އެކަކު ވެސް ނުލެއްވި؛ ސިޔާސީ ހަޔާތް ކަފުންވަނީ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ސަން ގްރެފިކްސް/ އިބްރާހިމް ފަހީމް

ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އޭރު ދެވަނައެއް ނުވާ ޝަހްސިއްޔަތެކެވެ. ސިޔާސީ ގޮތުން އެ މަނިކުފާނު ނިންމަވައި ނިންމެވުންތައް ވަރަށް މޮޅެވެ. އަމިއްލަފުޅު ބަސްފުޅުން ނަމަ، ކުޅުއްވީ މުޅީން ވެސް ހަ ކުޅި ކުރިއަށެވެ. މުޅި ބިޔަ ބޮޑު އެމްޑީޕީގެ ރޫހަކީ އެއީއެވެ. އެ ޕާޓީ އެކުގައި ހިފެހެއްޓި ފޫ ވަކަކީ އެ މަނިކުފާނެވެ. އެކަމަކު، މިއަދުގެ ސިޔާސީ ހަގީގަތް ތަފާތެވެ.

އެތައް ބަޔަކު މުޅި ޅަ އުމުރު ޖަލުގައި ހޭދަކޮށް، އެ ބޭފުޅުންގެ ބަސްފުޅުންނަމަ، "ފުޅި ތޮށި ކައިގެން،" އުފެއްދި އެމްޑީޕީން ވަކިވެވަޑައިގަތުމަށް ފަހު، އެ މަނިކުފާނުގެ މޭސްތެރި ކަމުގައި އުފެއްދި ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރައްވައި އެ ރޭ އާޓިފިޝަލް ބީޗަށް އެއްވެ ތިބި ޑިމޮކްރެޓުންގެ ލޭ ކައްކުވައިލަން ނަޝީދު ވިދާޅުވީ "އެމްޑީޕީގެ ފޫ ވައް ވެއްޓިއްޖެ،" ކަމަށެވެ. ހަރުއަޑުފުޅުން ތަކުރާރުކޮށް ދެއްވީ، "އެމްޑީޕީ ރޫޅައިލާނަން، ރޫޅައިލާނަން، ރޫޅައިލާނަން،" އެ އިންޒާރެވެ.

އެ މަނިކުފާނުގެ އެންމެ ޗާލާކީ ޒަމާނުގައި ބޭއްވި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެ މަނިކުފާނު ނުކުންނެވީ އެމްޑީޕީ އަތުން "ނަހަލައިލަށް" އަތުލި ވެރިކަން އަލުން އިޔާދަ ކޮށްދެއްވާށެވެ. އެހެން ހުރިހާ ސިޔާސީ ބޭފުޅުންނާ ދެކޮޅަށް ގިނިކަންޏާ ނަޝީދު ނުކުންނަވައި އެ އިންތިޚާބުގައި ވޯޓުލީ 218،621 މީހުންގެ 48 އިންސައްތަ ވޯޓު ހޯއްދެވިއެވެ. އެއީ، 105،181 ވޯޓެވެ. އެހެން ސިޔާސީ ބޭފުޅުންނަށް އަދިވެސް އެ އަދަދާ އަރައިހަމަ ކޮށްނުލެވެއެވެ. އެ މަނިކުފާނުގެ ސިޔާސީ ބުރަދަން އޭރު އެހާ ވެސް ބަރެވެ. އެ މަނިކުފާނަށް އެހާ ބޮޑު ލޯތްބަކާއި ގަދަރެއް ދިވެހީންގެ ހިތްތަކުގައި އޮތެވެ. އެއީ، މުޅި އެމްޑީޕީގެ ރޫހެވެ. ހިތްތަކުގެ ރައީސެވެ.

