ގިނަ ކަންކަމުގައި އިންތިހާއަށް އަމިއްލަ އެދުން އިސްކުރައްވާ ބޭފުޅުންތަކެއް ގޮވައިގެން ވެރިކަމެއް ކުރުމަކީ އުނދަގޫ ދަތުރެކެވެ. އަބަދުހެން ދައުލަތުން ބަދަލެއް ނުވަތަ ރަށެއް، ފަޅެއް، އެހެން ނޫންނަމަ މަގާމުތަކެއް ބަހަން ޖެހުމަކީ ސަރުކާރަކަށް ބޮޑު ބުރައެކެވެ. ކޮންމެހެން ކުރަން ޖެހޭ ކަންކަން ވެސް ކޯލިޝަންގެ ހުރިހާ ޕާޓީތަކަކުން ނުރުހޭތީ ނުކުރެވި ހުރުމަކީ ސަރުކާރު ހިންގުމުގެ ސްޕީޑް ލަސްވާ ކަމެކެވެ. ކުދިކުދި ކަންކަމުން ފެށިގެން ގޮސް އެންމެ ބޮޑެތި ކަންކަމުގައި ވެސް ޖެހެނީ އެންމެން ރުއްސާށެވެ. މިހެން ގޮސް އެތައް ކަމެކެވެ. ރާއްޖޭގައި މީގެ ކުރިން ކޯލިޝަންތައް ރޫޅެނީ އެ ސަބަބުތަކާހުރެއެވެ.
ނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މި ފަސް އަހަރު މި ވަނީ ތަފާތު ދައްކަވައި ކޯލިޝަން ދަމަހައްޓައިފައެވެ. އެ މަނިކުފާނު އެކަން ކުރެއްވީ ލައްކަ ގުރުބާނީއާއި އިންތިހާއަށް ކެތްތެރިކަން އިސްކުރައްވައިގެންނެވެ. އެއީ، އެމަނިކުފާނު ޖެއްސެވި ހިސާބެއް ދިމާ ކުރެއްވުމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރައްވަމުން ގެންދެވި ހަރުކަށި ވެރިކަން ބަދަލު ކުރުމަށް 2018 ވަނަ އަހަރު އެމްޑީޕީއާއި އެމްއާރުއެމްގެ އިތުރުން ޖުމްހޫރީ ޕާޓީއާއި އަދާލަތު ހިމެނޭހެން އެކުލަވައިލި ކޯލިޝަން ވެސް ދެމި އޮންނާނެ ކަމަށް ގިނަ ދިވެހީން ގަބޫލެއް ނުކުރިއެވެ. ދިވެހީންނަށް އެހާތަނަށް ކުރެވިފައިވާ ތަޖުރިބާގެ ސަބަބުންނެވެ. އެއީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ރައީސް ޔާމީން ވެސް ވެރިކަމަށް ވަޑައިގަތީ ކޯލިޝަންތަކަކުން ނަމަވެސް، ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކޯލިޝަން ރޫޅާލާފައިވާތީއެވެ. އެއަށް ފަހު ގައުމު ސިޔާސީ ގޮތުން ހަލަބޮލިވެގެން ދިޔައެވެ.
ދެވަނަ ދައުރަކަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ކުރިއަށް ވެސް ރައީސް ޞާލިޙް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ރާއްޖޭގެ ސިޔާސީ ހާލަތަށް ބަލާއިރު އެއް ޕާޓީއަކަށް ވެރިކަން ލިބޭ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން ވެރިކަން ހޯއްދެވުމަށް އިތުރު ޕާޓީތަކުގެ ތާއީދު މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ. އެއާ އެކު އެތައް ގުރުބާނީއެއްވެ ވަޑައިގެން މި ސަރުކާރު ކޯލިޝަން ދެމެހެއްޓެވިއެވެ. ރައީސް ހިސާބު ޖެއްސެވީ ކޯލިޝަން ދަމަހައްޓައިގެން ދެވަނަ ދައުރެއް ހޯއްދެވުމަށެވެ. އެކަން ކުރެއްވުމަށް އަމިއްލަފުޅު ޕާޓީ، އެމްޑީޕީ ވެސް ގުރުބާން ކުރައްވަން ޖެހުނެވެ.
