އިންތިޚާބު ބޮޑުތަނުން ބަލިވީއެވެ.

ޑރ. އަޝްރަފްގެ ބަސް-- ސަން ގްރެފިކްސް

މިހާރަކަށް އައިސް ވަރަށް ގިނައިން އިވޭ އަޑެކެވެ. ޚާއްސަކޮށް ސިޔާސީ ޖަގަހަތަކުގައެވެ. ސީޔާސީ މީހުންގެ ބަހުރުވައިގައެވެ. ނަތީޖާއެއްގެ ގޮތުން ނޫސްތަކުން ވެސް ފެންނާންފަށައިފިއެވެ. މުޖުތަމަޢުގެ ގިނަ ބަޔަކު ބޭނުންކުރާނަމަ ނޫސްތަކުގައި ވެސް އެ ލަފުޒު ނުލިޔާންވީ ސަބަބެއް ނެތްތާއެވެ. އެހެންވީމާ އެވެރިން ވެސް ލިޔަނީއެވެ. ސިޔާސީ މަތީ މަގާމުތަކުގެ ވެރީންގެ ފަރާތުންވެސް އެ އަޑު އިވެއެވެ. ދައުލަތުގެ އެންމެ އިސްވެރިޔާގެ ބަހުރުވައިގައި ވެސް އެ ލަފުޒު ހިމެނިއްޖެއެވެ. އެ އަޑަކީ ލަފުޒެކެވެ.

އެ ލަފުޒަކީ ބަހުގެ އެދުރުންގެ ގޮތުގައި އަޅުގަނޑުމެން ދަންނަ އިހު ތިބީން މިހާރު މި ބޭނުންކުރާ ހާލަތާއި މާނައިގައި ބޭނުންކޮށް އުޅުނު ލަފުޒެއް ކަމެއް ނޭނގެއެވެ. ހަމަގައިމުވެސް އަޅުގަނޑު ނުދެނަހުރީމެވެ. އެ ލަފުޒު ބޭނުންކުރިއަސް މިހާރު މި ބޭނުންކުރާ މާނައިގައި ބޭނުންކުރާ ކަމެއް އެނގިފައެއް ނެތެވެ. އެހެނަސް މިހާރު އެ ލަފުޒު ބޭނުންކުރަނީ، އެ ބޭފުޅުން ބޭނުންކުރެއްވި މާނައިގައެއް ނޫނެވެ. މާނަ ތަފާތުވެއްޖެއެވެ. ލަފުޒު ބޭނުންކުރާ ޙާލަތު ވެސް ތަފާތުވެއްޖެއެވެ. މި ދަންނަވަނީ "އިންތިޚާބު ބޮޑުތަނުން ބަލިވީއެވެ." މި ޖުމުލައިގައި ހިމެނޭ "ބޮޑުތަނުން" މި ލަފުޒުގެ ވާހަކައެވެ.

ބޮޑުތަނަކީ ކޮބައިތޯއެވެ؟ މިއީ ދެ ލަފުޒު އެކުވެގެން އުފެދިފައިވާ އެއް ލަފުޒުތޯއެވެ؟ ދެ ލަފުޒު އެކުވެގެން އުފެދިފައިވާ އެއް ލަފުޒެއްކަމުގައި ނުވިޔަސް، ހަމަޔަގީނުން ވެސް ދެ ލަފުޒެއް އެބަ ހިމެނެއެވެ. ފުރަތަމަ އޮތް ލަފުޒަކީ، އާންމުކޮށް ދިވެހިން ނަންއިތުރެއްގެ ގޮތުގައި ބޭނުންކުރާ "ބޮޑު" އެވެ. އެހެންވީމާ، އެއީ ނަންއިތުރެއްކަމުގައި ބަލައިގެން އެ ދެ ލަފުޒުގެ މާނަކުރީމާ ވާ ގޮތް ދެނެގަންނަމާ ތޯއެވެ. "ބޮޑު" އެއާ ވިދިގެން އަންނަ ނަމެއް ކަމުގައިވާ "ތަން" އަށް "ބޮޑުގެ ސަބަބުން އިތުރު ސިފައެއް ގެނެސްދެއެވެ. އެހެންވީމާ، އެއީ ބޮޑު ތަނެއްކަން އެނގިއްޖެއެވެ. އެކަމަކު އެ ތަނަކީ ކޮބައިކަމެއް ނޭނގެއެވެ. އެއީ އިމާރާތެއް ކަމުގައި ވެސް ވެދާނެއެވެ. ހުސް ޖާގައަކަށް ވެސް ވެދާނެއެވެ. އެއީ ކަނޑެއް ކަމުގައި ވެސް ވެދާނެއެވެ. އަދި ބޮޑު ކަނޑެއް ކަމުގައި ވެދާނެއެވެ. ތަނަކީ ކޮބައިކަން ނޭނގޭތީ މާނަދެނެގަންނަން ދަތިވަނީއެވެ.