ޕާޓީތަކުން ބައިވެރިއެއް ނުކުރި

އޭރުގެ ލޯތްބާއި ތާއީދަށް ފަހު، މަޑުމަޑުން އެ މަނިކުފާނު ދިޔައީ ފަނޑުވަމުންނެވެ. އެމްޑީޕީން ވަކިވެ، ޑިމޮކްރެޓްސް އުފެއްދުމަށް ފަހުގައި ނަޝީދު އެންމެ އިސްކަމެއް ދެއްވީ ޕީޕީއެމާ ގުޅިގެން ސަރުކާރު ބަލި ކުރެވޭތޯއެވެ. އެކަމަކު، ޕީޕީއެމާ އެކު އެއްވެސް އެއްބަސްވުމަކަށް ނުދެވުނެވެ. އެކިއެކި ގޮތްގޮތުން، މަހުޖަނު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއާއި ދެން ހުރި ކުދި ޕާޓީތައް ގުޅިގެން ޕީޕީއެމްގެ ކެންޑިޑޭޓެއް ނެރެވޭތޯ ވެސް އެ މަނިކުފާނު މަސައްކަތްޕުޅު ކުރެއްވިއެވެ.

https://sun.mv/180232

އެކަމަކު، ޖަލުގެ ތޭރިތަކުގެ ތެރޭގައި އޮންނަވައި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ވަކީލުން މެދުވެރިކޮށް ޕީޕީއެމް ސަޕޯޓަރުންނަށް ދެއްނެވީ އެ މަނިކުފާނަށް ލިބޭ "އަނިޔާ"ގައި ނަޝީދު ވެސް ހިއްސާވާ ކަމަށެވެ. އަދި، އެ މަނިކުފާނު ޖައްސަވައި މަޅީގައި ޕީޕީއެމްގެ ސަޕޯޓަރުން ނުބެދުމަށް ޔާމީން އެދިލެއްވިއެވެ.

އެ މަސައްކަތްޕުޅު ކާމިޔާބުނުވެ، ރިޔާސީ އިންތިޚާބުގައި މުޅި ރާއްޖޭގައި ހިންގަވައި، ގޭގެއިން ފަރިއްކުޅުއްވައިގެން ވެސް އެ މަނިކުފާނުގެ ޕާޓީއަށް އެންމެ ހަތް އިންސައްތަ ލިބިވަޑައިގަތުމުން ދެން ވިދާޅުވީ މިއީ ނިޒާމީ ވޯޓަކަށް ދާންވީ ވަގުތު ކަމަށެވެ. ތާއަބަދު އެ މަނިކުފާނު ވަކާލާތު ކުރައްވައި ބަރުލަމާނީ ނިޒާމެއް ގެނައުމުގެ މަސައްކަތް އަނެއްކާ ވެސް ފައްޓަވައި، ރިޔާސީ އިންތިޚާބުގެ މެދުތެރެއިން ފެއްޓެވީ ނިޒާމީ ވޯޓެއްގެ ވާހަކަފުޅެވެ.

https://sun.mv/182108

ބަރުލަމާނީ ނިޒާމަކަށް ތާއީދު ހޯދަން އެ މަނިކުފާނު އުޅުއްވީ އެ ނިޒާމަށް ދެން ތާއީދު ކުރައްވައި ހަމައެކަނި ލީޑަރު، ޔާމީނާ ބައްދަލު ކުރައްވާށެވެ. މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޔާމީނާ ބައްދަލުކުރަން އެދުމުން، ޔާމީން އެ ކަމަށް އިންކާރު ކުރެއްވީއެވެ. ބައްދަލު ވެސް ނުކުރެއްވިއެވެ.

އެމްޑީޕީން ވެސް ބުނީ ނޫނެކޭ

އެ މަސައްކަތް ނާކާމިޔާބުވުމުން، ދެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް މެސެޖު ކުރެއްވީ އެނބުރި އެމްޑީޕީއަށް ދާން ތައްޔާރު ކަމަށް ވިދާޅުވެއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ 50 އިންސައްތަ މެންބަރުން އެއްބަސްވެލައްވައި ނަމަ، "ރޫޅައިލާނަން" ކަމަށް ވިދާޅުވި، އެމްޑީޕީއަށް އަލުން އެނބުރި ވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ބޭނުންފުޅުވީ މަޖިލީހުގައި އެމްޑީޕީއަށް ލިބިފައި އޮތް މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ނިޒާމު ފޮރުޅައިލުމެވެ.

އެ މަސައްކަތްޕުޅު ވެސް ކާމިޔާބެއް ނުވިއެވެ. އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވި ގޮތުގައި ނަޝީދު އަނބުރާ ގެނައުމަށް އެމްޑީޕީގެ 99 އިންސައްތަ ބޭފުޅުން ދެކޮޅެވެ.