އެމްޑީޕީ ދެބައިވި އެއް ސަބަބު
ރާއްޖޭގައި އެންމެ ފުރިހަމައަށް ހިންގަމުން އައި ސިޔާސީ ޕާޓީ، އެމްޑީޕީ ދެބައިވެ ޑިމޮކްރެޓްސް އުފެއްދި މައިގަނޑު ސަބަބަކީ ރައީސް ނަޝީދު ކުރުމަގަކުން ވެރިކަމަށް ވަޑައިގަތުމުގެ ފުރުސަތު ރައީސް ޞާލިޙް ނުދެއްވުމެވެ. ނަމަވެސް ޕާޓީގެ އާއްމު ބައެއް މެންބަރުން ޕާޓީއާ ދުރަށް ޖެހުނު އެއް ސަބަބަކީ ރައީސް ޞާލިޙް، ކޯލިޝަން މާ ބޮޑަށް އިސް ކުރެއްވުމެވެ. ސަރުކާރުގެ ތެރެއިން މަގާމުތައް ދިނުމުގައި ވެސް އެމްޑީޕީގެ އިތުރުން ކޯލިޝަންގެ އެހެން ޕާޓީތަކަށް އިސްކަން ދޭ ކަމުގެ ޝަކުވާ އެމްޑީޕީއަށް ވަފާތެރި، ޒަމާންވީ މެންބަރުން ކުރަންފެށިއެވެ. އެ ޝަކުވާތަކުގެ ފައިދާ ނެންގެވީ ރައީސް ނަޝީދެވެ.
މިހާރުގެ ސަރުކާރު އުފެދުނުތާ ދެ އަހަރު ނުވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު "އެޖެންޑާ 19 ރަށަށް" މި ނަމުގައި ކައުންސިލް އިންތިޚާބުގެ ކެމްޕެއިނަށް ހއ އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި އިހަވަންދުއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއް އޮތް ނަމަވެސް، އެމްޑީޕީގެ މެންބަރުންނަށް އޭގެ ހިތްހަމަޖެހުން ނުހޯދޭތަން ފެންނަމުންދާ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ އެ ހިތްހަމަ ޖެހުން ނާންނަ ސަބަބަކީ، އެ މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ސަރުކާރު ގެނައުމަށް އެކުލަވާލާފައިވާ ކޯލިޝަނެވެ.
"އަޅުގަނޑުމެންނަށް އެބަފެނޭ، އަޅުގަނޑުމެންނަށް އެބަ ވިސްނޭ ސަރުކާރު، އެމްޑީޕީގެ ސަރުކާރު އުފެދިގެން އައުމާ އެކުގައި އަދި މި ރަށްތަކުގައިވާ އެމްޑިޕީގެ މެންބަރުންނަށް އޭގެ ފުރިހަމަ ހިތްހަމަ ޖެހުމެއް ހޯދިގެން ލިބިގެން ނާންނަތަން. ހިތްހަމަ ޖެހުމެއް ލިބިގެން މި ނާންނަނީ، އަޅުގަނޑަށް ފެންނަތަނުގައި އޭގައިވާ ސިއްރަކީ އިއްތިހާދު. މި ޕާޓީގެ މެންބަރުންނަށް ވެސް އަދި މި ޕާޓީގެ މަސައްކަތުގައި މިއޮއްހާ ޒަމާނު އުޅުނު މީހުންނަށް ހައްގުވާ މިންވަރު، އެ މީހުންނަށް ލިބެންޖެހޭ ބައި ނުލިބި މި ދަނީ އެބައި އެހެން ތަންތަނަށް އަޅަންޖެހޭ މިންވަރުން،" ނަޝީދު އޭރު ވިދާޅުވިއެވެ.
އެކަން ގަބޫލު ކުރި ގިނަ މެންބަރުންތަކެއް އެމްޑީޕީގައި ތިއްބެވެ. ނަތީޖާއަކަށްވީ މިފަދަ އެތައް ޝަކުވާއެއް އިތުރުވަމުން ގޮސް އެންމެ ފަހުން އެމްޑީޕީ ދެބައިވެ، އެ ޕާޓީގެ ތެރެއިން އާ ޕާޓީއެއް އުފަންވުމެވެ. އެއީ މިދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ޞާލިހަށް ގާތްގަނޑަކަށް 15،000 ވޯޓު ގެއްލުނު އެއް ސަބަބެވެ. އަދި ސިޔާސީ ގޮތުން އިދިކޮޅު ޕާޓީތަކަށް ވުރެން އަމިއްލަ ޕާޓީގައި އުޅުއްވި ބޭފުޅުންގެ ފަރާތުން ދަތިތައް ވެސް ކުރިމަތިވި ސަބަބެވެ.
މި މަހު ނުވައެއްގައި އޮތް ފުރަތަމަ ބުރުގައި އިދިކޮޅު ކެންޑިޑޭޓަށް ވުރެ ފަހަތުގައި އެމްޑީޕީ އޮތީ ޕާޓީ ބައިބައިވުމުންނެވެ. އަދި، ސަރުކާރު މަގާމުތައް ދިން ޕާޓީތަކުން ވެސް ފަހު ވަގުތު ސަރުކާރާ އެއްބައިނުވުމުންނެވެ.
