ބޮޑު ބިގަރާއި އޭގެ އަލިގަދަ މެންޓެލި

ޑރ. އަޝްރަފްގެ ބަސް-- ސަން ގްރެފިކްސް

މިއީ ތަންކޮޅެއް ކުރީގެ ހަނދާންތަކެކެވެ. މީގެ ފަންސާހަކަށް އަހަރު ކުރިއެވެ. އަޅުގަނޑު އުޅެނީ ނ. ކުޑަފަރީގައެވެ. އޭރު އަޅުގަނޑުގެ އުމުރުން ވާނީ، ގާތްގަނޑަކަށް 7 އަހަރެވެ. އެ ދުވަސްވަރުގެ ކަންކަން ހަނދާނުގައި ހުންނަނީ ވެސް ހަމަ ކިރިޔަކިރިޔާއެވެ. ކަރަންޓާއި ކަރަންޓުން ބޭނުންކުރާ އެއްވެސް ވަސީލަތެއް ހަމަލޮލަކަށް ފެނިފައި ނުވެއެވެ. އެކަމަކު ރަށުގެ އަތިރިމައްޗަށް ލައްގާ، "ނަރުފުޅި" އެއް ދަންނަމެވެ. ކަނޑުން އޮޔާ އައިސް، ރަށަށް ލައްގާ އަނދާފައި އޮންނަ ބޮތްކަށް އަޅުގަނޑުމެން ރަށުގައި އަޅުގަނޑުމެން ކުޑައިރު ކިޔައި އުޅުނީ ނަރުފުޅިއެވެ.

އެއީ ކަރަންޓު ހުންނަ ތަންތަނުގައި ދިއްލައި އުޅުނު ބޮތްކެވެ. ބޮކި އެނދީމާ އެއްލައިލަނީއެވެ. ކޮންމެވެސް ގޮތަކުން ކަނޑަށް އާދެވި، ކަނޑުގެ އޮޔާ ބެހި، އަމާން ދިވެހިރާއްޖޭގެ ރީތި ދޮންވެލިގަނޑަށް އެ ސޮރު ވެސް އަންނަނީއެވެ. އެ ނަރުފުޅިއަކީ ކަރަންޓު ބޭނުންކޮށްގެން ދިއްލާ ބޮތްކެއްކަން އެނގުނީ މާފަހުންނެވެ. މާލެ ކިޔަވަން އައިސް ހުރި ގޭގައި އެ ފަދަ އެތައް ނަރުފުޅިއެއް ދިއްލައިފައި ހުއްޓައި ފެނުނު ހިސާބުންނެވެ. ބައެއް ދުވަސްދުވަހު އެއަށް ބަލަހައްޓައިގެން ހުންނަމެވެ. ދިއްލިފައި ހުންނައިރު އެއިން އެހެރަ ވާ އަލިގަދަކަމަކުންނެވެ. ލޮލަށް ތަދުވަންދެން ވެސް ބަލަހައްޓައިގެން ހުންނަމެވެ.

ކަރަންޓުގެ އަލިކަމެއް ނެތް ވާބޯ ރަށްރަށުގައި، ރޭގަނޑު ކަމެއް ކުރަންވެއްޖެ ނަމަ، އަލިކުރުމަށް ދިއްލައި އުޅެނީ ބައްތިއެވެ. އެކި ނަންނަމުގައި ހުންނަ ބައްތި ހުރެއެވެ. ބިއްލޫރިފުޅިއަކަށް ސާފުތެޔޮ އަޅައިފައި އެ ފުޅިތެރެއަށް ފީތާއެއް ލައިގެން، ސާފުތެލުގެ އެހީތެރިކަމާއެކު އެ ފީތާ ބޭނުންކޮށްގެން ދިއްލައިފައި ހުންނަ ފުޅިބައްތިއެވެ. މެދަށް ހިމަ ދިގު ދަނޑިއެއް ލައިފައި މަތީ ކޮޅުގައި ސާފުތެޔޮ އެޅޭގޮތަށް އޮމާންޓިނު ބޭނުންކޮށްގެން ހަދައިފައި ހުންނަ ބައެއް ހިމެނޭ އަތްބައްތިއެވެ. އެލްމެނިއަމްގެ ގިއުގަނޑެއް ބޭނުންކޮށްގެން ބިއްލޫރި ހޮޅިއެއް ކަހަލަ އެއްޗެއް ޖަހައި ބައްތީގެ ހުޅުކޮޅު ވައިން ނުނިވޭ ގޮތަށް ރައްކާތެރިކަމާއެކު ހަދައިފައި ހުންނަ ފާނޫޒެވެ. އަދި މި ނޫނަސް އެތައް ބައްތިއެއް ދިވެހިން ގެންގުޅުނެވެ. އެއީ ޒަމާނީ ވަސީލަތާއި ކަރަންޓުގެ ފަސޭހަކަމުގެ ދުނިޔެއަށް ހޭލައިގަން މީހުންނަށް އެހައި ފަސޭހައިން ވިސްނައިދެވޭނޭ ތަކެއްޗެއް ނޫނެވެ. އެހެނަސް މި ލިޔުން ވިދާޅުވާ ބޭފުޅުންގެ ތެރެއިން އުމުރުން 40 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ ބޭފުޅުންނަށް، ވަރަށް ފަސޭހަކަމާއެކު އެ ތަކެތި ސިފަވާނެއެވެ.

