންދިއުމުގެ ނިޔަތެއް ރިޔާސަތުގެ ނެތެވެ. އެ ބޭފުޅުން މަސައްކަތް ކުރައްވަނީ މަޖިލިސް ހުއްޓުވައިލަން ކަމަށާއި ނަޝީދާ ދެކޮޅަށް ދައުވާ ކުރުން ނޫން ގޮތެއް ނެތް ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
ނަޝީދުގެ ބޮޑު ތަޅު އެޅުވުމުގެ މާޒީ
ނަޝީދަކީ ސިޔާސީ ގޮތުން ތޫނުފިލި ބޭފުޅެކެވެ. އެކަމަކު، އެ މަނިކުފާނުގެ އާރާއި ބާރު ގެއްލި، ބޭނުންފުޅުވާ ކަންކަން ނުވުމުން ބޮޑެތި ގޯސްތަކެއް ހެއްދެވީ އަލަކަށް ނޫނެވެ. އިތުބާރު ނެތް ކަމުގެ މައްސަލަ ހުއްޓުވައިލަން ކުޅުއްވާ ޗަރުކޭހާއި އުފައްދަވާ ހައިޖާނުން، މަޖިލީހުގައި އެޅުއްވި މަރުތަޅަކީ އެ މަނިކުފާނު ދައުލަތުގެ ބާރެއްގައި އެޅުއްވި ފުރަތަމަ މަރުތަޅެއް ވެސް ނޫނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެ މަނިކުފާނު ވެރިކަމަށް ވަޑައިގެން ފުލުހުން ފޮނުއްވައިގެން ސުޕްރީމް ކޯޓުގައި ވެސް ބޮޑު ތަޅު އެޅުއްވިއެވެ. އެއީ، ގާނޫނީ ގޮތުން ރައީސުލްޖުމްހޫރިއްޔާ އޮންނަވާ ބާރެއް ވެސް ނޫނެވެ. އެކަމަކު، ދާއިމީ ސުޕްރީމް ކޯޓު އެކުލަވައިނުލެވޭ ކަމަށް ވިދާޅުވެ، ދައުލަތުގެ އެއް ބާރު ބަންދު ކުރެއްވީއެވެ.
އެއަށް ފަހުގައި އެ މަނިކުފާނަށް މަޖިލީހުގެ މެޖޯރިޓީ ނެތި، ސަރުކާރުގެ މަސައްކަތަށް އިދިކޮޅު ޕާޓީ ޑީއާރްޕީން ހުރަސް އަޅައި ކަމަށް ވިދާޅުވެ، މުޅި ސަރުކާރުގައި ވެސް މަރުތަޅެއް އެޅުއްވިއެވެ. އެއީ، މަޖިލީހުގެ މެޖޯރިޓީ ބާރު ގެއްލުމުން އުފެއްދެވި ހައިޖާނެވެ.
އެ މަނިކުފާނު ބޭނުންފުޅުވި ގޮތަށް ހުރިހާ ވަޒީރުންނަށް ރުހުން ނުލިބުމުން، އެއް ފަހަރާ ހުރިހާ ވަޒީރުން އިސްތިއުފާ ދެއްވަން އެންގެވީއެވެ. މޭޒުކޮޅުގައި އިންނަވައި، ފަހަރަކު ވަޒީރެއްގެ އިސްތިއުފާގެ ސިޓީ ބައްލަވައިގެން، މުޅި ސަރުކާރު ހުއްޓުވާލެއްވީއެވެ.
މިއީ، މާޒީގައި ވެސް ބާރު ގެއްލި، ބޭނުންފުޅުނުވާ މަގުން ކަންކަން ދާން ފެށުމުން އެ މަނިކުފާނު އުފައްދަވާފައިވާ ހައިޖާނެވެ. ޖެއްސެވި ޗަރުކޭހެވެ. މިއަދު ވެސް ތަކުރާރު އެ ކުރައްވަނީ އެފަދަ ހައިޖާނެވެ.