ޕާސްޕޯޓު ނަގައިލަން ބުނަނީ އިމިގުރޭޝަނުންނެވެ.

ޑރ. އަޝްރަފްގެ ބަސް-- ސަން ގްރެފިކްސް

ޕާސްޕޯޓަކީ ވަރަށް ރައްކާތެރިކަމާއެކު ގެންގުޅޭ ޖެހޭ ދައުލަތުގެ ލިޔެކިޔުމެކެވެ. އެއަށް ހުރުމަތްތެރިކޮށް ހިތައި، އެއަށް ފަރުވާތެރިވުމަކީ ދިވެހި އެންމެންގެ މައްޗަށް ލާޒިމުކަމެކެވެ. އެކަމަކު ދެރަކަމަކީ ޕާސްޕޯޓު ނަގައިލަން މިހާރަކަށް އައިސް ދިވެހިން ގާތުގައި އިމިގުރޭޝަނުން ބުނާތީއެވެ. ހަމައެކަނި ޕާސްޕޯޓު ނަގައިލަން ބުނަނީއެއް ނޫނެވެ. ޕާސްޕޯޓު ނަގައިލުމަށާއި ޕާސްޕޯޓު ނަގައިލާނެ ގަޑި ވެސް ބުނަނީއެވެ. އަދި ޕާސްޕޯޓު ނަގައިލަން އިމިގުރޭޝަނަށް ދާން ވެސް ބުނަނީއެވެ. މިއީ ކިހައި ދެރަކަމެއް ހެއްޔެވެ. ދައުލަތުގެ އެހައި މުހިންމު ލިޔެކިޔުމެއް ނަގައިލަން ބުނަން ހެޔޮ ނުވާނެ ނޫން ހެއްޔެވެ. ނަގައިލާ މީހާއާއި ނަގައިލަން ބުނާ މީހާ ވެސް ގާނޫނީ ގޮތުން ކުށްވެރިވާނެކަމަށް އަޅުގަނޑަށް ފެނެއެވެ. ގާނޫނީ ވާހަކަ ގާނޫނީ ވަކީލުންނަށް ބާއްވަމާ ހިނގާށެވެ.

އެ ވާހަކަ ބޭއްވިޔަސް، މިއީ ކިހިނެއްވާ ކަމެއްތޯ ބަލައިލަން ޖެހިއްޖެ ކަމަށް އަޅުގަނޑަށް ފެނެއެވެ. އެއީ ދިވެއްސެއްގެ ހައިސިއްޔަތުންނެވެ. ދިވެހިބަހަށް ލޯބިކުރާ މީހެއްގެ ހައިސިއްޔަތުން ވެސް މެއެވެ. އަދި ދައުލަތުގެ އެންމެ މުހިންމު ލިޔެކިޔުން ނަގައިލަން ބުނާތީ، އެކަމާ ހިތަށް ތަދުވާ މީހެއްގެ ހައިސަތުންނެވެ.

ކޮންމެއަކަސް މި ވާގޮތެއް ދެނެގަތުމަށް ޓަކައި ބަސްފޮތް ހާވާލަމާ ހިނގާށެވެ. ދިވެހި ބަސްފޮތުގައި "ނަގައިލުން" މިއީ ކުރިން ކިޔައި އުޅުނު ގޮތަށް ނަމަ، ބަހުގެ ބައިތަކުގެ ތެރެއިން "މަސްދަރު" އެވެ. މިހާރުގެ ގޮތަށް ނަމަ، ކަމުގެ ނަމެވެ. ކަން އުފެދުމުގެ އަސްލެވެ. މި ލަފުޒު އެކި ގޮތްގޮތަށް ފުރޮޅައިލައިގެން ކަމުގެ ޒަމާންތައް ހަދައެވެ. މާޒީއާއި މުސްތަގުބަލާއި ހިނގަހިނގާ ހުންނަ ޒަމާނެވެ. އަދި މި ނޫނަސް އެހެން ޒަމާންތަކެވެ. ބަސްފޮތުގައި މި ލަފުޒުގެ މާނައެއް ކަމުގައި 6 މާނައެއް ލިޔެފައި ވެއެވެ.

އެއީ؛ 1. ނެތިކޮށްލުން، 2. ބޭނުންނެތް ޚަރަދުކުރުން، 3. މަގުސަދުން ނައްޓުވައިލުން، 4. މަގުއޮޅުވައިލުން، 5. ތިމާގެ ހަވާލުގައިވާ އެއްޗެއް، ތިމާގެ ފަރުވާކުޑަކަމުން އެއަށް ވީނުވީ ގޮތެއް ނޭނގުން 6. ނެގުން، އެވެ.

