އެއް ކެންޑިޑޭޓަކު ނެރެން، އެއް ގަލަކަށް ނޭރުނު!

ގާސިމް އިބްރާހިމާއި ރައީސް މުޙައްމަދު ނަޝީދާއި ކާނަލް މުޙައްމަދު ނާޒިމް، ކުނޫޒުރުގައި ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރެއްވުން--

ރިޔާސީ އިންތިޚާބަށް 39 ދުވަހަށް ވެފައިވާއިރު، ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި ޑިމޮކްރެޓްސްގެ އިތުރުން، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން އިންތިޚާބަށް އެއް ކެންޑިޑޭޓަކު ނެރެން އެއްބަސްވިގޮތަށް ކަންކަން ހިނގަމުން ނުދާކަމަށް އެ ޕާޓީތަކުގެ އިސް ބޭފުޅުން ވިދާޅުވެއްޖެއެވެ.

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމް މިދިޔަ މަހުގެ 19 ވަނަ ދުވަހު ވަނީ މ. ކުނޫޒުގައި ބައްދަލު ކުރައްވައިފައެވެ. އެ ބައްދަލުވުމަށް ފަހު، ނޫސްވެރިންނާ ވާހަކަދައްކަވަމުން އެ ބޭފުޅުން ވަނީ ތިން ޕާޓީ ގުޅިގެން އެއްބަސްވެވޭ އެއް ކެންޑިޑޭޓަކު ނެރެން އެއްބަސްވުމަކަށް އާދެވުނުކަން އިއުލާނު ކުރައްވައިފައެވެ.

"އަޅުގަނޑުމެން އެންމެން އެއް ކެންޑިޑޭޓަކު ރިޔާސީ އިންތިޚާބަށް ނެރެގެން އެކުގައި މަސައްކަތް ކުރުމުގެ ފޯމިއުލާއެއް އެބައޮތް،" ގާސިމް އެ ދުވަހު ވިދާޅުވިއެވެ.

https://sun.mv/179771

"ސަން" އަށް އެނގިފައިވާގޮތުގައި އެކަން އެގޮތަށް އިއުލާން ކުރި ނަމަވެސް ފަހުން ކުރި މަޝްވަރާތަކުން އެއް ގަލަކަށް ނޭރުނެވެ. އެންމެ ބޮޑު ކަމަކަށް ދިމާވީ، އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްއިން, ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ނޫން ކެންޑިޑޭޓަކަށް އެއްބަސް ނުވުމެވެ.

"ޔާމީން ނޫން ޗޮއިސްއެއް އެ ބޭފުޅުން އެއްބަހެއް ނުވޭ. ޔާމީނަށް ވާދަ ނުކުރެވޭނެކަން އެއީ ވަރަށް ޔަގީންކަމެއް. އެހެންވެ އެ ޗޮއިސްއަށް ބަލައި އެންމެން އެކުގައި މަސައްކަތް ކުރެވޭނެ ގޮތެއް ނެތް،" ޖޭޕީގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.

އެހެންކަމުން އެ ތިން ޕާޓީއިން ވެސް މިހާރު މަސައްކަތް ކުރަމުން އަންނަނީ ވަކިވަކިން ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމަށެވެ. ޑިމޮކްރެޓްސްގެ ކެންޑިޑޭޓެއްގެ ގޮތުގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ކެމްޕެއިން ކުރަމުން އަންނައިރު އެމްއެންޕީގެ ކެންޑިޑޭޓް ނާޒިމް ވެސް އަންނަނީ ފޯރިގަދަ ކެމްޕެއިނެއް ކުރަމުންނެވެ. ޖޭޕީގެ ކެންޑިޑޭޓް ގާސިމް އެހާ ބޮޑަށް ކެމްޕެއިން ހަރަކާތްތަކުން ނުފެނުނު ނަމަވެސް ކުރިމަތި ލައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ޖޭޕީގެ އިސް ބޭފުޅަކު ވިދާޅުވިއެވެ.

"ގާސިމް ވިދާޅުވޭ އެ މަނިކުފާންގެ ނަން ވޯޓް ކަރުދާހުގައި އޮންނާނެ ކަމަށް އެހެން އެކަކުގެ ނަން ނެތަސް،" ޖޭޕީގެ އިސް ބޭފުޅަކު ވިދާޅުވިއެވެ.

އެމްއެންޕީގެ އިސް ބޭފުޅަކު ވިދާޅުވިގޮތުގައި ރިޔާސީ އިންތިޚާބުގައި ނާޒިމް ވާދަ ކުރައްވާނެއެވެ. އަދި މި ހަފުތާގެ ތެރޭގައި ނާޒިމްގެ ރަނިންމޭޓް އިއުލާން ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެއް ކެންޑިޑޭޓަކާމެދު އެއްބަސްނުވެގެން އުޅެނިކޮށް ޕީޕީއެމްއިން އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމަށް ރައީސް ޔާމީންގެ ނަން މިއަދު އިލެކްޝަންސްއަށް ހުށަހަޅައެވެ. އެމަނިކުފާންގެ ރަނިންމޭޓަކީ ކުރީގެ ނައިބު ރައީސް މުޙައްމަދު ޖަމީލް އެވެ.

މި ނޫހާ ވާހަކަ ދެއްކި ޖޭޕީ އާއި އެމްއެންޕީގެ ބޭފުޅުން ވެސް ވިދާޅުވިގޮތުގައި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއް ކެންޑިޑޭޓަކު އެ ބޭފުޅުންނަށް ދެއްކޭނެހެނެއް ހިޔެއް ނުވެއެވެ. ދެވަނަ ބުރަކަށް ގޮސްފިނަމަ އެ މަޝްވަރާތައް އަލުން ކުރާނެ ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަން ވެގެންދާއިރު އެންމެ ފޯރިގަދަ ކެމްޕެއިނެއް ކުރައްވަމުން ގެންދަވަނީ ދެވަނަ ދައުރެއް ހޯއްދެވުމަށް މަސައްކަތް ކުރައްވާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ. އެމްޑީޕީއާއި އަދާލަތު ޕާޓީގެ އިތުރުން އެމްޑީއޭ ހިމެނޭ އެ ކޯލިޝަނުން އަންނަނީ ގިނަ ރަށްތަކެއްގައި ވަރަށް ގަދަޔަށް ކެމްޕެއިން ކުރަމުންނެވެ.

comment ކޮމެންޓް