"ގައުމީ މަޖިލީހުގައި އަޅުގަނޑު އިންނަން، ގައުމީ މަޖިލީހުގެ ރޫހު ހުރިގޮތް އަޅުގަނޑަށް އެނގޭ. ގާތްގަނޑަކަށް އަޅުގަނޑަށް ދެންނެވިދާނެ 99 ޕަސެންޓް މިހާތަނަށް [ރައީސް ނަޝީދު އަނބުރާ ގުޅުމަށް] ނޫނެކޭ ބުނަނީ. ބަރުލަމާނީއަށް ވެސް ހަމަ ނޫނެކޭ ބުނަނީ،" ރައީސް ވިދާޅުވިއެވެ.

https://sun.mv/182695

އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރޫހު ހުރީ ވެސް އެގޮތަށެވެ. ނަޝީދު މަރުފަލި ޖައްސަވައި ބަރުލަމާނީއަށް އެ ޕާޓީގެ ގައުމީ މަޖިލީހުން އެންމެ ވޯޓެއް ވެސް ނުލިބުނެވެ. ގިނަ ބޭފުޅުން ވިދާޅުވީ މިހާރު އެ ބޭފުޅުންނާއި އެ ބޭފުޅުންގެ ދާއިރާގެ އެމްޑީޕީ ސަޕޯޓަރުން ވެސް ބޭނުން ވަނީ "ނަޝީދު ނޫން ގޮތެއް،" ކަމަށެވެ. ސަބަބަކަށް ދެއްކެވީ މި އިންތިޚާބުގައި އެމްޑީޕީއަށް ނަޝީދުގެ ސަބަބުން ލިބުނު ގެއްލުމެވެ.

އެ ޖަލްސާގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ، އޭނާއާއި އެ ދާއިރާއަށް ނިސްބަތްވާ އެމްޑީޕީގެ އެންމެހައި މެންބަރުން ވެސް ބޭނުން ވަނީ "ރައީސް ނަޝީދު ނޫން ގޮތެއް،" ކަމަށެވެ.

https://sun.mv/182752

"އަޅުގަނޑުގެ ދާއިރާގެ އެމްޑީޕީ ރައްޔިތުން ވަރަށް ސާފުކޮށް ބުނެފި، ތިމަންނަމެން ބޭނުންވަނީ ރައީސް ނަޝީދު ނޫން ގޮތެކޭ. އަޅުގަނޑު ވެސް ބޭނުން ވަނީ ރައީސް ނަޝީދު ނޫން ގޮތެއް. އަޅުގަނޑު ވެސް ބޭނުން ވަނީ ބަރުލަމާނީ ނޫން ގޮތެއް،" ޔައުގޫބް ވިދާޅުވިއެވެ.

އެމްޑީޕީން ވެސް ބަލައިނުގަތުމުން، ދެން މަޖިލީހުގެ ރިޔާސަތުގައި އިންނަވާފައި ނަޝީދު ވިދާޅުވީ، އެ މަނިކުފާނަކީ ދެން އުފެދޭ ޕީއެންސީ/ޕީޕީއެމް ސަރުކާރުގެ ބައިވެރިއެއް ކަމަށެވެ. އެ މަނިކުފާނު ވެސް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ބައިވެރިވެލައްވައި ކަމަށެވެ. އަދި، އެ ސަރުކާރާ މެދުގައި ބަދު ބަސް ވިދާޅުނުވުމަށް މިހާރުގެ ސަރުކާރުގެ ކެބިނެޓުގައި ތިއްބެވި ވަޒީރު ބޭފުޅުންގެ ކިބައިން އެ މަނިކުފާނު އެދިލެއްވިއެވެ.

