30 އޮކްޓޯބަރުގެ ކުރިން ނިޒާމީ ވޯޓު ނަގަން އީސީގައި އެދެން މަޖިލީހުން ފާސްކޮށްފި

2023 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވުމުގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ރާއްޖޭގައި އޮންނަންވީ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން އަންނަ ނޮވެމްބަރު މަހުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު، މުޅި މަޖިލީހުގެ ކޮމިޓީން ނިންމި ގޮތަށް މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފިއެވެ.

ގަރާރު ފާސްކުރީ އެމްޑީޕީ މެމްބަރުންގެ ވޯޓާ ވެސް އެކުގައެވެ.

މިދިޔަ އަންގާރަ ދުވަހު ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު އެ ގަރާރު ހުށަހެޅުއްވީ އިސްލާހަކާއެކުގައެވެ. އެއީ ނޮވެމްބަރު 30ގެ ކުރިން ވޯޓު ނެގުމަށް ގަރާރުގައި އޮތް ނަމަވެސް، އޮކްޓޯބަރު 30އަށް ތާރީޚު ބަދަލު ކުރުމަށް ހުށަހެޅި އިސްލާހެކެވެ.

އިލްޔާސް ހުށަހެޅި އިސްލާހުގައިވަނީ "30 އޮކްޓޯބަރުގެ ކުރިން ރާއްޖޭގައި އޮންނަންވީ ވެރިކަމުގެ ނިޒާމާމެދު ރައްޔިތުންގެ ޚިޔާލު ހޯދަން އާންމު ވޯޓަކަށް ދާން މަޖިލީހުން ނިންމައި، އެކަމުގެ އިންތިޒާމު ހަމަޖައްސައި އިލެކްޝަންސް ކޮމިޝަންގައި އެދުމަށް މަޖިލީހުން އިގްރާރުވާކަމަށް" ބަދަލުކުރުމަށެވެ.

ކޮމިޓީގައި ބައިވެރިވި 29 މެމްބަރުންވަނީ އެ ގާރާރާ ގުޅޭގޮތުން ބަހުސްކުރައްވައިިފައެވެ. އަދި އިލްޔާސް ހުށަހެޅުއްވި އިސްލާހަށް 29 މެމްބަރުން ވަނީ ތާއީދުކުރައްވައިފައެވެ.

އެ ގަރާރަށް ކޮމިޓީގައި ވޯޓަށް އެހިއިރު ހާޒިރުވެތިބި 34 މެންބަރުންގެ ތެރެއިން 31 މެންބަރުން ވަނީ އިލްޔާސްގެ އިސްލާހާއެކު ގަރާރު ފާސްކުރަން ތާއިދުކޮށްފައެވެ.

މަޖިލީހުގެ ތަޅުމުން އެ ގަރާރު ފާސްކުރީ ބަހުސްކުރަން ހުޅުވައިލި ފުރުސަތުގައި އެއްވެސް މެމްބަރަކު ފުރުސަތަށް ނޭދުމުން، އެ ގަރާރުގެ މަސައްކަތް ނިމުނީ ކަމަށް ބަލައި ވޯޓަށް އަހައިގެންނެވެ.

ހާޒިރުވެ ތިބި 39 މެމްބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވި 35 މެމްބަރުންފެސް ގަރާރު ފާސްކުރަން ފެންނަ ކަމަށްވަނީ ވޯޓު ދީފައެވެ.

މި ގަރާރު ފާސްކޮށް މިއަދުގެ މަޖިލީހުގެ ޖަލްސާ ވަނީ ނިންމައިލައިފައެވެ.

މިއަދު ހެނދުނު މަޖިލީހުގެ ކޯރަމް ހަމަނުވެގެން ޖަލްސާ މެދުކަނޑާލުމަށްފަހު، މުޅި މަޖިލީހުގެ ކޮމިޓީ ހިންގަން ބޭނުންވާ 29 މެމްބަރުންނާއެކު މަޖިލިސް އަލުން ފެށުނީ ހެނދުނު 11:15 ހާއިރެވެ.

އެއީ މެމްބަރުން ހަމަކުރަން ސިޔާސީ ޕާޓީތަކުގެ ޕީޖީ ލީޑަރުންނަށް މަޝްވަރާކުރަން ދިން ވަގުތުގެ ދޮޅު ގަޑިއިރެއްހާއިރު ފަހުންނެވެ.

https://sun.mv/182223

މިއަދުގެ މުޅި މަޖިލީހުގެ ކޮމިޓީގައި ފުޅާ ދާއިރާއެއްގައިވަނީ ނިޒާމީ ވޯޓުގެ މައްސަލައިގައި ބަހުސްކޮށްފައެވެ. މަޖިލީހުގައި މިއަދު މައިގަނޑު މަސައްކަތެއްގެ ގޮތުގައި ކުރީ އެ ގަރާރުގެ މަސައްކަތެވެ.

ގަރާރުގެ މަސައްކަތް ކޮމިޓީގައި ކުރިއަށް ދިޔައިރު ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައި އެކަން އަވަސްކުރުމަށް ޓަކައި ގާނޫނު އަސާސީގެ 262ވަނަ މާއްދާއަށް އިސްލާހު ގެނެސް ރައީސުލްޖުމްހޫރިއްޔާއަށް އެއްކަމެއް ތަކުރާރުކުރައްވަން ނުޖެހޭ ގޮތަށް ކުރިއަށް ދެވިދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް