ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައި އެކަން އަވަސްކުރުމަށް ޓަކައި ގާނޫނު އަސާސީގެ 262ވަނަ މާއްދާއަށް އިސްލާހު ގެނެސް ރައީސުލްޖުމްހޫރިއްޔާއަށް އެއްކަމެއް ތަކުރާރުކުރައްވަން ނުޖެހޭ ގޮތަށް ކުރިއަށް ދެވިދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު މަޖިލީހުގެ ކޯރަމް ހަމަނުވެގެން ޖަލްސާ މެދުކަނޑާލުމަށްފަހު، މުޅި މަޖިލީހުގެ ކޮމިޓީ ހިންގަން ބޭނުންވާ 29 މެމްބަރުންނާއެކު މަޖިލިސް އަލުން ފެށުނީ ހެނދުނު 11:15 ހާއިރެވެ. އެއީ މެމްބަރުން ހަމަކުރަން ސިޔާސީ ޕާޓީތަކުގެ ޕީޖީ ލީޑަރުންނަށް މަޝްވަރާކުރަން ދިން ވަގުތުގެ ދޮޅު ގަޑިއިރެއްހާއިރު ފަހުންނެވެ.
މުޅި މަޖިލީހުގެ ކޮމިޓީގައި ވާހަކަދެއްކެވި ބައެއް މެމްބަރުންގެ ތެރެއިން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ވަނީ، ފަސް އަހަރުގެ ދައުރެއް ނިމުނުއިރު ކޯލިޝަނާ ގުޅޭ ގާނޫނެއް މަޖިލީހަށް ނުހެދުނީ ކީއްވެތޯ ސުވާލު އުފައްދަވައިފައެވެ.
އަދި ފުރަތަމަ މަސައްކަތް ކުރަންވީ މި ނިޒާމުގެ ތެރެއަށް ކޯލިޝަން ހެދުމަކީ ކުރެވޭނެކަމެއްތޯ ބެލުމަށް ކަމަށް ވެސް ވިދާޅުވިއެވެ.
"މަޖިލީހުގައި މި ރިޔާސީ ދައުރުގެ ތިން ދައުރު ނިމިގެން ދިޔައިރުގައި ކޯލިޝަން ހެދުމުގެ ގާނޫނެއް އަޅުގަނޑުމެން ނުހެދި. އެ ނުކުޅެދުންތެރިކަން އެބަހުރި ގައުމެއް މިއީ. މި މަޖިލިސް ވެސް ނުކުޅެދިފައި. މި ދައުުލަތް ވެސް ނުކުޅެދިފައި. މި ސަރުކާރު ވެސް ނުކުޅެދިފައި. ދެން މި ކިޔަނީ ތިބެގެން އެއީ ސައްހަ އެއްޗެއް ނޫނޭ. އަމަލުކުރަން ޖެހޭ އެއްޗެއް ނޫނޭ. އެެހެންނަމަވެސް އަޅުގަނޑުމެންނަށް އެ އަމަލުކުރަންޖެހޭ ގޮތަށް ގާނޫނީ ހަމައެއް ކީއްވެތޯ ނުގެނެވެންވީ،" އާމިރު ވިދާޅުވިއެވެ.
އާމިރު ވިދާޅުވީ ރައްޔިތުންގެ ގާތުން ނިޒާމަކާ ގުޅޭގޮތުން އަހަންވާނީ ވަކި ތަރުތީބަކުން ކަމަށެވެ. އެންމެ ފުރަތަމަ ބަލަންވީ ޕާޓީ ސިސްޓަމަކާ ގުޅޭގޮތުން ރައްޔިތުން ދެކޭ ގޮތްކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ފަހުން އެހެން ކަންކަމަށް އަހާނީ ކަމަށް ވެސް ވިދާޅުވިއެވެ.
ކޮމިޓީގައި ވާހަކަދައްކަވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ އެންމެ މުހިންމު ކަމަކަށް ބަލަންޖެހެނީ ރައްޔިތުންގެ ޚިޔާލު ހޯދަން އާންމު ވޯޓެއް ނެގޭނެ ހާލަތްތަކަކީ ކޮބައިތޯކަމަށެވެ. އޭނާ ގާނޫނުގައި ދެ ގޮތެއް އޮންނަ ކަމަށް ވިދާޅުވިއެވެ.