ރައީސްވި ގުރުބާނީގެ އަގު ވަޒަން ކުރިތަ؟
ކޯލިޝަން ދެމެހެއްޓުމަށް ރައީސް ވެލެއްވި ގުރުބާނީތައް ވަރަށް ސާފެވެ. ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް އެކަނި ބެލި ނަމަވެސް އެ މަންޒަރު އެބަ ފެނެއެވެ. ހުވާ ކުރެއްވުމާ އެކު ރައީސް އެކުލަވައިލި ކެބިނެޓުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން، އައިޝަތު ނަހުލާއަށް ޓްރާންސްޕޯޓް މިނިސްޓަރުކަން ދެއްވިއެވެ. އެހާތަނަށް އެ ކަމަނާއަކީ އެފަދަ މަގާމަކަށް ބޭނުންފުޅުވާނެ ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ނޫނެވެ. އަދި މިފަދަ ގޮތަކަށް މި ފަހުގެ ތާރީހެއްގައި ރާއްޖޭގައި މިނިސްޓަރުކަން ފަދަ މަގާމެއް ދިންކަން އެނގޭކަށް ނެތެވެ. ހަމައެކަނި އެ މަގާމެއް ނޫނެވެ. އިތުރު މިނިސްޓަރުކަމާއި ސްޓޭޓް މިނިސްޓަރުކަމުގެ އިތުރުން ޑެޕިއުޓީ މިނިސްޓަރުކަން ވެސް އެ ޕާޓީގެ އެތައް ބޭފުޅަކަށް ދެއްވިއެވެ. ސަރުކާރުގެ އެންމެ ބޮޑެތި، މުހިންމު ކުންފުނިތަކުގެ އެންމެ އިސް މަގާމުތައް ވެސް ޖޭޕީއަށް ރައީސް ދެއްވިއެވެ.
ރައީސް އެކަން ކޮށްދިން ނަމަވެސް މަޖިލީހުގެ ތެރެއިންނާއި މަޖިލީހުގެ ބޭރުން ވެސް ޖޭޕީގެ ބައެއް އިސް ބޭފުޅުން ގެންދެވީ ސަރުކާރަށް އިންތިހާއަށް ފާޑު ވިދާޅުވަމުންނެވެ. އަދި އެންމެ ފަހުން ސަރުކާރުގެ ކޯލިޝަންގައި އޮވެ، މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ޖޭޕީން ނުކުންނެވީ ވަކިންނެވެ. ނަމަވެސް ލިބިލެއްވީ 2.5 ޕަސެންޓެވެ. އެއާ އެކު ސަން އައިލެންޑް ރިސޯޓަށް ސީދާ ރައީސް ޞާލިޙް ވަޑައިގެން "އާދޭސް" ދެންނެވީ ދެވަނަ ބުރުގައި ރައީސާ އެކު ޖޭޕީން މަސައްކަތް ކޮށްދިނުމަށެވެ. ނަމަވެސް އެ ކަމަށް ވެސް ޖޭޕީން މި ވަނީ ނޫނެކޭ ބުނެފައެވެ.
ސަރުކާރަށް ތާއީދު ނުކުރަން ޖޭޕީން ނިންމިއިރު އެ ބޭފުޅުން ފާހަގަ ކުރާ ކަންބޮޑުވުންތަކެއް ވެސް އެބަހުއްޓެވެ. އޭގެ ތެރެއިން މައިގަނޑު އެއް ކަމަކީ އިންޑިއާ އާއި މިއަދުގެ ސަރުކާރާ އޮތް ގާތްގުޅުމެވެ. އެ ގުޅުމުގެ ސަބަބުން ރާއްޖޭގެ މިނިވަން ކަމަށް ބުރޫއަރާތީ ކަމަށް ބުނެއެވެ. ހަމައެއާ އެކު މި ސަރުކާރުގެ ސަބަބުން ރާއްޖެ ދަރާ ވިކިފައި އޮތް ކަމަށް ވެސް އެބަ ބުނެއެވެ. ނަމަވެސް ސުވާލަކީ އެފަދަ ސަރުކާރެއްގެ އެންމެ އިސް މަގާމުތަކުން ފެށިގެން އެތަކެއް ސިޔާސީ މަގާމުތަކުގައި ޖޭޕީގެ ބޭފުޅުން އަދިވެސް ތިއްބަވަނީ ކީއްވެގެންތޯއެވެ؟ ގައުމުގެ މިނިވަންކަން ނަގައިލިނަމަ ނުވަތަ ގައުމު ބަގުރޫޓުވި ނަމަ އަމިއްލައަށް ކޯލިޝަނުން ވަކި ނުވީ ކީއްވެގެންތޯއެވެ؟ ސަރުކާރު ކަމު ނުގޮސް، މަގާމާއި މުސާރަ ކަމުދާނަމަ އިހުލާސްތެރި ކަމުގައި މައްސަލަތަކެއް އެބައުޅެއެވެ.
