ވަކި މާއްދާއެއް ގޮތުގައި ގައުމިއްޔަތު ކިޔަވައިދޭން މުއިއްޒުގެ ވައުދެއް

ޕީއެންސީގެ ރިޔާސީ ކެންޑިދޭޓް، ޑރ. މުޙައްމަދު މުއިއްޒު --

ތުއްތު ކުދިންގެ ހިތްތަކުގައި ގައުމީ ލޯބި އުފައްދަންޖެހޭ ކަމަށާއި އެހެންވެ، ގައުމިއްޔަތު އެއީ ވަކި މާއްދާއެއްގެ ގޮތުގައި މަންހަޖުގައި ހިމަނުއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ދެވަނަ ބުރުގައި ތާއީދު ހޯއްދެވުމަށް މިއަދު ހުޅުމާލެއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މުއިއްޒު ވިދާޅުވީ ތުއްތު ކުދިންގެ ހިތްތަކުގައި ގައުމިއްޔަތުގެ ލޯބި އުފެއްދުމަކީ ނުހަނު މުހިއްމު ކަމެއް ކަމަށެވެ. އަދި އޭނާއަށް ވެރިކަން ލިބިއްޖެ ނަމަ، ގައުމިއްޔަތާއި ތަރުބިއްޔަތު ދަސްކޮށްދޭ ވަކި މާއްދާއެއް މަންހަޖުގައި ހިމަނައިގެން ތުއްތު ކުދިންނަށް ކިޔަވައިދޭނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ތުއްތު ކުދިންގެ ހިތްތަކުގައި ގައުމިއްޔަތުގެ ލޯބި އުފައްދަންޖެހޭ. އެހެންވީމަ އަޅުގަނޑު މި ހުށަހެޅީ ގައުމިއްޔަތާއި ތަރުބިއްޔަތު ދަސްކޮށްދޭ ވަކި މާއްދާއެއް މަންހަޖުގައި ހިމަނައިގެން ތުއްތު ކުދިންނަށް ކިޔަވައިދޭނަން،" މުއިއްޒު ވިދާޅުވިއެވެ.

ކުދިންނަކީ ދިވެހި ބަހަށާއި އިސްލާމް ދީނަށް ލޯބި ކުރާ އަދި ތާރީޚާއި ސަގާފަތާއި އާދަކާދަތައް ރަނގަޅަން ދަންނަ އެއަށް އިހުތިރާމް ކުރާ ކުދިބަޔަކަށް ހަދަންޖެހޭނެކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ އެގޮތުގައި މިއަދުގެ ޒުވާނުން ވެސް ބައްޓަން ކޮށްގެން މެނުއީ މި ގައުމަށް ހަމަނޭވާއެއް ލެވޭކަށް ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ ކިތަންމެ ވަރުގަދަ ތަރައްޤީއެއް ވެސް ގެނެވިދާނެ ކަމަށާއި ނަމަވެސް ރައްޔިތުންގެ ތެރޭގައި އޮންނަން ޖެހޭ އެކުވެރިކަމުގެ ގުޅުން ބަދަހިކުރެވިގެން ނޫނީ ގައުމަށް ހަމަޖެހުމެއް ނުގެނެވޭނެ ކަމަށެވެ.

މުއިއްޒުގެ ޚާރިޖީ ސިޔާސަތުގެ މައްޗަށް އަލިއަޅުއްވާލައްވާ ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އެއްވެސް ގައުމަކާ ދުޝްމަނެއް ނުވާނެ ކަމަށާއި ހުރިހާ ގައުމުތަކާ އެކު ވެސް ބާއްވާނީ ވަރަށް ގާތް ގުޅުމެއް ކަމަށެވެ. ނަމަވެސް ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ގޮތަކަށް އެއްވެސް ކަހަލަ ކަމެއް ހިނގާކަމުގައިވާ ނަމަ އެ ކަމަކަށް ވަރަށް ސާބިތުކަމާ އެކު ނޫނެކޭ ބުނާނެ ކަމަށެވެ.

"އަޅުގަނޑުގެ ޚާރިޖީ ސިޔާސަތުގައި އެއްވެސް ގައުމަކާ ދުޝްމަނެއް ނުވާނަން. ނަމަވެސް އަޅުގަނޑުމެންގެ މިނިވަންކަމަށް ބުރޫ އަރާގޮތަށް އެއްވެސް ކަހަލަ ކަމެއް ހިނގާ ނަމަ އެކަމަކަށް 'ފާމްލީ' ވަރަށް ސާބިތުކަމާ އެކު ނޫނެކޭ ބުނާނަން. މި ގައުމުގައި އެކަމަށް ހުރަސް އެޅޭގޮތަށް ހިނގާ ހުރިހާ ކަމެއް ވެސް ރިވެތި އުސޫލުން ޑިޕްލޮމެސީގެ ހަމަތަކުގެ މަތީން އަޅުގަނޑުމެން ހައްލުކޮށް މި ގައުމަށް ހަމަޖެހުން ގެނެސްދޭނަން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ހުރިހާ ގައުމުތަކުން ވެސް ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އިހުތިރާމް ކުރާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެގޮތުގެ މަތީން ޚާރިޖީ ސިޔާސަތު ބައްޓަންކޮށް ގައުމުތަކާ އެކު ގާތް ގުޅުމެއް ބާއްވާނެ ކަމަށެވެ.

comment ކޮމެންޓް