އަންހެންކުއްޖާ ފެނުމުން ހީވީ...!

ޑރ. އަޝްރަފްގެ ބަސް-- ސަން ގްރެފިކްސް

އަޅުގަނޑުގެ ކޮލްމަ ވިދާޅުވާ ބޭފުޅުންގެ އިޒުނައާއެކު، މި ފަހަރުގެ ކޮލަމްގެ ރަހަ ކުޑަކޮށް ތަފާތުކޮށްލާނަމެވެ. މި ފަހަރު ކޮލަމްގައި ހިމަނައި މި ލަނީ، އިންޑިޔާގެ މަޝްހޫރު ޅެންވެރިޔާ ޖާވީދު އަޚްތަރު، ހިންދީ ފިލްމު "1942 އަ ލަވް ސްޓޯރީ" އަށް ހައްދަވާފައިވާ ރީތި ޅެންތަކުގެ ތެރެއިން ޅެމެއްކަމުގައިވާ "އެކް ލަޅްކީ ކޯ ދޭކާ ތޮ އައިސާ ލަގާ." ގެ ދިވެހި މިނިވަން ތަރުޖަމާއެކެވެ. އަދި ތަރުޖަމާގެ ކުރު، އެހެނަސް ކުޑަކުޑަ ޝަރަހައެކެވެ. އަދަބީ ވިސްނުމެއްގައެވެ.

މި ޅެމުގައި އެއްގޮތް ކުރެއްވުމާއި އެއްފަދަ ކުރެއްވުމުގައި އުރުދޫ ޅެންވެރިން ގެންގުޅުއްވާ ޚިޔާލުތައް ދިވެހި ޅެންވެރިންނާ ހިއްސާކޮށްލުމަކީ ފަހަރުގައި ދިވެހި ޅެންވެރިންނަށް ބޭނުން ހިއްޕެވިދާނެ ކަމެއްކަމުގައި ދެކެމެވެ. އަދި ފަހަރުގައި އަޅުގަނޑުގެ ކޮލަމް ވިދާޅުވާ ބޭފުޅުންގެ ޝައުޤުވެރިކަމެއް މި ފަދަ މަސައްކަތަކަށް ވެސް ހުރެދާނެތާއެވެ. ނުހުންނަން ވީ ސަބަބެއް ހަމަ އެއްގޮތަކަށް ވެސް އަޅުގަނޑަކަށް ނުވިސްނެއެވެ. ސަބަބަކީ ގިނަ ބޭފުޅުންގެ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި މި ފަދަ އަންހެންކުއްޖަކު ފެނިފައިވާނެތީއެވެ.

ދެން ޅެމުގެ ވަކި ބައިތުތަކަށް ބަލައިލަމާތޯއެވެ.

އެ އަންހެން ކުއްޖާ ފެނުމުން ހީވީ،

o ފޮޅެމުން ދިޔަ ފިނިފެންމަލެއް ހެންނެވެ.

o ޅެންވެރިއެއްގެ ހުވަފެނެއް ހެންނެވެ.

o އަލި ޝައްފާފު ދޯއްޖެއް ހެންނެވެ.

o ޖަންގަލީގައި އުޅޭ ފުއްލާއެއް ހެންނެވެ.

o ހަނދުވަރު ދޭ ރެއެއް ހެންނެވެ.

o މަޑުމޮޅިކަން އެކުލެވޭ ވާހަކައެއް ހެންނެވެ.

o ހީވަނީ، މަންދިރެއްގައި ދިއްލާފައިވާ ވޮށެއް ހެންނެވެ.

ޅެމުގެ މައިގަނޑު ފަށައިފައި ވަނީ، ޅެންވެރިޔާއަށް އަންހެން ކުއްޖާ ފެނުމުން ހީވި ގޮތެއްގެ ވާހަކަތަކެއް ކިޔައިދޭން މަގު ހުޅުވައިދެމުންނެވެ. އަންހެން ކުއްޖާ ފެނުމުން ހީވި، އެތައް ސިފަތަކެއް، ފައްޗަކަށް އަމުނައިލާ ގޮތަށް ޅެން ކުރިއަށް ގެންގޮސްފައި ވެއެވެ.