"އެއީ ގާނޫނު އަސާސީގެ ދެވަނަ ބާބުގައި [ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ] ބުނާ ކަންކަމަށް ބަދަލެއް އަންނަކަމަށް ވަންޏާ އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ދާން ޖެހޭނެކަމަށް. އަދި ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އުމުރަށް ބަދަލު އަންނަކަމަށްވަންޏާ އަދި ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރާ ގޮތާއި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސަތުގެ ދައުރަށް ބަދަލެއް އަންނަކަމަށް ވަންޏާ،" ހަސަން ލަތީފް ވިދާޅުވިއެވެ.
ނަމަވެސް ހަސަން ލަތީފް ވިދާޅުވީ ވެރިކަމުގެ ނިޒާމަށް ބަދަލެއް އަންނައިރު އެއިން ކަމަކަށް ބަދަލެއް ނާންނަ ނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ގާނޫނުން ލާޒިމް ނުކުރާކަމަށެވެ.
"މިސާލެއްގެ ގޮތުން ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަން ބަދަލުކުރަން އޮންނަ ވޯޓެއްގައި ނުވަތަ ރިޔާސީ ނިޒާމުތޯ ބަރުލަމާނީ ނިޒާމުތޯ، ނިޒާމަށް ގެންނަ ބަދަލެއްގެ ވޯޓުގައި ބަރުލަމާނީ ނިޒާމުގެ ސިފަތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު [ފަސް އަހަރު]، އެ ދައުރަށް ބަދަލު ނާންނަ ކަމުގައި ވަންޏާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ ވޯޓަށް އެ ގޮތަކަށް ދާކަަށް ނުޖެހޭ،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަޖިލިސް އުވައިލުމުގެ ބާރު ބަރުލަމާނީ ނިޒާމެއްގެ ސިފައެއްގެ ގޮތުގައި ގިނަ ގައުމުތަކުގައި އޮތްނަމަވެސް އެއީ ރާއްޖޭގައި އެ ކަން އޮންނަންވީ ގޮތަށް ކޮންމެހެން ވާކަށް ނުޖެހޭކަމަށެވެ.
"ހަމަ ގައިމު ވެސް އަޅުގަނޑެއް ގަބޫލެއް ނުކުރަން،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދެވަނަ ގޮތަކީ ގާނޫނުގެ 70ވަނަ މާއްދާގެ ދަށުން މަޖިލީހަށް އޮންނަ ބާރުގެ ތެރެއިން ނަގާ ވޯޓެއްގެ ވާހަކަކަމަށެވެ.
އެ ބާރުގެ ދަށުން ވޯޓެއް ނެގުމުން އޭގެ ނަތީޖާއާމެދު އަމަލުކުރާނެ ގޮތަކާމެދު ސުވާލު އުފެދޭކަމަށް ވިދާޅުވިއެވެ. ސަބަބަކީ ވޯޓަށްފަހު އަމަލުކުރާނެ ގޮތުގެ ގާނޫނެއް ނެތުންކަމަށް ވިދާޅުވިއެވެ.
ހަސަން ލަތީފް ބޮޑަށް ވާހަކަދެއްކެވީ ފެންނަ ނުފެންނަ ވޯޓަކަށް ނުދިއުމަށް ތާއީދުކުރައްވައި މޭރުމަކުންނެވެ.
މެމްބަރު ހަސަން ލަތީފްގެ ވާހަކައާއެކު ރައީސް ނަޝީދު ވަނީ ގާނޫނެއް ނެތްކަމަށް ބުނެ ކަމެއްގައި އަމަލުނުކުރެވި ތިބުމަކީ މެމްބަރުން ވެސް އެކަންވާން އެދޭ ގޮތަކަށް ނުވާނެކަމަށް ވިދާޅުވެފައެވެ.