ދެން ދައްކާން އޮތީ، ބައްތިތަކުގެ ވެސް ރަސްގެފާނުގެ ވާހަކައެވެ. އިސްވެ މި ދެންނެވި ހުރިހައި ބައްތިތަކަށް ވުރެ މީގެ ހައިބަތު ބޮޑެވެ. މި ބައްތި ލިބޭން ހުންނަނީ ވެސް ބައެއް ގޭގޭގައެވެ. ރަށުގެ އެންމެ ކަމުވޮށިގެންވާ ބޮޑެތި ގޭގޭގައެވެ. ކަލޭފާނުގެ ގެ ގޭގައި އާއި ކަތީބުން ފެންވަރުގެ ގޭގޭގައެވެ. ނުވަތަ ރަށުގައި ހުންނަ ކޮންމެވެސް މުއްސަނދި ވިޔަފާރިވެރިއެއްގެ ގޭގައެވެ. ނޫނީ ކޮންމެވެސް ގޮތަކުން މީހަކަށް މާލެ ދެވި ނުވަތަ ރާއްޖެއިން ބޭރަށް ދެވުނު ދަތުރެއްގައި އެއިން ތަނަކުން ގަނެގެން މީހަކު ގެނެސްފައި ހުރި ގެއެއްގައެވެ. އަނެއްކާ، ބައްތި އޭ ދެންނެވިއަކަސް އެއީ ބައްތީގެ ގިންތިއަށް ފެތޭނޭ އެއްޗެއް ބާވައޭ ވެސް މިހާރު އެބަ ހިތަށް އަރައެވެ. އޭގެ އަލިގަދަ ކަމުންނެވެ. ބަހައްޓައިފައި ހުންނަލެން ޝާހީކަމުންނެވެ. ރައްކާކޮށް ފޮރުވައިފައި ހުންނާނީ ވެސް ގުދަނެއްގައެވެ. އެއަށް އަޅުގަނޑުމެން ރަށުގައި، އެހެނީ ނ. ކުޑަފަރީ މީހުން ކިޔައި އުޅުނީ ބިގަރެވެ. އަޅުގަނޑުމެން ރަށުގައި ވެސް އެ ގެންގުޅުނު ހަނދާން ވަނީ ދެތިން ގެއެއްގައެވެ. އެއީ ކަލޭފާނުގޭގައާއި ކަތީބުގޭގައާއި އަދި ހަނދާންވާ ގޮތުން މުދިންބެ ގޭގައެވެ.