އާނއެކެވެ. އަންހެން ކުއްޖާ ފެނުމުން ޅެންވެރިޔާއަށް ހީވީ، ފޮޅެމުން ދިޔަ ފިނިފެންމަލެއް ހެންނެވެ. މާތަކުގެ ތެރެއިން ވެސް އެންމެ ރީތި މަލާ އެއްފަދަކޮށް ފޮޅެމުން އަންނަ ފިނިމަލާ އަންހެންކުއްޖާއާ އެއްފަދަ ކުރީއެވެ. ދެން ހީވީ ޅެންވެރިއެއްގެ ހުވަފެނެއް ހެންނެވެ. ޅެންވެރިންނަށް ފެންނާނީ އާންމުންނަށް ފެންނަވަރަށް ވުރެ، ފުނަށް ފެންނަ ހުވަފެންތަކެވެ. އެ ހުވަފެންތައް ގަލަމުގެ ތުނޑަށް ޅެންވެރިން ގެންސްފައިވާ ގޮތްތަކުން މިކަންކަން ސާބިތުވާނެއެވެ. ހެނދުނުގެ އިރާއެކު އަރައިގެން އަންނަ އިރުގެ ދޯއްޖެއްހެންނެވެ. އެއްވެސް ހިރަފުސްކަމެއް ނެތް ސާފު ޝައްފާފު ދޯއްޖެއްހެން އެ އަންހެން ކުއްޖާ ސިފަކުރެވެއެވެ.

އޭގެ ފަހުގައި ޅެންވެރިޔާ އަންހެންކުއްޖާ އެއް ފަދަ ކުރައްވަނީ، ޖަންގަލީގައި އުޅޭ ފުއްލާއަކާއެވެ. މިއީ ދިވެހި އަދަބުގައި އެއްފަދަ ކުރެއްވުމުގައި ޅެންވެރިން ގެންގުޅުއްވުމަށް ފަސްޖެހިވަޑައިގެންފާނެ އެއްފަދަ ކުރެއްވުމެކެވެ. އެއީ ފުއްލާއާއި ޖަންގައްޔަކީ ދިވެހި މާހައުލާ ބީރައްޓެހި އެއްޗަކަށް ވީތީއެވެ. އެހެނަސް އަރަބި އަދަބާއި އުރުދޫ އަދަބުގެ ޅެންތަކުގައި މިއީ، ވަރަށް އާންމު އެއްފަދަ ކުރެއްވުމެކެވެ. ފުއްލާއެއް ޖަންގަލީގައި އުޅޭ މިނިވަންކަމާއި އޭގެ ހަލުވިކަމާއި އޭގެ ނަލަ ހިނގުމަކީ، އެވެރިންގެ ލޯމަތީ ހިނގާ ކަންކަމެވެ. އެހެންވީމާ އެ އެއްފަދަކުރެއްވުން އެ ވެރިންނަށް ފަސޭހައިން ސިފަވާނެއެވެ. ރޭތަކުގެ ތެރެއިން ހަނދުވަރުދޭ ރެއަކާ ވެސް އަންހެންކުއްޖާ އެއްފަދަ ކުރެއްވިއެވެ. މަޑުމޮޅިކަން އެކުލެވޭ ވާހަކައަކާ ވެސް އެއްފަދަކުރައްވަނީ، އަންހެންކުއްޖާގެ މަޑުމައިތިރިކަމާއި ނިޔަނެތިކަމާ ގުޅުވައިލައިގެން ކަމަށް އަޅުގަނޑު ދެކެމެވެ.

މި ކަޑީގެ ނިންމާ ބައެއްގެ ގޮތުގައި ހިމަނައިފައިވާ ބަޔަކީ ދިވެހިންނާއި ދިވެހިންގެ މާހައުލާއި ދިވެހިންގެ ދީނާ ބީރައްޓެހި އިބާރާތެކެވެ. އެހެނަސް މަންދިރުގައި ދިއްލާ ވޮށަކީ ވަރަށް ރައްކާތެރިކަމާއެކު ބަހައްޓައިފައި ހުންނަ އެއްޗަކަށްވުމާއި އެ ވޮށުގެ ހުޅުކޮޅު ނިވުނަ ނުދިނުމަށް އެވެރިން ކަންކޮށްފައި ހުންނަ ގޮތް ހިތަށް ސިފަކުރައްވާށެވެ. ބޭރުން އަންނަ ވައިރޯޅިއެއްގެ ސަބަބުން ވެސް ނިވިދާނެތީ އެ ވޮށަށް ދީފައިވާ ރައްކާތެރިކަމެވެ. އެހެންވީމާ އަންހެންކުއްޖާއަކީ މަންދިރުގައި ދިއްލައިފައިވާ ވޮށެއްހެން ޅެންވެރިޔާއަށް ހީވީއެވެ.

