ދިގު ސިޔާސީ ހަޔާތެއްގެ އަލަތު ބަލި!

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް-- ސަން ގްރެފިކްސް: އިބްރާހީމް ފަހީމް

ސިޔާސީ ގޮތުން ތާރީހީ ބަދަލަކަށް ބަޔަކު އިންތިޒާރު ކުރިނަމަވެސް މިއަދު ވެސް އެކަމެއް ނުވިއެވެ. އެއީ, އާ ގާނޫނު އަސާސީގެ ދަށުން އަލަށް ރިޔާސީ ދެ ދައުރެއް އެއް ބޭފުޅަކު ކާމިޔާބު ކުރުމެވެ. ވާދަވެރި އިންތިޚާބަކަށް ފަހު އެ ފުރުސަތު ނުލިބި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް މިވަނީ މި ހިނދަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންފައެވެ. އެ މަނިކުފާނަށް މި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިއެވަޑައިގަތީ ސިޔާސީ ގޮތުން ކާމިޔާބު ހަޔާތެއް ހޭދަކުރެއްވުމަށް ފަހުއެވެ.

ދެވަނަ ދައުރަކަށް ރިޔާސީ ރޭހުގައި ވާދަ ކުރެއްވި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަކީ ސިޔާސީ ގޮތުން ވަރަށް ކާމިޔާބު ބޭފުޅެކެވެ. ރަސްމީކޮށް އެ މަނިކުފާނު ސިޔާސީ މަސައްކަތްތައް ފެއްޓެވީ އުމުރުން އެންމެ 30 އަހަރުގައެވެ. އެއީ، 1994 ވަނަ އަހަރު ފާދިއްޕޮޅުގެ މެންބަރު ކަމަށް އިންތިޚާބު ވުމާ ހިސާބުންނެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވައި ރައީސް ކަމަށް ވަޑައިގެންނެވުމާ ހަމައަށް މެދުކެނޑުމެއް ނެތި 24 އަހަރަށް ވުރެން ގިނަ ދުވަހު ރައީސް ޞާލިޙް މަޖިލީހުގެ މެންބަރުކަން ކުރެއްވިއެވެ. މިއަދު އޮތް ރިޔާސީ އިންތިޚާބުގައި ދެވަނަ ދައުރަކަށް އިންތިޚާބު ނުވެ، ނާކާމިޔާބުވުމާ ހަމައަށް މީގެ ކުރިން ރައީސް ޞާލިޙް ވާދަ ކުރެއްވި ހުރިހާ އިންތިޚާބެއް ވަނީ ކާމިޔާބު ކުރައްވާފައެވެ.

ރައީސް ޞާލިޙަށް ތާރީހުގެ ތެރެއިން ޖާގަ ލިބުނު އަނެއް ކަމަކީ ހަމައެކަނި އަތޮޅުތެރެއަށް ނިސްބަތްވާ ރައީސްގެ ލަގަބު ލިބުމެވެ.

ރިޔާސީ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް، ގުރައިދޫ ދާއިރާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ/ ކެމްޕޭން ޓީމް

ވެރިކަމަށް ވަޑައިގަތީ ބޮޑު ތާއީދަކާ އެކު

ހަރުކަށި ސިޔާސަތުތަކަކާ އެކު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރައްވަމުން ގެންދެވި ވެރިކަމުގެ ދައުރު ހަމަވުމާ ހަމައަށް ދިޔައިރު އެ މަނިކުފާނާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ތިއްބެވި ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުން ތިއްބެވީ ޖަލުގައެވެ. ދެން ތިއްބެވި ބޭފުޅުން ތިބީ ޖަލު ހުކުމުން ސަލާމަތް ވުމަށް ރާއްޖެއިން ބޭރުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެންނެވެ. ޔާމީންގެ ވެރިކަން ބަދަލު ކުރުމަށް އެމްޑީޕީއާއި ޖުމްހޫރީ ޕާޓީގެ އިތުރުން ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމާއި އަދާލަތު ޕާޓީ އެކުގައި 2018 ނުކުތީ އެބޭފުޅުންގެ ނަޒަރުގައި އޭރުގެ ސަރުކާރުން އަނިޔާވެރިކަން ހައްދުފަހަނަ އަޅައިގެން ދިއުމުންނާއި ކޮރަޕްޝަން އިންތިޚާއަށް އިތުރުވުމުންނެވެ.