ނަމަވެސް ގާނޫނެއް އޮންނަ ނަމަ އެ ކަމެއްގައި އަމަލުކުރާނެ ގޮތް ތަފްސީލްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ގާނޫނުއަސާސީގެ 262ވަނަ މާއްދާގެ (ށ)އަށް ގެނެވޭ އިސްލާހާއެކު 70 ވަަނަ މާއްދާގެ ދަށުން ނަގާ ވޯޓަކުން، އެ ވޯޓު ނަގައިފައި އޮއްވައި ދެން އަލުން ރައީސުލްޖުމްހޫރިއްޔާއަށް އެ ފަދަ ގާނޫނެއް ތަސްދީގުކުރުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގަން ނުޖެހޭނެ ކަމަށެވެ.
ގާނޫނުގެ އަސާސީގެ ބާރަވަނަ ބާބު ކަމަށްވާ ގާނޫނު އަސާސީ އިސްލާހުކުރުމުގެ ބާބުގެ 262ވަނަ މާއްދާގެ (ށ)ގައިވަނީ ރައީސުލްޖުމްހޫރިއްޔާ ބިލެއް ގާނޫނަކަށް ތަސްދީގުކުރަންވާނީ އެ އިސްލާހެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ޚިޔާލު ހޯދުމުގެ އާންމު ވޯޓަކުން އަޣުލަބިއްޔަތު ލިބިއްޖެނަމަ ކަމަށެވެ. ނުލިބޭނަމަ އެ ބިލެއް ބާތިލްވާނެއެވެ.
ހަތްދިހަ ވަނަ މާއްދާގެ ހަވަނަ ނަމްބަރުން މަޖިލީހަށް ވަނީ ރައްޔިތުންނާ ގުޅޭ މުހިންމު ކަމެއްކަމަށް މަޖިލީހަށް ފެންނަ ކަންކަމުގައި އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަަށް ދިއުމުގެ ބާރު ދީފައެވެ.
އެހެންކަމުން މި ދެ މާއްދާގައި އެއްކަމެއް ތަކުރާރުވާތީ ރައީސް ނަޝީދު ވިސްނުންފުޅު ގެންގުޅުއްވީ މަޖިލީހުން ނަގާ ވޯޓަށްފަހު ރައީސުލްޖުމްހޫރިއްޔާއަށް އިތުރު ވޯޓެއް ނަގަން ނުޖެހޭ ގޮތަށް 262ވަނަ މާއްދާގެ (ށ) އިސްލާހުކުރެވިދާނެ ކަމުގައި ކަމަށެވެ.
"އެކަން އެއޮތީ ނިމިފައޭ. އެ މަފްހޫމުގެ މައްޗަށޭ ރައްޔިތުންގެ ވަކީލުން މި ގާނޫނު މާއްދާ އެކުލަވައިލައިފައި މި އޮތީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ކޮމިޓީގައި ވާހަކަދެއްކެވި އެމްޑީޕީގެ މެމްބަރުން ހިމެނޭހެން ގިނަ މެމްބަރުން ވަނީ މެމްބަރު އިލްޔާސްގެ ގަރާރުގައިވާ ގޮތަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ދިއުމަށް ތާއީދުކޮށްފައެވެ.
ރައީސް ނަޝީދު ވިދާޅުވީ ނިޒާމީ ބަހުސްގެ ވާހަކަ ދެކެވެމުން އަންނަތާ ވިއްސަކަށް އަހަރު ވެފައިވާކަމަށެވެ. މިއީ ކުއްލިއަކަށް ކުރާ ކަމެއްގެ ގޮތުގައި ސިފަކުރެވޭނެ ޖާގައެއް ނެތްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އިއްޒަތްތެރި މެމްބަރުންނަށް އެނގިވަޑައިގަންނަވާތޯ މި ނިޒާމީ ބަހުސަކީ މި ރާއްޖޭގައި ވިއްސަކަށް އަހަރުވެފައި އޮތް ބަހުސެއް ހަމަ ގައިމު ވެސް އަޅުގަނޑުގެ ސިޔާސީ ހަޔާތުގައި،" ރައީސް ނަޝީދު ވިދާޅުވިއެވެ.