ކޮންމެއަކަސް މި ބަޔާންކުރެވުނު 6 މާނައިގެ ތަފުސީލަށް ދަމާ ހިނގާށެވެ. އެންމެ ފުރަތަމަ އޮތް މާނައާ ޕާސްޕޯޓާ ގުޅުވައިފައި ޖުމުލައެއް ހަދަމާ ހިނގާށެވެ. "މާދަމާ ޕާސްޕޯޓު ނެތިކޮށްލަން 2 ޖަހާއިރު އަންނާށެވެ." އަސްތާ! މިއީ އެންމެ ރަނގަޅު ކަމަކަށް ނުވިތާއެވެ. ލަފުޒުގެ 2ވަނަ މާނައާއި 3ވަނަ މާނައާއި 4ވަނަ މާނަ ހިމަނައިގެން މި ހެދި ގޮތަށް ޖުމުލައެއް އަމިއްލައަށް ހެދޭތޯ ބަލާށެވެ. ޔަގީނުން ވެސް މާނަ ފުރިހަމަވެ، ތިމާ އަނެކާއަށް ދޭހަކޮށްދޭން ބޭނުންވި މާނައާ ގުޅުވައިލެވިދާނެހެނެއް ހިއެއް ނުވެއެވެ. 5ވަނަ މާނައާމެދު ވެސް ވިސްނައިލަމާތޯއެވެ. ތިމާގެ ހަވާލުގައިވާ ޕާސްޕޯޓު ތިމާގެ ފަރުވާކުޑަކަމުން އެއަށް ވީނުވީ ގޮތެއް ނޭނގޭ މިންވަރަށް ތިމާގެ އަމަލުތައް ބަހައްޓާކަށް ނުވާނެދޯއެވެ. 6ވަނަ މާނައިގައިވާ "ނެގުން" މި ލަފުޒާ ގުޅުވައި ޕާސްޕޯޓު ނެގުމުގެ މާނަދޭހަކުރެވޭ ގޮތަށް އިބާރާތްތައް ލިޔެވެއެވެ. އަދި ޕާސްޕޯޓު ގެއްލުވައިނުލައި އަދި ނަގައިނުލައި ވެސް ފަރުޖެހެއެވެ.

ތަންކޮޅެއް ތިލަކޮށްލެވޭތޯ ބަލާނަމެވެ. މިއީ މިހާރަކަށް އައިސް، ދިވެހިންގެ ތެރޭގައި ވާހަކަދެއްކުމުގައި އާންމު ވެފައިވާ އިބާރާތެއްގެ ސަބަބުން ދިމާވާ މައްސަލައެކެވެ. ޕާސްޕޯޓު ހައްދަން ދާ މީހާ، އިމިގުރޭޝަނުން ޕާސްޕޯޓު ހައްދައިދިނުމަށް ފަހު، އެ ޕާސްޕޯޓު ބަލައިއަންނާށޭ ބުނުމަށާއި އަންނާންވީ ގަޑި ބުނާއިރު ބުނެވޭ ގޮތުން ދިމާވާ މައްސަލައެކެވެ.

"ޕާސްޕޯޓު ނަގަން އަންނާނީ މާދަމާ މެންދުރު 2ޖަހާ އިރު!" މިގޮތަށް ބުނީމާ ޕާސްޕޯޓު ނަގައިލައިގެން އެ ގެއްލިގެން އުޅޭކަށް ނުޖެހޭނެ ނޫންހެއްޔެވެ؟ ނުވަތަ "ޕާސްޕޯޓު ބަލައި އަންނާނީ މާދަމާ މެންދުރު 2ޖަހާ އިރު!" މިހެން ބުނީމާ ވެސް މައްސަލައެއް ކުރިމައްޗެއް ނުވޭ ނޫން ހެއްޔެވެ؟