ދެން އޮތް އަނެއް ޕާޓީއަކީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްއެވެ. އެ ޕާޓީއަށް 3000 މެންބަރުން ހަމަނުވެގެން އޮތީ އުވާލާފައެވެ. އެހާ ކުޑަ ތާއީދެއް އޮތް ޕާޓީއަކަށް ވެސް މި ސަރުކާރުން ތިން މިނިސްޓްރީއަކާއި ސިޔާސީ އެތައް މަގާމުތަކެއް ރައީސް ދެއްވިއެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ހެރިޓޭޖް މިނިސްޓްރީއަކީ އަދިވެސް އެމްއާރުއެމްއަށް ރައީސް ދެއްވާފައިވާ ދެ މިނިސްޓްރީއެވެ. ނަމަވެސް އެ ޕާޓީން ވެސް ރިޔާސީ އިންތިޚާބުގައި ނުކުތީ ވަކިންނެވެ. ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ރައީސް ޞާލިހަށް ތާއިދު ކުރާކަން ހާމަ ކުރެއްވި ނަމަވެސް ސިޔާސީ މަގާމުތަކުގައި ތިއްބެވި އެހެން ބައެއް ބޭފުޅުން ސީދާ ސަރުކާރާ ދެކޮޅަށް ފާޅުގައި މަސައްކަތް ކުރައްވަމުން އެބަ ގެންދަވައެވެ. އޭގެ ތެރޭގައި މި ސަރުކާރުގެ ފުރަތަމަ ފިޝަރީޒް މިނިސްޓަރު އަދި މިހާރުގެ ރައީސް އޮފީހުގެ މިނިސްޓަރު ޒަހާ ވަހީދު ހިމެނެއެވެ.
މި ސަރުކާރު ގެނައުމަށް އެކުލަވައިލި ކޯލިޝަންގެ ތެރެއިން އެންމެ ބޭނުންވި ވަގުތު ރައީސްގެ އަރިހުގައި ތިއްބެވީ އަދާލަތު ޕާޓީ އެކަންޏެވެ. ދެވަނަ ދައުރެއް ގެނައުމަށް އެމްޑީޕީއާއި އަދާލަތު ޕާޓީގެ އިތުރުން އެމްޑީއޭއިން ނުކުތީ އެކުގައެވެ. އަދާލަތު ފިޔަވާ އެހެން ޕާޓީތަކުން ރައީސްވި ގުރުބާނީގެ އަގު ވަޒަން ކުރި ތަނެއް ނުފެނުނެވެ. އެ ބޭފުޅުންނަށް ސަރުކާރު ކަމަކު ނުދިޔައެވެ. ނަމަވެސް އަދިވެސް މަގާމާއި މުސާރަ ރަނގަޅެވެ.
ރައްޔިތުން މަޖިލީހުގެ މެންބަރުކަން ފަސް ދައުރެއްގައި ކުރެއްވުމާއި ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރެއްވުމުގެ ތަޖުރިބާއާ އެކު ރައީސް ޖެއްސެވި ހިސާބަކީ ވެރިކަމަށް ވަޑައިގެންނެވި ކޯލިޝަން ދަމަހައްޓަވައިގެން ދެވަނަ ދައުރެއް ހޯއްދެވުމެވެ. އެ ކަމަށްޓަކައި ކޯލިޝަން ޕާޓީތަކުން އެދުނު އެތައް ކަމެއް ކޮށްދެއްވިއެވެ. އޭގެ ނަތީޖާއަކަށްވީ އަމިއްލަފުޅު ޕާޓީގެ ތެރޭގައި ދެބަސްވުންތައް އުފެދުމެވެ. ނަމަވެސް އެ ގުރުބާނީ ވެސް ކޯލިޝަނަށްޓަކައި ވެވަޑައިގެންނެވިއެވެ. ނަމަވެސް ޖޭޕީ އާއި އެމްއާރުއެމްއިން އަމަލު ކުރިގޮތުން ރައީސް ޖެއްސެވި ހިސާބު މިފަހަރު ދިމާވި ތަނެއް ނުފެނެއެވެ. ރައީސް ދެވަނަ ބުރަށް ނުކުންނަވާއިރު މިއީ ހައްލެއް ހޯދަން ޖެހޭ އެންމެ މުހިންމުކަން ކަމަށް ފެނެއެވެ.