އޭރުގެ ސަރުކާރާ ދެކޮޅަށް އެކުލަވާލި ބޮޑު ކޯލިޝަނުން އެއްބަސްވީ ކެންޑިޑޭޓްކަން އެމްޑީޕީގެ ބޭފުޅަކަށް ދިނުމަށެވެ. އަދި ރަނިންމޭޓްކަން ޖޭޕީގެ ބޭފުޅަކަށް ދިނުމަށެވެ. އެމްޑީޕީގައި އެހާތަނަށް ރަސްކަން ކުރައްވަމުން ގެންދެވި ރައީސް މުޙައްމަދު ނަޝީދަށް އިއްވާފައިވާ ޖަލުހުކުމާއި ރާއްޖެއިން ބޭރުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ހުންނެވުމުގެ ސަބަބުން އެ ފަހަރުގެ އިންތިޚާބުގައި އެ މަނިކުފާނަށް ކުރިމައްޗެއް ނުލެއްވުނެވެ. އެއާ އެކު އެ ޕާޓީގެ ގައުމީ މަޖިލީހުން އިއްތިފާގުވީ ރައީސް ޞާލިހަށް އެ ފުރުސަތު ދެއްވުމަށެވެ. އެ މަނިކުފާނުގެ ރަނިންމޭޓަކަށް ޖުމްހޫރީ ޕާޓީ ނިންމީ ނައިބު ރައީސް ފައިޞަލް ނަސީމެވެ.

ރިޔާސީ ބަހުސްގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ/ ވަގުތު

ވަރަށް ބާރުގަދަވެރިކަމެއް ކުރައްވަމުން ގެންދެވި ރައީސް ޔާމީނާ ދެކޮޅަށް ފޯރިގަދަ ކެމްޕެއިންތަކެއް ކުރައްވައިގެން ރައީސް ޞާލިޙް އިންތިޚާބު ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ. އެ އިންތިޚާބުގައި ރައީސް ޞާލިޙް 134،705 ވޯޓް ހޯއްދެވިއެވެ. އެއީ ވޯޓްލީ މީހުންގެ 58.4 ޕަސެންޓެވެ. ރައީސް ޔާމީނަށް 96،052 ވޯޓް ލިބިލެއްވިއިރު އެއީ 41.6 ޕަސެންޓެވެ. ނާކާމިޔާބީއާ އެކު ރައީސް ޔާމީން ވިދާޅުވީ އެ މަނިކުފާނު އެކުލަވާލެއްވި އިލެކްޝަންސް ކޮމިޝަނުން ނަތީޖާ އޮޅުވާލީ ކަމަށެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ވެސް ހުށަހެޅިއެވެ. ނަމަވެސް ކޯޓުން ނިންމީ އިންތިޚާބު ބާތިލް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ކޯލިޝަން ދެމެހެއްޓެވި ހަމައެކަނި ރައީސް

ރައީސް ޞާލިޙްގެ ވެރިކަމުގައި ވޭތުވެދިޔަ ފަސް އަހަރު ރާއްޖެއަށް ގިނަ ކުރިއެރުންތަކެއް ވަނީ ގެނެސްދެއްވާފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމު ކުރުމުގެ މަސައްކަތް ފެއްޓެވުން ހިމެނެއެވެ. ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތަކީ ގާނޫނު އަސާސީގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ލާޒިމް ކޮށްފައިވާ އަސާސީ ދެ ހިދުމަތް ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވުވިއިރު ގިނަ ރަށްތަކެއްގައި އެ ހިދުމަތް އޮތީ ނުދީއެވެ. ޑިގްރީއަށް ހިލޭ ކިޔެވޭނެ ފުރުސަތު ދެއްވުމާއި ތިލަމާލެ ބްރިޖުގެ މަސައްކަތް ފެށުމުގެ އިތުރުން ގިނަ މިފަދަ މަޝްރޫއުތަކެއް މި ސަރުކާރުގައި ވަނީ ފައްޓަވާފައެވެ. އަދި، ސިއްހީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ގެންނެވިއެވެ. މި ފަސް އަހަރަކީ ވޭތުވެދިޔަ ވެރިކަމާ އަޅާބަލާއިރު ވަރަށް ކުށްމަދު، އަދި ސިޔާސީ ގޮތުން ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ދީފައިވާ ފަސް އަހަރެވެ.