މިއީ ވާ އަލިކަމެއް ހުންނަ އެއްޗެކެވެ. އެހެން ބައްތިތަކާ ޚިލާފަށް މިއިން ފާޅުވަނީ ހުދު ކުލައިގެ ވަރަށް ގަދަ އަލިކަމެކެވެ. މި ޒަމާނުގެ މާކަރީ ލައިޓު ނުވަތަ ހުދު ލެޑުލައިޓުގައި ހުންނަ ޒާތުގެ ވަރަށް ރީތި ހުދު އައްޔެކެވެ. ރަށުގައި އާންމުކޮށް ބިގަރު ދިއްލާނީ، ރޭގަނޑު ބޮޑު ކަމެއް ކުރާނަމައެވެ. މިސާލަކަށް، ރައްޔިތުން ގުޅިގެން ބާއްވާ ބޮޑު ކޭމެއް އިޝާ ނަމާދަށް ފަހު ބާއްވާ ގޮތަށް އިންތިޒާމުކޮށްފާނެއެވެ. އެ ކޭން އޮންނަ ހަރުގެ އަލިކުރުމަށް ޓަކައި އެވީ ބިގަރު ދިއްލާށެވެ. ނުވަތަ ރަށުގެ ގިނަ ބަޔަކު ގުޅިގެން ރޭގަނޑުގެ ވަގުތެއްގައި މާލޫދެއް ކިޔަސް، ހަރުގޭގައި ބަހައްޓާނެ ބިގަރު ދިއްލަން ޖެހޭނެއެވެ. އެ ރެއަކު، ބިގަރު ދިއްލާކަން ރަށުގެ ކުޑަކުދީންނަށް އެނގުމާއެކު، އެ ދިއްލާ ވަގުތަށް އެ ކުދީން ފާރަލާނެއެވެ. އެތަން ބަލަން ދާހިތުންނެވެ. މިއީ އާންމުކޮށް ފެންނަ ކަންކަމެއް ނޫނެވެ. ބިގަރު ދިއްލާއިރު ކުދީންތައް ތިބޭނީ ވަށައިގެން އެކަން ބަލާށެވެ.

އަދި ދަންނަވަންތޯއެވެ. މި ބިގަރު ދިއްލަން އެނގެނީ ވެސް ވަކި ބަޔަކަށެވެ. ރަށުގައި އުޅޭނީ މި ދިއްލަން އެނގޭ ދެތިން މީހެކެވެ. އޭގެ ތެރެއިން މީހަކު ނެތިއްޔާ ބިގަރު ދިއްލޭކަށް ނޯވެއެވެ. އެހެންވީމާ އޭނާއަކީ ވެސް ބިގަރު ދިއްލާ ގަޑީގައި ވަރަށް ހުނަރުވެރި މީހެކެވެ. ތިމާގެ މޮޅުކަމާއި ފަންނުވެރިކަމާއި ހުނަރުވެރިކަން ވަށައިގެން ތިބޭ ކުދީންނަށް ދައްކައިލާނެއެވެ. ރަނގަޅަށް ހަމަޖެހޭ ތަނެއްގައި ބަހައްޓައި ބިގަރު ދިއްލުމަށް ބޭނުންކުރާ ތެޔޮ އެއަށް އަޅާނެއެވެ. އެއީ ކަރާސީނު ތެލެވެ. ރަނގަޅަށް އަޅައި ގޮތްގޮތަށް ބިގަރާ ކުޅެލުމަށް ފަހު ގުންބާ ކުރާނެއެވެ. މިހާރުގެ ބަހުރުވައިން ނަމަ ބިގަރަށް ވައިޖަހާނެއެވެ. މި ފަންނުވެރިޔާ ކުރާ މަސައްކަތްތައް އަޅުގަނޑުމެން ކުޑައިރު ތިބެނީ ވަރަށް ޝައުގުވެރިކަމާއެކު ބަލާށެވެ. އޭރު ހިތަށް އަރައެވެ. މިއީ ހާދަ މޮޅު މީހެއްތާއެވެ. އެހެރަ ވައިޖަހައިލައި ގޮތެއް ވެސް ފަރިތަކަންތާއެވެ.

