ރަށުގެ ބަނދަރުގެ އެކި ހިސާބުތަކުގައި އޮތީ ކުދިކުދި ވެފައިވާ އިންސާނުންގެ ހަށިގަނޑުގެ ބައިތަކެވެ. އަތް ވަކިންނެވެ. ގޮހޮރު ވަކިންނެވެ. ދަތްޕިލަ ވަކިންނެވެ. މިހެން ގޮސް އެތައް ބައިތަކެއް އޮތީ މުޅި ބަނދަރު މައްޗަށް ބުރައިގެން ގޮސްފައެވެ. އެހެން ރަށްތަކާ ވަރަށް އެކަހެރިކޮށް އޮންނަ ހދ. މަކުނުދޫގައި މިއަދު ގޮވި ބާރުގަދަ ގޮވުމާއެކު ދެ މީހެއްގެ ފުރާނަ މި ވަނީ ގެއްލިފައެވެ.
"ވަރަށް ބާރުގަދަ ގޮވުމެއް އެއީ. މުޅި ރަށް ގުގުމައިގެން ދިޔައީ. ކުޑަކުދިން ވެސް ބިރުން ކިރިޔާ ގޮތެއް ނުވީ، ގޭގޭގައި ތިބި މީހުން ބުނީ ހީވަނީ ގެ ވެއްޓިދާނެހެންނޯ،" އެ ވަގުތު ބަނދަރުމަތީގައި ހުރި އެ ރަށު މީހަކު އެ މަންޒަރު ސިފަކޮށްދިނެވެ.
މި ހާދިސާ ހިނގީ މިއަދު ހަވީރު 4:15 ކަންހާއިރުއެވެ. ބާރުގަދަ ގޮވުމެއް ގޮވީ މަކުނުދޫ ބަނދަރުގެ ދެކުނުކޮޅުގައި ހުންނަ މަސް މާރުކޭޓް ކައިރިންނެވެ. ފުލުހުން ބުނީ މި ހާދިސާގައި ދެ ބިދޭސީން މަރުވެފައިވާއިރު ގޮވާފައި ވަނީ ގޭސް ސިލިންޑަރެއް ކަމަށެވެ.
މަސްމާރުކޭޓްގެ ބޭރު ފާރުގައި ބުރައިގެން ގޮސްފައިވާ ލޭ ވަރަށް ގިނައިން އެބަހުއްޓެވެ. ބާރުގަދަ ގޮވުމާއެކު މަސް މާރުކޭޓުގެ ހުރިހާ ބިއްލޫރިއެއް ވަނީ ތަޅައިގެން ގޮސްފައެވެ. އަދި އެ މާރުކޭޓްގެ ސީލިންގުގެ ބައެއް ވެސް ވަނީ ވެއްޓިފައެވެ.
"ބުރައިގެން ގޮސްފައިވާ އިންސާނުންގެ ހަށިގަނޑުގެ އެތައް ސަތޭކަ އެތިކޮޅެއް މިހާރު ވެސް ފެނިއްޖެ. އެކެއްގެ ހަށިގަނޑުން ހަމަ ކުދިކުދި އެތިއެތިކޮޅު ފެންނަނީ. އިނގިއްޔެއްގެ ބުރިއަކަށް ވުރެ ވެސް ކުދިކުދި އެތިކޮޅުކޮޅު. އަނެއް މީހާގެ ހަށިގަނޑުން ތަންކޮޅެއް ބޮޑު އެތިކޮޅެއް އެބައިން،" އޭނާ ކިޔައިދިނެވެ.
"ގޮވި ސަރަހައްދުގެ 500 ރޭޑިއަސް ދުރަށް ވެސް އެބަހުރި ހަށިގަނޑުގެ ބައިތައް ބުރައިގެން ގޮސްފައި."
އޭނާ ބުނިގޮތުގައި އެ ސިލިންޑަރު ގޮވުމުގެ ކުރިން، އެ ސަރަހައްދުގައި އެ ރަށުގެ އެއާޕޯޓް އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް ކުރާ ބިދޭސީންތަކެއް ހަރަކާތްތެރި ވަނިކޮށް ރަށުގެ ބައެއް މީހުންނަށް ފެނިފައިވެއެވެ. އެ މަސް މާރުކޭޓް ސަރަހައްދަކީ ބިން ހިއްކާ މީހުން ތަކެތި ބަހައްޓާ ސަރަހައްދެއް ކަމަށް އޭނާ ބުންޏެވެ.