ނަޝީދު އެނބުރި ގެނައުމަށް އެމްޑީޕީގެ 99 ޕަސެންޓު ބުނަނީ ނޫނެކޭ: ރައީސް

ސެޕްޓެމްބަރު 24، 2023: ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް މުޙައްމަދު ނަޝީދު ރައީސް އޮފީހުގައި ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

އެމްޑީޕީ ދޫކުރައްވައި އަމިއްލަފުޅަށް ވަޑައިގެންނެވި އެ ޕާޓީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަނބުރާ އެމްޑީޕީއާ ގުޅުމަށް ޕާޓީގެ ގައުމީ މަޖިލީހުގެ 99 ޕަސެންޓް ބޭފުޅުން އަންނަނީ ނޫނެކޭ ބުނަމުން ކަމަށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީއާ ދެކޮޅަށް ނިމިދިޔަ ރިޔާސީ އިންތިޚާބުގައި މަސައްކަތް ކުރެއްވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު އިއްޔެ ވިދާޅުވެފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ތާއީދު އޮތް ނަމަ، އަލުން އެ ޕާޓީއާ ގުޅެން ތައްޔާރަށް ހުންނެވި ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ނާކާމިޔާބީއަށް ފަހު ރައީސް މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވީ ނަޝީދު އެ މަނިކުފާނަށް ވެސް މެސެޖު ކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި ކަމަށެވެ.

ރައީސް ޞާލިޙް ވިދާޅުވީ، ވަކި މީހަކު ޕާޓީއަށް ގެނައުމަކީ ކޮންމެހެން މުހިއްމު ކަމެއް ނޫން ކަމަށެވެ. ވަކި ބޭފުޅަކު ނެތިގެން އެމްޑީޕީ ހުއްޓިފައި ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ ވަކި ބޭފުޅަކު ނެތިގެން އެމްޑީޕީ ހުއްޓިފައި ނޯންނާނެކަން ފާއިތުވި ދުވަސްތަކުގައި ހާމަވެފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ އެމްޑީޕީއާ ގުޅެންޖެހެނީ ގައުމީ މަޖިލީހުގެ ތާއީދު އޮވެގެން ނޫން ކަމަށެވެ. އަދި، ރައީސް ނަޝީދު އެމްޑީޕީއަށް އަނބުރާ ގެނައުމުގެ ރޫހް ޕާޓީގެ ތެރޭގައި ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

"ގައުމީ މަޖިލީހުގައި އަޅުގަނޑު އިންނަން، ގައުމީ މަޖިލީހުގެ ރޫހު ހުރިގޮތް އަޅުގަނޑަށް އެނގޭ. ގާތްގަނޑަކަށް އަޅުގަނޑަށް ދެންނެވިދާނެ 99 ޕަސެންޓް މިހާތަނަށް {ރައީސް ނަޝީދު އަނބުރާ ގުޅުމަށް} ނޫނެކޭ ބުނަނީ. ބަރުލަމާނީއަށް ވެސް ހަމަ ނޫނެކޭ ބުނަނީ،" ރައީސް ވިދާޅުވިއެވެ.

ނަމަވެސް ރައީސް ވިދާޅުވީ މަޝްވަރާކޮށްގެން ކަންކަމަށް ހައްލު ހޯދޭނެ ކަމަށެވެ. ރައީސް ނަޝީދަށް އެމަނިކުފާން ދެން ތާއީދު ކުރުމާއި ނުކުރުމާ ގުޅޭގޮތުން ވަކި އެއްޗެއް ވިދާޅުވާން އަދި ބޭނުންފުޅު ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، އަބަދު ވެސް ކަންތައް ކުރައްވާނީ އެމްޑީޕީއަށް އެންމެ ފައިދާހުރި ގޮތަށް ކަމަށް. އެމްޑީޕީއަށްޓަކައި ކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް ނަޝީދުގެ ޒަމާންވީ ގުޅުން ގޯސްވެގެން ދިޔައީ މި ވެރިކަމުގެ ވަކި ހިސާބަކުން ރައީސް ނަޝީދު ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވެގެން އެކަން ރައީސަށް ހުށަހެޅުއްވުމުން ރައީސް އެ ފުރުސަތު ނުދެއްވި ހިސާބުންނެވެ. އެއާ އެކު މި އަހަރުގެ ރިޔާސީ އިންތިޚާބު އަންނަން ނުހަނު ކައިރިވެފައިވަނިކޮށް ރައީސް ނަޝީދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސްގެ ނަމުގައި ވަކި ޕާޓީއެއް އުފައްދަވާފައެވެ. އަދި، އެ ޕާޓީން ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވި ކެންޑިޑޭޓުން ވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަ ކުރައްވާ ތިންވަނަ ހޯއްދަވާފައެވެ.

އެމްޑީޕީ ދެބައި ވުމަކީ މި ފަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ރައީސް ޞާލިޙަށް ކުރިމަތިވެ ވަޑައިގެންނެވި އެންމެ ބޮޑު އެއް ގޮންޖެހުމެވެ.

comment ކޮމެންޓް