https://sun.mv/182129

ރައީސް ޞާލިޙްގެ އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ކޮވިޑް މެނޭޖް ކުރެއްވުމެވެ. ކޮވިޑްގެ ބިރުވެރި ވަބާ މުޅި ދުނިޔެއަށް ކުރިމަތިވެ ބާރުގަދަ ގައުމުތައް ކުޑަކަކޫމައްޗަށް ތިރިކޮށްލިއެވެ. އެއާ އެކު އުފެއްދުންތެރިކަން ދަށް މި ރާއްޖެއަށް ވެސް އެތައް ގޮންޖެހުމެއް ކުރިމަތިވިއެވެ. ރާއްޖޭގެ އިގްތިސާދުގެ މައިބަދަ ކަމަށްވާ ޓޫރިޒަމް ހުއްޓައިލަން ޖެހުނީ ބޯޑަރު ބަންދު ކުރަން ޖެހުމުގެ ސަބަބުންނެވެ. އެއާ އެކު ރިސޯޓްތައް ފަޅުވިއެވެ. އާމްދަނީ ލިބޭނެ ގޮތްތައް މަދުވިއެވެ. އެއީ ބިރުވެރި ދުވަސްތަކެކެވެ. މުޅި ރާއްޖެ ފުރަބަންދު ކުރަން ޖެހުނެވެ. އެތައް ހާސް ބަޔަކު މަރުވެގެން ދިޔައެވެ. ނަމަވެސް ރައީސް އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން ހީކުރި ވަރަށް ވުރެން ކުޑަ ގެއްލުމަކާ އެކު ކޮވިޑުން އަރައިގަނެވުނެވެ. އަދި ރަނގަޅު ދަނޑިވަޅެއްގައި ބޯޑަރު ހުޅުއްވުމުގެ ސަބަބުން އިގްތިސާދަށް އާރޯކަން ލިބިގެންދިޔައެވެ.

ރައީސް ޞާލިޙްގެ ހާއްސަ އަނެއް ކަމަކީ ކޯލިޝަން ދެމެހެއްޓުމެވެ. ވެރިކަމަށް ވަޑައިގެންނެވީ އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން އެމްއާރުއެމް ހިމެނޭ ކޯލިޝަނަކުންނެވެ. އަދިވެސް ވެރިކަން ކުރައްވަމުން ގެންދަވަނީ ކޯލިޝަންއާކުއެވެ.

މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އެމްއާރުއެމުން ވަކިން ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމުން ވެސް ރައީސް ކޯލިޝަން ރޫޅާނުލައްވައެވެ. އަދިވެސް އެ ޕާޓީތަކުގެ ބޭފުޅުން ސަރުކާރުގެ މަގާމުތަކުގައި އެބަތިއްބެވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ---- ފޮޓޯ/ ރައީސް އޮފީސް

ޕާޓީ ދެބައިވެ އިންތިޚާބު ގެއްލުން

ރައީސް ޞާލިޙަކީ އެމްޑީޕީ އުފެއްދުމަށާއި އެ ޕާޓީ ލީޑް ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ގިނަ ދުވަސްތަކެއް ވަންދެން ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރުކަން ކުރެއްވިއެވެ. އެއަށް ފަހު ރައީސް ކަމަށް ވަޑައިގަތުމުން ގިނަ ބައެއްގެ ލޯބި އޮތީ އެ މަނިކުފާނަށް ލިބިފައެވެ. ނަމަވެސް އެމްޑީޕީގައި ރަސްކަން ކުރައްވަމުން ގެންދެވި ރައީސް މުޙައްމަދު ނަޝީދާއި ރައީސް ޞާލިޙާ ސިޔާސީ ގޮތުން ގުޅުން ގޯސްވި ހިސާބުން ކަންކަން ފާލުން ނެއްޓިއެވެ.

