އިންތިޚާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވާ މައްސަލަ ބޭރުކޮށްލައިފި

ސަރުކާރުން އިންތިޚާބުތަކަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ހުށަހެޅުއްވި ގަރާރު މިއަދު މަޖިލީހުން ބޭރުކޮށްލައިފިއެވެ.

އިންތި މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ 2018 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް އައުމަށް އިންތިޚާބުތައް އިންސާފުވެރި ކުރުމާ އެކު މިނިވަން އިންތިޚާބުތައް ކަށަވަރުކޮށްދިނުމަށް ވެފައިވާ ވައުދާ އެއްގޮތަށް ކަންކަން ތަންފީޒު ކުރަމުން ނުދާ ކަމަށެވެ. އަދި، އެ ކަމުގައި ސަރުކާރުން ސާފު ސިޔާސަތެއް ގެންގުޅޭކަން އެނގެން ނެތް ކަމަށާއި، އިންތިޚާބުތަކަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ބޮޑުވައިވާ ކަމަށެވެ.

އެ ގަރާރު މަޖިލީހަށް ބަލައިގަތުމާ މެދު މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވެލެއްވި 44 މެންބަރުންގެ ތެރެއިން 27 މެންބަރުން ވޯޓު ދެއްވީ ގަރާރު ބޭރު ކޮށްލާށެވެ. އެ ގަރާރު ބަލައިގަންނަން ވޯޓު ދެއްވީ 15 މެންބަރުންނެވެ. އަދި، ދެ މެންބަރުން ވަނީ އެއްވެސް ގޮތަކަށް ވޯޓު ނުދެއްވާން ނިންމައިފައެވެ.

އެހެންވެ، އެ ގަރާރު ވަނީ ބޭރުކޮށްލައިފައެވެ.

އިންތިގެ ގަރާރުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި އަދި ސަރުކާރުގެ އެ ނޫން ބޭފުޅުން ވާދަކުރައްވާ އިންތިޚާބުތަކުގެ ކެމްޕޭން ދަތުރުތައް ސަރުކާރުގެ ރަސްމީ ކަންކަމުގެ ދަތުރުތަކާ އެއްކޮށްލައްވައިގެން ކުރެއްވުމާއި، އެފަދައިން އެއްކޮށްލައްވައިގެން ދަތުރުކުރެއްވުމުގެ ބޭނުމަކީ ދައުލަތުގެ ފައިސާއާއި ވަސީލަތްތަކާއި މުވައްޒަފުންގެ ބޭނުން ކޮށްގެން އިންތިޚާބުތަކަށް ނާޖާއިޒު ނުފޫޒު ފޯރުވުން ކަމަށެވެ.

ގަރާރުގައި ވަނީ އިންތިޚާބުތަކުގެ ތެރޭގައި ސަރުކާރުގެ ޕްރޮޖެކްޓްތަކާއި އެސްއެމްއީ ލޯނުތައް އިއުލާނުކުރުމާއި ސަރުކާރުން ތާއީދުކުރާ ކެންޑިޑޭޓަށް ވޯޓު ނުދީފިނަމަ ޕްރޮޖެކްޓްތައް ހުއްޓާލާނެ މޭރުމުން ކެމްޕޭނުގައި ވާހަކަ ދައްކާ އިޒާރުދެމުންގެންދާ ކަމަށް ވެސް ބުނެފައެވެ.

comment ކޮމެންޓް