އެ އަންހެން ކުއްޖާ ފެނުމުން ހީވީ،

o ހެނދުނުގެ ސޫރަ ހެންނެވެ.

o ފިނި މޫސުމުގެ ހޫނު ހެންނެވެ.

o "ވީނާ" ގެ އަޑު ހެންނެވެ.

o ކުލައިގެ ފުރާނަ ހެންނެވެ.

o ވެޔޮގަނޑުގެ ދެމުން ހެންނެވެ.

o ރާޅުގެ ކުޅިވަރުހެންނެވެ.

o ހީވަނީ މީރުވަހާއެކު އައި ފިނި ވައިރޯޅިއެއް ހެންނެވެ.

ދެވަނަ ކަޑީގެ ފެށުން ފަށައިފައިވަނީ ހެނދުނުގެ ހިތްގައިމު ކަމާއި ހެނދުނުގެ ސޫރައާ އަންހެންކުއްޖާގެ ސޫރައާ އެއްފަދަ ކުރަމުންނެވެ. ދެން، އެއްފަދަ ކޮށްފައިވަނީ ފިނިމޫސުމުގެ ހޫނާއެވެ. ފިނި މޫސުން ދެކެފައިނުވާ ދިވެހީންނަށް، މި ސިފަކުރުން ސިފަވާން ދަތިވާނެއެވެ. ފިނި މޫސުމެއްގައި އިރުގެ އަތްވާއި އޭގެ ހޫނަކީ އިންސާނާއަށް ކިހައި ބޭނުންތެރި އެއްޗެއްކަން ދެނެގަނެވޭނީ އެކަން އިހުސާސްކުރާ މީހުންނަށެވެ.

ދެންވެސް ގެނެސްފައި ވަނީ އެ ވެރިންގެ މާހައުލާ ގުޅުވައި އެވެރިންނަށް އޭގެ ހަގީގަތް އެނގޭނޭ އެއްޗެއްގެ ވާހަކައެވެ. އެއީ، "ވީނާ"އެވެ. ވީނާއަކީ، އިންޑިޔާގެ މިއުޒިކުގައި ބޭނުންކުރާ އާލާތެކެވެ. ތަސްވީރުން އެ ފެންނަނީ އޭގެ ފޮޓޯއެކެވެ. ޒަމާނީ ގިޓާއާ ގުޅުންހުރި ބާވަތެއް ދެއްތޯއެވެ. ދިވެހިންގެ ތެރޭގައި މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ޝާޢިރު އަލްމަރުޙުމާ ޖޭމު ދޮންކަމަނަ ގެންގުޅުއްވި "ނަރުކޮށްޓި" އަކީ މީގެ ބާވަތެއްކަމުގައި ބެލެވިދާނެއެވެ. "ވީނާ" ގައި ހުންނަ ހިމަ ނަރުތަކާ، އަތުގެ އިނގިލިތަކުން ކުޅެލީމާ އެ ނުކުންނަ ރީތި ހިތްގައިމު އަޑަކީ އިންޑިޔާގެ މިއުޒިކުގެ ދިރުމެވެ. ހަމަތަކަކަށް ނުވަތަ ތާލުތަކަކަށް ވާގޮތަށް އެއިން މިއުޒިކު އުފައްދައެވެ. އޭގެ ބައްޓަމާއި އޭގެ އޮމާންކަމާއި އެއިން އުފައްދާ އަޑުގެ ފުރިހަމަކަން އަންހެންކުއްޖާއާ އެއްފަދަ ކޮށްފައި ވަނީ ވަރަށް ފުރިހަމައަށެވެ.

ކުލަތަކަށް ލިބިފައިވާ ފުރާނައާ ވެސް އެއްފަދަކޮށްފައިވެއެވެ. ފުރާނައެއް ނެތްނަމަ ދިރުމެއް ނުހުންނާނެއެވެ. އެހެންވީމާ ކުލައިން ފުރާނަ ދިޔައިމަ ކުލައިގެ ދިރުން ދިޔައީތާއެވެ. ވެޔޮގަނޑުތައް ދެމިފައި ހުންނައިރު ހުންނަނީ އެ ތަނެއްގެ ބައްޓަމަށް އެ ވެޔޮގަނޑުގެ ދެމުން ވެސް ލެނބިފައެވެ. އެހާ ލޫޅާފައްޗެވެ. އަންހެންކުއްޖާގެ ލޫޅާފަތިކަން ވެސް އެ ފަދައެވެ.