ދެވަނަ ދައުރަކަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ކުރިއަށް ވެސް ރައީސް ޞާލިޙް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ރާއްޖޭގެ ސިޔާސީ ހާލަތަށް ބަލާއިރު އެއް ޕާޓީއަކަށް ވެރިކަން ލިބޭ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން ވެރިކަން ހޯއްދެވުމަށް އިތުރު ޕާޓީތަކުގެ ތާއީދު މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ. އެއާ އެކު އެތައް ގުރުބާނީއެއް ވެސް ވަޑައިގެން މި ސަރުކާރު ކޯލިޝަން ދެމެހެއްޓެވިއެވެ. ރައީސް ހިސާބު ޖެއްސެވީ ކޯލިޝަން ދަމަހައްޓައިގެން ދެވަނަ ދައުރެއް ހޯއްދެވުމަށެވެ. އެކަން ކުރެއްވުމަށް އަމިއްލަފުޅު ޕާޓީ، އެމްޑީޕީ ވެސް ގުރުބާން ކުރައްވަން ޖެހުނެވެ.

ސެޕްޓެމްބަރު 24، 2023: ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް މުޙައްމަދު ނަޝީދު ރައީސް އޮފީހުގައި ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ކޯލިޝަން ދެމެހެއްޓުމަށް ރައީސް ވެލެއްވި ގުރުބާނީތައް ވަރަށް ސާފެވެ. ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް އެކަނި ބެލި ނަމަވެސް އެ މަންޒަރު އެބަ ފެނެއެވެ. ހުވާ ކުރެއްވުމާ އެކު ރައީސް އެކުލަވައިލި ކެބިނެޓުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން، އައިޝަތު ނަހުލާއަށް ޓްރާންސްޕޯޓް މިނިސްޓަރުކަން ދެއްވިއެވެ. އެހާތަނަށް އެ ކަމަނާއަކީ އެފަދަ މަގާމަކަށް ބޭނުންފުޅުވާނެ ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ނޫނެވެ. އަދި މިފަދަ ގޮތަކަށް މި ފަހުގެ ތާރީހެއްގައި ރާއްޖޭގައި މިނިސްޓަރުކަން ފަދަ މަގާމެއް ދިންކަން އެނގޭކަށް ނެތެވެ. ހަމައެކަނި އެ މަގާމެއް ނޫނެވެ. އިތުރު މިނިސްޓަރުކަމާއި ސްޓޭޓް މިނިސްޓަރުކަމުގެ އިތުރުން ޑެޕިއުޓީ މިނިސްޓަރުކަން ވެސް އެ ޕާޓީގެ އެތައް ބޭފުޅަކަށް ދެއްވިއެވެ. ސަރުކާރުގެ އެންމެ ބޮޑެތި، މުހިންމު ކުންފުނިތަކުގެ އެންމެ އިސް މަގާމުތައް ވެސް ޖޭޕީއަށް ރައީސް ދެއްވިއެވެ.

ރައީސް އެކަން ކޮށްދިން ނަމަވެސް މަޖިލީހުގެ ތެރެއިންނާއި މަޖިލީހުގެ ބޭރުން ވެސް ޖޭޕީގެ ބައެއް އިސް ބޭފުޅުން ގެންދެވީ ސަރުކާރަށް އިންތިހާއަށް ފާޑު ވިދާޅުވަމުންނެވެ. އަދި އެންމެ ފަހުން ސަރުކާރުގެ ކޯލިޝަންގައި އޮވެ، މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ޖޭޕީން ނުކުންނެވީ ވަކިންނެވެ. ނަމަވެސް ލިބިލެއްވީ 2.5 ޕަސެންޓެވެ. އެއާ އެކު ސަން އައިލެންޑް ރިސޯޓަށް ސީދާ ރައީސް ޞާލިޙް ވަޑައިގެން "އާދޭސް" ދެންނެވީ ދެވަނަ ބުރުގައި ރައީސާ އެކު ޖޭޕީން މަސައްކަތް ކޮށްދިނުމަށެވެ. ނަމަވެސް އެ ކަމަށް ވެސް ޖޭޕީން މި ވަނީ ނޫނެކޭ ބުނެފައެވެ.