ލަފުޒުދުރުކުރުމުގެ ހަމަތަކަށް ބަލާއިރު ކޮންމެ ނަންއިތުރެއް އޮންނަންވާނީ ވަކީންނެވެ. އެހެން ލަފުޒަކާ ނުގުޅިއެވެ. އެކަމަކު މި ލަފުޒު އާންމުކޮށް ލިޔެފައި ހުންނަތަން ފެންނަނީ އެއްލަފުޒެއްގެ ގޮތުގައެވެ. އަޅުގަނޑު ވެސް މި ލިޔުނީ އެއް ލަފުޒެއްގެ ގޮތުގައެވެ. އެހެންވީމާ އިސްވެ ދެންނެވި ވާހަކަ ބާތިލުވެ، ކުރިން ބުނި އެތި ކެންސަލްކުރަމާ ހިނގާށެވެ. އާނއެކެވެ. "ބޮޑު" އެއީ މި ލަފުޒުގައި ނަންއިތުރެއް ނޫނޯލައެވެ. ބޮޑު ކޮޓަރިއާއި ބޮޑު ދަނޑާއި ބޮޑު ބިމަކާއި ބޮޑު ޖާގަ ކިޔާ ގޮތަކަށް "ބޮޑު" ނަންއިތުރަކަށް ނުވެޔޯލައެވެ.

މި ތަނުގައި "ބޮޑު" ނަންއިތުރަކަށް ނުވާނަމަ، ދެން އެވާނީ ދެ ލަފުޒުން އުފެދިފައި ހުންނަ އެއް ލަފުޒަށްތާއެވެ. ރިތްދަނޑި އާއި ކުރުމަސް ފަދައިންނެވެ. މިއިން ކޮންމެ ލަފުޒަކީ ވެސް މުސްތަޤިއްލު މާނައެއް ދޭހަކޮށްދިނުމަށް ދެ ލަފުޒުއެކުވެގެން އުފެދިފައި ހުރި ލަފުޒެވެ. އެއީ ރިތާއި ދަނޑިއާ އެކުވެގެން "ރިތް ދަނޑި"އެވެ. ރިތްދަނޑިއަކީ، އޮޑިދޯނި ފަހަރު ތިލަފަޅުގައި އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ކަނބަން ބޭނުންކުރާ ދަޑިއެކެވެ. ކުރާއި މަހާއި އެކުވެގެން "ކުރުމަސް" އެވެ. އެއީ މަހުގެ ބާވަތްތަކުގެ ތެރެއިން ވަރަށް ދިގު މަހަކަށް ދެ ލަފުޒު އެއްކޮށްގެން ދިވެހިން ކިޔައި އުޅޭ ނަމެކެވެ. އެއީ "ކުރުމަސް" އެވެ. މައްޗާއި މަހާއި އެކުވެގެން މަތިމަސް" އެވެ. މިހެން އެވަނީ ފަހަރެއްގައި ވެސް އަނގައިގެ މަތީގައި އިސްތަށި ހުރީމައެއް ނޫނެވެ. އަދި އެ އިސްތަށީގެ ސިފައަކީ މަހަކަށް ވާތީއެއް ވެސް ނޫނެވެ. މިއީ މައްޗާވެސް އަދި މަހާ ވެސް، އެއްވެސް ގުޅުމެއް އޮވެގެން އުފެދިފައި އޮތް ލަފުޒެއްކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެއެވެ. އެއީ އަނގައިގެ މަތީގައި ހުންނަ އިސްތަށްޓަށް މަތިމަސް ކިޔައިފައި، އަނގައިގެ ތިރީގައި ހުންނަ އިސްތަށްޓަށް ތިރިމަހެކޭ ވެސް ނުކިޔައެއް ނޫންތޯއެވެ. އެހެންވީމާ އެއީ، ދެ ލަފުޒު ވަކިވަކީން ލިޔެފިނަމަ، ކޮންމެ ލަފުޒަކުން ވެސް ތަފާތު މާނައެއް އެކުލެވޭ ދެ ލަފުޒެވެ. އެކުގައި ލިޔުނީމާ މުސްތަގިއްލު ވަކި މާނައެއް އޮންނަ ލަފުޒެކެވެ. އެހެންވީމާ، މިއީ "ބޮޑު" އާއި "ތަން" އެކުވެގެން އުފެދިފައިވާ މުސްތަގިއްލު މާނައެއް ދޭހަވާ އެއް ލަފުޒުތާއެވެ.

މި ދެއްކި ވާހަކަތަކާ ގުޅިގެން "ބޮޑުތަނުން" މިއީ ދެ ލަފުޒު އެކުވެގެން އުފެދިފައިވާ އެއް ލަފުޒުތާއެވެ. އެހެންވީމާ ދެން މި ލަފުޒު ޖުމުލައެއް ގައި ބޭނުންކުރުމަށް ފަހު މާނައެއް ދޭހަވޭތޯ ބަލަމާ ހިނގާށެވެ.