ވައިޖަހައި ނިމުމަށް ފަހު، ބިގަރުގެ ބިއްލޫރި ހޮޅި ބިގަރުން ވަކި ކޮށްލަފާނެއެވެ. ފާޑެއްގެ ރަބަރު ޕެކެޓަކުން ކުޑަކުޑަ ދާކޮޅެއް ނަގައި ވަރަށް ފަރުވާތެރިކަމާއެކު އެއަށް ބަލަހައްޓައިގެން ކުޑައިރުކޮޅަކު އިނދެފާނެއެވެ. އެ ދާކޮޅު އޮންނަނީ އެއްބައި ފިޔާތޮށި ކުލައިގައެވެ. އަނެއްބައި ހުދުކުލައިގައެވެ. އެއީ ބިގަރުގެ މެންޓެއްޔެވެ. އެއަށް ދިވެހިން ކިޔަނީ "މެންޓެލި" އެވެ. ރޮދިފަށަކުން އެ ދާކޮޅު އައްސަނީ ބިގަރު ތެރޭގައި މަތިން ތިރިއަށް ވާ ގޮތަށް ހުންނަ ހޮޅިއެއްގައެވެ. ދެން އަންނަނީ އެންމެ ޝައުގުވެރި ބައެވެ. ބިގަރުގައި ހުޅުޖަހާ ވަގުތެވެ. ބިރުފަށެއް ގަނެއެވެ. މުޅި ބިގަރުގައި ހުޅުހިފައި ވަރަށް އޭގެ ހުޅުގަނޑު ބޮޑެވެ. އެ ވަގުތު ބަލަން ތިބޭ ކުދީން ވެސް ދުރަށްޖައްސާނެއެވެ. ހުޅުގަނޑު ބޮޑުކޮށް ހުރުމަށް ފަހު، މަޑުމަޑުން ނިވެމުން ނިވެމުން ގޮސް ނިވިދާނެއެވެ. އަދި ފާޑެއްގެ ޒީން އަޑެއް ބިގަރުން ގޮވަން ފަށާނެއެވެ. އެއްކަލަ ދާކޮޅު އަލިފާންކުލައިން ބަދަލުވެ މުޅިން ސާފުހުދުކުލައަށް ބަދަލުވެދާނެއެވެ. އަދި އެ ދާކޮޅުން އަލިވާންފަށާނެއެވެ. މޮޅު ލެޑުލައިޓެއްގެ އަލި އެއިން ފާޅުވާންފަށާނެއެވެ. އެހައި ހިސާބުން އެހެރީ ބިގަރު ދިއްލިފައެވެ. ހާދަހާވާ އަލިގަދައެވެ. ލޯތަރަތަރަ ޖަހާވަރަށް އަލިގަދައެވެ. ދެން އެއަށް ބަލަހައްޓައިގެން ތިބެނީ ވެސް ލޯ ކުޑަކޮށް ކުޑަކޮށްލައިގެންނެވެ.

ބިގަރު ދިއްލުމަށް ފަހު އަދި ކަމަކާ ލައިގަނެއެވެ. އެއީ ތެލުގައި ކުނި ހުރެއްޖެ، އެ ތެޔޮ ވައިގެ ޕުރެޝަރާއެކު ބޭރުވާން ހުންނަ ކުޑަކުޑަ ހިމަހިމަ ހޮޅީގައި ކުނިތާށިވުމެވެ. ދެން ތެޔޮ ބޭރުނުވެގެން ދިމާވާ މައްސަލައެވެ. އެކަމަށް ކިޔަނީ ކުނި ޖެހުމެވެ. ދެން ޖެހެނީ ބިގަރު ދިއްލުމަށް ކުޅަދާނަ ފަންނުވެރިޔާ ގެނެސްގެން އެކަމަށް ފަރުވާކުރާށެވެ. ކުޑަކުޑަ ހިމަހިމަ ނަރުކޮޅެއް ލައިފައި ހަދައިފައި އޮންނަ ކަށިގަނޑު ކިޔާއެއްޗެއްގެ ބޭނުންކޮށްގެން ބިގަރުގައި ޖެހުނު ކުނި ފިލުވައިލައެވެ. ކަށިގަނޑު ޖަހާ ގަޑީގައި ބިގަރުގެ ހުޅުގަނޑަށް އެކިއެކި ކުލައަރައި، ގޮތްގޮތަށް ހުޅުގަނޑު ދުއްވައިވެސް ގަނެއެވެ. ހަމަ ކުޅަދާނަ ފަންނުވެރިއަކަށް ނޫނީ އެ ހުޅުގަނޑު މައިތިރިކޮށް، ބިގަރުން ކުނިކޮޅު ނައްޓައެއް ނުލެވެއެވެ.