"ބައެއް ވަޒީރު ބޭފުޅުން ދުނިޔޭގެ އެކިއެކި އިތްޒަތްތެރިންނަށް ޓެކްސްޓް ކުރައްވައި އެބަ ދިވެހިރާއްޖޭގައި އުފެދެން މި އުޅޭ ސަރުކާރާއި ގުޅޭ ގޮތުން ބަދު ބަސް ބުނަމުން ދެން މި ދެންނެވި އިއްޒަތްތެރިން އެ ޓެކްސްޓްތައް އަޅުގަނޑަށް އެބަ ފޮނުވާ ދެން އަޅުގަނޑު އެބަ ދަންނަވަން އެ ވިދާޅުވާ ސަރުކާރުގައި އަޅުގަނޑު ވެސް ބައިވެރިވެއޭ," ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއަށް ފަހުގައި އެ ވަރަކުން ނަންގަވަން އުޅުއްވި ނިޒާމީ ވޯޓުގެ މަސައްކަތްޕުޅު ވެސް މަޑުޖައްސައިލެއްވީއެވެ. "ނިޒާމީ ވޯޓެއް ނަގަން މިއީ އެންމެ ފައްކާ ވަގުތު ކަމަށް" ވިދާޅުވެފައި، ކުއްލިއަކަށް އެ މަސައްކަތް ވެސް ހުއްޓަވައިލެއްވީއެވެ. ސާފުކޮށް، އެ ނިޒާމަށް ތާއީދެއް ނުލިބޭނެކަން ދެނަހުރީމައެވެ.

"މިހާރު އަޅުގަނޑު ވެސް އަދި އެ ވޯޓަށް އެދުނު ޑިމޮކްރެޓްސް ޕާޓީގެ މެންބަރުން އެދެނީ އެ މަސައްކަތް މި ވަގުތު ނުކުރުމަށޭ. ޑިމޮކްރެޓްސް ޕާޓީން އެދެނީ ޑރ. މުއިއްޒުގެ ސަރުކާރު އެކުލަވައިލެވި އެ ސަރުކާރުން ރިޔާސީ ނިޒާމުގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށޭ," މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ނަޝީދު ވިދާޅުވިއެވެ.

ސިޔާސީ ނިކަމެތިކަމަށް

އެ މަނިކުފާނުގެ ސިޔާސީ ބުރަދަނެއް ކިރިޔާ ވެސް ހުންނަވަނީ މަޖިލީހުގެ ރިޔާސަތުގައި އިންނަވާތީއެވެ. ނޫން ނަމަ، އެ މަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅު މިހާރު ވެސް އޮންނާނީ ކަފުންވެފައެވެ. އެއީ، އެ މަނިކުފާނުގެ އަރިހުގައި ތިއްބަވައި ސިޔާސީ ބޭފުޅުން ވެސް ގަބޫލުކުރައްވައި ހަގީގަތެވެ.

"ތެދު ތެދަށް ބުނަންޏާ، މިދިޔަ ފަސް އަހަރު ކިރިޔާ ވެސް އަންނި [ނަޝީދު]ގެ އަޑެއް މި އިވެނީ މަޖިލިސް ރައީސްކަން އޮތީމާ. ނޫން ނަމަ، އެ އަޑު ކެނޑިއްޖަޔީސް،" ރަހުމަތްތެރިކަމުގައި ނަން ނުޖަހައިގޮތަށް ވާހަކަ ދައްކަވަމުން ނަޝީދުގެ އަރިސް، ޑިމޮކްރެޓްސްގެ އިސް ބޭފުޅެއް ވިދާޅުވިއެވެ.

އެއީ ހަގީގަތެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ބަލައި، ޑިމޮކްރެޓްސްއަށް 20 ވަނަ މަޖިލީހުގައި ކުރިމަގެއް ލިބެން އޮތީ ބޮޑު ދެ ޕާޓީން ކުރެ ޕާޓީއަކާ ގުޅިގެންކަން ސާފެވެ. ގިނަ ރަށްރަށުން 20،30 ވޯޓު ވެސް ނުލިބުނެވެ. އެއް ގޮތަކުން ނުވީމާ، އަނެއް ގޮތަކުން ވެސް ދެ ޕާޓީން ކުރެ ކޮންމެ ވެސް އެއް ޕާޓީއަކާ ގުޅެވޭތޯ ނަޝީދު މަސައްކަތްޕުޅު ކުރައްވަނީ އެހެންވެއެވެ. އެ މަނިކުފާނަށް މާ ސާފުކޮށް އެ ހަގީގަތް ގަބޫލުފުޅު ކުރެއްވޭތީއެވެ. އެ މަންޒަރު ފެނިވަޑައިގަންނަވާތީއެވެ.