ކަނޑާއި ކަނޑާ ގުޅިފައިވާ ފަރުތަކާއި ވިލުތަކާއި ދޮންވެލި ގޮނޑުދޮށްތަކަށް ޖަހާ ރާޅުވެސް އެ ކުރަނީ އާދައިގެ ސަމާސާއެއް ނޫނެވެ. ހަމަ ރީތި ކުޅިވަރެކެވެ. ހިއްލިލައި ގޮތާއި އެއިން ހުދު ފޮނު އުފައްދާ ގޮތާއި ހޮޅިލައިގޮތް ހާދަހާވާ ޗާލެވެ. ހަމަ އެ އަންހެން ކުއްޖާ ވެސް އެ ފަދައެވެ. ދެން ކޮބައިތޯއެވެ. އެ ރީތި މާހައުލަށް އަންނަ މީރުވަސްދުވާ ފިނި ވައިރޯޅިއެއް ފަދައެވެ. އަންހެންކުއްޖާއަކީ އެ ފަދަ ވައިރޯޅިއެކެވެ. ބީހިލައިފައި ދަނީއެވެ.

އެ އަންހެން ކުއްޖާ ފެނުމުން ހީވީ،

o ނަށަމުންދާ ސާމަރާދޫންޏެއް ހެންނެވެ.

o ރޭޝަމްގެ ރޮދިފަށެއް ހެންނެވެ.

o ޕަރީންގެ ލަވައެއް ހެންނެވެ.

o ކެލާގެ އަލިފާން ހެންނެވެ.

o ސޯޅައަހަރުގެ ނަލަވުމެއް ހެންނެވެ.

o ތުނިތުނި ވާރޭފޮދެއްގެ ޢަރަގުހެންނެވެ.

o ހީވަނީ، މަޑުމަޑުން މަސްތުކަން އިތުރުވާ ހެންނެވެ.

މިއިން ކޮންމެ ކަނޑިއެއްގައި ވެސް ދައްކާފައި ހުރި މިސާލުތައް ސާދާވެފައި ތިލައެވެ. އެހެނަސް، މި ކަޑީގެ ފުރަތަމަ މިސާލަކީ ސާމާރާދޫނީގެ ނެށުމާ އަންހެންކުއްޖާ އެއްފަދަ ކުރުމުވެ. ސާމަރާދޫނީގެ ނެށުމަކީ ކިހިނެއްކުރާ ކަމެއްކަން ގިނަ ދިވެހީންނަކަށް ފެނިފައި ނެތުން އެކަށީގެންވެއެވެ. އަދި އިންޑިޔާގެ ހުރިހާ ސަރަހައްދެއްގައި އުޅޭ ދޫންޏަކަށް ނުވާތީ އެކަން ހަމަލޮލަށް ފެނިފައިވާ އިންޑިޔާ މީހުން ވެސް މަދުވާނެއެވެ. އެހެނަސް، ހާދަހާވާ ރީތި ހަރަކާތެކެވެ. ދޫނީގެ ފިދުފަތްގަނޑު ހަލުވައިލައިފައި ލުއިލުއި ތުރުތުރަކާއެކު މައްޗަށް ހިއްލައިލާގޮތް ވަރަށް ރީތިވާނެއެވެ. ބައްލަވައިލެއްވުމަށް ޔޫޓިއުބުގެ ބޭނުން ހިއްޕެވޭނެއެވެ. "ސާމާރާދޫނީގެ ނެށުން" މި އިބާރާތް އިނގިރޭސިކޮށްލައްވައިފައި ޖައްސަވައިލައްވާށެވެ. ފެނިވަޑައިގަންނަވާނެއެވެ. ރޭޝަމް ނުވަތަ ފަށުއި ރޮދިފަށަކީ ވަރަށް ލުއިލުއި އެއްޗެކެވެ. ވައިގެތެރެއަށް ދޫކޮށްލިއަސް ވައިރޯޅިއާ ހެލިލާގޮތް ހިތަށް ސިފަކުރައްވާށެވެ. އޭގެ އޮމާންކަމާއި ލުއިކަމުގެ ސިފަ އަންހެންކުއްޖާގެ ސިފައާ އެއްފަދަ ކުރައްވާފައި ގޮތް ހަމަ ނަލައެވެ.