"ބިގަރު" މިއީ ކިހިނެއް ދިވެހިބަހަށް އައި ލަފުޒެއް ބާވައެވެ؟ މީގެ ފުރިހަމަ ދިރާސާއެއް ކުރެވިފައި ވޭބާވައެވެ؟ މި ދެ ސުވާލުގެ އެންމެ ފުރިހަމަ ޖަވާބެއް އަޅުގަނޑަކަށް ނޭނގެއެވެ. އަދި އެއްވެސް ފޮތެއްގައި އެ ސުވާލަށް ދޭނެ ޖަވާބެއް ލިޔެފައި އޮތްތަނެއް ވެސް ނުދެކެމެވެ. އެކަމަކު އަޅުގަނޑު ބައިވެރިވި ކޮންމެވެސް ސައި މަޝްވަރާއެއް ގައި ބިގަރު މި ލަފުޒުގެ އަސްލަކީ އިނގިރޭސި ލަފުޒެއްކަމަށް ވާހަކަދެކެވުނު ހަނދާނެއް ވެއެވެ. އެއީ އިނގިރޭސި ލަފުޒު “bigger” ، މި ލަފުޒު ދިވެހިވެފައި ވަނީ ކަމަށް ބުނި ހަނދާންވެއެވެ. އެންމެ ބޮޑު މި މާނައިގައެވެ. ބިގަރުގައި އިނގިރޭސިން އެ ލަފުޒުލިޔެފައި އޮތްކަމަށް ވެދާނެ ނޫންހޭ ވެސް އެމީހަކު ބުނި ހަނދާނެއް ވެއެވެ. އެކަމަކު އެ ވާހަކަ ދެއްކީ ކާކު ކަމެއް، ކޮން ދުވަސްވަރެއްގައި ކަމެއް ހަމަ އެއްގޮތަކަށް ވެސް ހަނދާނެއް ނެތެވެ. އެކަމަކު ދިވެހި ބަހަށް އިނގިރޭސި ލަފުޒުތައް އައިސް ދިވެހިވެފައިވާ ހަމަތަކަށް ބަލާއިރު މި ލަފުޒު ވެސް އޭގެ ހަމައަށް ފެތެއެވެ. “rubber” ރަބަރަށް ވީ ފަދައިންނެވެ. އެއީ ހަމަ އަސްލުގައި ވެސް ބޮޑު އެއްޗެކެވެ. ދިވެހިން ގެންގުޅުނު ބައްތިތަކުގެ ތެރެއިން ހަމަ އެންމެ ބޮޑު އެއް ބައްތިއެވެ. އޭގެ ޒާތުގައި ވެސ ބޮޑު ނޫންތޯއެވެ؟

އަދި އެއް ވާހަކައެއް ދަންނަވައިލައިފައި ނޫނީ މި ލިޔުން ނިންމައިލައި ހިތެއް ނެތެވެ. އެއީ ބިގަރުގެ އަލި އުފައްދައިދޭ މެންޓެލީގެ ވާހަކައެވެ. މެންޓެއްޔަކީ ވެސް އިނގިރޭސި ލަފުޒެއްގެ އަސްލެވެ. “mentle” މި ލަފުޒުގެ އަސްލުން އުފެދި ދިވެހި ބަހަށް ވަދެ ދިވެހިވެފައިވާ ކިހައި ރީތި ލަފުޒެއް ތޯއެވެ. އަލިފާން ރޯވެ އެނދުމަށް ފަހު، ޒާތެއްގެ އަޅިކޮޅަކަށް ބަދަލުވެގެން ގޮސް އެއިން އަލި އުފައްދައިދެނީ ބިގަރުގެ މެންޓެލިންނެވެ. ދިވެހިއަޑުތަކަށް ފައްތައި، ދިވެހި ސުކުންތަކަށް ފައްތައި ދިވެހި ދުލަށް ފަސޭހަކޮށްފައިވާ ކިހައި ރީތި ލަފުޒެއް ތޯއެވެ؟ އާއެނކެވެ. ހަމަ ހަގީގަތުގައި ވެސް އެއީ ބޮޑު ބިގަރެކެވެ. އަދި ތިމާ އަނދައި އަޅިއަށްވެ، އެހެން މީހުންގެ ހަޔާތުގެ އަނދިރިކަމަށް އަލިކޮށްދޭ މެންޓެއްޔެވެ.

comment ކޮމެންޓް