ރައީސް ނަޝީދާއި ރައީސް ޞާލިޙްގެ ޒަމާންވީ ގުޅުން ގޯސްވީ ބަރުލަމާނީއާ ހިސާބުންނެވެ. މަޖިލީހުގެ ސާފު އަގުލަބިއްޔަތު ލިބުމާއެކު ރައީސް ނަޝީދު ބޭނުންފުޅުވީ ވެރިކަން ކުރާ ނިޒާމު ބަރުލަމާނީއަށް ބަދަލު ކުރުމަށެވެ. އެ މަނިކުފާނު ބޮޑު ވަޒީރަކަށް ވާން ބޭނުންފުޅުވާ ވާހަކަ ސީދާ ރައީސް ޞާލިޙަށް ދެންނެވިއެވެ. ނަމަވެސް ރައީސް އެ ފުރުސަތެއް ނުދެއްވިއެވެ. އެއަށް ފަހު ދެ ބޭފުޅުންގެ ގުޅުން އިންތިޚާއަށް ގޯސްވިއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޓިކެޓް ހޯއްދެވުމަށް ރައީސް ޞާލިޙާއި ނަޝީދު ވާދަކުރައްވައި ބޮޑު ތަފާތަކުން ރައީސް ކާމިޔާބު ކުރެއްވިއެވެ. އެއާ އެކު ނަޝީދު ފެއްޓެވީ ޕާޓީ ތެރޭގައި އިތުރު ހަރަކާތެކެވެ.

އެ ހަރަކާތް ބޮޑުވަމުން ގޮސް އެންމެ ފަހުން އެމްޑީޕީގެ މަޖިލިސް 13 މެންބަރުން ޕާޓީއިން ވަކިވެ ޑިމޮކްރެޓްސް އުފެއްދެވިއެވެ. އޭރު ވެސް ނަޝީދު ހުންނެވީ އެމްޑީޕީގައެވެ. ނަމަވެސް ފަހުން އެމަނިކުފާން ވެސް ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތެވެ. އަލަށް އުފެއްދި ޑޮމިކްރެޓްސްއިން ރިޔާސީ ކެންޑިޑޭޓެއް ނެރުއްވައި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަ ވެސް ކުރެއްވިއެވެ. އިލްޔާސް ލަބީބަށް އިންތިޚާބުގެ ފުރަތަމަ ބުރުގައި ލިބުނު 15000 ވޯޓަކީ ރައީސް ޞާލިޙަށް ދިމާވި ގޮންޖެހުމެކެވެ. އަދި ދެވަނަ ބުރުގައި ވާދަ ކުރެއްވުމަށް އެއްގަލަކަށް އަރާ ވަޑައިގަންނަވަން މަސައްކަތް ކުރެއްވި ނަމަވެސް އެކަމެއް ވެސް މާ ކާމިޔާބެއް ނުވިއެވެ. އެއަށް ފަހު ރައީސް ޞާލިހަށް މިވަނީ ރިޔާސީ އިންތިޚާބު ނާކާމިޔާބު ވެފައެވެ.

ޅ. ހިންނަވަރަށް އުފަން ރައީސް ޞާލިޙް ވަރަށް ކުޑައިރު ތައުލީމް ހާސިލް ކުރެއްވުމަށް މާލެ ވަޑައިގެންނެވިއެވެ. ތައުލީމް ހާސިލް ކުރެއްވީ މަޖީދިއްޔާ ސްކޫލުންނެވެ. ފަޒްނާ އަޙްމަދާ ކައިވެނި ބައްލަވައިގެން އުޅުއްވާއިރު އެ ކައިވެންޏަށް ވަނީ ދަރިކަލަކާއި ދަރިކަނބަލަކު ލިބިވަޑައިގެންފައެވެ. އެމަނިކުފާނު މި ފަހުން ވިދާޅުވި ގޮތުގައި ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ އެ ދައުރު ނިންމައި ސިޔާސީ ކަންކަމުން ދުރަށް ޖެހިވަޑައިގަންނަވާނެއެވެ. ނަމަވެސް މި ނަތީޖާއާ އެކު ދެން ކަންތައް ވެގެން ދާނެ ގޮތެއް އަދި ނޭނގެއެވެ. އެނގޭހާ ވެސް އެއްޗަކީ ރައީސް ޞާލިޙްގެ ކާމިޔާބު 30 އަހަރުވީ ސިޔާސީ ހަޔާތަށް ފަހު، މިއީ އަލަތު ނާކާމިޔާބެވެ.

comment ކޮމެންޓް