ޕަރީން އެއްވެ އެއްތާ ތިބެ ކިޔާލަވަ ހިތަށް ސިފަކުރަން ދައްޗެވެ. ދެކެފައިނުވާތީއެވެ. ވީޑިޔޯއަކުން ވެސް ފެނިފައި ނުވާތީއެވެ. ޕަރީއާ ގުޅުވައި މުޅިންވެސް ހުރީ ޚިޔާލީ އުފެއްދުންތަކެވެ. އެކަމަކު ކެލާ ލަކުނޑިކޮޅެއްގައި ރޯކޮށްލީމާ އެއިން އުފެދޭ އަލިފާނުގެ ކުލަ ތަފާތުވާނެއެވެ. ތަޖުރިބާކޮށްލައްވާށެވެ. އަންހެންކުއްޖާބޮޑުވެ، ސޯޅައަހަރު ވީމާ ނަލަވުމަށް އެކުރާ މަސައްކަތް ދެކެމުނޫންތޯއެވެ. އެ ސިފަވެސް އަންހެންކުއްޖާއާ އެއްފަދަކޮށްފައިވަނީ ވަރަށް ފުރިހަމަކަމާއެކުއެވެ. މި ވެސް ރާއްޖެއަށް ވުރެ ބޮޑަށް އިންޑިޔާގެ ސަގާފަތެކެވެ. ސޯޅައަހަރުފުރޭ އަންހެންކުދީން ނަލަހައްދާ ޚާއްޞަ ހަފުލާއެއް އޮވެއެވެ. މިއީ އެފަދަ ކުދީންގެ ވާހަކައެވެ. ހިމަފޮދު ވާރޭގެ އަރަގުހެންނެވެ. ވަރަށް ލިބުން ނާދިރު އެއްޗެކެވެ. ތުނިވާރޭ ފެނުން އަރަގުނަގައި އޭގެ ތަޖުރިބާ ކުރެވޭތޯ ބަލަމާ ހިނގާށެވެ. އެ ހުރިހާ ސިފަތަކެއް އަންހެންކުއްޖާއާ އެއްފަދަ ކުރުމަށް ފަހު ދެން ޅެންވެރިޔާ ވިދާޅުވަނީ، އެ ކުއްޖާ ފެނުނީމާ ހީވަނީ، މަސްތުކަން އިތުރުވާހެންނެވެ. ހަމަހޭ ފިލައިދާ ހެންނެވެ. އެހައިވެސް ރީއްޗެވެ. ތިޔަ ބޭފުޅުން އަނެއްކާ މަސްތުނުވައްޗެވެ. ހަމަހޭގައި ތިއްބެވުން އެދެމެވެ.

މި ޅެމުގެ އެންމެ ޚާއްޞަ އެއް ސިފައަކީ، އެއްފަދަ ކުރެއްވުމަށް ޅެންވެރިޔާ ގެންގުޅުއްވި ރީތި ސިފަތަކެވެ. މާޙައުލުގެ ތެރެއިން ތަކެތީގެ މިސާލު ނަންގަވައި އެ ތަކެއްޗާ، އަންހެން ކުއްޖާ އެއްފަދަ ކުރެއްވުމަށް ގެންގުޅުއްވި ރީތި އުސްލޫބެވެ. އޭގެ އިތުރުން، މުޅި ޅެމުގެ ކާފިޔާތައް އެއްގޮތް ކުރައްވައިފައިވާ ގޮތުގެ ކުޅަދާނަކަމެވެ. ޅެމުގެ ކާފިޔާ އެއްގޮތް ކުރެއްވުމުގައި ބަސްތައް ޚިޔާރުކުރައްވާފައިވާ ގޮތުގެ ފުރިހަމަކަމެވެ. މިސާލަކަށް؛ ގުލާބު އާއި ޚާބު، ކިރަން އާއި ހިރަން، ރާތު އާއި ބާތު، ރޫޕު އާއި ދޫޕް، ތާން އާއި ޖާން، ބޭލް އާއި ކޭލް، މޯރު އާއި ޑޯރު، ރާގު އާއި އާގު، ސިންގާރު އާއި ޕުވާރު ފަދަ ލަފުޒުތައް ފާހަގަކޮށްލެވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް