ނިޒާމީ ވޯޓު ނަގަން މަޖިލީހުން އީސީގައި އެދެފި

އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ެތރެއިން -- ސަން ފޮޓޯ/ މާހިލް އާތިފް

ރާއްޖޭގައި އޮންނަންވީ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން އަންނަ ނޮވެމްބަރު މަހުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގަން އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ފާސްކޮށް އެކަން މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ)އަށް އަންގައިފިއެވެ.

މިކަމާ ގުޅިގެން 'ސަން' އާ ވާހަކަދައްކަވަމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ މިއަދު މަޖިލީހުން އީސީއަށް ރަސްމީކޮށް އެކަން އަންގާފައިވާ ކަމަށެވެ. އެގޮތުން ގާނޫނީ ލަފާ ހޯދުމުގެ މަސައްކަތް މި ވަގުތު ކުރަމުންދާ ކަމަށް ހަބީބް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ކަމާ ގުޅިގެން އިތުރު އެއްޗެއް ދަންނަވާނީ މަޝްވަރާތަކަށް ފަހު ކަމަށެވެ.

މި މަހުގެ ބާރަވަނަ ދުވަހު މަޖިލީހަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރުގައި އެންމެ ފުރަތަމަ އޮތީ ނޮވެމްބަރު 30 ވަނަ ދުވަހުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމެވެ.

https://sun.mv/182236

އެކަމަކު، މިދިޔަ އަންގާރަ ދުވަހު މަޖިލީހަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު އެ ގަރާރު ހުށަހެޅުއްވީ އިސްލާހަކާ އެކުގައެވެ. އެއީ، ނޮވެމްބަރު 30ގެ ކުރިން ވޯޓު ނެގުމަށް ގަރާރުގައި އޮތް ނަމަވެސް، އޮކްޓޯބަރު 30އަށް ތާރީޚު ބަދަލު ކުރުމަށް ހުށަހެޅި އިސްލާހެކެވެ.

އެ ގަރާރަށް ކޮމިޓީގައި ވޯޓަށް އެހިއިރު ހާޒިރުވެތިބި 34 މެންބަރުންގެ ތެރެއިން 31 މެންބަރުން ވަނީ އިލްޔާސްގެ އިސްލާހާ އެކު ގަރާރު ފާސްކުރަން ތާއިދުކޮށްފައެވެ.

މަޖިލީހުގެ ތަޅުމުން އެ ގަރާރު ފާސްކުރީ ބަހުސްކުރަން ހުޅުވައިލި ފުރުސަތުގައި އެއްވެސް މެންބަރަކު ފުރުސަތަށް ނޭދުމުން، އެ ގަރާރުގެ މަސައްކަތް ނިމުނީ ކަމަށް ބަލައި ވޯޓަށް އަހައިގެންނެވެ. އެގޮތުން ހާޒިރުވެ ތިބި 39 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވި 35 މެންބަރުން ވެސް ގަރާރު ފާސްކުރަން ފެންނަ ކަމަށް ވަނީ ވޯޓު ދީފައެވެ.

https://sun.mv/182180

އިންތިޚާބުތަކާ ބެހޭ އާއްމު ގާނޫނުގައި ބުނާގޮތުން އިންތިޚާބެއް ބޭއްވުމަށްޓަކައި 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތެއް އީސީއަށް ލިބެންޖެހޭނެއެވެ.

އީސީން ބުނީ ގާނޫނީ ގޮތުން އެ ކޮމިޝަނުން ކުރަން ލާޒިމް ކުރާ ކަންތައްތަކެއް ހުންނަ ކަމަށެވެ. އޭގެ ތެރޭގައި ވޯޓުލާ މީހުންނަށް ރީ ރަޖިސްޓްރީވުމުގެ ފުރުސަތު ދިނުމާއި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ދިނުންފަދަ އެތައް ކަމެއް ހުންނަ ކަމަށް ބުންޏެވެ. އަދި، މިފަދަ އިންތިޚާބެއް ބޭއްވުމަށް 40 މިލިއަން ރުފިޔާ އާއި 50 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.

ނިޒާމު ބަދަލުކުރުމަށް ވަކާލާތު ކުރަނީ ރިޔާސީ އިންތިޚާބުގައި ވޯޓުލީ ދެ ލައްކަ މީހުންގެ ތެރެއިން 15،000 ވޯޓު ލިބުނު ޕާޓީ ދަ ޑިމޮކްރެޓްސް އިންނެވެ. އެ ނޫން ސިޔާސީ ޕާޓީތަކުން ނިޒާމު ބަދަލު ކުރަން ބޭނުމެއް ނުވެއެވެ. އެކަމަކު، ރިޔާސީ އިންތިޚާބަށް ފަހު ނިޒާމާ ބެހޭ ފެންނަ ނުފެންނަ ވޯޓެއް ނަގަން ތާއީދު ކުރާ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވެސް ވަނީ ބުނެފައެވެ.

comment ކޮމެންޓް