މިއީ، ހަމައެކަނި އިމިގުރޭޝަނުން އިވޭ އަޑެއް ނޫނެވެ. ކައުންޓަރުތަކުން ޚިދުމަތްދޭ ވަރަށް ވަރަށް ގިނަ އިދާރާތަކުގައި ވެސް، ކައުންޓަރުތަކުގައި ތިބޭ ކުދީންނަށް ބުނެވޭ ގޮތެކެވެ. ވިސްނައިނުލައި ފަރިތަވެފައިވާ ގޮތަށް ބުނެވެނީއެވެ. ޑޮކުޓަރަށް ދައްކަން ހޮސްޕިޓަލަށް ނުވަތަ ކުލިނިކަކަށް ދިޔަޔަސް މި ޖެހެނީ ނަންބަރެއް ނަގާށެވެ. ކައުންޓަރަށް ގޮސް ޑަކުޓަރަށް ދައްކާން ބޭނުން ވާހަކަ ބުނާއިރަށް ކައުންޓަރުގައި ތިބޭ ކުދީން ބުނާނީ، "ނަންބަރު ނަގައިލައިގެން އާދޭ!" މިހެންނެވެ. މި ދަނޑިވަޅުގައި ވެސް ނަންބަރު "ނަގައިލައިގެން" ފަރަކު ނުޖެހޭނެ ނޫންތޯއެވެ. ނަގައިލުމުގެ މާނައިގެ ގޮތުގައި ބަސްފޮތުގައި 5ވަނަ އަށް އޮތް މާނަ، (ތިމާގެ ހަވާލުގައިވާ އެއްޗެއް، ތިމާގެ ފަރުވާކުޑަކަމުން އެއަށް ވީނުވީ ގޮތެއް ނޭނގުން) ހިތަށް ވަދެ އެ ގޮތަށް އަމަލުކުރަން އުޅެފިއްޔާ ކިހައި ދެރަ ހެއްޔެވެ. އެހެންވީމާ މާނަ އަރައިރުންނުވާ ގޮތަށް ބުނަމާ ހިނގާށެވެ. "ނަންބަރު ނަގައިގެން އާދޭ!" މި ގޮތް ހަމަ އެންމެ ރަނގަޅު ނޫން ހެއްޔެވެ؟

ނަންބަރު ނަގައިގެން އިނދެއިނދެ ވަރުބާއިރު ވެސް، އެ ނަންބަރު އިސްކިރީނަށް ނާރާ ފަހަރު އާދެއެވެ. އެ ދަނޑިވަޅުގައި ވެސް ގޮސް ކައުންޓަރުގައި އިންނަ ކުއްޖާ ގާތުގައި އެއްޗެކޭ އަހައިލައި އިރަށް ބުނާތީ އަޑު އިވެނީ، "ނަންބަރު އަރުވައިލީމާ އާދޭ!" މިހެންނެވެ. މި ޖުމުލައިން ދޭހަވާ މާނައާ މެދު ތަންކޮޅެއް ފުންކޮށް ވިސްނައިލުން އެދެމެވެ. ނަންބަރު "ނަގައިލުމަށް" ވުރެ، ނަންބަރު "އަރުވައިލުން" އަދި މާ ގޯސްހެން ހީވޭ ނޫން ހެއްޔެވެ؟ ނަންބަރެއް އަރުވައިލައިފިއްޔާ އޭގެ ނަތީޖާ ވެސް ވަރަށް ގޯސްވެދާނެ ނޫންހެއްޔެވެ؟ އެހެންވީމާ އެކަން ނުކުރަމާ ހިނގާށެވެ.

މުދައްރިސުން ވެސް ބެލެނިވެރިން ވެސް، މިކަމަށް ސަމާލުވަމާ ހިންގަވާށެވެ. ފޮތް "ނަގައިލައިގެން" ކިޔަވަން އަންނާށޭ ވިދާޅުނުވަމާތޯއެވެ؟ ދަރިވަރު ނުވަތަ ދަރިފުޅު ފޮތް ނަގައިނުލާހައި ހިނދެއްގައި އެހެން ވިދާޅުވާކަށް ނުވާނެ ނޫންތޯއެވެ؟ ތަޅުދަނޑި ނަގައިލައިގެން ސައިކަލުގައި ދާން އަންނާށޭ ވެސް ވިދާޅުނުވަމާތޯއެވެ؟ ތަޅުދަނޑި ނަގައިލައިގެން އައީމާ ބުރު ޖަހައިލަން ވަޑައިނުގެންނެވޭނެތީއެވެ. އެކަމަކު ހަގީގަތުގައި މީހަކު ފޮތާއި ތަޅުދަނޑިއާއި ނަންބަރާއި ޕާސްޕޯޓު ވެސް ނުވަތަ އެހެން އެއްޗެއް ވެސް ނަގައިލަފާނެއެވެ. އެ ފަދަ ހާލަތެއް އަތުވެއްޖެ ހިނދެއްގައި، ހަމަ އެ ގޮތަށް އެ ލަފުޒު ބޭނުންކުރައްވަމާ ހިންގަވާށެވެ. އަދި ޕާސްޕޯޓު ނަގައިލީމާ ކުރާ ޖޫރިމަނާއެކޭ އެއް ގޮތަށް، އެހެން އެއްޗެހި ވެސް ތިމާގެ ފަރުވާކުޑަކަމުން ނަގައިލައިފިއްޔާ ޖޫރިމަނާއެއް ނުވަތަ އަދަބެއް ދެމާ ހިންގަވާށެވެ. ނަގައިލައިގެން ފަރުނުޖެއްސޭ ތަކެތި ނަގައިނުލައި، ނަގަމާ ހިންގަވާށެވެ.

comment ކޮމެންޓް