"އަޅުގަނޑުމެން ވާދަކުރި އިންތިޚާބު ބޮޑުތަނުން ބަލިވީއެވެ."

މި ޖުމުލައިގައި ބުނާ ބޮޑުތަނަކީ ކޮބައިތޯއެވެ؟ "ބޮޑު" އަށް ނަންއިތުރެއްކަމުގައި ބަލައިގެން "ތަން" އަށް ސިފަދީގެން ފަރަކު ޖެހޭކަށް ނެތެވެ. އޭރުން ބޮޑުވީ ކޮންތަނެއްކަން ހޯދަންޖެހެއެވެ. އިންތިޚާބު ބޭއްވި ތަން ބޮޑުވީތޯއެވެ؟ ނުވަތަ އިންތިޚާބާ ގުޅިގެން އުފެދުނު ހަމަނުޖެހުމުގައި މީހަކު ޖެހިޖެހިޖެހީނުން ތަނެއް ބޮޑުކޮށްލައިގެން، އެ ތަނުގެ ސަބަބުން ބަލިވީތޯއެވެ؟ ނޫނެކެވެ. މިއިން އެއްވެސް މާނައެއް ދޭހަކުރާކަށް ފަސޭހައެއް ނުވެއެވެ. އެ ގޮތަށް މާނަކުރީމާ އަންނަނީ ޒާތެއްގެ ލާނެތް ހިންޏެކެވެ.

ދެ ލަފުޒުން އެކުވެފައިވާ އެއް ލަފުޒެއް ކަމުގައި ބަލައިފިނަމަ، އަދި މާ ހާލުދެރައެވެ. ބުނަނީ ހަމަ ކީކޭކަން ދޭހަކުރެވޭނެ އެއްވެސް ގޮތެއް އަޅުގަނޑަކަށް ނުވިސްނެއެވެ. މުޅި ޖުމުލައިން މާނައެއް ދޭހަކުރާނީ ކިހިނެއް ތޯއެވެ؟ އެހެން އެވަނީ "ބޮޑުތަން" މި ލަފުޒުގައި މުސްތަގިއްލު މާނައެއް ނެތީމައެވެ. އެތަނަކީ ކޮބައިކަން ނޭނގޭތީއެވެ. އިންތިޚާބުތަކުގައި ވާދަކުރާ މީހުން ބަލިވަނީ، އިންތިޚާބު ބާއްވާ ތަން ބޮޑުވެގެނެއް ނޫނެވެ. އަދި އިންތިޚާބުތަކުގައި ވާދަކުރާ މީހުން މޮޅުވަނީ އިންތިޚާބު ބާއްވާތަން ކުޑަވެގެންނެއް ނޫނެވެ.

ލިޔާމީހުން ލިޔުނަސް، ވާހަކަދައްކާ މީހުން ވާހަކަދެއްކުމުގައި ބޭނުންކުރިއަސް، މިއީ ދިވެހިބަހުގައި ބޭނުންކޮށް އުޅުމަށް ރީތި ގޮތެއް ނޫނެވެ. ކިތަންމެ ބޮޑު މީހަކު ލިޔުނަސް، ކިތަންމެ މަގާމު މަތީ މީހަކު ވާހަކަދައްކާއިރު ބޭނުންކުރިއަސް، ކަން އޮތީ މިގޮތަށެވެ. ހަމަނުޖެހޭ ބަހުގެ ހަމަތަކާ ފުށުއަރާ ގޮތަށް ނުލިޔެ، އަދި ނުބުނެ، ބަހުގެ ހަމައާ އެއްގޮތަށް ލިޔެ އަދި ބުނަމާ ހިނގާށެވެ. ލިޔުމުގައި އާއި ވާހަކަދެއްކުމުގައި މާނަކުރަންދަތިވާ ގޮތަށް އެ ލަފުޒު ބޭނުންނުކުރިއަސް، ވަރަށް ބޮޑު ތަފާތަކުން އަޅުގަނޑުމެންނަށް އިންތިޚާބު ކާމިޔާބުކުރެވިދާނެ ނޫންތޯއެވެ؟ އަދި ވަރަށް ބޮޑު ތަފާތަކުން އެމީހުން ބަލިވެސް ކުރެވިދާނެ ނޫންތޯއެވެ؟ އެހެންވީމާ އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަޅުގަނޑުމެން ކާމިޔާބު ކުރާނީ ބޮޑުތަނަކުން ނޫނެވެ. އަޅުގަނޑުމެން އެ އިންތިޚާބު ކާމިޔާބުކުރާނީ ބޮޑު ތަފާތަކުންނެވެ.

comment ކޮމެންޓް