"ފުރަތަމަ ބުރުގެ ނަތީޖާ ބަލައިލީމާ އެބަ އެނގޭ. އެއްވެސް ދާއިރާއަކުން އެ ބޭފުޅުންނަށް އަމިއްލަ ހާލައިގެން މަޖިލިސް ގޮނޑިއެއް ލިބޭ ވަރަކަށް ވޯޓެއް ނުލިބޭ. އެހެންވީމާ މަޖިލީހުގެ ގޮނޑިއެއް ހޯދަންޏާ އެމްޑީޕީ ނޫނީ ޕީޕީއެމް/ޕީއެންސީ ކޮންމެ ވެސް ބަޔަކާ ގުޅިގެން މިކަން ކުރަން ޖެހެނީ ބަހާލައިގެން. އެހެންވީމާ އެ މަކަރުވެރި ރޭވުމުގައި އެ އުޅެނީ،" ނަޝީދާ އެކު ގިނަ ދުވަސްތަކެއް ވަންދެން އަރިސްކޮށް މަސައްކަތް ކުރެއްވި މިހާރުގެ އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަޝީދު ސިޔާސީ ގޮތުން ދޯކާ ނުދެއްވާ ބޭފުޅެއް ސިޔާސީ މައިދާނުގައި މަދުވާނެއެވެ. އެކަމަކު، އެ އިބުރަތް މިހާރު ސިޔާސި ވެރިންނަށް ދަސްވެއްޖެއެވެ.

ޕީޕީއެމްގެ ކުރީގެ ވަޒީރަކު ނަން ނުޖަހާ ގޮތަށް ވިދާޅުވީ ނަޝީދަކީ އިތުބާރު ކުރެއްވޭ ބޭފުޅެއް ނޫން ކަމަށެވެ. އެ މަނިކުފާނު "ހެނދުނު ދައްކަވައި ވާހަކަފުޅާއި މެންދުރު ދައްކަވައި ވާހަކަފުޅު ވެސް ދިމައިނުވާނެ،" ކަމަށާއި އެހެންވެ، އެ މަނިކުފާނާ އެކު ކުރެވޭނެ ސިޔާސީ މަސައްކަތެއް މިހާރު ނެތް ކަމަށް އެ ބޭފުޅުން ގަބޫލުކުރެއެވެ.

ސާފުކޮށް އެނގޭ ހަގީގަތަކީ ނަޝީދަށް ޕާޓީތަކާ ގުޅިގެން ނޫޅުއްވޭ ކަމެވެ. ވެރިކަމަށް ވަޑައިގެންފައި ވެސް 21 ދުވަސްނުވެ، ވެރިކަން ލިބުނު ގޮތް ހަނދާން ނައްތައިލައްވާ ކޯލިޝަން ރޫޅައިލީއެވެ. އެ މަނިކުފާނުގެ ވެރިކަން ތިން އަހަރާއި ބައިގައި ވެއްޓެން މެދުވެރިވީ ވެސް އެ ސަކަރާތްތަކާއި ސިޔާސީ ގަޑުބަޑުގެ ސަބަބުންނެވެ. އެ ކަން މިހާރު ބާވެއްޖެއެވެ. ސިޔާސީ ބޭފުޅުން އެ މަނިކުފާނު ދަސްކޮށްފިއެވެ. ހަ ކުޅި ކުރިއަށް ކުޅުއްވި ޒަމާން މާޒީވެއްޖެއެވެ.

ނަޝީދާ ގުޅެން އެކަކު ވެސް ބޭނުމެއް ނުވިއެވެ. ގިނިކަންޏާ އުޅުއްވޭ ވަރުގެ ތާއީދެއް މިއަދަކު އެ މަނިކުފާނަކަށް ނެތެވެ. މިސްރާބު އެ ހުރީ އެ މަނިކުފާނުގެ ކާމިޔާބު ސިޔާސީ ހަޔާތުގެ ކަފުނާ ދިމާއަށެވެ.

comment ކޮމެންޓް